ބްލޫރިބަން : ޕެންޝަނުގެ ޖަރީމާ (4)

ޕެންޝަނުގެ ޙައްޤަކީ ، އެކަން ޙައްޤުވާ ކޮންމެ ދިވެއްސަކަށްމެ އެންމެ ފުރިހަމަގޮތުގައި ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ. އެ ޙައްޤު އަދާކުރުމުގައި ، ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އިހުމާލުވުމަކީ ، ޤާނޫނާޚިލާފު ޢަމަލެކެވެ. ޕެންޝަންގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި ، ޕެންޝަނާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި އެބަހުއްޓެވެ. މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް ލާޒިމްކޮށް މަތިކޮށްފައި އެބަހުއްޓެވެ. އުސޫލުތަކަކާއި އަމާޒުތަކަކާއި ލަނޑުދަތިތަކެއް ޤާއިމްވެފައި އެބަހުށްޓެވެ.

މައްސަލަޔަކީ ، ޕެންޝަނުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އުސޫލަކުން ޢަމަލު ނުކުރެވުމެވެ. ޒަމާނާއި ޙާލަތަށް ރިޢާޔަތްކޮށް ، އެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ކަށަވަރުކުރުމަށްޓަކައި ، ކަމާބެހޭ ފަރާތްތަކުން ޒިންމާވެ ، އުފުއްލަންޖެހޭ ވާޖިބުތަކަށް އިހުމާލު ވުމެވެ.

ޕެންޝަން މާނަކުރެވެނީ ، ޢުމުރުން ދުވަސްވުމުންނާއި ނުކުޅެދުންތެރިކަން ހުރުމުން ،  ނުވަތަ މަސައްކަތެއްގައި އެތައް ދުވަހަކު ދެމިހުރުމުން ، ޤައުމަށް ނުވަތަ ޖަމާޢަތަށް ކުރެވޭ ނުވަތަ ދެވޭ ޚިދުމަތެއްގެ އަގު ވަޒަންކޮށް ، މަސައްކަތެއް ނުކުރެވޭ ޙާލަތަށްދާމީހުންނަށް ، ދައުލަތުން ފޯރުކޮށްދެވޭ މާލީ އެހީތެރިކަމެކެވެ.

ރާއްޖޭގައި ޢަމަލުކުރެވޭ ޕެންޝަނުގެ އެތައް ވައްތަރެއް އެބަހުށްޓެވެ. ވަކިމުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރީމާ ދެވޭ ޕެންޝަނެއް އެބައޮތެވެ. އަމިއްލަ ފަރާތްތަކުން އެބައިމީހުންގެ ވަޒީފާގައި މަސައްކަތްކުރާ މީހުންނަށް ދެވޭ ޕެންޝަނެއް އެބައޮތެވެ. މިއީ ވަކި ޢުމުރަކާހަމަޔަށް ލާޒިމްކޮށްފައި އޮންނަ ޕެންޝަނެކެވެ. މި ޕެންޝަނުގެ ބައިވެރިންގެ މުސާރައިން 7 އިންސައްތަ ޕެންޝަން ފަންޑަށް ދައްކަން ޖެހެއެވެ. އަދި ވަޒީފާދޭ ފަރާތުންވެސް 7 އިންސައްތަ ، ޕެންޝަން ފަންޑަށް ދައްކަން ޖެހެއެވެ.

ޢުމުރުން ދުވަސްވީމީހުންގެ އަސާސީ ޕެންޝަނަކީ ، އެމީހާގެ ޢުމުރުން 65 އަހަރުވުމުން ، ދައުލަތުންދޭ އަސާސީ ޕެންޝަނެކެވެ. ޤައުމަށް ޚިދުމަތް ނުކުރިޔަސް ، ޖަމާޢަތަށް ޚިދުމަތެއް ނުކުރިނަމަވެސް ، މިއީ 65 އަހަރުވުމުން ، ކޮންމެ ދިވެއްސަކަށްވެސް ޙައްޤުވާ ޕެންޝަނެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެކަނިވެރި މައިންނަށް އެލަވަންސެއްގެ ގޮތުގައި ޕެންޝަނެއް ދެވެއެވެ.

މިހުރިހާ އެލަވަންސްތަކާއި ޕެންޝަނަކީ ، އަދި ޕެންޝަނާގުޅިފައިވާ ސްކީމަކީ ، ޕެންޝަންއޮފީހުން ބަލަހައްޓަމުންގެންދާ ކަންކަމެވެ. ޕެންޝަން އޮފީހުގެ ޒިންމާދާރުކަން ، އެއޮފީހުން ބަޔާންކުރަނީ ، މަސައްކަތަށް ޒިންމާދާރުވެ ، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ، ގަދައަޅައި މަސައްކަތްކޮށް ، ކަންކަމުގެ ޙައްލު ހޯދުމަށް އަބަދުވެސް އަމާޒު ހިފުން " ކަމުގައެވެ.

ޕެންޝަން އޮފީހުގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމަށްޓަކައި ، ޤާބިލް އަދި ޢިލްމީ މުއައްޒަފުން ލެވިފައި އެބަތިއްބެވެ. ދައުލަތުގެ އެންމެ ބޮޑެތި މުސާރަތަކާއި އެލަވަންސް ހަމަޖެހިފައި އެބަހުށްޓެވެ. އޮފީސް ހިންގުމަށްޓަކައި ސީއީއޯއެއް ލެވިފައި އެބަހުށްޓެވެ. ސީއީއޯގެ އަސާސީ މުސާރަޔަކީ ، ފަންސާސް އަށްހާސް ހަތަރުސަތޭކަ ފަންސާސް ހަތްރުފިޔާ އަދި ހަތްލާރިއެވެ. މިއީ ޕެންޝަންފަންޑުގެ ނިސްބަތަށްބަލައި ހަމަޖެހިފައި އޮންނަ މުސާރަޔަކަށް ވެދާނެއެވެ. އެހެންނޫންނަމަ ، މީހެއްގެ އަސާސީ މުސާރަޔަށް ވަކިލާރި ހަމަޖެހުމަކީ ނާދިރު ކަމެކެވެ. އެލަވަންސް ތަކެއް ލައިގެން ވަކިލާރި އަތުވެދާނެއެވެ. އޭގެ މާނަޔަކީ ، ޕެންޝަންފަންޑް ބޮޑުވާވަރަކަށް ، މުސާރަވެސް ބޮޑުވުންކަމަށް ވެދާނެއެވެ. އަސާސީ މުސާރައިގެ އިތުރަށް ، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި ފަންސަވީސްހާސް ރުފިޔާ ، ސީއީއޯއަށް ލިބެއެވެ.  އެހެންކަމުން ، އެންމެ މަދުވެގެން މަހެއްގެ މައްޗަށް ، އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ފަންސާސް ހަތްރުފިޔާ އަދި ހަތްލާރި ، ސީއީއޯގެ މަޤާމުގައި ހުންނަ މުއައްޒަފަކަށް ލިބޭނެއެވެ. މިޑްލް މެނޭޖްމަންޓް ސްޓާފެއްގެ އެންމެ މަތީ އަސާސީ މުސާރައަކީ 20 ހާސް ރުފިޔާއެވެ. މިޑްލް މެނޭޖްމަންޓް ސްޓާފަކަށް އެންމެ ގިނަކޮށް އަސާސީ މުސާރަޔަށް ލިބޭ މިންވަރަށްވުރެ ، ސީއީއޯގެ ، ހަމައެކަނި އެލަވަންސްވެސް ބޮޑެވެ.

ޕެންޝަން އޮފީހުގެ ހުރިހާ މަޤާމަކަށްވެސް ، ނިސްބަތުން ބޮޑެތި މުސާރަތައް ކަނޑައެޅިފައި ވެއެވެ. ގެޔަށް ގެންދަންލިބޭ ވަރު މަތިކުރުމަށްޓަކައި ، މުސާރައިގެ އިތުރަށް އެތައް އެލަވަންސެއް ކަނޑައެޅިފައި އެބަހުށްޓެވެ. އޭގެތެރޭގައި ، އެގްޒެކެޓިވް އެލަވަންސާއި ، ސަރވިސް އެލަވަންސް ، އެޓެންޑެންސް އެލަވަންސާއި ޓެކްނިކަލް އެލަވަންސް އަދި މެނޭޖްމަންޓް އެލަވަންސް ހިމެނެއެވެ.

ސުއާލަކީ ، ޕެންޝަންފަންޑް ހިންގައި ބެލެހެއްޓުމަށްޓަކައި މިފަދަ ބޮޑުހޭދައެއް ކުރެވޭއިރު ، ޕެންޝަނަރުންގެ ޙައްޤުތައް އަދާކުރެވޭތޯއެވެ ؟ 32 ބިލިއަން ރުފިޔާގެ ފަންޑެއް ހިންގަން ، އެފަންޑްގެ 0.6 އިންސައްތަ ހޭދަކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ، އެ ފަންޑް ފުޅާވެ އިތުރުވަމުންދާ މިންވަރަކުން ، ފަންޑް ހިންގުމަށް ކުރެވޭ ހޭދަ ބޮޑުކުރުމަށް ހުރަހެއް ނެތެވެ. އެހާ ބޮޑު ޢަދަދެއް ، ފަންޑް ހިންގަން ލިބިފައި އޮތުމުގެ ސަބަބުން ، މުއައްޒަފުންގެ މުސާރައާއި އެލަވަންސް މަތިކޮށް ހެދުމަކީ ، އަދި ފަންޑް ހިންގުމެއްނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އިންވެސްޓްމަންޓް ފަންޑްތައް ހިންގައި ފައިދާ ނަގަމުންދާ އުޞޫލުން ، ރާއްޖޭގެ ޕެންޝަން ފަންޑް ނުހިންގެންވީ ސަބަބެއް ނެތެވެ. އެފަންޑުން ، ހަމައެކަނި އިންވެސްޓް ކުރަން ޖެހެނީ ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަންވީމަ ބޮންޑް ގަންނާކަށް އެކަންޏެއް ނޫނެވެ. ޕެންޝަން ފަންޑުން އެންމެ ގިނައިން އިންވެސްޓްކުރެވެނީ ، ސަރުކާރުން ވިއްކާ ޓްރެޜަރީ ބިލާއި ޓްރެޜަރީ ބޮންޑް ގަތުމަށެވެ. 2022 ވަނައަހަރު ޓްރެޜަރީ ބިލާއި ބޮންޑް ގަތުމަށް ، ފަންޑްގެ 87 އިންސައްތަ ހޭދަކޮށް ، ސަރުކާރަށް ފައިސާ ދައްކާފައި ވެއެވެ.

ވަޒީފާ އަދާކުރާ މީހުންގެ މުސާރައިން ވަކިޢަދަދެއް ފަންޑަށް ދައްކަން ލާޒިމްކޮށް ، ބޮޑެތި މުސާރަތައް ކަނޑައަޅައިގެންތިބެ ، ޕެންޝަންފަންޑް ހިންގަމުން ގެންދެވެނީ ، އެންމެ ރަނގަޅަށްތޯ ބަލާނެ މީހަކު ނެތެވެ. އެކަމާ ، ސަރުކާރަށް ސުއާލު ކުރެވޭކަށްނެތެވެ. ސަރުކާރު ހިންގަންބޭނުންވާ ފައިސާއިން ބައެއް ހޯދަނީ އެ ފަންޑަށް ޓްރެޜަރީ ބިލާއި ބޮންޑް ވިއްކައިގެންނެވެ. މަސައްކަތް ކުރަންވީ އެންމެ ފުރިހަމަގޮތުގައި ފަންޑް މަސައްކަތް ނުކުރިޔަސް ، މުއައްޒަފުން ޒިންމާ ނުފުއްލިޔަސް ، ފަންޑްގެ މުއައްޒަފުންގެ މުސާރަ ކިތަންމެ ބޮޑުކުރިޔަސް ސުއާލުކުރެވޭނެ ހުރިހާ މަގެއްވަނީ ބަންދު ކުރެވިފައެވެ. އެކަމާ ސުއާލުކުރަން ދެންއޮތީ ، ސަރުކާރު ޒިންމާދާރު ކުރުވަން އޮންނަ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް އެތިއްބެވީ ، ޕެންޝަން ފަންޑްގެ މުސާރަތަކާއި އެލަވަންސްތަކާ އަދި މުއައްޒަފުންނަށް ދޭ ޚިދުމަތްތަކާ ނުބައްދަލު މުސާރައާއި އެލަވަންސާ އަދި އިންސުރަންސް އާއި ޕެންޝަން ނަގައިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކަށް ، ގުދޯގުދޯ ކިޔޭކަށް ނެތެވެ.

ކޮންމެ ރިޔާސީ އިންތިޚާބެއްގެ ވަޢުދެއްގެ ގޮތުގައި ، ޕެންޝަނަށް ހެޔޮބަދަލު ގެންނާނެކަމަށް ، ކޮންމެ ކެންޑިޑޭޓަކުވެސް ބުނަމުން އާދެއެވެ. އެއީ ޤާނޫނުގައި ކަނޑައެޅިފައި އޮތްގޮތަށް ، ދިރިއުޅުމުގެ ޚަރަދުތައް މަތިވެގެން ، ގެންނަ ހެޔޮބަދަލެއްނޫނެވެ. އެކަމެއް ނުކުރެވެއެވެ. ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ، ކޮންމެ މީލާދީ ތިން އަހަރަކުން އެއްއަހަރު ، އަސާސީ ޕެންޝަނުގެ ޢަދަދު މުރާޖަޢާކުރުން ޤާނޫނުގައި ލާޒިމްކޮށްފައި އެބައޮތެވެ. އަދި ، އެގޮތުން މުރާޖަޢާ ކުރާއިރު ، ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތް ކުރުމަށްފަހު ، އަސާސީ ޕެންޝަނަށް ބަދަލުގެންނަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފެނިއްޖެނަމަ ، އަސާސީ ޕެންޝަނަށް ދެވޭ ޢަދަދު އިޞްލާޙުކުރަންވާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ.  2019 ގައި ، އަސާސީ ޕެންޝަނަށް ބަދަލު ގެނެވުނުފަހުން ، މިވީ 5 އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާފަށަށް އުފުލިގެން ހިނގައްޖެކަން ، އެއީ އެންމެންނަށްވެސް އެނގޭ ޙަޤީޤަތެކެވެ.

މިހާރުގެ ރައީސް ، ޑރ. މުޙައްމަދު މުޢިއްޒު ، ދާދިމިދާކަށްދުވަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް އެކަން ފާހަގަ ކުރައްވާފައި އެބައޮތެވެ.

" ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު، ޖީ.ޑީ.ޕީ.ގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފައި. ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕުކޮށްގެން ނެރެފައި. މިއީ، އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކުރި ޖުމުލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި މިވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައި. ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި.  " ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީބަޔާނުގައި އެހެންކަންތައްތަކެއްވެސް ފާހަގަ ކުރައްވާފައި އެބަހުށްޓެވެ. އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

" ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެންމެހައި މަދަނީ ޙައްޤުތައް ލިބިދޭކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްކޮށް، ކަމާގުޅޭ ކަންކަން ވިލަރެސް ކުރުމަށްޓަކައި އަޅުގަނޑު ވައުދު ވީ ފަދައިން، "އޮފީސް ފޮރ ސިވިލް ރައިޓްސް"ގެ ނަމުގައި ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، މި ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހު ފަހުކޮޅު ވާނީ ގާއިމުކޮށްފައި. އެގޮތުން، މަދަނީ އަދި ސިޔާސީ ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި، މަދަނީ އަދި ސިޔާސީ ޙައްޤުތައް ހަނިކުރުމާއި ނުވަތަ ހިފެހެއްޓުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސައްކަތް، އެ އޮފީހުން މިހާރު ވަނީ ފަށާފައި. "

އޭގެ އިތުރަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.

" އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަގާމުގެ ވާޖިބު އަދާކުރަން. ލޮބުވެތި ރައްޔިތުންގެ އަޑު އަޅުގަނޑު އަހާނަން. މަޝްވަރާކުރާނަން. ޤައުމުގެ ކަންކަން ހިންގުމުގައި ތިރިން މައްޗަށް، އާދެ، ރައްޔިތުން ގާތުން އޮޅުންފިލުވައިގެން، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންދާނަން. " ރައީސް ވިދާޅުވެފައި ވެއެވެ.

ކަންމިހެން އޮތްއިރު ، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ، ކޮންމެ މީލާދީ ތިން އަހަރަކުން އެއްއަހަރު ، އަސާސީ ޕެންޝަނުގެ ޢަދަދު މުރާޖަޢާކުރުން ޤާނޫނުގައި ލާޒިމްކޮށްފައި އެބައޮތެވެ. އަދި ، އެގޮތުން މުރާޖަޢާ ކުރާއިރު ، ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތް ކުރުމަށްފަހު ، އަސާސީ ޕެންޝަނަށް ބަދަލުގެންނަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފެނިއްޖެނަމަ ، އަސާސީ ޕެންޝަނަށް ދެވޭ ޢަދަދު އިޞްލާޙުކުރަންވާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ.

ޤާނޫނުގައި އެބުނާ ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީ ކޮބައިބާވައެވެ ؟ އެ ވުޒާރާތަކަށް ޤާނޫނުން ލާޒިމްކުރާ ، ރައްޔިތުންގެ ޙައްޤުތަކާގުޅޭ މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ކަމާބެހޭ ފަރާތްތަކުން އިސްނުނަގާނަމަ ، ރައީސުލްޖުމްހޫރިއްޔާ އެވިދާޅުވާ ، އެމަނިކުފާނުގެ ވިސްނުންފުޅާއި ޢަމަލުތައް ސީދަލެއް ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ، ރައްޔިތުންގެ ކަންކަން ފުރިހަމަކުރަމުން ގެންދެވުމަކީ ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރުންގެ ވާޖިބެކެވެ. އެވާޖިބުތައް އަދާނުކުރެވޭނަމަ ، ކޮށްގެންތިބޭ ހުވަޔާ ޚިލާފުވުމުގެ އިތުރަށް ، އެ ހުރަސް އެޅެނީ ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަށްކަން އެނގެން ޖެހޭނެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރާ ބަޔަކަށް ، އެބައެއްގެ ޒިންމާ އަދާނުކުރެވޭނަމަ ، އެބަޔަކު ، އެ ޚަރަދަށް ޒިންމާވާން ޖެހޭނެއެވެ. ޖަވާބުދާރީ ކުރުވެންވެސް ވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.