ދިވެހިންގެ " އޮސްޓްރިޗް " ވިސްނުން

ޢާންމު ، އެހެން ދޫނިތަކެކޭ އެއްގޮތަށް ، އޮސްޓްރިޗަކީ ، ތަޅާފޮޅާ ދޫންޏެއްނޫނެވެ. އެހެނަސް ، އެއީ އާދަޔާ ޚިލާފަށް ބާރުގަދަ ދޫންޏެކެވެ. އޮސްޓްރިޗް އެންމެ އާދަޔާ ޚިލާފަށް ކުރާ ކަމަކީ ، ބިމަށް ބޯ ހެރުމެވެ. އެއްވެސްތަނެއް ނުފެންނަ ގޮތަށެވެ. އޮސްޓްރިޗް އެކަން ކުރަނީ ، އެދޫނީގެ ވަށައިގެން ހިނގާ ކަންކަން ނުބަލަން ވެގެންނެވެ. އެހެންދޫނިތައް ކޮންމެ ކަމެއްކުރިޔަސް އެސޮރަށް ވަރިހަމައެވެ. އެއާ ނުބެހެނިކޮށް އެނިމުނީއެވެ. އެހެން ދޫނި އުޅޭގޮތަކަށް ، ހިތަށްއެރިގޮތަކަށް އުޅެންވީއެވެ. އެސޮރުގެ ވަށައިގެން ހިނގާ އެއްވެސްކަމެއް ނުފެންނާނެއެވެ. ބަލާކަށްވެސް ބޭނުމެއް ނުވާނެއެވެ. ބިމަށް ބޯކޮއްޕާލައިގެން އޮންނަނީ ، އެތަންތަން ނުބަލަން ވެގެންނެވެ.

ޢާންމުގޮތެއްގައި ދިވެހިންނަކީ ، ނުބެހޭކަންކަމާ ބެހޭބައެއްނޫނެވެ. އެމީހަކާ ނުބެހެނިކޮށް އެވީއެވެ. އެމީހަކު އުޅޭނެގޮތަކަށް އުޅެންވީއެވެ. މަގުމަތީ ހިނގިޔަސް ، އެއްޗަކަށް އަރައިގެން ދުއްވިޔަސް ، އެހެންމީހަކަށް އަދި އެހެން އެއްޗިއްސަކަށް ނުބަލާނެއެވެ. ބާރުގެ ބޭނުންކުރަން ވެއްޖިއްޔާ އެކަން ކުރާނެއެވެ. ތިމާގެ ވަށައިގެން ހިނގާ ހުރިހާކަމެއް ބަލާކަށް ދިވެހިންނެއް ނޫޅޭނެއެވެ. ނުބެހޭ ކަންކަން ފެންނަ ކަމަކަށް ނުހަދާނެއެވެ. އޮސްޓްރިޗްވެސް ބިމަށް ބޯކޮށްޕައިލަނީ ފެންނަހާ ތަނެއް ނުބަލަން ވެގެންނެވެ. ދިވެހިންގެ ވިސްނުމާއި އޮސްޓްރިޗްގެ ވިސްނުމާ ގުޅޭ ތަންކޮޅަކީ އެއީއެވެ.

އެހެންނަމަވެސް ، އޮސްޓްރިޗްއަކީ ، ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ، އޭގެ އުފެދުމުގައި އެކުލެވިގެންވާ ދޫންޏެކެވެ.

އޮސްޓްރިޗް އެއީ ، އެހެން ދޫންޏާ ނުތޮޅޭ ، ތަޅާނުފޮޅާ ، އެއްޗެކެވެ. ފައިވަރަށް ދިގެވެ. ކަރުއެހާ ދިގެވެ. ފިރިހެން އޮސްޓްރިޗް ހުންނަނީ ހުދާއި ކަޅުކުލައިގައެވެ. އެކަމުގެ ސަބަބުން ، އަންހެން އޮސްޓްރިޗްގެ ސަމާލުކަން ދަމައިގަނެއެވެ. އޮސްޓްރިޗަކީ ، ދުނިޔޭގައިވާ އެންމެ ބޮޑު ދޫންޏެވެ. އިސްކޮޅުގައި 9 ފޫޓް ނުވަތަ 2.7 މީޓަރު ހުރެއެވެ. ބަރުދަނުގައި 150 ކިލޯ ހުރެއެވެ.

އޮސްޓްރިޗްއަކީ ، ދެ އިނގިލި ހުންނަ ހަމައެކަނި ދޫންޏެވެ. ކޮންމެ ފަޔެއްގައި ދެ އިނގިލި ހުރެއެވެ. އޮސްޓްރިޗްގައި ތިން ބަނޑު ހުރެއެވެ. ދަތެއް ނުހުރެއެވެ. ކާތަކެތި ހިމުންކުރުމަށްޓަކައި ، އޮސްޓްރިޗް ހިލަ އާއި މަޢުދަނު ކާނެއެވެ. ބޮޑުވެފައި ހުންނަ އޮސްޓްރިޗް އަކަށް ، 1 ކިލޯގެ ހިލަ އޭގެ ބަނޑުގައި ބެހެއްޓިދާނެއެވެ. ތަރުކާރީއާއި މަސްކާނެއެވެ. ގިނައިން ، ކާހިތްވާނީ ގަސްގަހުގެ ފަތާއި މުލާ އަދި އޮށެވެ. މަސްކާށި ދޫންޏާއި ، ބޮނޑާ އަދި ހަރުފަފަދަ ތަކެތިވެސް އޮސްޓްރިޗް ކާނެއެވެ.

އޮސްޓްރިޗްއަކީ ، ފެން ނުބޮއެ ވަރަށްގިނަ ދުވަހު އުޅެވޭ ދޫންޏެކެވެ. އެސޮރުގެ ހަށިގަނޑުގައި ހުންނަ ފެނާއި ، ގަސްގަހުގެ މުލާ އޮށުން އުފެދޭ ފެން އެސޮރަށް ފުދެއެވެ. އެހެންނަމަވެސް ، ފެނަކީ އޮސްޓްރިޗް ވަރަށް ގަޔާވާ އެއްޗެކެވެ. ވަރަށް މަޖާކުރަމުން ފެންވެސް ވަރާނެއެވެ.

އޮސްޓްރިޗްއަކީ ، ވަރަށް ބާރަށްދުވާ ދޫންޏެކެވެ. ދެފައި ބޭނުންކޮށްގެން ، ގަޑިޔަކު ހަތްދިހަ ކިލޯމީޓަރުގެ ބާރުމިނުގައި އެސޮރު ދަތުރު ކުރެއެވެ. އެހެންކަމުން ، އެންމެ ބާރަށް ދުވާ ނުވަތަ ދަތުރުކުރާ ދޫންޏަކީ އޮސްޓްރިޗެވެ. އޮސްޓްރިޗްގެ ލޮލަކީ ބިލިއަޑް ބޯޅަޔަކާ އެއްވަރުގެ އެއްޗެކެވެ. އޭގެ ސިކުނޑިޔަށްވުރެ ލޯ ބޮޑެވެ. ބިންމަތީ ދިރިއުޅޭ އެހެން ހުރިހާ ޖަނަވާރަކަށްވުރެ އޮސްޓްރިޗްގެ ލޯ ބޮޑެވެ. ފެންނަކަމަށް ނުހެދިޔަސް ، ދުރާއި ވަށައިގެންވާ ހުރިހާ ތަނަކާއި ކަމެއް އެސޮރަށް ފެންނާނެއެވެ.

އޮސްޓްރިޗަކީ ، ދުނިޔޭގައި ބިސްއަޅާ ދޫނިސޫފާސޫފީގެ ތެރެއިން އެންމެ ބޮޑު ބިސްއަޅާ ދޫންޏެވެ. ޑައިމީޓަރުގައި ހައިންޗި ހުރެއެވެ. އެއިން ބިހެއްގައި 1.3 ކިލޯގެ ބަރުދަން ހުރެއެވެ. ބިސްއަޅަނީ ކޮމިއުނަލް ނެސްޓޭ ކިޔާ ކުނިއުކާ ހާއްޔަކަށެވެ. އެއްވަގުތެއްގައި ސާޅީސް ބިސް އެހާލީގައި ހިފެހެއްޓެއެވެ. އަންހެން އޮސްޓްރިޗާއި ފިރިހެން އޮސްޓްރިޗްވެސް ބިސްމަތީ އޮވެ ، ބިސް ފީކުރާނެއެވެ. ބިސްފީވަނީ 42 ނުވަތަ 46 ދުވަހުންނެވެ. އެހެން ހުރިހާ ދޫންޏަކަށްވުރެ އޮސްޓްރިޗް ވިހާކުދި ދޫނީ ބޮޑެވެ. ވިހާއިރު ، އާދައިގެ ކުކުޅެއްވަރު ވެއެވެ.

ވިހޭއްސުރެ ، އަމިއްލަޔަށް އުޅެވޭވަރު ވަންދެން ، ކުދި އޮސްޓްރިޗް ބަލައި ބެލެހެއްޓުމުގައި އަންހެން އޮސްޓްރިޗާއި ފިރިހެން އޮސްޓްރިޗް ، އެއްވަރަކަށް ޒިންމާ ނަގައިގެން މަސްއޫލިއްޔަތު ފުރިހަމަ ކުރެއެވެ. ހަމަސްދުވަހުގެ ތެރޭގައި ، އޭގެ ހަމައިސްކޮޅަށް ބޮޑުވެއެވެ. އޮސްޓްރިޗް ބޮޑުވަނީ 3 ނުވަތަ 4 އަހަރުދުވަހުންނެވެ. އާދައިގެ އިންސާނެއްގެ ޢުމުރާ އެއްވަރަށް އޮސްޓްރިޗް ދިރިއުޅެއެވެ. 50 އަހަރާއި 75 އަހަރާ ދެމެދުގެ ޢުމުރެއްގައި އޮސްޓްރިޗް ދިރިއުޅެއެވެ.

އޮސްޓްރިޗްއަކީ ، ފައިގެ ބޭނުންކޮށްގެން ދިފާޢީ ޙަމަލާދޭ އެއްޗެކެވެ. އޮސްޓްރިޗް ޙަމަލާދޭނީ ކުރިމައްޗަށެވެ. ފައިގެ ފައި ކުރިޔަށް ނެރެއެވެ. އެހެނީ އޭގެ ފައި ލެނބެނީ ކުރިމައްޗަށެވެ. ފައިން ޙަމަލާދީ ، މިނިކާވަގެއް މަރައިލުމަކީ ، އޮސްޓްރިޗްއަށް އެއްވެސްކަމެއްނޫނެވެ. ފައިގާ އިންނަ ދެ އިނގިލީގެ ނިޔަފަތި ވަރަށް ތޫނުވާނެއެވެ. ބޮޑުއަނިޔާއެއް ދެވޭވަރަށެވެ. އެހެންދޫނީގެ ފަތާ އޮސްޓްރިޗްގެ ފަތް ތަފާތުވާނެއެވެ. ފަތްތައް ހުންނާނީ އެއްކޮށެއްނޫނެވެ. ވަކިވަކިންނެވެ. ފަތްތަކުގެ ބޭނުން ހިފަނީ ދުވާއިރު މިސްރާބު ބަދަލު ކުރުށެވެ.

އޮސްޓްރިޗްގެ މަހަކީ ، ގެރިމަހަށްވުރެ މާބޮޑަށް މީރު މަހެކެވެ. އޮސްޓްރިޗްއަކީ ، މަހުގައި ސަރުބީ މަދު ދޫންޏެކެވެ. އެއްފަހަރަކަށް ކާލަން ކަމުދާ މިންވަރުގެ މަހުގައި  ގިނަވެގެން ، ހުންނާނީ އެންމެ 2 ނުވަތަ 3 ގްރާމް ސަރުބީއެވެ. އެވަރުގެ ގެރިމަހުގެ މަސްކޮޅެއްގައި ، 4 ނުވަތަ 5 ގްރާމްގެ ސަރުބީ ހިމެނެއެވެ. އަދި ބައެއް ގެރީގެ މަހުގައި 15 ގްރާމް ސަރުބީ ހިމެނެއެވެ. އޮސްޓްރިޗްގެ މަހަކީ ، އަޔަން ، ޕްރޮޓީން އަދި ޒިންކްގެ މާއްދާތައް ގިނަ މަހެކެވެ. އަދި ކޮލެސްޓްރޯލް ވަރަށް މަދު މަހެކެވެ.

ހުޅަނގުގެ ބައެއް ޤައުމުތަކުގައި ، އޮސްޓްރިޗް ފާމްތައް އެބަހުއްޓެވެ. އަދި ، ގެރިމަހުގެ ބަދަލުގައި އޮސްޓްރިޗްގެ މަސް ބޭނުންކުރުން އެ ޤައުމުތަކުގައި ދަނީ ޢާންމު ވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.