ގާދިއްފުށީގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ރައީސް ޑރ. މުއިއްޒު އަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ގާދިއްފުށީ ފެނަކަ އޮފީސް އިމާރާތުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ސްކޫލުގެ އިމާރާތާއި، ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ފާހަގަކުރަވައި އެކަންކަން ޙައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބިމުގެ ދަތިކަމާއި، ރަށުގެ ނެރު ފުންކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ހަމައެއާކު، ރަށުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފެށުމަށް ބޭނުންވާކަމަށާއި، ރަށުގައި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ހުއްޓިފައިހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވި ކުރެެއްވުމުގެ އިތުރަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.