ބްލޫރިބަން : ޕެންޝަނުގެ ޖަރީމާ (2)

މޯލްޑިވްސް ޕެންޝަން ފަންޑަކީ ރާއްޖޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ފަންޑެވެ. ވަޒީފާދޭ 3،212 ފަރާތެއް ތަމްސީލުކުރާ ، ޖުމްލަ 118،790 މެންބަރުން މިފަންޑްގައި ، އެބަތިއްބެވެ. ފަންޑްގައި ބައިވެރިވާ މެންބަރުގެ ފަރާތުން 2021 ވަނައަހަރު ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ.  2023 ގެ މޭމަހުގެ ނިޔަލަށް 20.5 ބިލިއަން ރުފިޔާ މިފަންޑްގައި އެބަހުއްޓެވެ.

މި ފަންޑްގެ މެނޭޖްމަންޓް ފީއަށް ، 2021 ވަނައަހަރު 88 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ފިކްސްޑް ޑިޕޮޒިޓް އިންކަމްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މީގެ އިތުރަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި 866،451 ރުފިޔާ ލިބިފައި ވެއެވެ.

ފަންޑްގެ 2021 ވަނައަހަރުގެ ޚަރަދުތަކަށް ބަލާއިރު ، އިދާރީ ފީއަށް 96 މިލިއަން ރުފިޔާ ޚަރަދުވެފައި ވެއެވެ. އެއަހަރުގެ އެހެން ޚަރަދުތަކަށް 39 މިލިއަން ރުފިޔާ ޚަރަދު ވެފައި ވެއެވެ. މުއައްޒަފުންގެ މުސާރައާއި އެލަވަންސަށް 23 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.

އަސާސީ ޕެންޝަނަކީ ، ޢުމުރުން 65 އަހަރުވީމަ ، ސަރުކާރުން ދޭ ޕެންޝަނެކެވެ. ސަރުކާރަށް ޚިދުމަތެއް ނުކުރިޔަސް ، އަދި ޖަމާޢަތަށް ޚިދުމަތެއް ނުކުރިނަމަވެސް ، އަސާސީ ޕެންޝަން ލިބެއެވެ. ރިޓަޔަރމަންޓް ޕެންޝަނަކީ ޚިދުމަތްކުރާ މީހާގެ މުސާރައިގެ 7 އިންސައްތަ ދައްކައިގެން ، ޚިދުމަތްކުރުމުން ލިބޭ ޕެންޝަނެކެވެ. މިސާލަކަށް ،  65 އަހަރު ޚިދުމަތް ކުރުމުން މީހެއްގެ ރިޓަޔަރމަންޓް ޕެންޝަނަށް 3 ހާސް ރުފިޔާ ލިބިދާނެއެވެ. އެހެނަސް ، ޤައުމަށް އެއްވެސް ޚިދުމަތެއް ނުކުރާ މީހަކަށް 65 އަހަރު ވުމުން 5 ހާސް ރުފިޔާ ލިބެއެވެ.

ޤައުމަށް ޚިދުމަތްކޮށްގެން އަދި އެމީހެއްގެ މުސާރައިން 7 އިންސައްތަ ދައްކައިގެން ރިޓަޔަރމަންޓް ޕެންޝަނަށް ލިބޭ 3 ހާސް ރުފިޔާއަކީ ، އަސާސީ ޕެންޝަނުން ކަނޑާ އެއްޗެކެވެ. ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ލިބޭމީހާއަށް ،  65 އަހަރު ވީމަ ލިބޭ 5 ހާސް ރުފިޔާއިން 3 ހާސް ރުފިޔާ އުނިކުރެވެއެވެ. ދެޕެންޝަނަށް އެމީހަކަށް ޙައްޤުވާ 8 ހާސް ރުފިޔާއެއް ނުލިބެއެވެ. އަސާސީ ޕެންޝަނަށް އެމީހަކަށް ލިބެނީ 2 ހާސް ރުފިޔާއެވެ. 65 އަހަރުވީމަ ލިބޭ 5 ހާސްރުފިޔާ ހަމަކުރަނީ އެމީހާ ވަޒީފާ އަދާކޮށްގެން އަދި މުސާރައިން ބައެއް ދައްކައިގެން ރިޓަޔަރމަންޓް ޕެންޝަނުގެ ގޮތުގައި ލިބޭ 3 ހާސް ރުފިޔާ ލައިގެންނެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤު ގެއްލޭ ހިސާބަކީ އެއީއެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް ހަދަންޖެހޭނީ ، ރައްޔިތުންގެ އެއްވެސް ޙައްޤެއް ނުގެއްލޭ ގޮތަށެވެ. ފަންޑް ހިންގާ ބަޔަކަށް އެއީ ގެއްލުމަކަށްވާނަމަ އެއެއްޗެއް ނުދޭނީއެވެ. އެކަމަކު ، ރައްޔިތެއްގެ އަސާސީ ޙައްޤެއް ގެއްލޭގޮތަށް ، ޤާނޫނާއި ޤަވާޢިދު ހެދިގެން ނުވާނެއެވެ.

އަސާސީ ޕެންޝަނަކީ ، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާ މިންވަރެކެވެ. ދިރިއުޅުމުގެ ފެންވަރު މަތިވާވަރަކުން އެ ޢަދަދު މުރާޖަޢާކޮށް ބަދަލުގެނައުމަކީ ، ޕެންޝަނާބެހޭ ޤާނޫނު ބުނާގޮތުން ، މަދުވެގެން އަހަރަކު އެއްފަހަރު ދިރިއުޅުމުގެ ފެންވަރު ބަލައި ، ދިރިއުޅުމުގެ ފެންވަރު 5 އިންސައްތަޔަށްވުރެ މަތިވެއްޖެނަމަ ، އަސާސީ ޕެންޝަންގެ ޢަދަދު އިޞްލާޙުކުރުމަކީ ، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓާ މުއައްސަސާއެއްގެ މައްޗަށް ލާޒިމްކޮށްފައި އޮންނަ ކަމެކެވެ. 2019 ގެ ފަހުން ، ދިރިއުޅުމުގެ ފެންވަރު އެތައް ގުނަޔަކަށް މަތިވެފައިވިޔަސް ، އަސާސީ ޕެންޝަނަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މިއީ ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެފައި އޮތް އިހުމާލެކެވެ. ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގައި ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރިނަމަ އެކަން އެގޮތަކަށް ނުއޮންނާނެއެވެ. މިފަދަ ކޮންމެ ޕެންޝަނަކީ ، ސޯޝަލް ސެކިއުރިޓީއާ ގުޅިފައި އޮންނަ ކަމެކެވެ.

ބައެއް ޙާލަތުގައި ، ޤާނޫނާއި ޤަވާޢިދު ހެދިފައި ހުންނަނީ ، ވަޒީފާ އަދާކުރާ މީހާއަށް 55 އަހަރު ވީމަ ، ހަމަ މުސާރަ ލިބިފައި ، ހަމަ އެވަރުގެ މުސާރައެއް އިތުރަށް ލިބޭ ގޮތަށެވެ.  ނުވަތަ ރިޓަޔަރ ކުރީމަވެސް ، ހަމަ މުސާރައާ އެއްވަރުގެ ޕެންޝަނެއް ލިބޭގޮތަށެވެ.

2020 އަހަރު ، އަސާސީ ޕެންޝަނަށް 1.03 ބިލިއަން ރުފިޔާ ޚަރަދު ވެފައި ވެއެވެ. މިފައިސާއަކީ 18، 139 މީހުންނަށް ދޫކުރެވިފައިވާ ފައިސާއެކެވެ.  2011 ވަނައަހަރު 15،035 މީހުންނަށް އަސާސީ ޕެންޝަން ލިބުނުއިރު ، 2019 ގައި މިޢަދަދު ވަނީ  17،496 އަށް އަރާފައެވެ. 2011 ވަނައަހަރު ، އަސާސީ ޕެންޝަނަށް ޚަރަދުކޮށްފައިވަނީ 360 މިލިއަނެވެ. އޭގެ 8 އަހަރު ފަހުން 2019 ވަނައަހަރު  17،496 މީހުންނަށް 904 މިލިއަން ޚަރަދުވެފައި ވެއެވެ.

ރިޓަޔަރމަންޓް ޕެންޝަނަށް ބަލާއިރު ، 2011 ގައިތިބީ ، ރިޓަޔަރމަންޓް ޕެންޝަންލިބޭ 177 މީހުންނެވެ. އޭގެ 8 އަހަރުފަހުން 2019 ވަނައަހަރު ، މިޢަދަދުވަނީ 1،258 އަށް މަތިވެފައެވެ، 2011 ވަނައަހަރު 177 މީހުންނަށް 7.8 މިލިއަން ( އެވްރެޖްކޮށް މީހަކަށް މަހަކު 3،672.32 ރުފިޔާ ) ޚަރަދުވެފައި ވާއިރު 2019 ގައި 1،258 މީހުންނަށް ޚަރަދުވެފައިވަނީ 90.9 މިލިއަން ރުފިޔާ ( އެވްރެޖްކޮށް މީހަކަށް މަހަކު 6،021.46 ރުފިޔާ ) އެވެ.

ސަރުކާރުގެ ހުރިހާ މުއައްސަސާއަކާއި ، ސަރުކާރާ އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގައި މަސައްކަތްކުރާ 65 އަހަރުން ދަށުގެ މުއައްޒަފުން ، މޯލްޑިވްސް ޕެންޝަން ފަންޑްގައި ބައިވެރިވެ ، އެ މުއައްޒަފަކަށް ލިބޭ މަހުމުސާރައިގެ 7 އިންސައްތަ ފަންޑަށް ދެއްކުމަކީ ، އެ މުއައްޒަފެއްގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްކުރާ ކަމެކެވެ. އެފައިސާ ޖަމާކުރެވެމުންދާނީ ރިޓަޔަރމަންޓް ސްކީމަށެވެ. ފަންޑްގައި ބައިވެރިވާ މީހުން ރިޓަޔަރ ކުރީމަ އެ ފައިސާ ނެގޭނެ އުޞޫލުތައްވަނީ ހަމަޖައްސާފައެވެ. ވަޒީފާއަދާކުރާމީހާގެ މުސާރައިން 7 އިންސައްތަ ނެގޭއިރު ، އޭނާއަށް ޙައްޤުވާ ފައިސާ ނެގޭނެގޮތްތައް އަތުރައި ތަރުތީބުކުރެވިފައިހުރީ ، ފަންޑަށް ފައިދާވާ ގޮތަށެވެ. އެންމެ ދެރަވެގެން ، އެ މުއައްޒަފެއްގެ މުސާރައިން ކަނޑާފައި ، މަޖުބޫރުކޮށްގެން ނަގާ ފައިސާ ، އަނބުރާ އޭނާއަށް ލިބޭނެ ލުއިގޮތެއް ހަމަޖެހިފައެއް ނޯވެއެވެ.

ފަރުޟު ޙައްޖެއް އަދާކުރުމަށް ޕެންޝަން ސްކީމުން ލާރިނަގަން ބޭނުންވާ މީހާގެ ސޭވިންގސް އެކައުންޓްގައި 336،000 ރުފިޔާ ނެތްނަމަ ، ޙައްޖަށް ދާން ފައިސާއެއް ނުލިބޭނެއެވެ. ގެދޮރު ގަންނަން ކޮލެޓަރައިޒް ކޮށްފައި އެއްވެސް ޢަދަދެއް އޮތްނަމަ ، އެ ޢަދަދެއް ކަނޑާފައި 336،000 ރުފިޔާ ހުންނަން ޖެހެއެވެ. ކިތަންމެ ލާރިއެއް ހުއްޓަސް ، ފަރުޟު ޙައްޖެއްވުމަށް ދޫކުރަނީ ، އެކަމަށްދާ ޚަރަދުގެ ދެބައިކޮށްފަ އެއްބައެވެ.

ގެދޮރު ގަންނަން ކޮލެޓަރައިޒް ކުރެވެނީ  60 އަހަރު ނުވާ މީހުންނަށެވެ. 60 އަހަރު ވެއްޖެނަމަ ، އެކަމެއްވެސް ނުކުރެވެއެވެ. ކޮލެޓަރައިޒް ކުރުމަށް ފައިސާ ދޫކުރާއިރު ، 100 އިންސައްތަ ލިބެނީ ޢުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. 36 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ، ގެދޮރުގަންނަން ލިބެނީ 80 އިންސައްތައެވެ. ދެން އޮންނަ ކެޓަގަރީން 60 އަހަރާ ހަމަޔަށް ލިބެނީ 50 އިންސައްތައެވެ.

ރާއްޖޭގެ އާބާދީގައި ޒުވާނުންދަނީ ގިނަވަމުންނެވެ. އާބާދީގެ 8.3 އިންސައްތަޔަކީ 60 އަހަރުންމަތީގެ މީހުންނެވެ. އެހެންކަމުން ޕެންޝަނާބެހޭ ނިޒާމް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން އެބަ ޖެހެއެވެ. އަސާސީ ޙައްޤުތައް ނުގެއްލޭގޮތަށް އެންމެންނަށް ހަމަގޮތެއްގައި އެ ޙައްޤުތައް ލިބޭގޮތަށް ، ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ ޤާނޫނު އަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައި އޮތް ކަމެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.