ފެނަކަ އޮތް ޙާލަތުން އަރައިގަތުމަށް ވެވެންހުރި ހުރިހާ އެހީއެއް އަގަކާއިނުލައި ވެދޭނަން: ފަހުމީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މިހާރު އޮތް ފަންނީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ވެވެން ހުރި ހުރިހާ އެހީއެއް، އެއްވެސް އަގަކާއި ނުލައި ސްޓެލްކޯއިން ވަމުން ގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސްޓެލްކޯ އާއި ފެނަކަ އާއި ދެމެދު ވެވުނު ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގުނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަޤުޞަދުގައި ކޮށްދޭ ކަންތައްތަކަށް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ހިލޭ ކޮށްދެވެން ހުރި ހުރިހާކަމެއް ހިލޭ ކޮށްދޭނަން. މުދާ ގަންނަންޖެހިއްޖެ ނަމަ އޭގެ ކޮސްޓް އަޅުގަނޑުމެން ފެނަކައަށް ޕާސްކުރި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އަޅުގަނޑުމެން މި އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދޭނަން"، ފަހުމީ ވިދާޅުވިއެވެ.

ފެނަކަ މިހާރު އޮތް ޙާލަތުން އަރައިގަންނަ ޖެހޭކަން ފާހަގަކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މި ވެވުނު ފަހުމުނާމާގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް ސްޓެލްކޯއިން އެހީވެދޭނެ ކަމަށެވެ.

"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގގެ ރޮގުންނާ އިލެކްޓްރިކަލް އިންޖިނިއަރިންގގެ ރޮގުން އަޅުގަނޑުމެން ތަމްރީނުދޭނަން، އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގަވެސް"، ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ ކުންފުނިން ޚިދުމަތްދޭ ރަށްތައް ގިނަވުމުން، މިފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުޅާވެ، ދެވޭ ޚިދުމަތަށް ރައްޔިތުންގެ ޔަޤީންކަން އިތުރުވެގެންދާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.