ބްލޫރިބަން : ޕެންޝަނުގެ ޖަރީމާ (1)

ޕެންޝަނަކީ ، މުއައްޒަފަކު ، ވަކި މުއްދަތަކަށް ވަޒިފާ އަދާކުރުމުން ، އޭނާއަށް މުސާރައިގެ އިތުރުން ، މަހުންމަހަށް ލިބޭ ފައިސާގެ މިންވަރެކެވެ. މި މިންވަރު ކަނޑައެޅެނީ ، ޤާނޫނަކުން ނުވަތަ އަސާސީ ޤަވާޢިދަކުންނެވެ.

ޖަރީމާއަކީ ، ބޮޑެތި ކުށެވެ. ޕެންޝަނުގެ ޖަރީމާއަކަށްވާނީ ، ކޮންމެ ފަރާތަކުން ދިންކަމުގައިވިޔަސް ، ޕެންޝަން ދިނުމުގައި ކުރާ ބޮޑެތި ކުށެވެ.

ދިވެހިރާއްޖޭގައި ، ޕެންޝަން ލިބުމުގެ ޙައްޤަކީ ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 38 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ، ޕެންޝަން ލިބުމުގެ ޙައްޤު ލިބިގެންވެއެވެ.

ދައުލަތުގެ ވާޖިބަކީ ، ޤާނޫނު އަސާސީގެ 18 ވަނަ މާއްދާއިން ، ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި ، ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ، ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ، އެބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ، އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ، ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި ، އެމީހެއްގެ ނަސްލަށް ، ނުވަތަ އުފަންވީ ޤައުމަށް ، ނުވަތަ ކުލަޔަށް ، ނުވަތަ ޖިންސަށް ، ނުވަތަ ޢުމުރަށް ، ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ، ނުވަތަ މާލީ ފުދުންތެރިކަމަށް ، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ، ނުވަތަ އުފަން ރަށަށް ، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ، އެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ، ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ވެރިކަން ހިންގުމަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ދަށުން ، ޕެންޝަނާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ، އެބިލް ، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤު ކުރައްވާފައެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތަކީ ، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އެކުލަވައިލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުމާއި ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުމެވެ. އަދި ޕެންޝަނާބެހޭ ޤަނޫނުގެ ދަށުން ، އެކުލަވައިލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެކަށައަޅަންޖެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުމެވެ.

ޕެންޝަން އޮފީހުގެ މައިގަނޑު އެއް އަސާސަކީ ، އެއޮފީހުން ކަނޑައަޅާފައިވާ ގޮތުގައި ، މަސައްކަތަށް ޒިންމާދާރު ވުމެވެ. މަސައްކަތަށް ޒިންމާދާރުވެ ، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ، ގަދައަޅައި މަސައްކަތްކޮށް ، ކަންކަމުގެ ޙައްލު ހޯދުމަށް ، އަބަދުވެސް އަމާޒު ހިފުން އެއީ އެއޮފީހުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައި ވެއެވެ. އީޖާދީ ވިސްނުމާއި ، ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި ، މަސައްކަތް ކުރާހިތުން ކުރުމާއި ، ޙާލަތާ އެކަށޭނަގޮތަށް ކަންކަން ބަދަލުކުރުމާއި ، ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކޮށްގެން ، އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް ، އެންމެ ރަނގަޅު ނަތީޖާ ނެރެދިނުން އެއީ ، މަސައްކަތް ކުރުމަށް ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އަސާސެވެ.

ޕެންޝަން އޮފީހުން ޤާނޫނީގޮތުން ބަލަހައްޓަނީ ދެބާވަތެއްގެ ޕެންޝަނެކެވެ. އެއީ ،   ދައުލަތުގައި މަސައްކަތް ކުރާތާ 20 އަހަރު ނުވަތަ 40 އަހަރު ނުވަތަ 60 އަހަރުވުމުން ، ދެވޭ ޕެންޝަނާއި ، ޢުމުރުން 55 އަހަރު އަދި 65 އަހަރުވުމުން ، ވަޒީފާއިން ރިޓަޔަރކުރާ މުއައްޒަފުންނަށް ދެވޭ ޕެންޝަނެވެ.

މީގެ އިތުރަށް ، ޢުމުރުން 55 އަހަރު އަދި 65 އަހަރު ވުމުގެ ސަބަބުން ، ވަޒީފާއިން މުސްކުޅިކުރާ މުއައްޒަފުންނަށް ދެވޭ ޢިނާޔަތާއި ، އަމިއްލަ ފަރާތްތަކުން ، ތަފާތު ނަންނަމުގައި ޕެންޝަނުގެ ގޮތުގައި ދޭ ފައިސާވެސް ބަލަހައްޓަނީ ޕެންޝަން އޮފީހުންނެވެ.

ޕެންޝަންގެ ޖަރީމާއަކީ ، މަތީގައި ބަޔާންކުރެވިފައިވާ ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަދި ، ޕެންޝަން އޮފީހުގެ ޒިންމާއާއި މަސްއޫލިއްޔަތާ ، ވާޖިބާއި އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމެއްނެތި ޕެންޝަންދެވޭ އުޞޫލު ތަކެވެ. ދިވެހިރާއްޖޭގެ ޕެންޝަންގެ މުޅި ނިޒާމް އޮތީ ބޮއްސުން ލާފައެވެ. ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ޕެންޝަންގެ ޙައްޤަކީ ހަމަހަމަ ގޮތެއްގައި ދެވޭ އެއްޗެއްނޫނެވެ. ޕެންޝަނާ ގުޅިފައިވާ ޤާނޫނީ ޒިންމާ އަދައެއް ނުކުރެވެއެވެ.

ޕެންޝަނާގުޅިފައިވާ ޒިންމާއާއި މަސްއޫލިއްޔާ އަދި ޤާނޫނީ ވާޖިބު އަދާކުރެވޭނަމަ ، ޕެންޝަން ދިނުމުގައި އެކި މީހުންނަށް އެކިގޮތް ހެދޭތަން ފެނިގެންނެއް ނުދާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކުން އެކިގޮތަށް ، އެކިމިންވަރަށް އަދި އެކި އުޞޫލުން ޕެންޝަންދޭތަނެއް ނުފެންނާނެއެވެ. ޕެންޝަންގެ ޖަރީމާއަކީ ، އެމް އެންޑީ އެފާއި ޕޮލިހަށް ވަކި ނިޒާމެއް ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަކި ނިޒާމެއް ، ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ވަކި ނިޒާމެއް ، ރައީސް އޮފީހުގެ މުއައްޒަފުންނަށް ވަކި ނިޒާމެއް ، އަދި ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ވަކި ނިޒާމެއް އޮތުމެވެ. ބައެއް މީހުންނަށް ހަމަ މުސާރައިގެ ޕެންޝަން ލިބޭއިރު ، އާދައިގެ ނިކަމެތިމީހާއަށް 65 އަހަރުވީމަ ލިބޭ ލާރިކޮޅުވެސް އެއްކޮށް ނުދީ ، ވަޒީފާގެ ޕެންޝަނަށް ލިބޭ އެއްޗެއް ކަނޑާފަ އެ ޢަދަދު ހަމަކުރުމަކީ ، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު ކަމެކެވެ. ވަޒީފާގެ ޕެންޝަނަކީ ވަކި އެއްޗެކެވެ. އަސާސީ ޕެންޝަނަކީ ވަކި އެއްޗެކެވެ. މިދެ ޕެންޝަނަކީ ޤާނޫނުން ލިބިދޭ އެއްޗަކަށްވާއިރު ، އެއް ޕެންޝަނުގެ ޢަދަދުން އަނެއް ޕެންޝަނުގެ މިންވަރެއް ކެނޑިގެން ނުވާނެއެވެ.

ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކޮށްގެން ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާއަކީ ، އަސާސީ ޕެންޝަނުން ކެނޑޭ ފައިސާއެކެވެ. މިސާލަކަށް ، އެތައް ދުވަހަކު ސަރުކާރަށް ޚިދުމަތްކޮށްގެން ލިބޭ ޕެންޝަނުގެ ޢަދަދަކީ  ތިންހާސް ރުފިޔާކަމަށް ވާނަމަ ، އަސާސީ ޕެންޝަނަށް ލިބެނީ ދެހާސް ރުފިޔާއެވެ. އަސާސީ ޕެންޝަނުގެ ފަސްހާސް ރުފިޔާ ހަމަކުރެވެނީ ، ޢުމުރުދުވަހު ޚިދުމަތްކުރީމަ ޕެންޝަނަށް ލިބޭ ފައިސާ ކަނޑާފައެވެ. ޢުމުރުދުވަހު ޚިދުމަތްކުރީމަ ލިބޭ ޕެންޝަނަކީ ވަކި ޕެންޝަނެކެވެ. އަސާސީ ޕެންޝަނަކީ ވަކި ޕެންޝަނެކެވެ. ޤާނޫނާއި ޤަވާޢިދުތައް ހެދެން ޖެހޭނީ ، އެންމެހައި ޙައްޤުތަކުން ރައްޔިތުން މަހުރޫމު ނުކުރެވޭނެ ގޮތަކަށެވެ.

ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއެއް މިކަމުގައި އެބައޮތެވެ. މުސާރައިގެ ދެބައިކޮށްފަ އެއްބައި ސަރުކާރަށް ދައްކައިގެން ، ޢުމުރުދުވަހު ، ސަރުކާރަށް ޚިދުމަތްކުރީމާ އެލިބެނީ އެމީހަކު އެކުރި ޚިދުމަތަކަށް ޙައްޤު ޕެންޝަނަކަށްވާއިރު ، 65 އަހަރުވީމަ ޙައްޤުވާ އަސާސީ ޕެންޝަނަކީ އެހެން އަސާސެއްގެ މައްޗަށް ބިނާވެގެން ، ޢުމުރުން ދުވަސްވީމަ ލިބޭ ޕެންޝަނެކެވެ. އެ ދެ ޕެންޝަންވެސް ، އެމީހަކަށް ޙައްޤުވާނެއެވެ. ދެޕެންޝަނުންކުރެ ، އެއްޕެންޝަނަކުންވެސް އެއްޗެއް ކެނޑިގެންނެއް ނުވާނެއެވެ. އެއީ އިންޞާފެއްނޫނެވެ. އޭގެ ހެއްކަކީ ، ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ދެވޭ އެލަވަންސެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ އެލަވަންސަކީ ، އަސާސީ ޕެންޝަނުން ކެނޑޭ އެއްޗެއްނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ދެހާސް ރުފިޔާއާއެކު ، އަސާސީ ޕެންޝަނުގެ ފަސްހާސްލިބިގެން އެފަދަ މީހުންނަށް ހަތްހާސް ރުފިޔާ ލިބެއެވެ. އެހެންކަމަށްވާނަމަ ، ދިގުމުއްދަތަށް ސަރުކާރަށް ޚިދުމަތްކޮށްގެން ލިބޭ ޕެންޝަނުގެ ފައިސާ ، އަސާސީ ޕެންޝަންގެ ފައިސާއިން ކެނޑިގެން ނުވާނެއެވެ. އެއީ ދެކޮޅުޖެހޭ ކަމެއްނޫނެވެ. އެ ދެޕެންޝަންވެސް ހަމަޔަށް ލިބެން ޖެހޭނެއެވެ.

އަސާސީ ޕެންޝަނުގެ ގޮތުގައި ދެހާސް ރުފިޔާ ދޭންފެށީ 2010 ގައެވެ. އޭގެ 9 އަހަރުފަހުން ،  މާރޗް 2019 ގައި އަސާސީ ޕެންޝަންވަނީ ފަސްހާސް ރުފިޔާއަށް މަތިކުރެވިފައެވެ. ޕެންޝަނާބެހޭ ޤާނޫނު ބުނާގޮތުން ، މަދުވެގެން އަހަރަކު އެއްފަހަރު ދިރިއުޅުމުގެ ފެންވަރު ބަލައި ، ދިރިއުޅުމުގެ ފެންވަރު 5 އިންސައްތަޔަށްވުރެ މަތިވެއްޖެނަމަ ، އަސާސީ ޕެންޝަންގެ ޢަދަދު އިޞްލާޙުކުރުމަކީ ، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓާ މުއައްސަސާއެއްގެ މައްޗަށް ލާޒިމްކޮށްފައި އޮންނަ ކަމެކެވެ. މިވޭތުވެދިޔަ ދެތިންހަތަރު އަހަރެއްގެ ތެރޭގައި ، ދިރިއުޅުމުގެ ފެންވަރު މިވަނީ އެތައް ގުނަޔަކަށް މައްޗަށް އުފުލިފައެވެ.

" ބޮޑެތިމީހުން " އޮފީހުން ނުކުންނަންވީމަ ، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޕެންޝަނާއި ޕެކެޖާއި އެނޫންވެސް ޢނާޔަތްތައް ލިބޭގޮތް ހެދޭނަމަ ، އިންތިޚާބުތަކާ ދިމާކޮށް ޕެންޝަންގެ އުޞޫލުތައް ބަދަލުކޮށް ، ވަކިބަޔަކަށް މޮޅުވާގޮތަށް ހެދޭނަމަ ، އެ ޚިލާފުވެވެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއެވެ. މަދުވެގެން އަހަރަކު އެއްފަހަރު ދިރިއުޅުމުގެ ފެންވަރު ބަލައި ، ދިރިއުޅުމުގެ ފެންވަރު 5 އިންސައްތަޔަށްވުރެ މަތިވެއްޖެނަމަ ، އަސާސީ ޕެންޝަންގެ ޢަދަދު އިޞްލާޙުކުރުމަކީ ، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓާ މުއައްސަސާއެއްގެ މައްޗަށް ލާޒިމްކޮށްފައި އޮންނަ ކަމަކަށްވާއިރު ، އެކަން ނުކުރާނަމަ ، އެ ޚިލާފުވެވެނީ ޤާނޫނު އަސާސީއާއެވެ. ޕެންޝަން އޮފީހަށް މަތިކޮށްފައި އޮންނަ ޕެންޝަންގެ ނިޒާމުން ބޭރުން ، ރައީސް އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ސަލާމަތީ ބާރުތަކުން އަދި ޝަރުޢީ ދާއިރާއިން ޕެންޝަނުގެ ވަކި އުޞޫލުތަކެއް ހަދައިގެން ، ވަކިބަޔަކަށް ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިތުހުރި މިންވަރަކަށް ފައިސާ ޚަރަދު ކުރާނަމަ ، ޕެންޝާނޭ ކިޔާފަ އަނގަހުޅުވާލަން ލަދުގަންނަން އެބަ ޖެހެއެވެ. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުން މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް ، އެންމެންނަށް ހަމަހަމަ ކޮށް ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ، ޕެންޝަނާ ބެހޭ ޤާނޫނުތައް އެމަގުން އިޞްލާޙު ނުކުރެވޭނަމަ ، އެ ޚިލާފު ވެވެނީ ﷲ ގަންދީ ކޮށްގެން ތިބި ހުވަޔާއެވެ. މެންބަރުންނަށް މޮޅުވާނެހާ ގޮތްގޮތަށް ، މެންބަރުންނަށް ޕެންޝަން ލިބޭގޮތްގޮތަށް ޤާނޫނު ހަދައިގެން ތިއްބަކަސް އަދި ކަމަކު ނުދާނެއެވެ. އެހިސާބުން އެންމެންނަށްވެސް އެ ހިންގެނީ ޕެންޝަނުގެ ޖަރީމާއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.