ބްލޫރިބަން : ޤާނޫނުހަދާ މަޖިލީހެއްތަ ؟ ނުވަތަ ބަކަރި ކޮށްޓެއްތަ ؟

ދޮންބެއްޔާ ގާތަށް އައި ރުޅީގައި ޓީވީ ނިއްވައިލިއެވެ. މޮޅިވެސް ވިއެވެ. އެކަމަކުވެސް އެ ނިއްވައިނުލާ ވާން ނެތީއެވެ. ކުޑަދަރިފުޅަށް ފެންނަގޮތަށް ޓީވީ ހުޅުވާފައި ބެހެއްޓެނީ ވަރަށް ވިސްނައިގެންނެވެ. އަމްދުން ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައްކާކަމަށް ވަންޏާ ، އެންމެ ރަނގަޅުވާނީ ޓީވީ ނިއްވައިލިއްޔާއެވެ.

ވަށްކަޅިޔަކުން ބަލައިލިތަނުން ، ދޮންބެއްޔާއަށް ފެނުނީ ޓީވީގެ ކުޑަ ތަންކޮޅެކެވެ. މަކުނެއް އަރާއިންހެން ، މަޖިލީހުގެ ރައީސްގެ މޭޒުމަތީ އިށީނދެއިން މީހަކު ، ދުންމާރި ފުމެން އިނެވެ. ރައީސްގެ ފަހަތުގައި ، ކޮޅަށްހުރި މީހަކު ތުނބުގައި  ދުންމާރި ޖަހައިގެން ފުމެފުމެ ހުށްޓެވެ. ރައީސްގެ ވަށައިގެން މީހުން އެއްވެފައި ތިއްބެވެ. ދެން ފެނުނީ ގަޔަށް ބޮލަށް އަރައިގަތްތަނެވެ. އެކަކު އަނެކަކަށް ކޮއްޕައި ބިންމައްޗަށް ވައްޓާލަން އުޅޭތަނެވެ. ދެމީހަކު ތަޅުންމައްޗަށް ގުޅަޔަކަށް ޖެހުނުތަންވެސް ފެނުނެވެ. އެދެމީހުން ތަޅައިފޮޅައިގަތެވެ. ރައީސްގެ މޭޒުގެ ކުރިމައްޗަށް ނުކުމެ ، ކޮޅަށްތިބި މީހުންވެސް މަދެއްނޫނެވެ. އެމީހުންވެސް ތިބީ ބެރުދުންމާރި ތާޅަފިލި ފުމޭށެވެ. ދޭތެރެޔަކުން ، އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަޅޭއްލަވައި ހަދައެވެ.

" ބައްޕާއެވެ ! އެއީ ބަކަރި ކޮށްޓެއް ހެއްޔެވެ ؟ " ދޮންބެއްޔާގެ ދަރިފުޅު ސުއާލު ކުރިއެވެ.

ދޮންބެއްޔާ ، ޓީވީ ނިއްވައިލީ އެހިސާބުންނެވެ. އެއީ ދެން ތަންފުކެއް ބޮޑު ވަރެކެވެ. އެއީ އިންސާނުން އުޅޭގޮތެއްނޫނެވެ. ޖަނަވާރުންނަށްވުރެވެސް ދަށުދަރަޖަ އެކެވެ.

ރައްޔިތުން އިންތިޚާބުކޮށްގެން ، ރައްޔިތުންގެ މަޖިލީހަށްގޮސްތިބި ، ބައެއްގެ އަޚުލާޤު ހުރި ގޮތެވެ. ބައެއްމީހުންނަށް އެއީ ނިކަން މަޖާ ކަމެކެވެ. އަނެއްބަޔަކު ، އެމީހުންނަށް ވޯޓުލެވުނީތީ ދެރަވާނެއެވެ.

ޤައުމު މިދަނީ ހަލާކުގެ މަގަށްނޫން ، ދެން އެހެން ކޮން މަގަކުންހެއްޔެވެ ؟ މިދައްކަނީ ރާއްޖޭގެ އެއްބާރު ކަމުގައިވާ ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާހަކައެވެ. ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ވާހަކައެވެ. 28 ޖަނަވަރީ 2024 ވަނަދުވަހު ބޭއްވުނު ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށާއި އިސްލާމްދީނަށް ފުރިހަމަޔަށް ބޯލަނބައި އިޙްތިރާމް ކުރާނެކަމަށް މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ބައެއްގެ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގައި ހަމަނުޖެހުން އުފެދި ، ގަޔަށްބޮލަށް އަރައި ، މަކުނުތަކެއްހެން މަޖިލީހުގެ މޭޒުމައްޗަށް އަރައި ، ތަކެއްޗަށް ގެއްލުންދީ ، ބެރުދުންމާރި ފުމުމުގެ ހަޑިހުތުރު ޢަމަލު ފެށުނީ ، 2008 ވަނަ އަހަރުންފެށިގެންނެވެ. ރާއްޖޭގައި ޕާޓީ ނިޒާމް އުފެދުމާ އެކުގައެވެ. ރައްޔިތުންގެ މަޖިލީހުން އެފެންނަނީ ، ޕާޓީ ނިޒާމުގެ ނުރައްކަލާއި ، އެއީ މި ޤައުމަށް ކަމުދާ ނިޒާމެއް ނޫންކަމުގެ ހެއްކެވެ. ފަސާދައިގެ މަގަށް ޤައުމުގެ މިސްރާބު ހިފާފައިހުރިކަމުގެ ، ފިރިހުރި މިސާލު ތަކެވެ.

އެކަކު އަނެކަކަށް ނުގޮވާކަ ހުތުރު އެއްޗެއް ، އަވަގުރާނައެއް ނެތެވެ. މާރާމާރީ ހިންގައި މޫނަށް ކުޅުޖަހައި ، ނުއުޅޭކަ ބޭއަދަބީ ގޮތެއް ނެތެވެ. ލާރިކޮޅެއް ދޭއިރަށް ޕާޓީ ބަދަލުކޮށްލައި އަމިއްލަ ނަފްސު ވިއްކާލައެވެ. ޕާޓީލައިނުން ދައްކަންވާ ވާހަކަތައް އެއީ ރޯބުހުތާން ދޮގުކަމަށްވިޔަސް ، ތެދުކަމުގައި ދައްކައިގެން ، ވާހަކަ ދައްކައެވެ. އެކަކު އަނެކެއްގެ އަބުރަށް އަރައިގަނެ ، ވަގަށް ގޮވައި ، ހައްދުޖަހަންޖެހޭފަދަ ދީނާޚިލާފު ވާހަކަ އެކަކު އަނެކަކަށް ގޮވައި ދީނުން ބޭރުވާއިރުވެސް ނޭނގެއެވެ. އެކަމަކުވެސް އެއީ ، " ޢިއްޒަތްތެރި " މެންބަރުންނެވެ. ޢިއްޒަތާއި ކަރާމާތް އޮންނަނީ އޮންނާނެ ތަނެއްގައެވެ. ބަލަންތިބޭ މީހުންނަށް ، އަދި އެމެންބަރުން ހޮވި މީހުންނަށް ރައްޔިތުންގެ މަޖިލިސް ފެންނަނީ ،  ބަކަރިކޮށްޓެއްގެ ސިފައިގައެވެ.

ޤާނޫނާ ޚިލާފަށް ފައިސާދީގެން ވޯޓުގަނެގެން ، މަޖިލީހަށް ވަދެވޭ އުސޫލު ދެމިއޮތްހާ ހިނދެއްގައި ، ރައްޔިތުންގެ މަޖިލިސް އޮންނާނީ ބަކަރި ކޮށްޓެއްގެ ސިފައިގައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑުމުސާރައާއި ، ބަޖެޓަށް ނުތަކާވަރަށް ޢިނާޔަތްތައް ނަގައިގެން ތިބެ ، އެ ގަންނަނީ ކޮންގަނޑެއް ހެއްޔެވެ ؟

ފައިސާއަށް ވޯޓު ގަނެވިދާނެއެވެ. ފައިސާ ލިބެންޏާ ވޯޓުވެސް ވިއްކާނެއެވެ. އެހެނަސް ، އެއީ މަދު ބަޔެކެވެ. ރާއްޖޭގައި ބޭއްވޭ އެކި އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ ޢަދަދު ، އެއްދުވަހުން އަނެއްދުވަހަށް މަދުވަމުންދިއުމުގެ ސަބަބަކީ އެއީއެވެ.

ހުރިހާވެސް ސަބަބަކީ ޕާޓީއެވެ. އެއް ޕާޓީ އަނެއްޕާޓީއާ ދެމެދު އޮންނަ ވާދަވެރިކަމާއި ޢަދާވާތްތެރިކަމެވެ. ވެރިކަމުގެ ބާރަށް ދެވިހިފައިފާ އޮންނަލެއް ބޮޑީއެވެ. މާއްދިއްޔަތަށް ހެއްލި ، ދުނިޔެއިން ގެއްލިގެންދާއިރުވެސް ނޭނގެނީއެވެ.  މަރުގެ އިންޒާރަކީވެސް މެންބަރުންނަށް ލިބޭ ޢާންމު އިންޒާރެކެވެ.

ހެއްދެވިހާ ހުތުރު ޢަމަލެއްކުރުމަށް ފައިސާބަހައި ވޯޓު ގަނެގެން މަޖިލީހަށް ވަދެތިބެނީ ކީއްކުރަން ބާވައެވެ ؟  ގިނަމީހުން ތިބެނީ ޕާޓީލައިނުން ވަދެއެވެ. މަދުބަޔަކު އަމިއްލަގޮތުން ހޮވިގެންނެވެ. ހުރިހާވެސް އެއްޗަކީ ރުފިޔާއެވެ. ލިބޭ ރުފިޔާ ގިނައީއެވެ. ލިބޭ ބާރުވެސް ބޮޑީއެވެ. އެކަމަކު ، އަގެއް ހުންނަނީ މަދު މީހެއްގެއެވެ. އެއްޕާޓީއަށްވުރެ ގިނައިން ، އަނެއް ޕާޓީއަކުން މަޖިލީހަށް މެންބަރުން ވައްދަނީ ، ބާރު ހޯދަންވެގެންނެވެ. ފައިސާ ގިނަކުރަން ވެގެންނެވެ. ރައްޔިތަކަށް ހެވެއް އެދިގެންނެއް ނޫނެވެ. އެކަން އޮންނާނީވެސް އެހެންނެވެ. އެމީހުން މަޖިލީހަށް ވަދެ އެތިބީ ވޯޓު ގަނެގެންނެވެ. މަދު ލާރިކޮޅަކަށް ރައްޔިތުންގެ ނަފްސު ގަނެގެންނެވެ. އެހެންކަމުން ، ކޮންމެހެން ، ރައްޔިތުންނާމެދު ވިސްނާކަށް ނުޖެހެއެވެ. ބަލަންޖެހޭނީ ، ވޯޓުގަންނަން އަތުން ހޭދަކުރި ފައިސާ ހޯދާނެ ގޮތެކެވެ. ގޮނޑި ވިއްކާލައިގެންކަމަށްވިޔަސް ، އެއީ ހޯދަންޖެހޭނެ ފައިސާއެކެވެ. އޭގެ އިތުރަށް އެތަނަށް ވަދެވުނީމަ އެލިބޭ ޢިނާޔަތްތައްވެސް ގިނައީއެވެ. ޢުމުރުދުވަހަށް އުޅެވޭނެވަރަށް ތަނަވަސްކަން ހޯދުމަށް މަގުފަހިވެގެން ދާނެއެވެ. ނުފޫޒު ގަދަވާނެއެވެ.

ކޮންމެ ފަރުދަކުވެސް ، ހަމަ ވިސްނުމުން ވިސްނައިގެން މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއްތޯ ނިންމަން އެބަޖެހެއެވެ. މަޖިލީހުގެ ހިތި ތަޖުރިބާއާއި ފެންނަ ހުތުރު މަންޒަރުތަކަށް ބަލާއިރު ، ޕާޓީތަކުގެ އެކްޓިވިސްޓުން މަޖިލީހަށް ވެއްދީމަ ، ޤައުމަށް ލިބޭ ގެއްލުމާއި ، ޖަމާޢަތަށް ފެންނަ މަންޒަރު ބިރުންގޮސް އަވަދިވާވަރު ވެއެވެ.

ކިޔަވައިގެންތިބި ، އަޚުލާޤު ރަނގަޅު ޤާބިލްމީހުން ، ރައްޔިތުންގެ މަޖިލީހަށް ހޮވަން އެބަޖެހެއެވެ. ޕާޓީތަކުން ކުރިމަތިލާ ތާކުންތާކު ނުޖެހޭ މީހުންނަށް ނޫނެކޭ ބުނަން އެބަޖެހެއެވެ.

މަޖިލީހުން އިއްޔެ ފެނުނު މަންޒަރުގައިވެސް ، ޤާނޫނީވަކީލަކު ، ރައްޔިތުންގެ މަޖިލީހުގެރައީސްގެ ގޮނޑީގެ ފަހަތުގައި ބެރުދުންމާރި ތާޅަފިލި ހިފައިގެން ފުމެން ހުއްޓާ ފެނުނެވެ. މަޖިލީހަށް ވަނުމުގެ ކުރިން އެއީ އެހާ އަޚްލާޤީގޮތުން ދަށް މީހެއްކަމެއް މީހުންނަކަށް ފާހަގައެއް ނުކުރެވެއެވެ. މަޑުމައިތިރި ޢިލްމީ ޒުވާނެކެވެ. އެކަމަކު ، ޕާޓީލައިނުންގޮސް ، މީހާ އެހުރީ މަގު އޮޅިފައެވެ. މީސްތަކުންގެ ފޫއްސާއި ނަފުރަތަށް ހުށަހެޅިފައެވެ. ދެން ، ތިމަންނަމެން ގާތަށް ވޯޓުހޯދަން ނާންނާށޭ ބުނަން މަޖުބޫރުވާ ވަރަށް އަގުވެއްޓިފައެވެ.

މަޖިލީހުގެ މެންބަރެއްވިއްޔާ ، އަޚުލާޤެއްވެސް ހުންނަން ޖެހެއެވެ. ހަމަބުއްދި ފިލައިނުދާމީހަކަށް ވާންޖެހެއެވެ. ވަލުޖަނަވާރުންނާ އެއް ދަރަޖަޔަކަށް ، މެންބަރުންދިއުން އެއީ މުޖުތަމަޢު ޤަބޫކުރާނެކަމެއްނޫނެވެ. އެކަމަކު ، ޕާޓީއަކުން މަޖިލީހަށް ވަދެވިއްޖިއްޔާ ، ލަދުޙަޔާތް ކެނޑެން މަޖުބޫރު ވެއެވެ. ނަފްސުގެ އަޅަކަށްވެ ، ތިމާމީހާގެ އަސްލު ސޫރައިން ދުރުހެލިވެ ، ޖަނަވާރުންގެ ދަރަޖަޔަށް ތިރިވެލަން ޖެހެއެވެ. ބާރާއި ފައިސާއަށް ވިކި ، ތިމާމީހާގެ އަގު ދުއްވާލައި ، މުޖުތަމަޢުގެ ނުރުހުމަށް ދޫކޮށްލަން ޖެހެއެވެ. މީސްތަކުންގެ ނަފުރަތާއި ރުޅިވެރިކަމާ ކުރިމަތިލާން ޖެހެއެވެ. ޕާޓީމީހަކު ކުރުނީސް ކޮށްފާނެއެވެ. އެހެނަސް ، މުޅި މުޖުތަމަޢުގެ ލޯތްބާއި އިޙްތިރާމުން މަޙުރޫމް ވާން ޖެހެއެވެ. އެއީ ، ޕާޓީއަކަށް ނިސްބަތްވާތީއެވެ.

އެކަމުގެ ޙަޤީޤަތް ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުން އެހެރަ ފެންނަނީއެވެ. އެފެންނަ މަންޒަރުންނާއި އެއުޅޭގޮތްތަކުން ، އަބުރު ގެއްލެއެވެ. މީސްތަކުންގެ އިޙްތިރާމް ނެތިދެއެވެ. މީހުން ރުޅިއަންނަ މީހަކަށް ވެއެވެ. މީސްތަކުގެ ކުރިމަތީގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގެއް ނެތެވެ. އެއަށްވުރެ ފޫހިވާ އެހެން އިންސާނަކު ނެތޭވަރަށް މީސްތަކުން ފޫހި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޞައްވުރު ، ރަނގަޅު ކުރެވޭނީ ، ރައްޔިތުން އެކަން ކުރަން ތިބިއްޔާއެވެ. ޕާޓީގެ ޢުދުވާނީ ވިސްނުމާއި މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ފިކުރަށްވުރެ ބޮޑަށް ، ޤައުމީ މަޞްލަޙަތު އިސްކޮށްގެންނެވެ. ޕާޓީތަކުން މެންބަރުން ނުހޮވާ ، އަމިއްލަގޮތުން ކުރިމަތިލާ ، ޤާބިލް ، ރިވެތި އަޚުލާޤުގެ އިޚްލާޞްތެރި އަދި ޢިލްމީ ، ނަޟާޙަތްތެރިން މަޖިލީހަށް ހޮވައިގެންނެވެ. މިއީ ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން ، ފަރުދީ ވިސްނުމަކުން އަދި ޤައުމީ ނަޒަރަކުން  ވިސްނަންޖެހޭ ވަގުތެކެވެ. ޕާޓީ ނިޒާމް ރާއްޖެޔަށް އައިފަހުން ، މި ޤައުމުގެ އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ތަޞައްވުރާއި ޙާލަތު ، އެއްދުވަހުން އަނެއްދުވަހަށް އެދަނީ ، ޚަރާބުވެ ، މަގުން ކައްސަމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ޚަރަދުތަކެއް ކުރެވެމުންނެވެ. ސިޔާސީމީހުން ނާޖާއިޒް ފައިދާ ނަގާތަނަކަށް ، އެތަން ހަދަމުންނެވެ. އެއީ ޙުރުމަތްތެރި ވެގެންވާ ޢިއްޒަތްތެރި މަޖިލީހެކެވެ. އޭގެ ބަދަލުގައި މިހާރު އެތަނަކީ ، މަޝްވަރާގެ ރިވެތި އުޞޫލުން ބޭރުވެ ، މަޝްވަރާއެއް ނުކުރެވި ޒުވާބުކޮށް ، އެކަކު އަނެކަކަށް އަނިޔާކޮށް ، ބަދުބަސްބުނާ ހޮޅުއަށްޓަކަށް ބަދަލު ވެއްޖެއެވެ. ކާނާއާއި ފެންނުދީ ގެންގުޅޭ ބަކަރިތަކެއް ލާފައިތިބޭ ބަކަރި ކޮށްޓެއް ފަދަތަނަކަށް ހަދައިފިއެވެ. ރައްޔިތުންގެ ވޯޓަކީ އަގުހުރި އެއްޗަކަށް ނުހަދައި ، މި ކާރިސާއިން ޤައުމާއި މުޖުތަމަޢު ސަލާމަތެއް ނުކުރެވޭނެއެވެ. މިއީ ޤައުމަށް ވެވޭ ކިހާބޮޑު ޚިޔާނާތެއްކަމާމެދު ވިސްނައިލާނެ މީހަކު ހަމަ ނެތީބާވައެވެ ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.