ހިނގުމުގެ ފައިދާ

ﷲ ސުބްޙާނަހޫ ވަތަޢާލާ ، އިންސާނާ އުފައްދަވާފައިވާ ޤުދްރަތީ ނިޒާމުގެ ތެރެއިން ، ދުވަސްވާ ވަރަކަށް ، އެއިންސާނާގެ ހަށިގަނޑުގެ މަސްތައް މަޑުމަޑުން ވިރި ، ގެއްލިދިއުމާއި ، މަސްތަކުގެ ބާރާ އަދި މަސައްކަތްކުރާ ގޮތުގެ ޙަޤީޤަތަކީ ، އެ އިންސާނާ ދެނެގަތުން ، ކޮންމެހެން ލާޒިމް ކަމެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި އެއިންސާނާ ، ދިރި ދުނިޔޭގައި ހުރުމަށްޓަކައެވެ. އެ ނިޒާމަށް ސައިންސްވެރިން ދީފައިވާ ނަމަކީ ، Sarcopenia   އެވެ.

ސާރކޮޕީނިއާއަކީ ، އިންސާނާގެ ހަށިގަނޑުގައިވާ މަސްތައް ، ވިރި އުނިވެގެން ދިއުމާއި ، އެމަސްތަކުގެ ބާރާއި ޙަރަކާތަށް ދެވިފައިވާ ނަމެކެވެ. ހަށިގަނޑުގެ އެކިބައިތަކުގައި ހުންނަ ތުނި މަސްތައް ، ދުވަސްވުމުގެ ސަބަބުން ވިރި ދިއުމެވެ. މިކަމަކީ ، އެކިމީހުންނަށް އެކިޙާލަތުގައި ، އެކިވަރަށް ކުރިމަތިވާ ކަމެކެވެ. ބައެއްމީހުންނަށް އެއީ ، ވޭންއަޅާ ބައްޔަކަށްވެސް ވެއެވެ. މިއީ ކޮންމެ އިންސާނަކަށްވެސް ، ޢުމުރުން ދުވަސްވަމުންދާ ވަރަކަށް ، ދިމާނުވެނުދާނެ ކަމެކެވެ.

އެހެންކަމުން ، ސާރކޮޕީނިއާއިން ރައްކާތެރިވުމަށްޓަކައި ، ކުރެވިދާނެ ކަންކަމާމެދު ވިސްނާލަމާތޯއެވެ ؟

  • ކޮއްޅަށް ހުރެވެން އޮންނަ ޙާލަތެއްގައި އިށީނދެ ނުއިންނާށެވެ. އިށީނދެ އިނދެވެން އޮންނަ ޙާލަތެއްގައި ނުއޮށޯންނާށެވެ. އަދި އެކަންކަން އެއީ ، އާދަޔަކަށް ހަދާށެވެ.
  • ޢުމުރުން ދުވަސްވެފައިހުރި މީހަކު ، ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިއްޖެނަމަ ، މާގިނައިން އަރާމުކުރަން ނުބުނާށެވެ. ނުވަތަ އޮށޯވެ އޮންނަން ނުބުނާށެވެ. ނުވަތަ އެނދުން ނުތެދުވެ އޮންނަން ނުބުނާށެވެ. އެއީ ފައިދާހުރި ކަމެއްނޫނެވެ. އެނދުން ތެދުވެ ހިނގައިލުމަށް ، އެމީހަކަށް އެހީތެރިވެ ދޭށެވެ. ގައިގެ ބާރުނެތިއްޖެ ޙާލަތެއްގައި މެނުވީއެވެ.
  • ހަފުތާއެއްވަންދެން ، މީހަކު އޮށޯވެ އޮވެއްޖެނަމަ ، ހަށިގަނޑުގައިހުންނަ މަހުގެ ފަސް އިންސައްތަ ވިރޭނެއެވެ. ނުވަތަ ގެއްލޭނެއެވެ. ނަސީބުކަންދިމާކުރާގޮތުން ، ޢުމުރުން ދުވަސްވާ މީހުންގެ ހަށިގަނޑުން ވިރޭ މަހަކީ ، މަދުފަހަރެއްގައި މެނުވީ ، އަނބުރާ ހޯދޭ އެއްޗެއްނޫނެވެ.
  • ޢުމުރުން ދުވަސްވީ މީހުންކުރެ ، އަމިއްލަޔަށް ޙަރަކާތްތެރިވެ އުޅޭ މީހުންނަށްވުރެ އަވަހަށް ، ޞިއްޙީ އެހީތެރިޔެއްގެ އެހީތެރިކަމާއެކު އުޅޭމީހުންގެ ގައިގެ މަސްތައް ވިރި ގެއްލޭގޮތް ވެއެވެ.

ސާރކޮޕީނިއާއަކީ ، އޮސްޓިއޮޕޮރޮސިސް އަށްވުރެ ، ގެއްލުންހުރި ވޭންއަޅާ ކަމެކެވެ. އެހެނީ ، ހަށިގަނޑުގެ ހަމާއި ކަށްޓާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ، ހަށިގަނޑުގެ ހަކަތަ ހިފަހައްޓައިދޭ އެއްޗަކީ މަސްތައްކަމަށް ވާތީއެވެ. އޮސްޓިއޮޕރޮސިސްގައި ، ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ ، މީހާ ވެއްޓުމުން ރައްކާތެރިވުމެވެ. ސާރކޮޕީނިއާ އަކީ ، ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއްގެ އިތުރަށް ، ހަކުރުބަލިވެސް ޖެހޭ ކަމެކެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ވަރަށް ، ގައިގާ މަސްނެތި ، ހަށިގަނޑު ނިކަމެތި ވުމުގެ ސަބަބުންނެވެ.

ހަށިގަނޑުގެ މަސްތައް އެންމެ އަވަހަށް ވިރުވާލައި ގެއްލިގެންދަނީ ، ފައިގެ ޙަރަކާތްތައް މަދުވުމާ ގުޅިގެންނެވެ. އެހެނީ ، އިށީނދެ އިންނައިރު ، ފައިގެ ޙަރަކާތްކުރުމެއް ނޯވެއެވެ. އެހެންކަމުން ، ފައިގެ މަސްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. މިއީ ، ވަރަށްބޮޑަށް ސަމާލުވެ ވިސްނަންޖެހޭ ކަމެކެވެ. އޮފީސް މަސައްކަތުގައި ގިނައިރު ، މޭޒުދޮށުގައި އިށީނދެތިބޭ މީހުން ، ދޭތެރެޔަކުން ތެދުވެލައި ، ޙަރަކާތްތެރިވެލުމަކީ މުހިންމު ކަމެކެވެ. އަބަދު އިށީނދެ އިންނަންވެއްޖެނަމަ ، ފައިގެ މަސްތަކަށް އޭގެ އަސަރު ކުރާނެއެވެ.

ސިޑިން އަރައި ފޭބުމާއި ، ހިނގުމާއި ދުވުން އަދި ބައިސްކަލް ދުއްވުމަކީ ، ވަރަށް ރަނގަޅު ކަސްރަތެކެވެ. އަދި ، ހަށިގަނޑުގެ މަސްތައް އިތުރުވެ ، ހަކަތަ ވަރުގަދަވާނެ ކަމެކެވެ. ޢުމުރުން ދުވަސްވަމުންދާ ވަރަކަށް ، މީހާގެ ޙަރަކާތްތެރިކަން އިތުރުކުރަން ޖެހެއެވެ. އެނދުގައި އޮށޯވެ އަރާމުކުރަން އަބަދު ނުއޮވެ ، ދިރިއުޅުމުގެ ކޮންމެވެސް ކަމެއްގައި ޝާމިލުވެ އުޅުން ވަރަށް މުހިންމެވެ. ހަށިގަނޑުގެ މަސްތައް ، ސަލާމަތުން ހިފެހެއްޓެން އޮއްވާ ، އެކަމަށް ސަމާލުވުން މުހިންމެވެ. އެއީ ، އެކަމަށް ވިސްނާލައިގެން އުޅެވިއްޖެނަމަ ، އެހާ ބުރަކަމެއްނޫނެވެ.

ޢުމުރުން ދުވަސްވުން ފެށެނީ ، ފައިންމަތިންނެވެ. ފަޔާ ހިސާބުންނެވެ. އެހެންކަމުން ، ފައިގެ ޙަރަކާތްތެރިކަމަށް އަބަދުވެސް ސަމާލުވާށެވެ. ފައިގެ މަސްތައް ވަރުގަދަކުރުމަށް ވިސްނާށެވެ. ޢުމުރުން ދުވަސްވަމުންދާވަރަކަށް ، ފައިގެ ޙަރަކާތްތެރިކަން އިތުރުކުރަން ޖެހެއެވެ. ފައިގެ މަސްތަކުގެ ބާރު ވަރުގަދަކުރަން ޖެހެއެވެ. ފަޔަށް ކަސްރަތުލިބޭ ޒާތުގެ ކަންކަން ކުރަން ޖެހެއެވެ. ފައިގެ އެއްވެސް ޙަރަކާތެއް ނުކޮށް ދެހަފުތާވަންދެން ހުރެއްޖެނަމަ ، ފައިގެބާރު ، ދިހައަހަރަށްވާވަރަށް އުނިވެއެވެ. އެހެންކަމުން ، ކޮންމެ ދުވަހެއްގެ ކަސްރަތަކީ މުހިންމު އެއްޗެކެވެ. އިންސާނާގެ ހަށިގަނޑަކީ ، އަޅާލައިގެން ބަލަހައްޓައިގެން އުޅެންޖެހޭ އެއްޗެކެވެ. ހަށިގަނޑަށް ގެއްލުންލިބޭނެ ކަންކަމާ ދުރުހެލިވެ ، ފައިދާހުރި ކަންކަމާ ދޯޅުވާން ޖެހެއެވެ. ހިނގުމާއި ބައިސްކަލް ދުއްވުންފަދަ ، ލިފްޓް ބޭނުންނުކޮށް ، ސިޑިން އަރާ ފޭބުންފަދަ ކަންކަމަށް އިސްކަންދޭން ޖެހެއެވެ.

އިންސާނާގެ ފަޔަކީ ، ހަށިގަނޑު ކޮޅަށް ބަހައްޓަން އެހީތެރިވާ ތަނބެވެ. ހަށިގަނޑުގެ ހުރިހާ ބަރުދަނެއް ހިފަހައްޓަނީ ފައިންނެވެ. ހުރިހާ ބާރެއް ހިފަހައްޓަނީ ފައިންނެވެ. ފަޔަކީ ، އިންސާނާގެ ހަށިގަނޑުގައިވާ ކަށްޓާއި މަހުގެ ފަންސާސް އިންސައްތަ ހިމެނޭ ގުނަވަނެކެވެ. ހަށިގަނޑުގެ އެންމެ ބޮޑެތި އަދި އެންމެ ބާރުގަދަ ހުޅުތައް ހުންނަނީ ފައިގައެވެ. އިންސާނާގެ ޙަރަކާތްތެރިކަމުގެ ހަތްދިހަ އިންސައްތަ އާއި ، ގައިގެ ހަކަތަ އަންދާލަނީ ، މައިގަނޑު ގޮތެއްގައި ފައިގެ ޒަރީޢާއިންނެވެ. ގެޔެއް ބިނާކުރާއިރު ، މަތީގައި ހުންނަ ޝީޓްތައް ހިފެހެއްޓުމަށްޓަކައި ކޮންކްރީޓްކުރާ ތަނބު ތަކެކޭ އެއްގޮތަށް ، އިންސާނާގެ މުޅި ހަށިގަނޑުގެ ހުރިހާ ބަރެއް ހިފެހެއްޓުމަށް ބޭނުންކުރެވޭ ތަނބަކީ އެއިންސާނާގެ ދެފަޔެވެ. ފައިގެ ހަކަތައާއި ދުޅަހެޔޮކަން ، އިންސާނާއަށް މުހިންމުވަނީ އެހެންވެއެވެ. ފައި ނެތްނަމަ ، އިންސާނާއަކަށް ކޮޅަކަށް ނުހުރެވޭނެއެވެ. ކޮންމެ ދުވަހަކުވެސް ، ކޮންމެވެސް ވަރަކަށް ހިނގައިލާށެވެ.

ފަޔަކީ ، އިންސާނާގެ ޙަރަކާތްތައް އުފައްދާ މައި ނާރެހެވެ. އިންސާނާގެ ހަށިގަނޑުގައިވާ ނާރުތަކުގެ ފަންސާސް އިންސައްތަ ދެފައިގާ ހުރެއެވެ. ލޭ ދައުރުކުރާ ނާރުތަކުގެ ފަންސާސް އިންސައްތަ ، ފައިގާ އެކުލެވެއެވެ. ދައުރުވާ ލޭގެ ފަންސާސް އިންސައްތަ ދައުރުވަނީ ފައިގެ ޒަރީޢާއިންނެވެ.

ދިރާސާތަކުން ދައްކާގޮތުގައި ، އަދި ތަޙުލީލީ ވިސްނުންތަކުގައި ، އިންސާނާގެ ޢުމުރުން ދުވަސްވުން ފެށެނީ ފައިންނެވެ. ފައިގެ ކަސްރަތަކީ ، އިންސާނާގެ ފުރާނަ ހަށީގައި ހުންނަހާ ހިނދެއްގައި ހުއްޓައިލެވެން އޮތް އެއްޗެއްނޫނެވެ. ޢުމުރުން ހަތްދިހަ ، ނުވަތަ އަށްޑިހަ އަހަރުވިޔަސް ، ހިނގަން ވިސްނާލަން ލަހެއް ނުވާނެއެވެ. ހިނގުމާ ދުރުހެލި މީހެއްނަމަ ، ހިނގަން ފަށަން އެޢުމުރަކީވެސް ލަސް ޢުމުރެއްނޫނެވެ.

ދުވާލެއްގެ މައްޗަށް މަދުވެގެން ، ތިރީސް ނުވަތަ ސާޅީސް މިނިޓްވަންދެން ، ހިނގާލައި ، ފަޔަށް ބޭނުންވާ ވަރަށް ކަސްރަތު ދެވިއްޖެކަން ، ކޮންމެ ދުވަހަކުވެސް ޔަޤީން ކުރާށެވެ. ފައިގެ މަސްތަކަށް ކޮންމެ ދުވަހަކުވެސް ކަސްރަތު ދެވިއްޖެތޯ ބެލުމަށް ސަމާލުވާށެވެ. ޢުމުރުން ސާޅީހުން މައްޗަށް ދިޔައިމަ ، ހިނގައި ، މީހާ ޙަރަކާތްތެރިވެ އުޅުމަކީ ، ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދެނެގަންނާށެވެ. ރައްޓެހިންނާއި ތިމާގެ މީހުންނަށް ، އެކަމަށް ނަސޭޙަތްތެރިވާށެވެ. އެއީ ، ގެއްލުމެއް އެއްގޮތަކަށްވެސް ނެތް ، ފައިދާއިން ފުރިފައިވާ ކަމެކެވެ.

މާލޭގެ މަގުމަތީގެ ޙާލަތަށް ބަލާއިރު ، ކާރަކަށް އަރައިގެން ދާންޖެހޭ ތަނަކަށް ހިނގާލާފައި ބައެއްފަހަރަށް އެބަ ދެވެއެވެ. ކާރަކަށް އަރައިގެން ތަނަކަށް ދެވޭވަރަށްވުރެ ، ސައިކަލަކަށް އަރައިގެން އަވަހަށް އެބަ ދެވެއެވެ. ސައިކަލެއްގައި ތަނަކަށް ދެވޭވަރަށްވުރެ އަވަހަށް ، ބައިސްކަލެއްގައި އެބަ ދެވެއެވެ. ދުރާލާ އިންތިޒާމް ކުރެވިއްޖެނަމަ ، އެއިން އެކައްޗަކަށް ނޭރިޔަސް ، ދާންވާ ތާކަށް ހިނގައިލާފައި ދެވޭވަރަށްވުރެ މާލެ ބޮޑެއްނޫނެވެ. އެހެނަސް ، އެންމެ މުހިންމު ކަމަކީ ، މަގުމަތީގެ އަމާންކަމާއި ސަލާމަތްކަމަށް ވިސްނައިގެން ހިނގުމެވެ.

ހިނގައިލުމަކީ ، ދުވާލެއްގެ ދިރިއުޅުމުގެ ތެރެއިން ކުރަންޖެހޭ އެއްކަމެއްގެ ގޮތުގައި ކަނޑައަޅާށެވެ. ދުއްވާ އެއްޗަކަށް އެރުމުގެ ބަދަލުގައި ، ހިނގައިލުމަށް ލޯބި ކުރާށެވެ. ކޮންމެ ދުވަހަކުވެސް ، ކޮންމެވެސް ވަރަކަށް ހިނގައިލާށެވެ. ޢުމުރަށް ނުބަލާށެވެ. އަދި އެހާ ލަހެއް ނުވެއެވެ. ތިމާގެ އަމިއްލަ ޞިއްޙަތަށް ވިސްނާށެވެ. ހިނގުން އެއީ ގަޔާވެގެން ލޯބިންކުރާކަމެއްކަމުގައި ނިންމާށެވެ.

މިއީ ހެޔޮއެދޭ ، ވަރަށްގާތް ރަޙުމަތްތެރިޔަކު ، އަޅުގަނޑަށްދިން ނަޞޭޙަތެކެވެ. ބާއްޖަވެރިކަމުން ފުރިގެންވާ ، ދުޅަހެޔޮ ޞިއްޙަތެއްގެ ނިޢުމަތް ލިބިގެންވާ ޙަޔާތަކަށް އެދޭ ކޮންމެ މީހަކަށްވެސް ، މިއީ އަގުހުރި ނަޞޭޙަތަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.