ބްލޫރިބަން : ކުޑަ އެމްއެމްއޭ (1)

ކަލޭގެފާނުގެ ރަށަކީ ، ވަރަށް ވަރުގަދަ " އައިލޭންޑް އިކޮނޮމީ " އެއް އޮންނަ ރަށެކެވެ. ކައުންސިލް އިންތިޚާބުގައި ކަލޭފާނުގެ ޕާޓީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ، ރަށުގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ރޭވިއެވެ. އޭގެ ތެރެއިން އެއްކަމަކީ ، ރަށަށް ވަންނަ ފައިސާ ރަށުންބޭރުނުވެ ، ރަށުގެ ވިޔަފާރި ޙަރަކާތްތައް ފުޅާކޮށް ، ރަށަށް ފައިސާ ވަންނާނެ ގޮތްތައް ހޯދައި ، ރަށުތެރޭގައި ފައިސާ އެނބުރޭނެގޮތް މޮނިޓަރކޮށް ބެލެހެއްޓުމެވެ. އެހެންވިސްނުމަކުން ބަލަންޏާ ކުޑަކުޑަ އެމްއެމްއޭ އެއް ރަށުގައި ޤާއިމްކުރުމެވެ. އެކަން ހިންގައި ބެލެހެއްޓުމަށް މަތިކުރެވުނީވެސް ކަލޭފާނާއެވެ. 7 ނުވަތަ 6 އަހަރުގެ މުއްދަތަކަށެވެ. އެކަން ލައިގަތީވެސް ނުމެ ޢީދަކު ނުމެ ރޯދަޔަކުއެވެ.

ކަލޭފާނަކީ ، ކާމިޔާބު ވިޔަފާރި ވެރިޔެކެވެ. ބައްޕަޔަކީވެސް ، ތިލަދުންމަތީގައި ނެތްފަދަ ވިޔަފާރިވެރިޔަކަށް ވީތީ ، ފައިސާ ގެންގުޅެންވެސް ކަލޭގެފާނު  ނިކަން ރަނގަޅަށް ދަންނާނެއެވެ. ކަލޭގެފާނާ ރަށުގެ ކުޑަ އެމްއެމްއޭ ޙަވާލު ކުރެވުނީމަ ، ރަށުމީހުންނަށްވެސް ވަރަށްބޮޑު އުއްމީދެއް ލިބުނެވެ. ރަށުގެ އިޤްތިޞާދު އާ އުސްމިންތަކަކަށް ގެންގޮސްދީ ، ރަށަށް ވަންނަ ފައިސާއާއި ބޭރުވާ ފައިސާ ، ނިކަން ރަނގަޅަށް ބަލަހައްޓާނެކަމަށް ޤަބޫލު ކުރެވުނެވެ. ފިހާރައެއް ހުޅުވައިގެން ، ރީތިވާނެ ސާމާނު އެންމެ  ފުރަތަމަ ރަށަށް ތަޢާރުފް ކުރި ހިސާބުން ، ކަލޭގެފާނާއެކީ އުޅުނު ގްރޫޕަށް ރަށުމީހުންގެ ތާއީދު ވަރަށް ބޮޑަށް ލިބުނެވެ. ރަށުގެ ކުޑަ އެމްއެމްއޭ ހިންގުން ޙަވާލުކުރަން އެންމެ ރަނގަޅީ ކަލޭގެފާނުކަމުގައި ، ރަށުކައުންސިލުންވެސް ނިންމިއެވެ.

ކައުންސިލް އިންތިޚާބުގައި ޕާޓީގެ ވެރިކަން ގެއްލުނަސް ، ކަލޭފާނުގެ މަސްއޫލިއްޔަތުގެ ބޮޑުކަމުން ، އެއްބަސްވެފައި އޮތީ ، ކޮންމެ ކައުންސިލެއް އޮތަސް ، ކަލޭފާނަށް ކުޑަ އެމްއެމްއޭގައި ހުރެވޭ ގޮތަށެވެ.

އެކަމަކު މިހާރު ، މިހުން މޭނުބައިކުރަން ފަށައިފިއެވެ. ކަލޭފާނުގެ ފަރާތުން ރަށަށް ކޮށްދެވުނީ ކޮންކަމެއްތޯ ސުއާލުކޮށް ، ހޮޅުއަށިތަކުގައި ވާހަކަ ދައްކަން ފަށައިފިއެވެ. ފެންނަ ފެނުމަށް ބަލާއިރު ، ކަލޭފާނަށް ހޯދުނު މާބޮޑު ކާމިޔާބީއެއް ނެތެވެ. ރަށުގެ އިޤްތިޞާދަށް މާބޮޑު ބަދަލުތަކެއް ނުގެނެވުނެވެ. މުހިންމު ސިޔާސަތުތަކެއް ނުހިންގުނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަލިބޭގޮތަށްތިބޭ މީހުންނަކީ ، ނަތީޖާ ނެރެދޭންޖެހޭ ބަޔެކެވެ. އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއިރުވެސް ، ކަލޭފާނު ހުރީ ތައްބައްދައިގެން ، އަނގައިން ނުބުނެއެވެ. ކައުންސިލުން ހަދަނީ ހަދާނެ އެއްޗެކެވެ. ކުޑަ އެމްއެމްއޭއަށްލީ ކަލޭފާނަށް ނަތީޖާއެއް ނެރެ ނުދެއްކުނު ތާނގައި ، ހިނގަމުންއެދާ އިޤްތިޞާދީ ކާރިސާތަކާގުޅޭގޮތުން ބަހެއްވެސް ބުނެ ނުލެވެއެވެ. ރަށަކީ ފަތުރުވެރިކަމުގެ ލާމަސީލު ރަށެކެވެ. ހެސްކިޔާފައި ޑޮލަރު ވަންނަން ޖެހޭ ރަށެކެވެ. އެކަމަކު ، ރަށުންދެވޭ ޚިދުމަތަށް ވަންނަންޖެހޭ ބޭރުފައިސާއިން ރަށަށް ވަންނަނީ މަދު މިންވަރެކެވެ. ރަށުގައި މަސައްކަތްކުރަން އުޅޭ ބިދޭސީން ބޭރުކުރާ ބޭރުފައިސާވެސް މަދެއްނޫނެވެ. ބިދޭސީން ކުރަމުންގެންދާ ވިޔަފާރިއާހުރެ ، ރަށު ރައްޔިތުންކުރާ ވިޔަފާރިއަށް ، އެތައް ހުރަސްތަކެއް ކުރިމަތި ވެއެވެ. އިޤްތިޞާދީ ބޮޑެތި މައްސަލަތަކެއް އުފަންވެއެވެ. ރަށުގައި ހުންނަ ބޭންކްތަކުން ، ކަންކުރާނެ ޒަމާނީ ހަރުދަނާ  އުޞޫލުތަކެއް ނުހެދެއެވެ. ހެދިފައި އޮންނަ އެއްޗެއް ، ޙާލަތާއި ޒަމާނާ އެއްގޮތަށް ބަދަލުކޮށް އިޞްލާހެއް ނުކުރެވެއެވެ. ޑޮލަރުގެ ކަޅުބާޒާރު އޮންނަނީ ބިދޭސީންގެ ބާރުގެ ދަށުގައި ، އެމީހުން ހަދާނެ އެއްޗެއް ހަދަން ދޫކޮށްލެވިފައެވެ. ބޭރުން މުދާގެންނަން ، ދިވެހި ވިޔަފާރިވެރިންނަށް ، ބޭރުފައިސާ ލިބުމުގެ ދަތިކަން އިންތިހާއެވެ. މިހެންގޮސް ، އެތައް ކަމެކެވެ. މިކަންކަމުގެ ޒިންމާއަކީ ކަލޭފާނު އުފުއްލަންޖެހޭ އެއްޗެކެވެ.

އެއީ ، ކުޑަކަމެއްނޫނެވެ. ކަލޭފާނަކީ ކާމިޔާބު ވިޔަފާރިވެރިޔަކަސް ، ކުޑަ އެމްއެމްއޭ އެއް ނުހިންގުނެވެ. ކަލޭފާނަށްވެސް މަޖުބޫރުވެފައި ކަންތައްތަކެއް ހުރެދާނެއެވެ. އެހެންކަމަށް ވަންޏާ ، ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރަންވީ ކީއްކުރަން ހެއްޔެވެ ؟ ކައުންސިލްގައި އެކަންކުރަން ކުރިން އުޅުނުބައެއްގެ ނުފޫޒާއި ބާރަކީ ، ކަލޭފާނަށް ފޫދުއްވައި ނުލެވުނު އެއްޗަކަށްވެސް ވެދާނެއެވެ. އެ މަސައްކަތާ ޙަވާލުވެގެން ، އެތާ ވަރަށް ކުރީއްސުރެ އުޅޭ ޖަވާޒާއެއްގެ ވާހަކައަކީ ވަރަށްގިނަބަޔަކު ދައްކާ ވާހަކަ އެކެވެ. މުޅިއޮޑީގައި ޙަސަނުދެފައި އޮންނަގޮތަށް ، އެ ޖަވާޒާއެއްގެ ނުފޫޒާއި ބާރުން ، ކުޑަ އެމްއެމްއޭ އޮންނަނީ އޭނާގެ މުށުތެރެޔަށް ލާފައެވެ. ކަލޭފާނު ބޭނުންވާ ކަންކަމަށް ހުރަސް އެޅުމާއި ، ރަނގަޅަކަށް ކުރެވޭ ކަންކަން ހުއްޓުވުންފަދަ ކަންކަމުގައި ، ޖަވާޒާގެ ރޯލަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ، ރަށުމީހުންނަށް އެނގެއެވެ. އެއީ ފިސާރި އަންހެނެކެވެ. ޖަވާޒާ ބޭނުންނޫން މީހަކަށް ، ކުޑަ އެމްއެމްއޭ ތެރެޔަކަށް ނުވަދެވޭނެއެވެ. ކަލޭފާނުގެ އެއްވެސް ބާރެއް ނުފޯރާނެއެވެ.

ކަލޭފާނަށް ކުޑަ އެމްއެމްއޭ ލިބުނީ ، މޮހޮނަށް އޮޑިލިބުނުހެންނޭ މީހުން އެކިޔަނީ ކަމެއްވެގެންނެވެ. އެ ޖަވާޒާއަކާހުރެ ، ކަލޭފާނު ހިންގަން ބޭނުންވާގޮތަކަށް ކުޑަ އެމްއެމްއޭ އެއް ނުހިންގެއެވެ. ކަލޭފާނުގެ ދައުރު ނިމޭއިރު ، ކަމެއް ނުކުރެވުނީ ކީއްވެގެންކަން ، ރަށުމީހުންނަށް މިހާރު އެބަ ސާފުވެއެވެ. އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތައް ރަށާ ކުރިމަތިވާއިރު ، ކަލޭފާނު އަނގައިން ނުބުނެ އެހުންނަނީ ކީއްވެގެންކަން ، ރަށުގެ ހޮޅުއަށިތަކުގައި މީހުން އެދައްކާ ވާހަކައިން ސާފުވާނެއެވެ. އެކަމަކުވެސް ، ކަންއެހެންވާނީ ކަލޭފާނުގެވެސް ދިއުޅި އެއްނުވާތީއެވެ. އޮޑީގެ ދިޔަވަތް ރަނގަޅިއްޔާ ، ރިޔަލަށް ކެރެންޏާ ، ރާޅުބޮޑުވިޔަކަސް ދީލާލައިގެންނެއް ނުވާނެއެވެ. ކޮން ޖަވާޒާއެއް ހެއްޔެވެ ؟ ހެސްކިޔާފަ ބޮޑެތި މުސާރަތަކާއި ފާޑުފާޑުގެ އެލަވަންސްތައް ނަގައިގެން އެތައް މުއައްޒަފުންނެއް ތިބޭއިރު ، އެމ ، ީހުންނަށް ޚަރަދުކުރާ ރައްޔިތުންގެ ޓެކްސް ފައިސާގެ ބަދަލު ލިބެން ޖެހޭނެއެވެ. ރަށުގެ އިޤްތިޞާދު އިނދަޖެހިގެންދާއިރު ، އެ ޖަވާޒާއަކާހުރެ ، ކަލޭފާނުގެ އަނގަބަންދުވެފައި އޮވެގެން ނުވާނެއެވެ. އެއީ ދެން ، ފުކެއް ބޮޑުވަރެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.