ފޮތް: "އިސްލާމް ދީން – އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔާ" ނުކުމެއްޖެ

"އިސްލާމް ދީން – އިންސާނީ ޙައްޤުތަކުގެ ފާރަވެރިޔާ" މި ނަމުގައި ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަދި ތަރުޖަމާކުރުންތެރިޔާ ޢަބްދުﷲ ފާރޫޤް ޙަސަން ތަރުޖަމާ ކުރައްވައިފައިވާ ފޮތެއް މިއަދު ބާޒާރަށް ނުކުމެއްޖެއެވެ.

މި ފޮތް އެކުލެވިފައި ވަނީ ތިރީގައި މިވާ ނުވަ ބާބުގެ މައްޗަށެވެ.

  1. ތާރީޚީ ފަސްމަންޒަރު
  2. ޚިޔާލަށް ގެނެސް ހަނދާން ބަހައްޓަންޖެހޭ މައިގަނޑު ނުކުތާތައް
  3. އަފުރާދުންގެ ޝަޚްޞީ އަދި ޒާތީ ޙައްޤުތައް
  4. އަސާސީ ބޭނުންތައް ފުއްދުމުގެ ޙައްޤު
  5. މުޖުތަމަޢާއި އިޖުތިމާޢީ ދިރިއުޅުމާ ގުޅޭ ޙައްޤުތައް
  6. ބަލިކަށި މީހުންނާއި ބަލިކަށި ގިންތިތަކުގެ ޙައްޤުތައް
  7. ނުކުޅެދޭ މީހުންގެ އަޚްލާޤީ އަދި ޤާނޫނީ ޙައްޤުތައް
  8. ދިފާޢުގެ ޙައްޤު
  9. ދީނީ މިނިވަންކަމުގެ ޙައްޤު

މިހާރަކަށް އައިސް ދުނިޔޭގެ ބާރުގަދަ މީޑިއާތަކުންނާއި "އަޑުގަދަ" މީސްމީހުން މުޅި ދުނިޔެއަށް ފެތުރަމުން ގެންދާ އެއް ވާހަކައަކީ ޔޫރަޕާއި އެމެރިކާއިން ދުނިޔެއަށް ދައްކައިދޭ އިންސާނީ ޙައްޤުތަކުގެ ނަމޫނާގެ ވާހަކައެވެ. އިންސާނީ ޙައްޤުތަކަކީ ޔޫރަޕުން މުޅި ދުނިޔެއަށް ފައތުރައިލި އައު ކަންތައްތަކެއް ކަމަށް ދޭހަވާ ގޮތަށް ދެކެވޭ ވާހަކަތައް ދަނީ ގިނަ ވަމުންނެވެ.

އެކަމަކު އެއީ ޙަޤީޤަތެއް ނޫނެވެ. ޔޫރަޕްަށް އިންސާނީ ޙައްޤުތަކުގެ ޚިޔާލުވެސް ކުރެވުމުގެ މާކުރިން އިސްލާމް ދީނުން ވަނީ އެ ޙައްޤުތައް ޙިމާޔަތްކޮށްދީފައެވެ. އަނިޔާވެރިކަމާއި އަޅުވަެތިކަމާއި އެކި ކަހަލަ ތަފާތުކުރުންތަކުން އިންސާނީ ދަރިފަސްކޮޅު ސަލާމަތްކޮށް ދިނީ އިސްލާމް ދީނުންނެވެ.

ފާރޫޤް ތަރުޖަމާ ކުރައްވައިފައިވާ މި ފޮތަކީ މި ދެންނެވި ޙަޤީޤަތް ހާމަކޮށް ދެއްވުމުގެ ގޮތުން މަވްލާނާ ސައްޔިދު ޖަލާލުއްދީން ޢުމަރީ ލިޔުއްވި ފޮތެކެވެ.

ފޮތުގެ އިސްބަހުގައި ހަލާލުއްދީން ޢުމަރީ ލިޔުއްވައިފައި ވެއެވެ.

"އިސްލާމްދީން އިންސާނީ ޙައްޤުތަކުގެ ދާއިރާގައި އެކަށައަޅައިފައިވާ މަތިވެރި އުޞޫލުތަކާއި އެ ދީން އެރޮނގުން ކޮށްދީފައިވާ ހަރުދަނާ މަސައްކަތްތަކުގެ އަސާސަކީ ކީރިތި ޤުރްއާނެވެ. އިތުރު ސާހިބާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަކީ އެ މަސައްކަތްތަކުގެ ޤާނޫނީ ބަހަވީ އަދި ޢަމަލީ ޝަރަޙައެވެ. ނަމަވެސް ކީރިތި ޤުރްއާނާއި ސުންނަތުގައި އެކަންކަން ބަޔާންކުރައްވައިފައިވަނީ މިޒަމާނުގެ ޤާނޫނީ ފޮތްތަކުގެ ބަހުރުވައަކުން ނޫނެވެ. މިޒަމާނުގެ ޤާނޫނީ ފޮތްތަކުގައި އެ ވާހަކަތައް ގެނެސްފައިވަނީ އެ ޙައްޤުތަކާ ގުޅޭ މާއްދާތަކެއްގެ ގޮތުގައެވެ. ބޭނުންވާ ފަހަރުފަހަރު ޝަރަޙަކޮށްދިނުމާ އެކުގައެވެ."

ފޮތަކީ ދިވެހި މުޖުތަޢަށް ފައިދާކުރަނިވި، އަގުހުރި ފޮތެކެވެ. 256 ސަފުހާގެ މައްޗަށް އެކުލެވިފައިވާ މި ފޮތަކީ ދިވެހިންގެ މެދުގައި ފެތުރެމުންދާ ބުހުތާނު ދޮގުތަކުގެ ޙަޤީޤަތް ހާމަކޮށްދީފައިވާ ފޮތެކެވެ. އެނގިފައިވާ ގޮތުގައި މި ފޮތް މިހާރު ލިބެން ހުންނާނީ ހެންވޭރު ސޯސަންމަގުގައި ހުންނަ ރާދަ ބުކްޝޮޕުންނާއި ހުޅުމާލޭގައި ހުންނަ ރާދަ ބުކްޝޮޕުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.