އޮފްޝޯރ ކުންފުނި

ޢާންމުގޮތެއްގައި ، އޮފްޝޯރ ކޮމްޕެނީއަކީ ، އެކުންފުންޏެއްގެ ވެރިން ދިރިއުޅޭ ޤައުމުނޫން އެހެން ޤައުމެއްގައި ، އެ ޤައުމެއްގެ ޤާނޫނީ ޝަޚުޞެއްގެ ގޮތުގައި ، އެމީހުންގެ ނަމުގައި ރަޖިސްޓަރީ ކުރެވޭ ވިޔަފާރި ކުންފުންޏެކެވެ. މިސާލަކަށް ، ސިންގަޕޫރުގެ ވިޔަފާރި ވެރިޔަކު ، ބެލީޒްގައި ބައިނަލްއަޤްވާމީ ކުންފުންޏެއް ރަޖިސްޓަރީކޮށްގެން ، ވިޔަފާރި ކުރުމެވެ.

އޮފްޝޯރ ކުންފުނި ރަޖިސްޓަރީ ކުރުމުގައި އެކި ޤައުމުގައި އެކިގޮތަށް ޢަމަލު ކުރެވެއެވެ. މިސާލަކަށް ، ބެލީޒްގައި ރަޖިސްޓަރީ ކުރެވޭ އޮފްޝޯރ ކޮމްޕެނީއެއްގެ ވިޔަފާރީގައި ، ނުވަތަ ވިޔަފާރީގެ އެއްވެސް ޙަރަކާތެއްގައި ، އެ ޤައުމުގެ ރައްޔިތުން ބައިވެރިކުރުން ، ޤާނޫނުގައި މަނާ ކުރެއެވެ. އެހެނަސް ، އެހެން ބައެއް ޤައުމުގައި ، އޮފްޝޯރ ކުންފުނި ރަޖިސްޓަރީކުރާ ޤައުމުގެ ރައްޔިތުން ބައިވެރިކޮށްގެން ވިޔަފާރި ޙަރަކާތްތައް ހިންގިދާނެއެވެ. މިފަދަ ކުންފުނިތަކުން ، އެ ޤައުމެއްގައި ޤާއިމްކުރެވިފައި އޮންނަ ޓެކްސް ނިޒާމުގެ ދަށުން ޓެކްސް ދައްކަން ޖެހެއެވެ. އަދި ކުންފުންޏާބެހޭ އެހެން ޤާނޫނުތަކަށް ތަބާވާން ޖެހެއެވެ.

އޮފްޝޯރ ކުންފުނިތަކުގެ ގޮތްނޭނގޭ ވިޔަފާރީގެ ޙަރަކާތްތަކާ ބެހޭގޮތުން ދުނިޔޭގައި ފެތުރިފައިވާ އަޑުތަކާ ގުޅިގެން ، އޮފްޝޯރ ކުންފުނީގެ ތަޞައްވުރު އޮންނަނީ ވަރަށްބޮޑަށް ކިލނބުވެފައެވެ. އެއީ ، ބައެއް ވިޔަފާރިވެރިން ޖެހިލުންވާ ކަމަކަށް  ވެފައެވެ. އެންމެ ބޮޑަށް އަދި ގިނައިން އިވޭ އަޑަކީ އެއީ ، މަނީލޯންޑަރ ކުރުމަށްޓަކައި ރަޖިސްޓަރީ ކުރެވޭ ކުންފުނިތަކެއް ކަމުގައެވެ. އެންމެ ބޮޑަށް ޤަބޫލުކުރެވިފައި އޮންނަނީ ، އޮފްޝޯރ ކުންފުނިތަކަކީ ، އެތަނެއްގެ ޓެކްހާބެހޭ ޤާނޫނުން ސަލާމަތްވުމަށް އުފައްދާ ކުންފުނިތަކެއްގެ ގޮތުގައެވެ. އެކަން އޮންނަނީ އެހެންނެއްނޫނެވެ. އޮފްޝޯރ ކުންފުނިތަކަކީ ، އެކުންފުނި ރަޖިސްޓަރީކުރާ ޤައުމެއްގެ ޤާނޫނުތަކަށް ތަބާވާން ޖެހޭ އަދި ޓެކްސްވެސް ދައްކަންޖެހޭ ކުންފުނިތަކެކެވެ. ޓެކްސް ނުދައްކާ ، ސަރުކާރަށް އޮޅުވާލައިގެން ފައިސާ ގެންގުޅެ ، ޤާނޫނާޚިލާފަށް އެފައިސާ ގެންގުޅުމަކީ އެހެން ކަމެކެވެ. އެއީ ކުށެކެވެ. އެވާހަކަތައް އެގޮތަށް ދައްކަނީ ، އެގޮތަށް އެކަން ކުރާ ބަޔަކުވެސް ދުނިޔޭގައި އުޅޭތީއެވެ.

ބޭރުގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ތަޢާރުފް ކޮށްފައިހުންނަ ޓެކްސްގެ ނިޒާމަކީ ، އޮފްޝޯރ ކުންފުނި ރަޖިސްޓަރީކުރާ ވިޔަފާރިވެރިން އެންމެ ހިތްކިޔާނެ އެއްކަމެވެ. ބިދޭސީ ވިޔަފާރިއަށް ލާބަހުރި ، ޓެކްހުގެ ނިޒާމްތަކުން ، ޓެކްސް ދައްކަން ނުޖެހުމާއި ޓެކްހާގުޅޭ ފައިދާތައް ލިބުން އެއީ ، އެމީހުންގެ ޝަޢުޤުވެރިކަން ބޮޑުވާ އެއްކަމެވެ.

ބައެއް ޤައުމުތަކުގައި ، ބޭރުގެ އިންވެސްޓަރުން ގެނައުމަށްޓަކައި ، އެމީހުންކުރާ ވިޔަފާރިން ޓެކުހެއް ނުނަގައެވެ. އެހެނަސް ، އެވިޔަފާރީގައި ރޯލުކުރެވޭ ފައިސާއިން ، އެޤައުމެއްގެ އިޤްތިޞާދަށް ފައިދާ ކުރެއެވެ. އޮފްޝޯރ ކުންފުންޏެއް ރަޖިސްޓަރީ ކުރުމުގެ ކުރިން ، އެ ޤައުމެއްގެ ވިޔަފާރިއާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ދެނެގަތުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ. ޤާނޫނުންދޭ ޙިމާޔަތާއި ، ވިޔަފާރީގެ ފައިދާއިން މަންފާ ލިބިގަނެވޭނީ އޭރުންނެވެ. މިސާލަކަށް ހޮންގކޮންގ ނަގާނަމަ ، އެ ޤައުމުގެ ވިޔަފާރިވެރިން ، ޤައުމުން ބޭރުގައި ހިންގާ ވިޔަފާރިން ލިބޭ ފައިދާއިން ޓެކްހެއް ނުނަގައެވެ. ވިޔަފާރިން ދައްކަންޖެހޭ ޓެކްސް ރަނގަޅަށް ބެލެހެއްޓިއްޖެނަމަ ، ޓެކްސް އާ ގުޅޭ ކަންކަން ރަނގަޅަށް ހިންގި ، ލިބޭފައިދާއިން ، އެވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް މަގުފަހި ވެގެންދާނެއެވެ. ބޮޑެތި ޢަދަދުތަކުން ޓެކްސް ދައްކަންޖެހޭ ވިޔަފާރިވެރިން ، އެމީހުންގެ ވިޔަފާރީގެ ފައިދާ ، ޓެކްސް ދައްކަން ނުޖެހޭ ބޭރުޤައުމުތަކުގައި އިންވެސްޓް ކުރަނީ އެ ސަބަބަށްޓަކައެވެ.

އޮފްޝޯރ ކުންފުނި ރަޖިސްޓަރީކުރާ އަނެއް ބޭނުމަކީ ، އެކުންފުންޏެއްގެ މިލްކިއްޔާތާއި މުއްސަނދިކަން ރައްކާތެރިކޮށް މުސްތަޤްބަލް އުޖާލާވުމަށް މަގުފަހި ވުމެވެ. ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން ހަމަޖެހުންބޮޑު ޤައުމުތަކުގައި ، އޮފްޝޯރ ކުންފުނިތަކުގެ މިލްކިއްޔާތާއި މުއްސަނދިކަމުގެ ރައްކާތެރިކަން ކަށަވަރުވާލެއް ބޮޑުވާނެއެވެ. އޮފްޝޯރ ކުންފުނިތަކުގެ ވެރިންގެ އަމިއްލަ ޝަޚުޞަށް ބޭނުންވާ ރައްކާތެރިކަން އެއީ އެމީހުންގެ ވިސްނުމުގައި ނޯވެނުދާނެ ކަމެކެވެ. އެމީހުންގެ ނަން ޢާންމު ނުވުމާއި ، އެތެރޭގެ ދާޚިލީ ކަންކަމުގެ ތެރެއިން ، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވާނެ ގޮތްތަކާއި ، ޤާނޫނީ ޙިމާޔަތް ކަށަވަރުކޮށްދޭ ޤައުމުތައް ހުރެއެވެ. އެހެންކަމުން ، އޮފްޝޯރ ކުންފުނިތަކުގެ މިލްކިއްޔާތަކީ ޤާނޫނީ ރައްކާތެރިކަމާއި ޙިމާޔަތް ލިބި ، ޢާންމު ރައްޔިތުންނަށް އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް ނުލިބޭގޮތަށް ހަމަޖެހިފައި އޮންނަ އެއްޗެކެވެ. އެއީ އެއްވެސް މިންވަރަކަށް ހާމަކުރުން މަނާކުރެވިފައި އޮންނަ މަޢުލޫމާތެކެވެ.

ޕެނަމާ އާއި ބެލީޒްފަދަ ޤައުމުތަކުގައި އޮފްޝޯރ ކުންފުނިތަކުގެ މަޢުލޫމާތަކީ ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައި އޮންނަ އެއްޗެކެވެ. އެއިން ކުންފުންޏެއްގެ ޙިއްޞާދާރުންގެ އެއްވެސް މަޢުލޫމާތެއް ހާމައެއް ނުކުރެވޭނެއެވެ. އިންވެސްޓްމަންޓް ރައްކާތެރިކޮށް ޙިމާޔަތް ކޮށްދެވޭނެއެވެ. އެއީ ޤާނޫނީގޮތުން ސަރުކާރާއި ދައުލަތުގެ ޒިންމާއެކެވެ. މިފަދަ ރައްކާތެރިކަމެއް އަދި ޤާނޫނީ ޙިމާޔަތެއް ދުނިޔޭގެ އެހެން  އެއްވެސް ޤައުމެއްގައި ޤާއިމްކުރެވިފައެއް ނޯވެއެވެ.

ގިނަ ، އޮފްޝޯރ ކުންފުނިތަކުން ، އެކުންފުނީގެ ޑައިރެކްޓަރުންނާއި ޙިއްޞާދާރުން އަދި ، ކުންފުނީގެ ވިޔަފާރިން ފައިދާލިބޭމީހުންގެ އެއްވެސް މަޢުލޫމާތެއް ، ޢާންމު އެއްވެސް ފަރާތަކަށް ހާމައެއް ނުކުރާނެއެވެ. އެހެނަސް ، ކަނޑައެޅިފައި އޮންނަ ވަކި ޝަރުތު ތަކަކާއެކު ، އަހަރަކު އެއްފަހަރު ، ކޮމްޕެނީ ރަޖިސްޓްރާރ އަށް އެ މަޢުލޫމާތު އަންގާން ޖެހެއެވެ.

އޮފްޝޯރ ކުންފުނިތަކަކީ ، ހަމައެކަނި ކުންފުނި އުފައްދަން ފަސޭހަ ވުމުގެ އިތުރަށް ހިންގަންވެސް އެހާ ފަސޭހަ ކުންފުނި ތަކެކެވެ. ކުންފުނި އުފެއްދުމުގެ ފަހުން ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައްވެސް ހުންނަނީ އެހާ ފަސޭހަކޮންނެވެ. ރަޖިސްޓްރާރ އަށް އަހަރީ ހިސާބުތައް ފޮނުވުމާއި ކުންފުނީގެ އެކައުންޓާ ބެހޭ ހިސާބުތައް ހުށަހެޅުމުގައިވެސް ފަސޭހަތަކެއް ހުރެއެވެ. ކުންފުނީގެ މަޢުލޫމާތު ހުށަހެޅުމުގައިވެސް ، އެކި ޤައުމުތަކުގައި ހަމަޖެހިފައި އޮންނަނީ އެކި ގޮތަށެވެ. އޮފްޝޯރ ކުންފުނިތަކަކީ ، އެހެން ބާވަތްތަކުގެ ކުންފުނިތައް ހިންގުމަށްވުރެ ފަސޭހަ ނިޒާމެކެވެ. އޮފްޝޯރ ކުންފުނި ރަޖިސްޓަރީ ކުރަނީ އެހުރިހާ ގޮތްގޮތަކަށްވެސް ބަލާފައެވެ.

ބައެއް ، އޮފްޝޯރ ކުންފުނިތަކުން ، ދުނިޔޭގެ ބާޒާރުގައި ފައިތިލަ ސާބިތުކުރަން އެތައް ތަކުލީފެއް އުފުއްލަން ޖެހެއެވެ. މިސާލަކަށް ، އެމެރިކާގެ ކުންފުންޏަކަށް ، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމެއްގެ ކުންފުންޏަކާއެކު ވިޔަފާރި ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެމެރިކާގެ ކުންފުނިން ، ހޮންގކޮންގގައި އޮފްޝޯރ ކުންފުންޏެއް ރަޖިސްޓަރީ ކޮށްގެން ، އެ އޮފްޝޯރ ކުންފުނި މެދުވެރިކޮށް ، ދެކުނު އިރުމަތީ އޭޝިއާގެ ކުންފުންޏަކާ އެކު ވިޔަފާރިކުރުމަށް މަގުފަހި ވެއެވެ. އެމެރިކާގައި ކުރިމަތިވާ ދަތިތައް ނައްތައި ލެވެއެވެ. އެމެރިކާގެ ވިޔަފާރިއާއި އިޤްތިޞާދާބެހޭ ޤާނޫނުތަކުން އެޅޭ ހުރަސްތައް ނައްތައި ލެވެއެވެ.

އޮފްޝޯރ ކުންފުނި ގިނައިން ރަޖިސްޓަރީ ކުރެވިފައި ހުންނަނީ ޖަޒީރާ ޤައުމު ތަކުގައެވެ. މަނީލޯންޑަރިންގެ ވިޔަފާރީގައި ޙަރަކާތްތެރިވުމަށްޓަކައި އެފްރިކާގެ ބައެއް ޤައމުތަކުގައިވެސް އޮފްޝޯރ ކުންފުނި ރަޖިސްޓަރީ ކުރެވިފައި ހުރެއެވެ. ބެލީޒާއި ބްރިޓިޝް ވަރޖިން އައިލޭންޑް ، ޕެނަމާއާއި ކޭމަން އައިލޭންޑް ، ސީޝެލްސް އާއި ސިންގަޕޫރު އަދި ހިންގކޮންގއަކީ ، އޮފްޝޯރ ކުންފުނި ރަޖިސްޓަރީ ކުރުމަށް ، އެކަމާބެހޭ މާހިރުން ލަފާދޭ ބައެއް ޤައުމެވެ.

އޮފްޝޯރ ކުންފުންޏެއް ރަޖިސްޓަރީ ކުރުމުކީ ފަސޭހަކަމެއް ކަމަށްވިޔަސް ، ކުންފުނި ރަޖިސްޓަރީކުރާ ޤައުމަކާއި އެޤައުމެއްގެ ސިޔާސީ އަދި އިޤްތިޞާދީ ހަމަޖެހުން އޮތް މިންވަރަކާ ، ޤާނޫނުތައް ހުންނަގޮތް ދިރާސާކޮށް ، ވަރަށްގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެކަންކަން އެންމެ ރަނގަޅު ޤައުމެއް ބަލާފައި ، ކުންފުނި ރަޖިސްޓަރީ ކުރުމުން ، ވިޔަފާރިކުރަން ފަސޭހަވެފައި ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް މަގުފަހިވެގެން ދެއެވެ. އަދި ، ވިޔަފާރިއާ ގުޅޭނެ ރަނގަޅު ކުންފުނިތައްވެސް ހޯދަން ފަސޭހަ ވެއެވެ. އެއާ ޚިލާފަށް ، ރަނގަޅު ނޫން ސަރަޙައްދެއްގައި އޮފްޝޯރ ކުންފުނި ރަޖިސްޓަރީ ކުރެވިއްޖެނަމަ ، ވިޔަފާރިއަށް ގެއްލުންވެ ބަނގުރޫޓު ވެގެންވެސް ދެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.