ވަންދޫއާއި ހުޅުދެލީގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ތ. ވަންދޫއާއި ދ. ހުޅުދެލީގައި  ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ދެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މި ދެ ރަށުގެ ތެރެއިން ވަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ތ. އަތޮޅު ކައުންސިލް ރައީސް އަބްދުﷲ ޝަރީފްއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ މަދުންނަމަވެސް އެރަށުގައި ހިނގާ ކުށްތަކާއި އަލަށް ތައާރަފުވުމަށް ފުރުސަތު އޮތް ކުށްތަކުން އެރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކުރުންކަމަށް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ގާނޫނު ދެމެހެއްޓުން ކަމުގައި ވިދާޅުވިއެވެ.

ހުޅުދެލީ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު މެންދުރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ހުޅެދެލީ ކައުންސިލު ނައިބު ރައީސް އިބްރާހިމް ޝިނާޒްއެވެ.

ހުޅުދެލީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިރާއްޖެއަކީ ތަންމިނަށް ހުޅުވިފައިވާ ގައުމަކަށްވެފައި ކުށް ދައުރުވުން އެހެން ގައުމުތަކާ އަޅައިބަލާއިރު ހަލުވި ގައުމަކަށްވީތީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ދާހިލީ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނުނު ތަންފީޒްކުރުވައި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދޭ މަރުކަޒެއް ހުޅުވައި ޚިދުމަތް ދިނުމަށް ފުލުހުންގެ ގާނޫނު ލާޒިމުކުރާކަމަށް ވިދާޅުވިއެވެ.

ވަންދޫ އަދި ހުޅުދެލީ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.