ނެމީބިއާގެ ރައީސް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ރައީސް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ނެމީބިއާގެ ރައީސް، ހާގޭ ގެންގޮބް އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ވަގުތީ ރައީސް ނޭންގަލޯ އެމްބުމްބާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނެމީބިއާގެ ރައީސް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނެމީބިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ނެމީބިއާގެ ރައީސް ހާގޭ ގެންގޮބްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި، ނެމީބިއާގެ ރައީސްއަކީ އެ ޤައުމުގައި ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށާއި، އެޤައުމުގެ ހިންގުން ހަރުދަނާކުރެއްވުމަށާއި، އެޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް ނުހަނު މަސައްކަތް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ނެމީބިއާގެ ރައީސްގެ އެ ޚިދުމަތްތަކަކީ އެޤައުމުގެ އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ދެމިގެންދާނެ ޚިދުމަތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ނެމީބިއާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 26 ޖުލައި 1990 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.