ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެ

ދިވެހިރާއްޖެއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރް ދެއްވައިފިއެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ ތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަޤްވަމީ މަސްރަހުގައި ދެ ޤައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައި، އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 26 ޖުލައި 1966ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.