ކުރަފީގެ ސިއްރުތައް

ކުރަތްޕަކީ ، ފަކުރު އެއްޗެކެވެ. ގޭތެރެއިން ފެންނަން ، އެއްވެސްމީހަކު ނޭދޭނެ އެއްޗެކެވެ. ފެނިއްޖިއްޔާ ބިރުންގޮސް ފިލަން ދުވާ ކުޑަކުޑަ ސޫތްޕެކެވެ. ވީ އެންމެ އަވަހަކަށް މަރައިލާން ބޭނުންވާ އެއްޗެކެވެ. އެހެންނަމަވެސް ، އެއީ ވަކި ބަޔަކަށެވެ. ގިނަބަޔަކު ފަކުރުގަންނަ މި ކުރަފި ކާބަޔަކު އެބަ އުޅެއެވެ. ޒަމާނީ ބޭސްވެރިކަމުގައި ، ކުރަފި އެބަ ބޭނުން ކުރެވެއެވެ. ސައިންސްވެރިންގެ ސިއްރު ތަޙުލީލުތަކުގެ ތެރެއިންލާފައި ، އިސްތަށި ނުފައިބާ ބޭސް ހަދަން ، އަދި އަންހެންކުދިންގެ މޫނުގައި ހާކާ އެކިބާވަތުގެ ރީތިވާ އުފެއްދުންތައް ތައްޔާރުކުރުމަށްވެސް ކުރަފި ބޭނުން ކުރެވެއެވެ. އެއީ ، ސިއްރުކުރެވިފައި އޮންނަ ބޮޑު ސިއްރެކެވެ.

އެހެންކަމުން ކުރަތްޕަކީ ، މިހާރު ވަރަށް އަގުބޮޑު އެއްޗެކެވެ. ކުރަފި ކިލޯއަކަށް ވިހި ޑޮލަރު ލިބެއެވެ. ކުރަފި ވިއްސައިގެން އުފައްދާ ދިހަ ފެކްޓަރީ ޗައިނާގައި އެބަ ހުށްޓެވެ. އެއް ވަގުތެއްގައި ދިހަ މިލިއަން ކުރަފީގެ ޖަމާއެއް މި ފެކްޓަރީތަކުގައި ހުރެއެވެ. މި ފެކްޓަރީތަކުގައި އުފައްދަނީ ވަކި ބާވަތެއްގެ ކުރަތްޕެކެވެ. އެއީ އެމެރިކާގެ މުޑުވަކެކެވެ. އެއް އިންޗި ފުޅާ ދޮޅު އިންޗި ދިގު މުޑުވަކެކެވެ. ކުރަފީގެ ބާޒާރަކީ ، ޚާއްޞަކޮށް ޗައިނާގައި ނުރަސްމީކޮށް ހިންގާ ޞިނާޢަތަކަށް މިހާރުއޮތީ ވެފައެވެ. މި ވިޔަފާރިއަށް ޗައިނާ ސަރުކާރުން ، އެއްވެސް ޤަވާޢިދެއް އަދި ނުހަދައެވެ. ފެކްޓަރީތަކުގެ ވެރިންވެސް ، އެ މަސައްކަތް ހިންގަނީ އެކަމަށް ވިސްނައިގެން ، މީހުންދިރިއުޅޭ ސަރަޙައްދާ ދުރުގައި ފެކްޓަރީތައް އަޅައިގެންނެވެ.

ޗައިނާމީހުންނަކީ ، އަނގަޔަށްލީމަ ، ދަތްނާޅަންޏާ ކޮންމެ ފަދަ އެއްޗެއްވެސް ކައިފާނެ ބަޔެކެވެ. ކުރަތްޕަކީވެސް ، ޗައިނާގެ ގިނަބަޔަކު ތެލުލައިގެން ކާ އެއްޗެކެވެ.

ޢާންމުގޮތެއްގައި ގިނަބަޔަކު ފަކުރުގަންނަ އަދި ، ބިރުގަންނަ ކުރަތްޕަކީ ، ކޮން އެއްޗެއްކަން އެނގިފައި އޮތުމަކީ މުހިންމު ކަމެކެވެ. ކުރަފީގެވެސް ، އެސޮރުގެ އަމިއްލަ ދިރިއުޅުމަކާއި ، ދިގު ތާރީޚެއް އެބަ އޮތެވެ. ފޮރުވިފައިވާ ، އަދި ޢާންމުކޮށް ގިނަބަޔަކަށް ނޭނގޭ މަޢުލޫމާތުތަކެއް އެބަ ހުށްޓެވެ.  އެންމެ ކުރަތްޕެއްވެސް ގޭގައި އުޅެން ބޭނުން ނުވިނަމަވެސް ، ކުރަތްޕާ ގުޅިފައިވާ މަޢުލޫމާތު އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުރަތްޕާ ބެހޭ ދޮގު މަޢުލޫމާތެއް އެނގިފައި އޮތުމަކީވެސް ވެދާނެ ކަމެކެވެ. އެހެންކަމުން ، ކުރަފީގެ ސިއްރުތައް ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ކުރަތްޕަކީ ، ހަޑި އަދި މުޑުދާރު ، ފަކުރު އެއްޗަކަށްވިޔަސް ، ހުރިހާ ކުރަތްޕަކީ އެކަހަލަ އެއްޗެއްނޫނެވެ. ހާހަކަށްވުރެ ގިނަބާވަތުގެ ކުރަފި ދުނިޔޭގައި އުޅެއެވެ. އެކަމަކު އޭގެ ތެރެއިން ، އިންސާނުންނާ ރައްޓެހިކަމުގައި ބެލެވެނީ ހަމައެންމެ އިންސައްތަ އެކެވެ. އެއީ ގާތްގަނޑަކަށް 30 ބާވަތެއްގެ ކުރަތްޕެވެ. އެމެރިކާގައި އުޅޭ ކުރަފީގެ ގިނަބާވަތްތަކަކީ ، ގޯސް ކުރަތްޕެވެ. އެމެރިކާއާއި ޖަރުމަނުގައި އުޅޭ ކުރަފީގެ ގިނަބާވަތަކީ ، އިންސާނުންނާ ބީރައްޓެހި އެއްޗެކެވެ. މުށިކުލައިގެ ރޮނގެއް ދަމާފައިހުންނަ ކުރަފިވެސް ހިމެނެނީ އޭގެ ތެރޭގައެވެ. ކުރަތްޕަކީ ފަހައިގަތީމަ ދުވަމުންގޮސް ، ވަރަށް ފަސޭހައިން އުޑުތިލަމައްޗަށް ޖެހޭ އެއްޗެކެވެ. އަދި ތެދުވެ ބަންޑުން  ނުޖެހެވޭ އެއްޗެކެވެ. އޭގެ ސިއްރަކީ ކުރަފީގެ ބުރަކަށި ބަރުވުމެވެ. ބުރަކަށީގެ ބަރު އުފުއްލައިގެން ތެދުވެވޭހާ ބާރު ، ކުރަތްޕަށް ލިބިފައި ނުއޮންނަނީއެވެ.

ކުރަތްޕަކީ ، ޑައިނަސޯ ދުނިޔޭގައި އުޅުނު ޒަމާނުއްސުރެ ، ދުނިޔޭގައި އުޅެމުން އަންނަ އެއްޗެކެވެ.  ދުނިޔޭގައި ކުރަފި އުޅޭތާ، އެންމެ މަދުވެގެންވެސް ،  200 މިލިއަން އަހަރު ވެދާނެއެވެ. ބެލެވޭގޮތުގައި ކުރަފީގެ ދިރުން ، 350 މިލިއަން އަހަރުކުރިޔަށް ދެމިގެންގޮސްފައި ވެއެވެ. އެހެންކަމުން ، ޑައިނަސޯއަށްވުރެވެސް ކުރިޔަށް ، ކުރަފީގެ ތާރީޚު ދެމިގެން ގޮސްފައި ވެއެވެ.

ކުރަތްޕަކީ ، ނިއުކުލިއަރ ގޮވުމެއްގެ އަސަރު ، އިންސާނާއަށް ވުރެ ކުޑަކޮށް ކުރާ ސޫތްޕެކެވެ. ރޭޑިއޭޝަނުން ކުރަތްޕަށް ކުރާ އަސަރުގެ ދިހަގުނަ އިތުރަށް ، ނުއުކުލިއަރ އެއްޗެއް ގޮވައިގެން އުފެދޭ ރޭޑިއޭޝަންގެ އަސަރު އިންސާނާއަށް ކުރެއެވެ. އެހެންނަމަވެސް ، ނިއުކުލިއަރ އެއްޗެއް ގޮވައިގެން އުފެދޭ ރޭޑިއޭޝަނުގައި ކުރަފިވެސް މަރުނުވެއެއް ނޯވެއެވެ.

ކުރަތްޕަކީ އިންސާނާއަށް ބަލިޖައްސާ އެއްޗެކެވެ. ކުރަތްޕަކީ ، ވަރަށް ގިނަ ޢަދަދަކަށް ޕްރޮޓީން އުފައްދާ އެއްޗެކެވެ. ނޭވާހިއްލުމާއި ، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ، ކުރަފީގެ ނުރައްކާ ވަރަށް ބޮޑެވެ. ކުރަފީގެ ސަބަބުން އެފަދަ މީހުން ، ވަރަށް ފަސޭހައިން ބަލިކޮށްލައެވެ. ކުރަތްޕަކީ ބެކްޓޭރިއާ އުފުލާ އެއްޗެކެވެ. ކާ ތަކެތީގައްޔާއި ކާތަށީގެ ޒަރީއާއިން ، ތަފާޓު ބަލިތައް ފަތުރައެވެ. އަދި ގޭތެރޭގައި އުޅުމުގައިވެސް ، އިންސާނާ ބޭނުންކުރާ އެހެން ތަކެތީގެ ޒަރީޢާއިން ބަލިތައް ފެތުރުމުގައި ، ކުރަތްޕަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ކުރަތްޕަކީ ، ބޯވަކިވީމަވެސް ދިރިއޮންނަ އެއްޗެކެވެ. ބޯނެތި ، ހަފުތާއެއްވަންދެން ކުރަތްޕަށް ދިރިއޮވެވޭނެއެވެ. ކުރަފި ނޭވާލަނީ އޭގެ ހަށިގަނޑުގައި ހުންނަ ލޯވަޅުތަކެއް ބޭނުންކޮށްގެންނެވެ. ނޭފަތަކުންނޫނެވެ. އެހެން ނަމަވެސް ، ފެންބޯން ނިލިބިއްޖެނަމަ ، މާގިނަދުވަސްވަންދެން ކުރަތްޕަކަށް ދިރިއެއް ނޫޅެވެއެވެ.

ކުރަތްޕަކީ އުދުހެވޭ އެއްޗެކެވެ. އެހެންނަމަވެސް ، ހުރިހާ ކުރަތްޕަކަށް އުދުހުމުގެ ނަސީބެއް ނުލިބެއެވެ. ބައެއް ކުރަތްޕަކަށް ނުއުދުހެވެއެވެ. ބައެއް ބާވަތުގެ ކުރަތްޕަށް ނުއުދުހެވުނަސް ، ފުންމައި ގަންނައިރު ، ހަށިގަނޑު ތެދަށް ބޭއްވުމަށްޓަކައި ، އޭތެ ފިޔަތައް ބޭނުން ކުރެއެވެ. އެކަން ކުރެވެނީވެސް ބައެއްބާވަތުގެ ކުރަތްޕަށެވެ.

ކުރަފީގެ ސައިޒް ބޮޑުވާ ވަރަކަށް ، އޭގެ އުނދަގޫ ބޮޑުވާނެއެވެ. ބައެއްބާވަތުގެ ކުރަތްޕަށް ، އޭގެ ސައިޒަކީ މައްސަލައެއްނޫނެވެ. ކުރަފީގެ ނުރައްކާތެރިކަމަކީ ، އޭގެ ސައިޒާ ގުޅިފައި އޮންނަ އެއްޗެއްނޫނެވެ. ކިތަންމެ ކުޑަ ކުރަތްޕެއްވެސް ، ބޮޑެތި ކުރަފި އުފުއްލާ ވަރަށް ބެކްޓޭރިއާ އުފުއްލައި ބަލިތައް ފެތުރުމުގައި ތަފާތެއް ނޯވެއެވެ.

ކުރަތްޕަކީ ، މުޑުދާރު ކަމަށް ލޯބިކުރާ އެއްޗެކެވެ. ގިނައިން ކުރަފި އާލާވާނީވެސް އަދި ދިރިއުޅޭނީވެސް ، ހަޑި އަދި މުޑުދާރު ތަންތަނާއި ގޭގޭގައެވެ. އެހެނަމަވެސް ، ގޭގެ ސާފުތާޙިރުކަން ކިތަންމެ ރަނގަޅަސް ، ކާތަކެއްޗާއި ފެން ފަސޭހައިން ލިބެން ހުންނަ ނަމަ އެގެޔަކަށް ، ކުރަފި ވަންނާނެއެވެ. އެހެންކަމުން ، ގޭތެރޭގެ ސާފުތާހިރުކަމަކީ ، ކުރަފި މަދުކުރުމަށް އޮތް ޙައްލެކެވެ. ގޭގެ ސާފުތާހިރުކަން އެކަންޏެއްނޫނެވެ. ފާރުގެ ރެނދާއި ، އެނޫންވެސް ފަޅައިގެންގޮސްފައި ހުންނަ ފަރުނީޗަރ ފަދަ ތަކެތި ބައްދައި ، ކުރަތްޕާއި އެފަދަ އެހެން ސޫތްޕަށް ނުވަދެވޭނެގޮތް ހަދާފައި އޮތުން ވަރަށް މުހިންމެވެ.

ކުރަތްޕަކީ ، ޖެހުނު ކޮންމެ އެއްޗެއް ކާއެއްޗެކެވެ. ގަސްގަހާއި ގަހުގެ ބައިތައްވެސް ކައެވެ. އިންސާނުން ކާން ތައްޔާރުކުރާ ކޮންމެ އެއްޗެއްވެސް ކައެވެ. މަރުވެފައި ހުންނަ ހަންވެސް ކައެވެ. އެއީ އިންސާނެއްގެ ގައިގެ ހަންކަމަށްވިޔަސް ޖަނަވާރެއްގެ ހަންކަމަށްވިޔަސް ކާނެއެވެ. ގާބޭޖުންނާއި ކުނިކޮތަޅުން އަދި ކުނިވެގެން އުކާލާ ކޮންމެ އެއްޗަކުން ، ކުރަފި ކާނެއެވެ.

ކުރަތްޕަކީ ، ޢަމަލުވާބުއިންވެސް ބޭނުންކުރާ އެއްޗެކެވެ. ބިއަރާއި ރަލުގެ ބާވަތްތައް ބުއިމަށް ، ބައެއްބާވަތުގެ ކުރަފި ލޯބި ކުރެއެވެ. އެއީ އޭގައި ހިމެނޭ ހަކުރުގެ ސަބަބުންކަމަށް ވެދާނެއެވެ. ކޮންމެހެން ޕާޓީ ކުރަންނޫންކަމަށް ވެދާނެއެވެ.

ކުރަތްޕަކީ ، އެތައްޖީލަކަށް ދިރިއުޅޭ އެއްޗެކެވެ. ހުރިހާ ބާވަތެއްގެ ކުރަތްޕެއްނޫނެވެ. ބައެއްބާވަތުގެ ކުރަފީގެ ޢުމުރު އަހަރު ތަކަކަށް ދިގުވާއިރު ، އަނެއް ބާވަތުގެ ކުރަފީގެ ޢުމުރު މަސްތަކަކަށް ކުރު ވެއެވެ. ކުރަތްޕަކީ ، އެންމެ ތަނެއްފިޔަވައި ، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ދިރިއުޅޭ އެއްޗެކެވެ. އެންޓާރޓިކާގައި ކުރަތްޕެއް ނޫޅޭނެއެވެ. އެނޫން ކޮންމެ ތަނެއްގައިވެސް ، ކޮންމެ މާޙައުލެއްގައިވެސް ، އަދި ކޮންމެ މޫސުމެއްގައިވެސް ކުރަފި ދިރިއުޅޭނެއެވެ.

ކުރަތްޕަކީ ، ނޭވާލުމަށްޓަކައި އޮކްސިޖަން ބޭނުންވާ އެއްޗެއްނޫނެވެ. ނޭވާނުލައި 40 މިނިޓްވަންދެން ކުރަފި އޮވެދާނެއެވެ. އެއަށް ބޭނުންވެއްޖެ ހިނދެއްގައެވެ. އަނެއްބައި ކުރަފި ފެނުއަޑީގައި 30 މިނިޓްވަންދެން ނޭވާނުލައި އުޅެއެވެ. އެހެންނަމަވެސް ބައެއްބާވަތުގެ ކުރަތްޕަކީ ، އޮކްސިޖަން ބޭނުންކުރާ އެއްޗެކެވެ. ނޭވާނުލައި ކުރަފި އުޅެނީ ، އޭތީގެ ހަށިގަނޑުގައި ހުންނަ ފެން ހިފެހެއްޓުމަށްޓަކައިތޯ ބެލުމަށް ، ސައިންޓިސްޓުން މިހާރު ގެންދަނީ ތަހުލީލުތައް ކުރަމުންނެވެ.

ކުރަތްޕަކީ ، ކާއެއްޗެއް ބޭނުންނުކޮށްވެސް ،  ގިނައިރުތަކެއްވަންދެން އުޅޭ އެއްޗެކެވެ. ބައެއްކުރަފި ، ކާއެއްޗެއް ނުކައި މަހެއްހާ ދުވަހުވެސް ދިރިއުޅެފާނެއެވެ. އެހެންނަމަވެސް ، ފެންނުލިބި ހަފުތާއެއްވާއިރަށް ކުރަފި މަރުވާނެއެވެ.

ކުރަތްޕަކީ ވަރަށް ބާރަށް ދަތުރުކުރާ އެއްޗެކެވެ. ގަޑިޔަކު ތިންމޭލަށްވުރެވެސް ބާރަށް ، ކުރަފި އުދުހެއެވެ. އެއީ ކުރަފީގެ ސައިޒަށްބަލާއިރު ، ވަރަށް ބާރު ސްޕީޑެކެވެ. އެންމެ ކުދި ޅަކުރަފިވެސް ، އެހާވަރުގެ ބާރުމިނަކަށް ދަތުރު ކުރާނެއެވެ.

ކުރަތްޕަކީ ، ފަކުރުގަންނަ އަދި ބައެއްމީހުން ބިރުގަންނަ އެއްޗެއްކަމަށްވިޔަސް ، އަދި ބައެއްމީހުން ކާ އެއްޗެއްކަމަށްވިޔަސް ، ބޭހާއި ފަރުވާގެ ގޮތުގައި ބޭނުންކުރާ އެއްޗެއްކަމަށްވިޔަސް ، ކުރަތްޕާ ގުޅިފައިހުންނަ ކަންކަމަކީ ، ވަރަށް ޝަޢުޤުވެރި މަޢުލޫމާތެކެވެ. އިންސާނުން ދުނިޔޭގައި އުޅޭތާ ވެފައިވަނީ 3 ލައްކަ އަހަރުކަމަށް ، ސައިންޓިސްޓުން ބުނަމުންދާއިރު ، ދުނިޔޭގައި ކުރަފި އުޅޭތާ ، 200 މިލިއަން އަހަރު ވެއްޖެއެވެ.

ރާއްޖޭގައިވެސް ، އެތައް ބާވަތެއްގެ ކުރަފި ދިރިއުޅެއެވެ. ކުދި ކުރަތްޕާއި ތަންކޮޅެއް ބޮޑެތި ކުރަތްޕެވެ. ރާއްޖޭގައި އުޅޭ ކޮންމެ ބާވަތެއްގެ ކުރަތްޕަކީވެސް ، އިންސާނުންނާ ބީރައްޓެހި އެއްޗެކެވެ. އެއިން ސަލާމަތްވުމަށް އަބަދުވެސް ވިސްނަންޖެހޭ އެއްޗެކެވެ. ޚާއްޞަކޮށް ، މިއަދުގެ ޖީލަކީ ، ކޮޓަރިތެރޭ ގިނަވަގުތު ހޭދަކުރާ ބަޔެކެވެ. ކާންވެސް ގިނަފަހަރަށް ގެންނަން ބޭނުންވާނީ ، އޯޑަރުކޮށްގެން ބޭރުންނެވެ. ރޭގަނޑުގެ ގަޑިތަކުގައި ، ކައިގެން ބާކީވާ ތަކެތި ބިންމަތީ ބަހައްޓާފައި ނިދައިލުމަކީ ، މިހާރުގެ ޖީލަށް މާބޮޑު ކަމެއްނޫނެވެ. އެހެނަސް ، އެއީ ކުރަން އެންމެ ރަނގަޅު ކަމެއްނޫނެވެ. ރޭގަނޑު މީހުން ނިދާ ފައިހިލަވަޅު އޮބުނީމަ ، ކުރަފިތައް ނުކުމެ ، ބިންމަތީ ބަހައްޓާ ކާތެތީގެ ބާކީ ކާނެއެވެ. ކާތަކެތި އަޅާފައި ހުންނަ ތަށްޓާއި ފެންބޯތަށި ނަޖިސްކުރާނެއެވެ. ބާކީވެފައި ހުންނަ ކޯކު ނޫނީ ފެންފޮދު އެއީ ކުރަތްޕަށް ވަރަށް މުހިންމު އެއްޗެކެވެ. ކާ އެއްޗެއް ނެތަސް ، ކުޑަ ކޯކުކޮޅެއް ނުވަތަ ފެންފޮދެއް ހުއްޓަސް ، އެއީ ކުރަތްޕަށް މާ ރަނގަޅު އެއްޗަކަށް ވާނެއެވެ.

އޭގެ ނަތީޖާ ވަރަށް ގޯހެވެ. ކުރަތްޕަކީ ، ބަލިފަތުރާ އެއްޗަކަށްވާއިރު ، ރޭގަނޑު ކައިފާ ނުދޮވެ ސިންކަށް އަޅާލާފައި ހުންނަ ތަށްޓާއި ، ކޮޓަރީގައި ބަހައްޓާތަށި ، އެއީ ކުރަފި އަރައި ، ނަޖިސްކޮށް ބަލިފަތުރާނެ އެއްޗެކެވެ. މި ޙަޤީޤަތް ޤަބޫލުކުރުމަކީ ، މިހާރުގެ ޖީލަށް ފަސޭހަ ކަމަކަށް ނުވިޔަސް ، އަސްލަކީ އެއީއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.