ކުރިނބީ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދެއްވުމަށް ރައީސް އަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

ކުނި މެނޭޖުކުރުމަށް ބޭނުންވާ ކަމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒުތައް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގައި އާޓިފިޝަލް ބީޗެއް ހައްދަވައިދެއްވުމަށާއި، ޕްރީސުކޫލު ހިންގުމަށް ސަރުކާރުން ބަޖެޓެއް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެ ކަނބަލުން ބޭނުންވާ ހަރަކާތްތައް ނުހިންގެނީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމުގައި ވިދާޅުވެ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.