ފަލްސަފާ (55)

( 18 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ދިމާވެފައި އޮތް މުޞީބާތާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނަން ކަންބޮޑުވެފައި ، ސިޓިންރޫމްގައި ޖައްސާލައިގެން ތަހުނިޔާ އިނީ އެކަންޏެވެ. މަންމަ އުޅެނީ ބަދިގޭގައެވެ. ބައްޕަ އަދި ކޮޓަރިޔަކުން ނުނުކުމެއެވެ. ހެނދުނުގެ ސައި ތަންކޮޅެއް ލަސްވެސް ވެއްޖެއެވެ. މަންމައާ ވާހަކަ ދައްކާލަން ، އެރޭ ވަރަށް ގިނައިރުވަންދެން ދެމައިން ތިއްބެވެ. ސާޖިދާއަށް ފަތިހު ނުހޭލެވުނު ސަބަބަކީ އެއީކަމަށް ވެދާނެއެވެ.

ތަހުނިޔާ ސިއްސުވައިލީ ، ޢާޞިފް އައިސް ، އޭނާއަށް ގޮވާލައި ، މުރުތަޟާ އަންނަނީ ކޮންއިރަކުންތޯ އަހާލި އަޑަށެވެ. ބައްޕަގެ ސުއާލަށް ދޭނެ ޙާޟިރު ޖަވާބެއް އެފަހަރު ، ތަހުނިޔާއަކަށް ނުފެނުނެވެ. އޭނާއަށް ހަމައެކަނި ބުނެވުނީ ، މުރުތަޟާ އަންނާނެ ކަމުގައެވެ. އެރޭ ގެޔަށް އައިފަހުން ، މުރުތަޟާއަކާ އަދި ވާހަކައެއް ނުދެއްކެއެވެ.

ރޭގައިވެސް ، ތަހުނިޔާގެ ފަރާތުން ޢާޞިފަށް ފެނުނީ ، ހާސްކަމާއި ކަންބޮޑުވުމެވެ. އެހާސްކަން މިހާރުވެސް ، ތަހުނިޔާގެ މޫނުމަތިން ފެންނަން އެބަހުއްޓެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގައިގެން އެބައުޅޭކަމުގެ ވަސް ، ޢާޞިފަށް ދުވިއެވެ. ތަހުނިޔާގާތަށް އައިސް ، ކައިރީހުރި ގޮނޑީގައި ޖައްސައިލިއެވެ. ތަހުނިޔާގެ ހިތުގައިވަނީ ކޮންކަހަލަ ތަކުލީފުތަކެއްތޯ ޢާޞިފް ސުއާލު ކުރިއެވެ. ތަހުނިޔާއަކީ ، ކުޑައިރުއްސުރެ ވަރަށް ސިޔާސަ ކުއްޖެކެވެ. ގޭގައި ހަމައެކަނިހުރި ކުއްޖާ ކަމަށްވާތީ ، ހިތުގައި ތަކުލީފުތަކެއް ހުންނާނެއެވެ. އުނިވާ ކަންތައްތަކެއް ހުންނާނެއެވެ. މިހާރު ތަހުނިޔާ އެހުރީ ބޮޑުވެފައެވެ. މިއީ ، ތަހުނިޔާގެ ހިތުގައި އުފާވެރިކަމުގެ އިޙްސާސް އުފެދެންވީ ދުވަހެވެ. ކައިވެނި ކުރެވި ، ރަނގަޅު ފިރިޔަކާއި އަޅާލާ ޢާއިލާއެއް ލިބިއްޖެއެވެ. އެމީހުން ތަހުނިޔާދެކެ އިންތިހާއަށް ލޯބި ވެއެވެ. އެ އުފާވެރިކަން ތަހުނިޔާއަށް ނުލިބިގެން އެއުޅޭ ސަބަބު އެއީ ، ޢާޞިފްގެ ހިތުގައި އުފެދިފައިވާ ވަރަށްބޮޑު ސުއާލެކެވެ.

ބުނާނެ ވަކި އެއްޗެއް ނޭނގި އިނދެމެ ، ބައްޕަޔާ ދިމާއަށް ތަހުނިޔާ ހީލިއެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލިތަނާ އޭނާގެ ފޯނު ރިންގވާން ފެށިއެވެ. އެއީ މުރުތަޟާގެ ފޯނެކެވެ. އެކަން ޢާޞިފަށްވެސް އެނގެއެވެ. މުރުތަޟާގެ ޢުމުރު ވަރަށް ދިގުކަމަށްބުނެ ތަހުނިޔާއާ ސަމާސާ ކޮށްލަމުން ، ހަމަޖެހިލައިގެން މުރުތަޟާއާ ވާހަކަ ދައްކާލާށޭ ބުނެ ، ޢާޞިފް އެތަނުން ދުރަށް ދިޔައެވެ.

ފޯނުނަގައި ، ސަލާމްވެސް ގޮވާނުލައި ، ބުނަންއޮތީ ކޮންވާހަކައެއްތޯ ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާ ބުނަންއޮތް ހަމައެކަނި ވާހަކަޔަކީ ، އެންމެންވެސް އެދެނީ ތަހުނިޔާ އެނބުރި ގެޔަށް އައުން ކަމަށެވެ. ހުރިހާމީހުންވެސް ތިބީ ވަރަށް ކަންބޮޑުވެފައެވެ. އެންމެންވެސް ތިބީ ކަންބޮޑުވެފައިތޯ ތަހުނިޔާ ސުއާލު ކުރިއެވެ.

" އަހަރެންނާ ، މަންމައާއި ދައްތައާ އަދި އަރުސަލާން އާއި ...... " ލިސްޓް ކިޔަމުންގޮސް އިތުރު ނަމަކާ ދިމާއަށް މުރުތަޟާގެ ވިސްނުން އެދިޔައީ ބޭ އިޚްތިޔާރުގައެވެ. މުރުތަޟާއަށް ދެން ބުނެވުނީ ، އެމީހުންގެ ހިތްދަތިކަން އިތުރުވާނެ ކަމެއް ތަހުނިޔާ ނުކުރުމަށެވެ.

ހުރިހާކަމެއްގައިވެސް ކުށްވެރިއަކީ ތަހުނިޔާކަމުގައި ރީތިކޮށް ބުނެ ، ތަހުނިޔާގެ ބޮލުގައި އިލްޒާމްތަކެއް އެޅުވިގެންދިޔަކަން ތަހުނިޔާއަށް އިޙްސާސް ކުރެވުނެވެ. އެކަންކުރުން އެއީ މުރުތަޟާއަށް މާބޮޑުކަމަކަށް ނުވިއެވެ. އަނެއްކޮޅުން ، މުރުތަޟާގެ މައްޗަށް އެޅުވިގެންދާ އިލްޒާމްތަކުގެ ޖަވާބު ދެވޭނެ ފުރުޞަތު ، މުރުތަޟާއަށް ލިބިގެން ނުދާކަން މުރުތަޟާއަށް އިޙްސާސް ކުރެވުނެވެ. އެކަމާގުޅިގެން މުރުތަޟާއަށް ލިބިގެންދާ ތަކުލީފުތަކަށް ، އެއްވެސްމީހަކު ވިސްނައި ޚިޔާލުކޮށެއް ނުލައެވެ.

ތަހުނިޔާ ، މުރުތަޟާމެންގެޔަށް ދިޔައިމަ އަންނާނެ ބަދަލަކީ ކޮބައިހެއްޔެވެ ؟ އެބަދަލެއް ، ހަމަގައިމުވެސް ތަހުނިޔާއަކަށް ނުވިސްނެއެވެ. ތަހުނިޔާ މިއަދު ، އެގެޔަށް ދިޔަޔަސް ، ހުރިހާ އިލްޒާމެއް އެޅުވޭނީ އޭނާގެ ބޮލުގައެވެ. އެހެންކަމުން ، ގެޔަށް ދިއުމުގެ ބޭނުމެއް ތަހުނިޔާއަކަށް ނުވިސްނެއެވެ. ތަހުނިޔާއާއި މުރުތަޟާއާ ދެމީހުން ، ވާހަކަދައްކާލައި ، ޙާލަތަށް ރިޢާޔަތްކޮށް ، ދެމީހުންވެސް ވަކިކަންތައްތަކެއް ޤަބޫލުކޮށްފިއްޔާ ، ހުރިހާކަމެއް ހަމަޔަކަށް އެޅިގެން ހިނގައިދާނެކަމަށް ، މުރުތަޟާއަށް ޤަބޫލު ކުރެވެއެވެ. އެހެނަސް ، އެކަން ތަހުނިޔާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ނޫރުއާއި މުރުތަޟާއާ ދެމީހުންނާބެހޭ ވާހަކަ ނުދައްކައި ، މުރުތަޟާއާއި ތަހުނިޔާއާ ދެމެދުގައި ވާހަކަތަކެއް ދައްކައިގެން ، މައްސަލަ ޙައްލު ކުރެވިދާނެކަމަށް މުރުތަޟާއަށް ފެންނަނަމަ ، އެދެމީހުން ވާހަކަ ދެއްކުމަކީ ، ތަހުނިޔާގެ ނަޒަރުގައި ބޭކާރު ކަމެކެވެ.

ތަހުނިޔާއާއި މުރުތަޟާއާ ދެމެދުގައި ދެކެވޭ ވާހަކަތައް އެއީ ، އެދެމީހުންގެ މެދުގައި  ދެކެވޭ ވާހަކަތަކެއްކަމަށް ބަލައިގެން ، ކުރިޔަށް ދެވިއްޖެނަމަ އެކަމުގައި އޮތް ފައިދާ މުރުތަޟާއަށް ވަރަށް ސާފެވެ. އަދި އެއީ ، މުރުތަޟާ ބޭނުންވެސްވާ ގޮތެވެ. އެހެން އެއްވެސްމީހަކު އެކަމުގައި ޝާމިލްކުރާކަށް މުރުތަޟާ ބޭނުމެއް ނޫނެވެ.

" މުރުތަޟާއެވެ ! އެ އަންހެންކުއްޖާގެ ނުފޫޒު ތިއޮތީ ، މުރުތަޟާގެ މުޅި ވިސްނުމާއި ފިކުރާ ކުޅެފައެވެ. މުރުތަޟާއަކީ އެއަންހެންކުއްޖާގެ ޙައްޤެއްކަމަށް އެބަ ދަޢުވާ ކުރެއެވެ. އަހަރެންނަށް ހީވާގޮތުގައި ، އަހަރެމެން ތިންމީހުންގެ ތެރެއިން ، ބޭރުކޮށްލެވިފައި މިހުރީ އަހަރެންނެވެ. އެކަމަކުވެސް އަހަރެންނަކީ ، މުރުތަޟާގެ އަނބިމީހާ އެވެ. މީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ ؟ " ތަހުނިޔާގެ އަޑަށް ބާރުލާފައި ބުންޏެވެ.

ތަހުނިޔާ އެދެއްކި ވާހަކަތަކަކީ ، މުރުތަޟާއަށް އެހާ މުހިންމު ވާހަކަޔަކަށް ނުވިއެވެ. މުރުތަޟާގެ އެދުމަކީ ، އެންމެންގެ ތަކުލީފާއި އެންމެންގެ މަޞްލަޙަތަށް ބަލައި ، ތަހުނިޔާ އެނބުރި ، ހަވީރު ގެޔަށް އައުމެވެ. މުރުތަޟާގެ މަޞްލަޙަތާއި މުރުތަޟާގެ ނަން ، އެ އެންމެންގެ ތެރޭގައިވުމަށް ތަހުނިޔާ ހުރީ އެދިއެދިއެވެ. އެހެނަސް ، އެއީ މުރުތަޟާ އިސްކަންދޭކަމެއް ނޫނެވެ. އެންމެންގެ މަޞްލަޙަތަށް އަދިވެސް ބަލަންވީ ތަހުނިޔާއެވެ.

ތަހުނިޔާގެވެސް ހިތެއް އޮވެއެވެ. އެހިތްބުނާ އަޑުއަހަން ތަހުނިޔާވެސް ބޭނުމެވެ. ތަހުނިޔާ ބޭނުންވާ ގޮތް ، އެހިތް ބުނެދިނުމުގެ ބަދަލުގައި ، އެހެންމީހުންބުނާގޮތަށް ހަދައި ، އެހިތަށް ތަދުކުރާކަށް ތަހުނިޔާވެސް ބޭނުމެއްނޫނެވެ.

ތަހުނިޔާ ބޭނުންގޮތަކަށް ހަދާށޭ ބުނެ ، މުރުތަޟާ ފޯނު ކަނޑައިލިއެވެ. މުރުތަޟާއާ ވާހަކަ ދައްކާލައިގެންވެސް ތަހުނިޔާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. މުރުތަޟާގެ ފަރާތުން ތަހުނިޔާ ބޭނުންވާގޮތް ޙާޞިލެއް ނުކުރެވުނެވެ. ހިތަށް ލިބިފައިވާ ހާސްކަމާއި ތަކުލީފު ، ވީ އިތުރެވެ. މުރުތަޟާ ބޭނުންވީކަމެއްވެސް ނުފުދުނެވެ. ތަހުނިޔާއާ ނުލައި ހަވީރު ގެޔަށް ނައުމަށް މަންމަ އޮތީ އޭނާގާތު ބުނެފައެވެ. އެކަން ކުރެވޭކަށް ނެތެވެ.

ތަހުނިޔާގެ ފޯނު މޭޒުމަތީ ބޭއްވުމަށްފަހު ، އެނބުރިލިތަނާ އޭނާއަށް އެފެނުނީ ، އެތާ ކައިރީ މަޑުކޮށްލައިގެންހުރި ، އޭނާގެ ބައްޕައެވެ. އެ ބައްޕަގެ މޫނުމަތިން ފާޅުވާންހުރި ސުއާލުތަކަށް ޖަވާބު ލިބިއްޖެއެވެ. އެއީ ، ތަހުނިޔާގެ މިއަދުގެ ޙާލަތެވެ. އިހަށްދުވަހު ، މީހަކާ ދެވާފަ އެގެއިން ، ޢާޞިފް ފޮނުވައިލި ، އޭނާގެ ދަރިފުޅަށް ކުރިމަތިވެފައިވާ ތަކުލީފެވެ. ތަހުނިޔާއާ އިތުރު ސުއާލެއް ނުކުރިޔަސް ޢާޞިފަށް ބޭނުންވާ ޖަވާބު ލިބިއްޖެއެވެ. މުރުތަޟާ ކޮބައިތޯ އަހައި ، މުރުތަޟާގެ ވާހަކަ ދައްކައިލެވޭ ހިނދު ، ތަހުނިޔާއަށް ލިބޭ ހަމަހިމޭންކަމުގެ ސިއްރަކީ އެއީކަން ޢާޞިފް ދެނެގަތެވެ.

ކަންބޮޑުވެފައިހުރެ ، ތަހުނިޔާ އޭނާގެ ބައްޕަޔަށް ގޮވައިލިއެވެ. ޢާޞިފްހުރީ އެކުރިމަތިވެގެން އުޅޭ އެއްވެސްކަމެއް ނޭނގިއެވެ. އެކަހަލަ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ، އޭނާގާތަކު ނުބުނެއެވެ. ހުރިހާކަމެއް އޮތީ އޭނާއަށް ސިއްރު ކުރެވިފައެވެ. ތަހުނިޔާވެސް އަދި ސާޖިދާވެސް އޭނާގާތު އެއްވެސް ވާހަކައެއް ނުބުނެވެ. ނުރުހުމުގެ ޢިޝާރާތަކަށް ބޯހޫރައިލުމަށްފަހު ، އެއްވެސް އެއްޗެކޭ ނުބުނެ ، ޢާޞިފް އޭނާގެ ކޮޓަރިޔަށްގޮސް ވަނެވެ.

މުރުތަޟާއިނީ ، އޭނާކުރި މަސައްކަތް ފެނަށްދިޔައިމަ ، އެކަމާ ބޯހާސްވެގެން ނިތްކުރިމަތީ ދެއަތް އަޅައި މޫނު ފޮރުވައިގެންނެވެ. ފޯނު ރިންގވާއަޑަށް ސިއްސައިގެންގޮސް ފޯނު ބަލައިލިއިރު އެއީ އޭނާގެ މަންމަގެ ފޯނެކެވެ.

މުރުތަޟާއާ ފުރަތަމަވެސް ކުރިމަތިވީ މަންމަގެ ސުއާލެވެ. އޭނާގެ ސަލާމްވެސް ބަލައި ނުގަނެއެވެ. ޙަފުޞާ ބޭނުންވީ ، މުރުތަޟާ ހަވީރު ގެޔަށް އަންނައިރު އަންނާނީ ، ތަހުނިޔާ ގޮވައިގެންކަން ކަށަވަރު ކުރުމަށެވެ. މުރުތަޟާގެ ޖަވާބަކަށްވީ ނޫނެކެވެ. އޭނާއަށް އެކަން ކުރެވޭކަށް ނެތެވެ. އެނބުރި ގެޔަށް އަންނަންވީ މަގު ، ތަހުނިޔާއަށް އެނގޭނެއެވެ. އެހެންމީހަކު ، މަގުދައްކާކަށް ނުޖެހޭނެއެވެ.

އެކަމާ ޙަފުޞާއަކަށް ހިތްހަމަޖައްސައެއް ނުލެވުނެވެ. ޙަފުޞާއަށް ނިންމުނީ ، އެކަންކުރަން މުރުތަޟާ ބޭނުންނުވާ ކަމުގައެވެ. އެހެނަސް ، އެވަރުގެ ކުޑަކުޑަ ކަމަކުންވެސް ، ދިރިއުޅުމުގެ ރާސްތާ ފަސޭހަވެގެން ހިނގައިދާނެކަން ، ޙަފުޞާ ، މުރުތަޟާއަށް ހަނދާން ކޮށްދިނެވެ. ތަހުނިޔާ ބަލައި މުރުތަޟާ ހިނގައްޖެނަމަ ، ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް ، އަލުން އިތުބާރު އުފެދޭނެއެވެ. މުރުތަޟާ ހިނގައްޖެނަމަ ، ތަހުނިޔާ އުފަލުން އަންނާނެއެވެ. އެކަން މުރުތަޟާއަށް ނުވިސްނޭތީ ޙަފުޞާހުރީ ކަންބޮޑުވެފައެވެ. އެމައްސަލަ ޙައްލުކުރަން މުރުތަޟާ ބޭނުންވާ ގޮތާއި ، ޙަފުޞާ ބޭނުންވާގޮތުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެކަމުގައި ދެމައިންގެ ވިސްނުން އެއްގޮތެއް ނޫނެވެ. ޙަފުޞާ ބޭނުންވަނީ ކުއްލި އަދި ވަގުތީ ޙައްލެކެވެ. މުރުތަޟާ މަސައްކަތް ކުރަމުން އެގެންދަނީ ، އެކަމަށް ދާއިމީ ޙައްލެއް ހޯދޭތޯއެވެ.

މުރުތަޟާ ، ތަހުނިޔާއަށް ފޯނުކުރި ވާހަކައާއި ، ތަހުނިޔާ އަތުވެދާނެކަމަށް މުރުތަޟާއަށް ނުފެންނަ ވާހަކަ ބުނުމުން ، ޙަފުޞާގާތަށް އައި ރުޅި އަދިވަކިން ގަދަވިއެވެ. މަންމައަށްޓަކައި މިއަދު އެގެޔަށް ދާން ، ގަދަ އަމުރުން އަމުރުކުރުމަށްފަހު ، ޙަފުޞާ އޭނާގެ ފޯނު ކަނޑައިލިއެވެ.

އެކަކާ ނުލައި އަނެކަކަށް އުޅެވޭކަށް ނެތެވެ. އެކަމަކު ، އެކަކުވެސް ގުޅޭކަށް ނެތެވެ. އެންމެންނަކީވެސް އެމީހެއްގެ ގޮތުގައި ރަނގަޅު މީހެކެވެ. މުރުތަޟާ ދެލޯ މަރައިލިއެވެ. އޭނާއަށް ކުރެވޭނެ އިތުރުކަމެއް ، އެކަމުގައި ނެތްކަން މުރުތަޟާއަށް ވިސްނުނެވެ. މަންމަ ކަމަށްވިޔަސް އޭނާއަށް ކުރެވެން ނެތްކަމެއްގައި ، ހެދޭނެ އިތުރުގޮތެއް އޭނާއަކަށް ނުފެނުނެވެ. މުރުތަޟާގެ ބޮލުގައިވެސް އެހާވަރަށް ރިއްސައެވެ. އެކަން އެނގޭމީހަކު މި ދުނިޔެއަކު ނެތެވެ. ކައިރީގައި އޮތް ޕެންޑޯލްގުޅަ ނެގުމަށްފަހު ، ފެންފޮދެއް ބޯލައި ބޭސްކައިގެން ، އަނެއްކާވެސް ، މުރުތަޟާ އޭނާގެ ދެލޯ މަރައިލިއެވެ.

******************************

ތަހުނިޔާމެންގެ ގޭތެރޭގައި އޮތީ ހިތްދަތިކަމާއި ހާސްކަމެވެ. އެކަމަށް ޙައްލެއްލިބެން އޮތް ހަމައެކަނި ގޮތަކީ ، މުރުތަޟާ ، އޭނާގެ ގޮތްދޫކޮށްލައި ، ނޫރުލްޢައިނުއާ ވަކިވުމެވެ. އެނޫންގޮތަކަށް ، ތަހުނިޔާގެ ދިރިއުޅުމަށް ކުރިމަގެއް ފެންނާނެކަމަކަށް ސާޖިދާއަކަށްވެސް ނުފެނެއެވެ. ޢާޞިފުގާތު އެވާހަކަ ދައްކާނެގޮތެއް ސާޖިދާއަކަށް ނޭނގުނެވެ.

އެހުރިހާކަމެއްވެގެން ދިޔައިރުވެސް ، ތަހުނިޔާގެ ފަރާތުންވެސް އަދި ސާޖިދާގެ ފަރާތުންވެސް ، ޢާޞިފަށް އެއްވެސް ކަމެއް އަންގައި ނުލާތިބީތީ ، ޢާޞިފުހުރީ ހިތްހަމަ ނުޖެހިފައެވެ. ވެގެންއުޅޭގޮތެއް އޭނާއަށް ރަނގަޅަށް ސާފުކޮށްދިނުމަށް ، ޢާޞިފު އެދުނެވެ. އޭނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. އެއްވެސްކަމެއް ރަނގަޅަށް އެނގުމަކާނުލައި އެއްވެސް ނިންމުމެއް އިންސާނަކު ނިންމައިފިނަމަ ، އެމީހަކު ލޯބިވާމީހުން އެކަން ބަލައިގަންނަން ޖެހޭނެއެވެ. ތަހުނިޔާގެ ހިތުގައިވާ އުދާސްކަމާއި ކަންބޮޑުވުން ޢާޞިފަށް އިޙްސާސް ކުރެވެއެވެ.

ޢާޞިފަށް ޤަބޫލު ކުރެވޭގޮތުގައި ، ތަހުނިޔާގެ މައިދައިތަ ޙަފުޞާއާއި ފަހަރި ޠާހިރާއަކީ ، ޚުލްޤު ރަނގަޅު ދެމީހުންނެވެ. އެދެމީހުންވެސް ތަހުނިޔާދެކެ އިންތިހާއަށް ލޯބިވެއެވެ. ތަހުނިޔާއަށް ކަމޭ ހިތައެވެ. އެފަދަބަޔަކު ލިބޭނީ ، ވަރަށް ނަސީބުގަދަ އަންހެން ކުއްޖަކަށެވެ. ސާޖިދާވެސް އެކަމަށް އެއްބަސްވިއެވެ. މުރުތަޟާއަށް ބަލާއިރު ، އެއީ ނުލިބޭފަދަ ދަނބިދަރިއެކެވެ. ޢާއިލާގެ އެންމެންވެސް ބަލަހައްޓަމުން އެގެންދަނީ ، އެހާ އަޅައިލުމާއި އޯގާތެރިކަމާއެކު ، ލޯބިންނެވެ.

ޢާޞިފަށް ، މުރުތަޟާ ފެންނަނީ ، އެގެ ބަލަހައްޓައި ރައްކާތެރިކަމާއެކު ، އާބާދުކުރާނެ މީހެއްގެ ގޮތުގައެވެ. އެހެން ނޫންނަމަ ، މުރުތަޟާ ، އިރުއިރުކޮޅުން ތަހުނިޔާއަކަށް ނުގޮވާނެއެވެ. މުރުތަޟާ ، މަގުން ކައްސާލާނަމަ ، ހެޔޮމަގަށް އެޅުވުމަކީ ، ތަހުނިޔާގެ ކަމެއްކަމުގައި މުރުތަޟާ ދެކެއެވެ. ތަހުނިޔާގެ އޯގާތެރިކަމާއި ލޯތްބަކީ ، އެކަމަށް ބޭނުންކުރެވިދާނެ އެންމެ ފުރިހަމަ ހަތިޔާރެވެ.

" ބައްޕާއެވެ ! އެކަމަކު ނޫރުލް ޢައިނު ..... " ތަހުނިޔާގެ ވާހަކަ ، ޢާޞިފް ވަގުތުން ހުއްޓުވިއެވެ. ތަހުނިޔާއާ ދިމާއަށް ހަޅޭއްލަވައިގަތުމުން ، ތަހުނިޔާއަށް ސިހުންލިބި އޭނާގެ ވާހަކަ ހުއްޓުނެވެ.

ނޫރުލްޢައިނުގެ ވާހަކަ ދައްކާނެކަމެއް ނެތެވެ. އެއީ ކީއްކުރަން ދައްކާ ވާހަކައެއްތޯ ޢާޞިފް ސުއާލު ކުރިއެވެ. އެހެންމީހުންގެ ވާހަކަ ނުދައްކާށެވެ ! އެހެންމީހުންގެ ވާހަކަ ދައްކައިގެން ، ދުވަހަކުވެސް އެވާހަކަތަކެއް ހުހެއް ނުވާނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.