މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް މިއަދު ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2024" ވިލާ ނޯޓިކާގައި މިއަދު ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިޙްސާން އެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވަގުތެއް. ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، އަޅުގަނޑުމެންގެ މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، މި ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި، މި ދާއިރާގެ މުސްތަޤްބަލް ބައްޓަންކުރުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އަތުކުރި އޮޅާލައިގެން."

ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްޤީކޮށް، އިޤްތިސާދު ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓްތަކަކީ މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" ގެންނާނެ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

"މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، ޓްރާންޝިޕްމަންޓް ޕޯޓަކާއެކު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅު ޕޯޓް ފެސިލިޓީ އަދި ލާމޫ ގާދޫގައި ބަންކަރިންގ ޚިދުމަތްތައް ފެށުމަކީ ދިވެހިރާއްޖޭގެ (މެރިޓައިމް ދާއިރާއަށް) އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ޕްރޮޖެކްޓްތައް،" ވަޖީހް ވިދާޅުވިއެވެ.

މި ކޮންފަރެންސް ބާއްވަނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަރސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.

ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ޤައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެކެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.

މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

މި ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެއެވެ.

މި ކޮންފަރެންސްގެ ސްޕޮންސަރުންނަކީ އެލިއާ އިންވެސްޓަމަންޓް އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އެވެ. ލޮޖިސްޓިކްސް ޕާޓްނަރަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)އެވެ. މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާރވިސް މީޑިއާ (ޕީ.އެސް.އެމް)އެވެ. ޑިޖިޓަލް މީޑިއާ ޕާޓްނަރަކީ މޯލްޑިވްސް މެރިޓައިމް ޖާރނަލް (އެމް.އެމް.ޖޭ)އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.