ކުމުންދޫ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ރައީސް އަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ މިދިޔަ ސަރުކާރުން އަމާޒެއްނެތި ފަށާފައިހުރި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ލިބޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކުނި މެނޭޖުކުރުމަށް ޚާއްސަ ސެންޓަރެއް ގާއިމުކޮށްދެއްވުމަށާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

މީގެ އިތުރުން ބަނދަރުގެ މައްސަލައަށް ޖުމްލަގޮތެއްގައި ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު ކުމުންދޫ ރައްޔިތުންނަށް ރޯހައުސް ނުވަތަ ފްލެޓް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.