ބ. އަތޮޅު ދެރަށެއްގެ ސްކޫލު ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގއާ ގުޅޭގޮތުން މައުލޫމާތުދީފި

ބ. ދަރަަވަންދޫ ސްކޫލާއި އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސައިބަރ ޕޮލިސިންގ ސެންޓަރާއި ބ. އަތޮޅު ޕޮލިސް އަދި އޭދަފުށި ފޭލި ޖަމުއިއްޔާ ގުޅިގެން ފެބުރުވަރީ 8 އަދި 9 ވަނަ ދުވަހު އެ ދެރަށުގައި ވަކިވަކީން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޑިޖިޓަލް ދުނިޔެއެއްގައި ދަރިން ކުރާކަންކަން ބެލެނިވެރިން ދެނެގަނެ ދަރިން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ކުދިންގެ އަތަށް ފޯނެއް ނުވަތަ އިންޓަނެޓާ ގުޅުންހުރި އެހެނިހެން ވަސީލަތެއް ދޫކޮށްލާއިރު އެކުދިންނަށް ހުޅުވައިދެވޭ ދޮރަކީ ކިހާ ވަރެއްގެ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއްކަން ބެލެނިވެރިންނަށް ބުނެދީފައިވެއެވެ. އަދި މިގޮތަށް ދޫކޮށްލާއިރު ކުދިންގެ އުމުރާ ގުޅޭގޮތަށް ރައްކާތެރިވުމުގެ ގޮތުން ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުދިންނަށް އެ ރައްކާތެރިކަން ހޯދައިދެވިދާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު މިފަދަ ވަސީލަތްތަކުން ކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ސެޓިންގތައް ބެލެނިވެރިންގެ ފޯނުތަކުގައި ހަދުވާފައިވެއެވެ.

އަދި ކޮންމެ މީހަކީ ވެސް، މަކަރާއި ހީލަތުގެ މައްސަލައެއްގެ ޝިކާރައަކަށް ވެދާނެ މީހެއްކަމާއި އެކަމުން  ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި، ދެ ސްކޫލު ހިމެނޭހެން 250 އަށްވުރެ ގިނަ ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.