ބްލޫރިބަން : ޕެންޝަނުގެ ޖަރީމާ (3)

ބްލޫރިބަން : ޕެންޝަންގެ ޖަރީމާ (3)

 

ޕެންޝަން ސްކީމެއްގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ، އުމުރުން ދުވަސްވެ އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުމުން ، އެ ސްކީމުގެ ބައިވެރިންނަށް ޕެންޝަނުގެ ގޮތުގައި އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށް ، މާލީ ގޮތުން މިނިވަން ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައި ދިނުމެވެ.

ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ، މީހަކަށް މަހަކަށް ދޫކުރެވޭނީ 5 ހާސް ރުފިޔާކަމުގައި ، ޕެންޝަނާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އެބަ އޮތެވެ. ހަމައެފަދައިން ، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން ، ކޮންމެ މީލާދީ ތިން އަހަރަކުން އެއްއަހަރު ، އަސާސީ ޕެންޝަނުގެ ޢަދަދު މުރާޖަޢާކުރުން ޤާނޫނުގައި ލާޒިމްކޮށްފައި އެބައޮތެވެ. އަދި ، އެގޮތުން މުރާޖަޢާ ކުރާއިރު ، ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތް ކުރުމަށްފަހު ، އަސާސީ ޕެންޝަނަށް ބަދަލުގެންނަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފެނިއްޖެނަމަ ، އަސާސީ ޕެންޝަނަށް ދެވޭ ޢަދަދު އިޞްލާޙުކުރަންވާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ.

އަސާސީ ޕެންޝަނަށްބަލާއިރު ، އެ ޕެންޝަނުގެ ޢަދަދަށް އެންމެފަހުން ބަދަލެއް ގެނެވިފައިވަނީ 2019 ވަނައަހަރުއެވެ. އެއީވެސް ސިޔާސީ މަޤްޞަދެއް ހިމެނޭގޮތެއްގައި ގެނެވުނު ބަދަލެއްކަމަށް ބެލެވިދާނެއެވެ. އެއީ ، މުޅިއަކުން ، ޤާނޫނުގައިވާ ގޮތަށް ، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްގޮސްގެން އެކަމަށް ރިޢާޔަތްކޮށް ގެނެވުނު ބަދަލެއްނޫނެވެ. އެ ހުންނަނީ ، ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ، ކެންޑިޑޭޓުންވާ ވަޢުދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ބާޒާރުގައި ކާބޯތަކެތީގެ އަގުތައްދަނީ އުފުލެމުންނެވެ. ތަޢުލީމާއި ޞިއްޙީ އަދި ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވެގެންދާކަމަށް ، ޕެނަޝަން އޮފީހުގެ އަހަރީ ރިޕޯޓްތަކުގައި ފާހަގަ ކޮށްފައި އެބަހުއްޓެވެ. ކުރިޔަށް އޮތް އަހަރުތަކުގައި 5.4 އިންސައްތައަށް ބޮޑުވާނެކަމަށްވެސް ، 2022 ވަނައަހަރުގެ އަހަރީ ރިޕޯޓްގައި ލަފާކޮށްފައި އެބައޮތެވެ.

2019 ގެ ފަހުން ، 2022 ވަނައަހަރު ، ޖީއެސްޓީ ވަނީ 6 އިންސައްތައިން 8 އިންސައްތަޔަށް ބޮޑުކޮށްފައެވެ. މިކަމާގުޅިގެންވެސް ، ކާބޯތަކެއްޗާއި ޚިދުމަތުގެ އަގު އެތައް ގުނަޔަކަށް މަތިވެފައި ވެއެވެ. އަތާއި އަނގަޔާ ދިމާނުވެގެން ، ރައްޔިތުން އުޅޭއިރު ، ދުވަސްވީ މީހުންނަށްދޭ އަސާސީޕެންޝަނުގެ ޢަދަދަށް ބަދަލުގެންނަން ، ސަރުކާރުގެ ވިސްނުމެއް ނެތެވެ. ޤާނޫނުގައި ލާޒިމްކޮށްފައި އޮތަސް ، އެކަމަށްވަނީ އިހުމާލުވެފައެވެ.

ޕެންޝަން ފަންޑަކީ ، ރާއްޖޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ފަންޑެވެ. އެފަންޑްގައި 23 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ޕެންޝަން ފަންޑުން އެންމެ ގިނައިން އިންވެސްޓްކުރެވެނީ ، ސަރުކާރުން ވިއްކާ ޓްރެޜަރީ ބިލާއި ޓްރެޜަރީ ބިންޑް ގަތުމަށެވެ. 2022 ވަނައަހަރު ޓްރެޜަރީ ބިލާއި ބޮންޑް ގަތުމަށް ، ފަންޑްގެ 87 އިންސައްތަ ހޭދަކޮށް ، ސަރުކާރަށް ފައިސާ ދައްކާފައި ވެއެވެ. 2022 ވަނައަހަރަށް ބަލާއިރު ، 550 މިލިއަން ރުފިޔާ ހޭދަކޮށް ، 10 އަހަރުގެ ޓްރެޜަރީ ބޮންޑް ، ސަރުކާރުން ގަނެފައި ވެއެވެ. އެއީ 5.5 އިންސައްތަ އިންޓަރެސްޓް ލިބޭގޮތަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި އިންވެސްޓްމަންޓް ފަންޑްތައް ހިންގައި ފައިދާ ނަގަމުންދާ އުޞޫލުން ، ރާއްޖޭގެ ޕެންޝަން ފަންޑް ނުހިންގެންވީ ސަބަބެއް ނެތެވެ. އެފަންޑުން ، ހަމައެކަނި އިންވެސްޓް ކުރަން ޖެހެނީ ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަން އެކަންޏެއް ނޫނެވެ. އެއަށްވުރެ ފައިދާޙުރި އެހެން ގޮތްގޮތަށް އެ ފަންޑް ހިންގެން ޖެހޭނެއެވެ. އެއީ ، ފަންޑް ހިންގުމާ ޙަވާލުވެތިބި ބައެއްގެ ޤާނޫނީ ޒިންމާއެކެވެ.

ޕެންޝަން ފަންޑް ހިންގުމަށްޓަކައި ، 0.6 އިންސައްތައިގެ އެޑްމިންފީއެއް ފަންޑަށް ނެގެއެވެ. 2022 ވަނައަހަރަށް ބަލާއިރު ، އެޑްމިންފީގެ ގޮތުގައި 96 މިލިއަން ރުފިޔާ އަދި އަހަރީ ޚަރަދުގެ ގޮތުގައި 39 މިލިއަން ރުފިޔާ ފަންޑުން ޚަރަދުކޮށްފައި ވެއެވެ. 23 ބިލިއަން ރުފިޔާގެ ފަންޑްގެ 0.6 އިންސައްތައަށްވަނީ 138 މިލިއަން ރުފިޔާއެވެ. އެޑްމިންފީއާއި އަހަރީ ޚަރަދުތަކަށް ، 2022 ވަނައަހަރު އެކަނިވެސް 135 މިލިއަން ޚަރަދުކޮށްފައި ވެއެވެ. ޚަރަދުނުކޮށް ، އަތްނުލާ 3 މިލިއަން ރުފިޔާ ބާއްވާފައި ވެއެވެ.

ޕެންޝަން އޮފީހުގެ މުއައްޒަފުންގެ މުސާރަޔަށް ބަލާއިރު ، 40 ހާހުން ، 50 ހާހުން މުއައްޒަފުންގެ މުސާރަ ކަނޑައެޅިފައި އެބަހުއްޓެވެ. ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މުސާރަތަކަށް ބަލާއިރު ، ޕެންޝަން އޮފީހުގެ މުއައްޒަފުންގެ މުސާރަ އެތައް ގުނައެއް ބޮޑެވެ. އެއް އަހަރުން އަނެއް އަހަރަށް ، ޕެންޝަން ފަންޑަށް ގިނަފައިސާ ލިބެމނުންދާ ވަރަކަށް ، ފަންޑް ހިންގުމަށް ކަނޑައެޅިފައި އޮންނަ 0.6 އިންސައްތައަށް ކަނޑައެޅޭ ފައިސާ ބޮޑުވަމުން ދާނެއެވެ. އޭގެ މާނަޔަކީ ، ފަންޑަށް ލިބޭ ފައިސާ ގިނަވަމުންދާ ވަރަކަށް ، 0.6 އިންސައްތަ އިތުރުވަމުން ދާއިރު ، އެހެން ތަންތަނަށްވުރެ ، އާދަޔާ ޚިލާފަށް ، މުއައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ލައިސަންސް ލިބެނީކީ ނޫނެވެ. މުއައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތައް ހުންނަންޖެހޭނީ ، ހަމައާއި އިންސާފުގެ ތެރޭގައެވެ.

ފާއިތުވި އަހަރުތަކުގައި ، ޕެންޝަން ފަންޑުން ހޯދާފައިވާ އިންވެސްޓްމަންޓް ފައިދާއަށް ބަލާއިރު އަހަރަކަށް އެވްރެޖުކޮށް 5 އިންސައްތައަށްވުރެ މަތީ މިންވަރެއް ފަންޑުގެ ބައިވެރިންނަށް ހޯދައިދެވިފައިވާކަމުގައި ޕެންޝަން އޮފީހުން ބަޔާން ކުރެއެވެ.

މިފަދަ ސްކީމެއްގެ ބައިވެރިންނަށް ލިބޭ އެއް ފައިދާއަކީ ފަހަށް ރައްކާ ކުރާ ފައިސާގެ ރައްކާތެރިކަމާމެދު އޮންނަ ޔަޤީންކަން އިތުރުކޮށްދޭނެ ހަރުދަނާ އުސޫލުތަކެއް ހަމަޖެހިފައިވުމެވެ. މިގޮތުން، ޕެންޝަން ފައިސާއިން އިންވެސްޓް ކުރެވޭނެ ތަންތަން ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވުމާއި، އިންވެސްޓް ކުރުމުގެ ކަންކަން ގެންދާ ގޮތް ބަލާނެ ރެގިއުލޭޓަރީ އޮތޯރިޓީއެއް ކަނޑައެޅިފައިވުމުގެ އިތުރުން ޕެންޝަން އޮފީހުން ގަވަނަންސް ހަރުދަނާކުރުމަށް ދޭ އިސްކަމަކީ މި ސްކީމުގެ ބައިވެރިންނަށް އެމީހުންގެ ފައިސާގެ ރައްކާތެރިކަމާ މެދު އޮންނަ ޔަޤީންކަން އިތުރުކޮށްދޭނެ ކަންކަމުގައި ، ޕެންޝަން އޮފީހުގެ ލިޔުންތަކުން އެބަ އެނގެއެވެ. އެހެނަސް ، އެ ރައްކާތެރިކަމާއި ޔަޤީންކަން  ، ޕެންޝަނަރުންނަށް އެބަލިބޭ ބާވައެވެ ؟ އޭގައި ބައިވެރިވެވުނީތީ މޮޔަހީވާވަރުގެ ފަންޑަކަށް ވެގެން އަދި ކަމަކު ނުދާނެއެވެ.

ޒުވާން ޢުމުރުގައި ޕެންޝަން ފަންޑްގައި ބައިވެރިވެ ، ޢުމުރުދުވަހު މަސައްކަތްކޮށް ، މަސައްކަތް ނުކުރެވޭ ޢުމުރަށް ދިޔައިމަ ، އެ ފަންޑުން ފައިސާ ނަގަން އެމީހަކު މަރުވާ ހިސާބަށްގޮސް ، އެމީހެއްގެ ވާރުތަ ވެރިންނަށް އެފައިސާ ލިބޭގޮތަށް އޮތުމަކީ ، އެއްވެސް މީހަކު އެދޭނެކަމެއްނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.