ނާމާންވަމުންދާ ، މާލޭގެ މަގުމަތި

މާލޭ ޓްރެފިކްގެ ނުރައްކާތެރިކަމާއި މައްސަލަތައް ، އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރު ވަމުންނެވެ. އެކްސީޑެންޓްތައް ދަނީ ގިނަވަމުންނެވެ. ޓްރެފިކްގެ ޤަވާޢިދާ ޚިލާފަށް މަގުހުރަސް ކުރުމާއި ، ދުއްވުމާއި ޕާކް ކުރުމުގައި ، ޤަވާޢިދާ ޚިލާފު ވުމުގައި ވަކިމީހަކު ނެތެވެ. އެކަންކަމަށް ޢަމަލުނުކުރާތާނގައި ، އެއިންކަމަކަށް ވިސްނާލާ މީހުން މަދުވަމުންގޮސް ، ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރާ މީހުންވެސް ، ހިމެނެން ފަށައިފިއެވެ.

މަތީގައި އެވާ ފޮޓޯގައި އެވަނީ ، ސަރުކާރުގެ ކުންފުންޏެއްގެ ގުދަނާއި އޮފީސް ޢިމާރާތަކަށް ވަންނަން އޮންނަ މަގެއް ހުރަސްކޮށް ޕާކްކޮށްފައިހުރި ، " ޕޮލިސް ސައިކަލް " އެކެވެ. ސަރުކާރުގެ ރަސްމީ ދުވަހެކެވެ. ގަޑިއަކީ ، ސަރުކާރު މުއައްޒަފުން 8 ޖަހާއިރަށް އޮފީހަށް އަންނަ ، ހެނދުނުގެ ވަޤުތެވެ. ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައިހުރި ، އެ ޕޮލިސް ސައިކަލް އެތާ ހުއްޓާ ، ދުއްވާއެއްޗެއް އެތަނަށް ވަނުމަކީ ދަތިކަމަކަށް ވާނެއެވެ.

އެއްވެސް ބާވަތެއްގެ އަދި އެއްވެސް މިންވަރެއްގެ ކުއްލި ޙާލަތެއް ، އެތާނގައި އެވަޤުތަކު ނެތެވެ. ޕޮލިސް ސައިކަލް ފިޔަވައި އިތުރު އެހެން ސައިކަލްވެސް އެތާ މަގުމަތީ ، ޕާކްކޮށްފައި އެވަގުތު ހުށްޓެވެ. ޕޮލިހުންނަކީ ، ޒިންމާދާރު ، ތަންފީޒީ އިދާރާ އެއްގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ބައެކެވެ. އެފަދަ ޒިންމާދާރު ތަންފީޒީ މަސްއޫލިއްޔަތެއް އަދާކުރާ ބަޔަކު ، ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމަކީ ، މި ޤައުމުގައި ، ޤާނޫނީ ޙުކޫމަތު ނަގަހައްޓައި ދެމެހެއްޓުމުގައި ، ޤައުމު އޮތް ޙާލަތު ވަރަށް ރަނގަޅަށް ސިފަކޮށްދޭ ކަމެކެވެ. ކަންމިހެން އޮތްއިރު ، ޢާންމު ފަރުދުންގެ ޙާލަތު އޮންނާނީ އެތައް ދަރަޖައެއް ދަށުގައެވެ.

މާލޭގެ މަގުމަތި ، އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ނާމާންވެ ބިރުވެރިތަނަކަށް ބަދަލު ވަމުންނެވެ. އެމީހަކާ އެމީހެކެވެ. މަގުހުރަސްކުރާ މީހުން ދުއްވާ އެއްޗިއްސަކަށް ނުބަލައެވެ. ދުއްވާ އެއްޗިއްސެއް ، މަގު ހުރަސްކުރާ މީހުންނަކަށް ނުބަލައެވެ. ޕާކް ކުރުމުގައި ހަމައެއް ލަމައެއް ނެތެވެ. އެމީހަކަށް އެންމެ ފަސޭހަ ގޮތަކަށް ، އެންމެ ފަސޭހަ ތަނެއްގައި ޕާކް ކޮށްލަންވީއެވެ. ސައިކަލް ދުއްވާ ބިދޭސީން ދަނީ އިތުރު ވަމުންނެވެ. ކާބޯތަކެއްޗާއި ، ކާ ޕެކެޓް ބަހަން ، އަދި މުދާ އުފުއްލަން ، ފަހަތުގައި ބޮޑެތި ވަށިގަނޑާއި ފޮށިގަނޑު ހަރުކޮށްގެން ، ބިދޭސީން ދުއްވާ ދަނގަނޑު ބައިސްކަލްތައް ، އެއްދުވަހުން އަނެއް ދުވަހަށް އެދަނީ އިތުރު ވަމުންނެވެ. ހަނި މަގުތަކުގައި އެއިން ބައިސްކަލެއްގެ ފަހަތުން އަންނަ ސައިކަލްގެ ސްޕީޑް ބައިސްކަލް ސްޕީޑަށް ބަދަލުކޮށްގެން މަޑުމަޑުން ދުއްވަން މަޖުބޫރު ވެއެވެ. ބިދޭސީން ދުއްވިޔަސް ، ބައިސްކަލަކީ ރަޖިސްޓަރީ ކުރާ އެއްޗެއްނޫނެވެ. ފީދައްކާ އެއްޗެއްނޫނެވެ. އެހެންނަމަވެސް ، ސައިކަލަކީ ، އަހަރީ ފީދައްކާ އެއްޗެކެވެ. ލާރި ދައްކައިގެން ދުއްވާ އުޅަނދުފަހަރު ، މިޖެހެނީ ހިލޭ ދުއްވާ ، ބިދޭސީންގެ ދަނގަޑު ބައިސްކަލް ފަހަތުން ކުރިޔަށް ނުދެވިފައި އޮންނާށެވެ.

ކާރެއްގެ ފަހަތުގައި އޮންނަ ސައިކަލް ކުރިޔަށްދާން ، އެއްވެސް ފަރާތަކުން މަގެއް ނުދައްކައެވެ. އެއީ ޢާންމު ކަމަކަށްވެގެން ،  ކާރު ކުރިޔަށް ގޮސްގޮސް އޮއްވާ ކުއްލިޔަކަށް ދެމިގެންފައި ، ކާރުގެ ކުރިޔަށް އަރާ ކުރި ބައްދާލާ މީހުން މަދެއްނޫނެވެ. ނުވަތަ އެއީ ، އެކަން ކުރަން އޮންނަ ގޮތްކަމަށް ވެއްޖެއެވެ.

ޓެކްސީ މަޑުކުރާކަށް ތަނެއްތަނެއް ، އަދި ހަމައެއް ލަމައެއް ނޯވެއެވެ. ޓެކްސީ ސްޓޭންޑް ތައް މަދުން ނަމަވެސް ހުއްޓަސް ، އެއީ ޓެކްސީއެއް މަޑުކުރާ ތަނެއް ނޫނެވެ. މީހަކު އަތް އުފުލާލައިފިއްޔާ ، މަގެއްގެ ހަތަރު އަނގޮޅީގައިވެސް ، އެއަށް އަރާ ބަޔަކު ، އަރާއިރަކުން އަރަންދެން ، ޓެކްސީ ނުވަތަ ކާރު މަޑުކޮށްގެން އޮންނާނެއެވެ.

މުދާ އަރުވާ ބާލާކަށް ވަކިތަނެއް ނޯވެއެވެ. މުދާ އަރުވަން އުޅަނދު މަޑުކުރާ ސްޓޭޏްޑް ތަކެއް ނުހުރެއެވެ. މުދާ އަރުވާ ބާލަން މަޑުކުރާ އުޅަނދެއްވިއްޔާ އެކުރާ ކަމެއް ނިމެންދެން މަގުބަންދުކޮށްގެން އޮންނާނެއެވެ.

އެންމެންވެސް ދާންވަނީ އެންމެ އަވަހަށެވެ. އެހެން މީހުންނަށް ނުދެވުނަސް ، ތިމާމީހާއަށް ދެވެން އޮތް ގޮތަކުން ، ދާންވާ ތާކަށް ދާންވީއެވެ. ޤާނޫނެއް ޤަވާޢިދެއް އަދި މަގުމަތީގެ ހަމަތަކެއް ނޯވެއެވެ. ޤާނޫނާއި ޤަވާޢިދަށް އަދި މަގުމަތީގެ ހަމަތަކަށް އިޙްތިރާމްކޮށް ، ޢަމަލުކުރާ މީހެއްނަމަ ، އެއީ އެމީހަކަށް ދިމާވާ މުޞީބާތެކެވެ. ޤަވާޢިދުން މަގުހުރަސް ކުރަން އެތައް އިރަކު މަޑުކޮށްގެން ހުންނަން ޖެހޭނެއެވެ. ނުވަތަ ހުރަސްކުރާނެ ވަގުތެއް ނުލިބޭއެވެ. މަގުހުރަސްކުރާ މީހުން ، މަގުހުރަސްކުރާ ވަގުތެއްގައި ، ޤަވާޢިދުން އެމަގު ހުރަސްކުރަން މަޑުކުރާ އުޅަނދެއް ، ކިތަންމެ އިރަކު މަޑުކުރިޔަސް ، ކުރިޔަށް ދާނެ ވަގުތެއް ، މަގުހުރަސްކުރާ މީހުން ނުދައްކާނެއެވެ. އެފަދަ މީހުންނަށްވެސް އަދި އުޅަނދަށްވެސް ދެން ޖެހޭނީ ، ޗޮކެއް ކަނޑާފައި ، އަނެއްމީހާއަށް އަދި އުޅަނދަކަށްވެސް ނުބަލާ ކުރިޔަށް ދާށެވެ.

ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރާ މީހުންނަށްވެސް ، މިހުރިހާ މަންޒަރެއް ފެންނާނެއެވެ. މަގުމަތީގެ ނާމާންކަން އިޙްސާސް ކުރެވޭނެއެވެ. ޤަވާޢިދާ ޚިލާފުވާ މީހުންވެސް ފެންނާނެއެވެ. އަދި ޚުދު އެމީހުންނަށްވެސް ، އެހެންމީހުންނެކޭ އެއްގޮތަށް ، ޤާނޫނާއި ޤަވާޢިދާ ޚިލާފު ވެވޭކަންވެސް ނޭނގިއެއް ނުހުންނާނެއެވެ. އެކަމަކު ، އެހެންގޮތެއް ނޯންނަނީއެވެ.

މިފަދަ ޙާލަތެއްގައި ، މާލޭ މަގުމަތީގެ އަމާންކަމާއި ޓްރެފިކްގެ ޤަވާޢިދުތައް ، އެއްދުވަހުން އަނެއްދުވަހަށް ބޮއްސުންލައި ، މަގުމަތި ނާމާން ވަމުންދާއިރު ، ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރަންތިބޭ މީހުންނަށްވެސް ޖެހެނީ ، ޤާނޫނާއި ޤަވާޢިދާ ޚިލާފު ވާށެވެ. އެކަމުގެ ހެއްކަކީ ، މަތީގައިވާ ފޮޓޯއެވެ.

1 ޚިޔާލު

  1. އަދި ވެސް މިފަދަ އެތައް މިސާލެއް އެބަހުއްޓެވެ. މިއީ ލިޔަންވީ، ދައްކަންވީ ވާހަކައެކެވެ. މީހުން އަރުވަން ކާރުގެ ދެދޮރުފަތް ހުޅުވައިގެން އޮތުން ޢާއްމުވެއްޖެއެވެ. ބުރިޖުމަތީން އަވަހަށް އެއްކާރު އަނެއްކާރުގެ ކުރިޔަށް އަރަނީ އަވަހަށް އެދަތުރު ނިންމާލާފައި އަނެއް ދަތުރު ހޯދަންޗޯއްކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.