ގިރާވަރުމީހުން މަސްކެއްކި ފިނޮޅު

ފުރަމާލެއަކީ ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށެވެ. މާލެއަކީ އޮތްތަނެއްކަން އެނގުނުކަމަށް ތުންތުންމަތިން އިވެމުންގޮސްފައިވާ  ވާހަކަތަކުން ، ތާރީޚުގައި ލިޔެވިފައި އޮންނަނީ ، މީލާދީން 5 ވަނަ ޤަރުނުގެ ތެރޭގައި ކަމުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅެންފެށިތާ 2500 އަހަރުވެއްޖެކަމަށް ތާރީޚު ފޮތްތަކުން ދައްކައެވެ.

އިހުމީހުންގެ ވާހަކަތަކުން ، ހާމަވާ ގޮތުގައި ކުރިން މާލެއަކީ ފިނޮޅެކެވެ. ފިނޮޅަކީ ، ފަޅުފަޅުގައި ދޮންވެލިން އުފެދި ، ފެނުން މައްޗަށް ހިކިފައި ހުންނަ ތަންތަނެވެ. މޫދުން ހިކިފައި އޮންނަ ، ރުކާއިގަސްނެތް ދޮންވެލި ގަނޑަށްވެސް ފިނޮޅޭ ކިޔައެވެ. އެއީ ދޮންވެލި ފިނޮޅެވެ. މާލެއަށް ނިސްބަތްވާ އެފިނޮޅު ގިނައިން ބޭނުންކުރަމުން އައިސްފައިވަނީ ، ގިރާވަރު މީހުންނެވެ. ރާއްޖޭގައި އިހުއްސުރެ އޮންނަ އެންމެ ޢާންމު މަސައްކަތަކީ މަސްވެރިކަމެވެ. ފިނޮޅެއްގެ ގޮތުގައި މާލެއޮތްއިރު ، ގިރާވަރުމީހުން އެފިނޮޅު ބޭނުންކުރަމުން އައިސްފައިވަނީ ، އެމީހުން މަސްކަނޑަން އައިސް އުޅޭ ތަނެއްގެ ގޮތުގައެވެ.

މާ ، ބޭނުންކުރެވޭ އެއްމާނަޔަކީ ، ގިނަތަކެތި ބަޔާންކުރުމަށެވެ. ނުވަތަ އެއްޗެއްގެ ޖަމާ ސިފަކޮށްދިނުމަށެވެ. މަސްކަނޑާ ތަނެއްގައި މަހުލެޔަކީ ގިނަ އެއްޗަކަށްވާނެއެވެ. މާލޭގެ ނަން ، ގިރާވަރުމީހުން ކަނޑާ މަހުން އުފެދޭ ލޭގެ ޖަމާއަށް ބަލައި ، މާ ލެޔަށް ނިސްބަތްވުމަކީ އެކަށީގެންވާ ކަމެކެވެ.

ޒަމާންތަކެއް ދިއުމަށްފަހު ، މާލެ  ( ފިނޮޅު ) ބޮޑުވަމުން އައިއައުމުގައި ރަށެއްގެ ސިފަޖެހި ، ރުކާއި ގަސް ހުންނަ ތަނަކަށް ބަދަލުވިއެވެ. ގިރާވަރު މީހުންނަކީ ، ބުނެވޭގޮތުގައި ކުރިން ، ރާއްޖޭގައި ވެރިކަންކުރަމުން އައި މީހުންނެވެ. އިހުގެ ރަސްކަލެއްކަމުގައިވާ ކޮއިމަލާއާއި އެރަސްގެފާނުގެ އަނބިކަނބަލުން ، މާލޭގައި ވަޒަންވެރިވެވަޑައިގަތީ ގިރާވަރުމީހުންގެ ހުއްދަ ހޯއްދަވައިގެންނެވެ. ރަސްކަމުގެ ހަމަތަކާއި ޤަވާޢިދުތަކުން ގިރާވަރުމީހުން އިސްތިސްނާ ކުރެއްވިއެވެ. ގިރާވަރުމީހުންގެ އާދަކާދައާއި ސަޤާފަތާއި އެނޫންވެސް ދިރިއުޅުމުގެ ކަންކަން ހުންނަނީ ރާއްޖޭގެ އެހެން ރަށްރަށާ ތަފާތު ކޮށެވެ. ވަރި އެއީ ، ގިރާވަރުމީހުން ނުކުރާ ކަމެކެވެ. ގިރާވަރުގެ އިސްވެރިޔަކަށް ހުންނަނީ އަންހެނެކެވެ. އެއީ ފޫޅުމައި ދައިތައެވެ. ހެދުން އެޅުމާއި ގަހަނާ އެޅުން އަދި ވާހަކަދެއްކުމުގައި ގިރާވަރުމީހުންނަކީ ، ރާއްޖޭގެ އެހެން ރަށްރަށާ ތަފާތު ބަޔެކެވެ. ދިވެހިބަހުގައި ބޭނުންކުރެވޭ ޅ ގެ ބަދަލުގައި ގިރާވަރުމީހުން ބޭނުންކުރާނީ ރ އެވެ. އެއީ ކޮތަޅު ކަމަށް ވަންޏާ އެމީހުން ކޮތަޅަށް ކިޔާނީ ކޮތަރެވެ.

1932 ގައި ، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ރާއްޖޭގައި އަލަށް ތަޢާރުފް ކުރެވުނު ، ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން ، ގިރާވަރުމީހުންނަކީވެސް ، ޤާނޫނީ ހަމަތަކުން އިސްތިސްނާ ނުވާ ބަޔަކަށް ވެގެންދިޔައެވެ. ރާއްޖޭގެ ރަސްކަމުގެ ބާރު އަދި ޤާނޫނީ ބާރުވެރިކަން ގިރާވަރުމީހުންގެ މައްޗަށް ހިނގަން ފެށުނީ އެހިސާބުންނެވެ.

ހުކުރު ހަމަވާ ޢަދަދަކީ ، ބާލިޣުވެފައިވާ 40 މީހުންކަމަށް ބަލައި ، ގިރާވަރުގައި ހުކުރު ހަމަނުވާތީ ، 1968 ގައި ، ގިރާވަރުމީހުން ހުޅުލެޔަށް ބަދަލު ކުރެވުނެވެ. ރާއްޖޭގައި ހުކުރު ހަމަނުވާ އެހެން ރަށްރަށުގެ މީހުންވެސް ، އެހެން ރަށްރަށަށް ، ހަމަ އެދުވަސްވަރު ބަދަލު ކުރެވުނެވެ. ހުކުރު ހަމަނުވާތީ ގިރާވަރުމީހުން ހުޅުލެއަށް ބަދަލުކުރުމަށްފަހު ، 1978 ގައި ގިރާވަރުމީހުން މާލެއަށް ބަދަލު ކުރެވުނެވެ. އެއީ ހުޅުލޭ އެއާރޕޯރޓް ބޮޑުކުރަން ވެގެންނެވެ.  ގިރާވަރުމީހުންގެ ކައިވެންޏެއް ރޫޅުނު ފުރަތަމަ ވަރި ، ހިނގާފައިވަނީ 1978 ގެފަހުން މާލޭގައި ކަމަށް ބެލެވެއެވެ. އެއަށްފަހު ، އަލަށް ފައްކާވަމުންދިޔަ ގިރާވަރުގެ ޒުވާނުން ޒަމާނީގޮތްތަކަށް ބަދަލުވެ ، މާލޭގެ މީހުންނާ މަސްހުނިވެ ، ގިރާވަރުގެ އަސްލު އާދަކާދައާއި ސަޤާފަތް ބަދަލުވެގެން ދިޔައެވެ. ކުރިން ، ގިރާވަރުމީހަކު ފެނިއްޖެނަމަ ، އެއީ ގިރާވަރު މީހެއްކަން އެނގޭނެއެވެ. އެހެނަސް ، މިހާރަކު ގިރާވަރުމީހުންނެއް ވަތްކެއް ނުވާނެއެވެ.

ކޮންމެއަކަސް ، ކޮއިމަލާ ރަދުންނާއި އަނބިކަނބަލުން ، ގިރާވަރުމީހުންގެ ހުއްދަ ހޯއްދަވައިގެން މާލޭގައި ވަޒަންވެރިވެ ވަޑައިގަތުމާއެކު ، މާލޭގެ އާބާދީ އިތުރުވަމުން ދާން ފެށިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ، އެކި އަތޮޅުތަކުން ، އެކި ރަށްރަށުން މާލެއަށް މީހުން ބަދަލުވެ ، މާލޭގެ އާބާދީ އިތުރުވެގެން ދިޔައެވެ. މާލެއަކީ ވަކި ދަރިފަސްކޮޅަކަށް ނިސްބަތްވާ ރަށެއްނޫނެވެ. އެއީ ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ރަށެކެވެ. ރާއްޖޭގެ ރައްޔިތުންކުރެ ، އެކި ރަށްރަށުން މީހުން ހިޖުރަކޮށް އާބާދުވެގެންދިޔަ ރަށެކެވެ.

މާލެއަކީ ، މިހާރު ރާއްޖޭގެވެސް އަދި ދުނިޔޭގައިވެސް ، އެންމެ އާބާދީ ގިނަ އެއްރަށް ކަމުގައި ބެލެވޭ ތަނެކެވެ. އާބާދީ އިތުރުވަމުން ދިއުމާއެކު ، ގޯތިގެދޮރުގެ މައްސަލަތައްވެސް އިތުރުވަމުން ދިޔައެވެ. މާލޭގެ ފަޅުން ، ކޮށިނަގައި ކުނިއަޅައިގެން އަމިއްލަޔަށް ހިއްކައިގެން ގޯތިހޯދި މީހުންވެސް މަދެއްނޫނެވެ. އެދުވަސްވަރުވެސް ، ކެރިފޯރުންތެރިކަން ހުރިމީހުން ، ބޮޑެތިކޮށިތައް މޫދުން ނަގައި ކުނިއަޅައިގެން ހިއްކާ ، ބޮޑެތިގޯތިތައް ހޯދާފައި ވެއެވެ. އެމީހެއްގެ ފެންވަރުން ، ގޮޅިއެއް ނަގައިގެން ކުނިއަޅާ ހިއްކައިގެން ކުދިކުދި ގޯތި ހޯދިމީހުންވެސް މަދެއްނޫނެވެ. އެ ގޯތިތައް ، ކުނިއަޅައިގެން ހިއްކާފައިވަނީ މާލޭގެ ހުޅަނގުފަރާތު މޫދުންނެވެ.

މާލޭގެ ބިމަކީ ، އެކިދުވަސްވަރު އެކިގޮތަށް ބެހެމުންދިޔަ އެއްޗެކެވެ. ގިރާވަރުމީހުން މަސްކެނޑި ފިނޮޅަށް އައިސް ވަޒަންވެރިވެ ، މާލޭގެ ކަމުވޮށިވެގެންވާ މީހުންނަށް ވީ ބަޔަކު ، މާލެއިން ހުސްތަންކޮޅެއް ފެންނައިރަށް އަމިއްލަޔަށް ކަޑަޖަހައި ، އެތަންތަން އަމިއްލަ ކުރަމުންދިޔަ ދުވަސްވަރެއްވެސް ދިޔައެވެ. މާލޭގެ އުތުރު ފަރާތުން އޮޑިހަރުގެ ނަގައި އެތަންތަން އަމިއްލަ ކުރަމުންދިޔަބަޔަކުވެސް އުޅުނެވެ. އެ އޮޑިހަރުގެތައް މިހާރު އެހުރީ ، އުސްކޮށް ޢިމާރާތްކޮށްފައިހުރި ބޮޑެތި ބިނާތަކަށް ވެފައެވެ.

މާލޭގެ ބޮޑުން ނަގައި އަމިއްލަކޮށްގެން އުޅުނު ބިންބިމުގައި ޖިފުޓިއެއް ހަދަން މަޖުބޫރުވި ދުވަސްކޮޅެއްވެސް ދިޔައެވެ. އަދި އެ ޖިފުޓިތަކުގައި ބައްތި ނުދިއްލާނަމަ ، އެތަންތަން ސަރުކާރަށް ނެގި ދުވަސްވަރެއްވެސް ދިޔައެވެ. ބަކަރިކޮށިތައް ހަދައި އެބިންތައް އަމިއްލަކުރި މީހުންވެސް ތިއްބެވެ.

ހަމައެއާއެކު ، ބިންނެތިގެން ، މިސްކިތްތަކުގެ ސަހަރާތަކުން މިނިކަށި ނަގައި ، އެތަންތަނުގެ ކަށްވަޅު ހުސްކޮށް ގޯތިދިން ދުވަސްވަރެއްވެސް ދިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ދައުލަތުގެ ވަޒީރުންނަށް ގޯތިދީ ، އެގޯތި ޢިމާރާތްކުރުމަށް ދައުލަތުން ލޯނުދިން ދުވަސްވަރެއްވެސް މާޒީވެފައި އެބައޮތެވެ. ހޯމް މިނިސްޓްރީގެ ލޭންޑް ރަޖިސްޓްރޭޝަން ޑިވިޝަނުގައި ބަސްކިޔަންތިބޭ ބައެއްގެ ބާރުގެ ދަށުގައި މާލޭގެ ހުސްކޮށް އޮންނަބިން އޮވެ ، އެފަދަ ބިންކޮޅުކޮޅު ، އެކިމީހުންނަށް ބެހިގެންދިޔަގޮތް އެއީ ، އިންސާފުން ހިނގާފައިވާ ކަމެއްނޫންކަން މި އިނގެނީ މިހާރުއެވެ. އެކަހަލަ ވާހަކަ ދައްކާލަން އަނގަހުޅުވައިލުމުގެ ފުރުޞަތު ލިބުނީމައެވެ. މާލޭގެ ދެކުނު ފަރާތް ހިއްކުމަށްފަހު ، ގޯތިތަކެއް ހަދިޔާކޮށް ، ދޫކުރެވުނެވެ. އެގޯތިތައްވެސް ދެވުނީ ، ރައީސް އޮފީހުގެ މުއައްޒަފުންނަށާއި ، ވަޒީރުންނަށް ދެވުނު ފުރުޞަތެއްގައި ވަޒީރުންގެ ރައްޓެހިންނާއި ޑްރައިވަރުންނާއި ، ވެރިކަމާ ދޯޅު މީހުންނަށެވެ. މާލެއިން ގޯތިލިބޭނީ މާލޭމީހުންނަށްކަމަށް ބަޔާންކުރާ ހަމައާއި ޤަވާޢިދު އޭރުވެސް އޮތެވެ. މަޖިލީހުގެ މެންބަރަކަށްވީމަ ، ވަޒީރަކަށްވީމަ ނުވަތަ އެނާރެހުގައި އެނބުރޭ ކޮންމެ މީހަކަށްވިޔަސް ، މާލެނޫން އެހެން ރަށެއްގެ މީހަކަށްވިޔަސް ، އެގޯތިތައް ބަހައިލެވުނީ ، ހަމަތަކާއި ޤަވާޢިދުތައް ފޫދުއްވާލާފައެވެ. އެހުންނަނީ އެދުވަސްވަރު ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫނެވެ. އެ ޙަޤީޤަތްވެސް އޭރުވެސް އޮތެވެ. އެވާހަކަ ދައްކަން ކެރުނު ، ހަމައެކަކުވެސް ނެތެވެ.

މާލޭގެ ރަޖިސްޓަރީގައި ނެތްމީހަކަށް މާލެއިން ގޯއްޗެއް ނުލިބޭގޮތަށް އޮތް ދުވަސްވަރެއްވެސް ދިޔައެވެ. އެ ޤަވާޢިދު ފޫއަޅުވައިލީ ، ކުރިންވެސް ދެންނެވިފަދައިން ، ރަށަކުން އައިސް ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ، ނުވަތަ ވަޒީރަކަށް ، ނުވަތަ ގޯއްޗެއް ލިބޭ " ފެންވަރު " ހަމަވާ މީހަކަށް މާލެއިން ގޯތިދޭން ، ސަރުކާރަށް ޖެހުނު ހިސާބުންނެވެ. އެފަދަ މީހަކަށް ގޯތިދޭން ޖެހުނީމާ ، މާލޭގެ ރަޖިސްޓަރީގައި އެމީހަކު އޮންނާކަށް ނުޖެހުނެވެ. ސިޔާސީ ގޮތުން ވެރިކަމުގެ ބާރާ ގުޅިފައިއޮތް ކޮންމެ މީހަކީ ، މާލެއިން ގޯތިދިނުމަށް ޝަރުތު ހަމަވާ މީހަކަށް ބަދަލުވެގެން ދެއެވެ. އެފަދަމީހުން ، ވަކިދުވަހަކު މާލޭގައި އުޅޭކަށް ނުޖެހެއެވެ.  އިއްޔެ ހެނދުނާ މާލެއައިސް ފުންމާލައި ، ފައިން ދޮންވެލި ނުހިކިއޮތަސް ވަރިހަމަވިއެވެ.

މާލެ ތޮށްޖެހި ، ބުރިބުރިއަށް ޢިމާރާތްތައް ހެދި ، ފްލެޓް އަޅަންފެށުނެވެ. ފްލެޓް ތަޢާރުފް ވުމަށްފަހު ، ސަރުކާރުގެ އެކިފެންވަރުގެ ވެރިންނަށް ދެވެންފެށީ ، ނިންމާ ފުރިހަމަކޮށްފައި ހުންނަ ފްލެޓްގެ ތަޅުދަނޑިއެވެ. އެވެސް ހިލެއެވެ. އެއާއެކު ، ހުޅުމާލެއިން ގޯތިދީ ، ގެސްޓްހައުސް އެޅުމަށް ބިންދޫކުރެވެމުން ދިޔައެވެ. އެކަންވެސް ދިޔައީ ކުރިއެކޭ އެއްގޮތަށް ، ވަޒީރުންނާއި ދައުލަތުގެ ވެރިންނާއި ޕާޓީގެ އިސް އެކްޓިވިސްޓުންނަށް ބެހިގެންދިޔަ ހަދިޔާ އަށެވެ. ހުޅުމާލެއިން ބިންހިއްކައި ، މާލެއާ ކައިރި ފަޅުތައް ހިއްކައިގެން ގޯތިދީ ، ފްލެޓްއަޅައިގެން ފްލެޓް ބެހުމުގެ މަސައްކަތްތަކެއް ، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ހިނގާފައި އެބައޮތެވެ. އެއީވެސް ހަމައާއި އިންސާފުން ކޮށްފައި އޮތްކަމެއްނޫނެވެ. ކޮންމެ ޕާޓީއެއްކަމަށްވިޔަސް ، ޕާޓީގެ އެކްޓިވިސްޓުންނަށް ގޯއްޗާއި ފްލެޓް ލިބެން ޖެހެއެވެ.

އެހެންކަމުން މާލޭގެ ބިމާއި ، މާލެކައިރީގައިވާ ފަޅުފަޅާއި ގިރިތައް ހިއްކައިގެން ދޫކުރެވޭ ގޯއްޗާއި އެތަންތަނުގައި އެޅޭ ފްލެޓްތައް ބެހުމުގައި ޝަރުތު ހަމަވުމާއި ނުވުން އެއީ މައްސަލައަކަށް ވަނީ ކިހާ ހިސާބަކުން ބާވައެވެ. އެއީ ، އެއްވެސް ޒަމާނެއްގައި ހަމައާއި އިންސާފުން ކުރެވިފައިވާ ކަމެއްނޫނެވެ. ކަރަޕްޝަނަށް މަގުފަހިވާގޮތަށް ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ، މާލެއިން ގޯއްޗާއި ފްލެޓް ދޫކުރެވިފައިވަނީ ، އިއްޔެއަކު މިއަދަކު ނޫނެވެ. އެއީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. ވެރިކަމުގައިތިބޭ ބަޔަކު ، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރަން ނޫންގޮތަކަށް ، މިމާލެއިން ، ގޯއްޗާއި ފްލެޓް ދޫކުރެވިފައެއް ނުވެއެވެ. ގިރާވަރުމީހުން މަސްކެނޑި ފިނޮޅު ކަމުގައިވާ ، މާލޭގެ ބިމާ އަދި ފަހުން ، މާލެއާއި މާލެކައިރީގައި ހުރި ރަށްރަށާއި ފަޅާ އަދި ފިނޮޅާއި ގިރިތައް ހިއްކައިގެން ، އިންސާފުން ، ގޯއްޗާއި ފްލެޓް ދިން ޒަމާނެއް ، ދިވެހި ތާރީޚުގައި އައިސްފައެއް ނުވެއެވެ.

ޒަމާންތަކެއް ވޭތުވެގޮސް ، ގިރާވަރުމީހުން މަސްކަނޑަން އައި ފިނޮޅު ބޮޑުވެ ، ފުރިގެން ، އެފިނޮޅު ކައިރީގައިވާ ފަޅާއި ރަށްރަށާއި ގިރިތައް ހިއްކަމުންގޮސް ، އަލުން އަނބުރާ ގިރާވަރާހަމަޔަށް ވަށާޖެހިގެން ދިޔައިރުވެސް ، ބިން ނުވަތަ ގޯއްޗާއި ފްލެޓް ދެވޭނެ އިންސާފުވެރި " ހަނދުވަރެއް " އަދިވެސް ނުދެއެވެ. މައްސަލަތަކާއި ޝަކުވާތައް އިންތިހާއަށް ގިނައެވެ. އެ ޝަކުވާއާއި މައްސަލައިގެ އަޑު އިވިގެންދަނީ އެކި ދުވަސްވަރު އެކިގޮތަށް އެކި މިންވަރަށެވެ. ގޯތިގެދޮރުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ، އިންސާފުވެރި ޙައްލެއް ނުގެނެވޭނަމަ ، އެކަން އަބަދުވެސް އޮންނާނީ އެގޮތަށެވެ. ބޭއިންސާފާއި ، މަކަރާއި ޙީލަތާ އަދި ކަރަޕްޝަނުން ފުރިގެން ، މަސްހުނިވެ ސަލާމަތްވާނެ ގޮތެއް ފެންނަންނެތް މުޞީބާތެއްގެ ގޮތުގައެވެ. ސިޔާސީ މީހުންނާއި އެމީހުންގެ ތިމާގެ މީހުންނާ އަދި ރައްޓެހިންނާއި ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ހަދިޔާ ކުރެވޭ މުދަލެއްގެ ގޮތުގައެވެ. އެދުމެއްނެތި ކުރެވޭ ވެދުމެއް ނޯންނާނެއެވެ. ޕޮއިންޓް އޮޅުވާލައިގެންކަމަށްވިޔަސް ، ގޯއްޗާއި ފްލެޓް ވެދުންކޮށްގެން އެދުން ޙާޞިލްކުރުމަކީ ސިޔާސީ މީހުންނަށް ބޮޑުކަމެއްނޫނެވެ. އެއީ އެމީހުން އަލަށްކުރާކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އެކަން ފެށިގެން އައި ގޮތެވެ.

ގިރާވަރުމީހުން މަސްކެއްކި ފިނޮޅަކީ ، މުޅިރާއްޖޭގެ ރައްޔިތުންގެ މިލްކެކެވެ. 1932 ވަނައަހަރު ޢަމަކުކުރަންފެށި ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން ، އެފިނޮޅުގެ މިލްކުވެރިކަން ، ގިރާވަރުމީހުންގެ އަތުން ވީއްލި ، ރާއްޖޭގެ އެންމެހައި ރައްޔިތުންގެ މިލްކަކަށް ބަދަލުވެގެން ދިޔައެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށަކީ ، ފުރަމާލެކަމަށް ޤާނޫނުއަސާސީގައި ލިޔެވިފައި އޮތަސް ، އެ ފުރަމާލޭގެ މިލްކުވެރިކަން ވަކިބަޔަކަށް ހިބަކޮށްދީފައެއް ނުވެއެވެ. ފުރަމާލެއާއި މާލެކައިރިން ބްރިޖުންނާއި ދަތުރުފަތުރުން ގުޅާލެވޭ ގްރޭޓަރ މާލޭގެ ބިމަކީ ހަމައެކަނި މާލެއަށް ވިހޭ ބައެއްގެ ޙައްޤެއްނޫނެވެ. އެއީ ، މުޅިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ޙައްޤެކެވެ. އެ ޙަޤޤީޤަތް ޤަބޫލުކޮށް ، ގިރާވަރުމީހުން މަސްކައްކަން ފިނޮޅަށް އައިގޮތަށް ، ރާއްޖޭގެ އެކިކަންކޮޅުތަކުން ފުރަމާލެއަށް ހިޖުރަކޮށް މާލެއަށް ދިރިއުޅުން ބަދަލުކުރި އެތައްބަޔަކު ، މާލޭގައި މިހާރު އެބަ އުޅެއެވެ.

ފިނޮޅެއްގެ ގޮތުގައި މާލެ އޮތްއިރު ، މާލެއަށް ބަޔަކު އައިގޮތަށް ، އަދި އެބައިމީހުން މާލޭގެ ބިން މިލްކުކުރިގޮތަށް ، އެކިޒަމާންތަކުގައި މާލެއައިސް މާލޭގައި ދިރިއުޅެމުންގެންދާ އެންމެންނަށްވެސް ، މާލެއިން ފުރިހަމަ އަދި ހަމަހަމަ ޙައްޤުތަކެއް ލިބެން ޖެހެއެވެ. މާލެއަށް ވިހޭ ބަޔަކާއި އެކި ޒަމާނުގައި މާލެއަށް ދިރިއުޅުން ބަދަލުކުރި ބަޔަކާ އެއީ މާލޭގެ ބިމުގެ މިލްކުވެރިކަމުގައި ތަފާތުކުރެވިގެންވާނެ އަސާސެއްނޫނެވެ.

އެހެނީ ، ރާއްޖޭގެ އެކި ރަށްރަށުންވެސް ، މާލެއަށް އުފަންމީހުންނަށް ގޯއްޗާއި ބިން ދޫކުރެވިފައި އެބަހުށްޓެވެ. މާލޭގެ އެކިފަރާތްތަކަށް ، ރަށްރަށުގެ ރުއްގަނޑުގަނޑާއި ، އެކިއެކި ބިން ވަޤްފު ކުރެވިފައި އެބަހުށްޓެވެ. ފުރަމާލެއިން ، ރާއްޖޭގެ ރަށެއްގެ މީހަކަށް ގޯއްޗެއް ދިނުމަށް އުނދަގޫ ޝަރުތުތަކެއް ހުރިނަމަވެސް ، ރާއްޖޭގެ ރަށަކުން ، މާލެއަށް ވިހޭމީހުންނަށް ގޯތިދިނުމުގައި މާ އުނދަގޫ ޝަރުތުތަކެއް ނުހުރެއެވެ. އެއީ ފުރަމާލޭގެ ބިމުގެ އަގުބޮޑުވީމާ ތޯއްޗެކެވެ.

އަޅެ ފަހެ ، ރާއްޖޭގެ ރަށެއްގެ މީހަކަށް މާލޭގެ ބިމެއް ނުވަތަ ގޯއްޗެއް ޙައްޤުވެ ، ގޯއްޗެއް ނުލިބޭންވީ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ ؟  ނެތެވެ. އޭގެ ހެއްކަކީ ، ރާއްޖޭގެ ރަށެއްގެ މީހަކަށް މާލެއިން ގޯއްޗެއްގަނެ މިލްކު ކުރުމަށް ، ޤާނޫނީ އެއްވެސް ހުރަހެއް ނެތުމެވެ. އަދި ، މާލެއަށް ވިހޭމީހަކަށްވެސް ، ރާއްޖޭގެ ރަށަކުން ގޯއްޗެއްގަނެ ، މިލްކު ކުރުމުގައި ޤާނޫނީގޮތުން ހުރަހެއް ނެތުމެވެ. ރާއްޖޭގެ އެހެން ރަށްރަށާއި މާލޭގެ ބިމަކީ ބަންޑާރަ އެއްޗެކެވެ. ބަންޑާރަ އެއްޗިއްސަކީ ، ދިވެހިކޮންމެ ރައްޔިތެއްގެވެސް ޙައްޤެކެވެ. އެ ޙައްޤު ކަށަވަރު ކުރުމުގައި ، ރާއްޖޭގެ އެހެން ރަށަކަށް ވިހޭމީހެކޭ މާލެއަށް ވިހޭ މީހެކޭ ޤާނޫނުއަސާސީގައި ތަފާތުކޮށްފައެއް ނެތެވެ.

ހަނދާނުގައި ބަހައްޓަވާށެވެ. ކޮއިމަލާރަދުންގެ ދެކަނބަލުން ، މާލޭގައި ވަޒަންވެރިވެވަޑައިގަތީ ، ގިރާވަރުމީހުންގެ ހުއްދަ ހޯއްދަވައިގެންނެވެ. ގިރާވަރުމީހުންނަށް ، އެރަދުން ޖިޒީއެއް ނުދެއްވައެވެ. ހަމައެއާއެކު ،  ގިރާވަރުމީހުންގެ އެއްވެސް ޙައްޤަކަށް ، އެރަނދުން އަރާވަޑައިގެންފައެއް ނުވެއެވެ. އަދި ކޮބައިތޯއެވެ ؟ އެރަދުންގެ ރަސްކަމުގެ ބާރުވެސް ، ގިރާވަރުމީހުންގެ މައްޗަށް ހިންގަވާފައެއް ނުވެއެވެ. ގިރާވަރުމީހުންގެ އަމިއްލަވަންތަކަމާއި އަމިއްލަ މިނިވަންކަން ، އެއޮތްގޮތަކަށް އޮތުމަށް ދޫކޮށްލެއްވިއެވެ.

މާލެ ، މާލެޔަކަށް ހެދީ ، މާލެއިން ބޭރު ރަށްރަށުން މީހުން އައިސްގެން ކުރި ބުރަ މަސައްކަތުންނެވެ. އެކަމަށް އިސްނެންގެވީ ، ކޮއިމަލާ ރަދުންނެވެ. ގިރާވަރުމީހުންގެ އަތުން ހުއްދަ ހޯއްދަވައިގެންނެވެ. ހަތަރުމަތިފުށް މާލޭމީހުންނަކީ ، އެބައިމީހުންގެ މަތިފުށް ރާއްޖޭގެ ވަކި ރަށަކަށް ނިސްބަތްނުވެ ، ދިވެހި އެހެން ރައްޔިތަކަށް ނުއޮންނަ ވަކި އިތުރު ފަޚުރެއް އަމިއްލަ ކުރެވޭވަރުގެ ބައެއް ނޫނެވެ.

މިލިޔުމުގެ ތަޞައްވުރަކީ ، ފުރަމާލެއާއި މާލެކައިރީގައިވާ ގްރޭޓަރ މާލެ ސަރަޙައްދުގެ ބިންބިމާއި ފްލެޓަކީ ، އެއްވެސް ޒަމާނެއްގައި ނަޟާޙަތްތެރިކަމާއެކު ، ޙައްޤާއި ނުޙައްޤަށް ބަލައިގެން ދޫކުރެވިފައިވާ ތަންތަނެއްނޫންކަން ބަޔާން ކުރުމެވެ. އެއީ ޒަމާނުއްސުރެ ، އަބަދުވެސް ، ސިޔާސީ މަޤަޞަދުތަކެއް ޙާޞިލްކުރުމަށް ދޫކުރެވިފައިވާ ތަންތަނެވެ. މިއަދުވެސް ، އެފަދަ ނަޟާޙަތްތެރިކަމެއްގެ ވިއުގައެއްގެ ތެރެއިން އެފަދަ ތަނެއް ލިބިދާނެކަމަށް ބެލުމަކީ ، މޮޔަކަމެކެވެ. ދުނިޔެ މިވަނީ ފަސާދަވެ ، ދިރިއުޅުމުގެ ހަމަތަކުގެ ނިޒާމު ގެއްލިފައެވެ.

މިސާލަކަށް ، ދައުލަތުގެ ތިންބާރުން އެއްބާރުވެސް އަނެއްބާރަކަށް ކިޔަމަނެއް ނުކުރެވެއެވެ. ދައުލަތް ހިންގާ ފަރާތުން ރައްޔިތުންގެ މަޖިލީހަކަށް ކިޔަމަނެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުން ، ޝަރުޢީ ނިޒާމަކަށް ކިޔަމަނެއް ނުވެއެވެ. ޝަރުޢީ ނިޒާމުންވެސް އަދި ދައުލަތް ހިންގާ ފަރާތުންވެސް ރައްޔިތުންގެ މަޖިލިސް ކިޔަމަނެއް ނުކުރެވެއެވެ. އެހެންކަމުން ، ދުނިޔޭގައި ދިރި އުޅެވޭނީ ދުނިޔެ ދައްކާ ގޮތަކަށެވެ. ދުނިޔެ ދައްކަމުންދާ މަންޒަރު ކިތަންމެހާވެސް ރީއްޗެވެ. އެކަމަކު ، އެއީ ޙައްޤާއި ނުޙައްޤު ވަކިވާ އެއްޗެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.