މަތިންދާ ބޯޓުގެ ފާޚާނާގައި އެއް ގަޑިއިރު ވާނދެން ފަސިންޖަރަކު ތާށިވެފައި ހުންނަން ޖެހިއްޖެ

އިންޑިއާގެ ފަސިންޖަރަކު މަތިންދާ ބޯޓެއްގެ ފާޚާނާގައި އެއްގަޑިއިރަށް ވުރެ ގިނައިރު ތާށިވެފައި ހުންނަން ޖެހިއްޖެއެވެ. އޭނާއަށް ފާޚާނާއިން ނިކުމެވުނީ ބޯޓު ޖެއްސިފަހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފާޚާނާގައި ބަންދުވެފައި ހުންނަން ޖެހުނީ މުމްބާއީ އިން ބެންގަލޫރު ސިޓީއަށް ސްޕައިސްޖެޓްގެ ބޯޓެއްގައި ދަތުރުކުރި މީހެކެވެ. އެ ދެ ސިޓީ ދެމެދުގައި ކުރާ ދަތުރުގައި އާންމުކޮށް 105 މިނެޓް އިރު ހޭދަވެއެވެ.

ދަތުރުގެ ތެރޭގައި ފަސިންޖަރު ފާޚާނާއަށް ދާން ޖެހިގެން ފާޚާނާއަށް ވަދެފައި ނިކުންނަން ދޮރު ހުޅުވަން އުޅުމުން ތަޅު ހަލާކުވެ ދޮރުހުޅުވޭ ގޮތެއް ނުވިއެވެ. އެހެންވެ އޭނާއަށް މުޅި ދަތުރު ހޭދަކުރަން ޖެހުނީ ފާޚާނާގައި އިށީނދެ އިނދެގެންނެވެ.

ދަތުރުވެރިއަކު ފާޚާނާތެރޭގައި ބަންދުވެފައި ހުރިކަން ބޯޓުގެ ފަޅުވެރިންނަށް އެނގިގެން އެމީހުން ވެސް ދޮރު ހުޅުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ދަތުރުމަތީގައި ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. އޭނާއަށް ފާޚާނާއިން ނިކުމެވުނީ ބޯޓު ޖެއްސިފަހުން އިންޖިނޭރަކު ކުރި މަސައްކަތުން ދޮރު ހުޅުވުމުންނެވެ.

ސްޕައިސްޖެޓުން ވަނީ އެ ހާދިސާއާ ގުޅިގެން އެމީހާގެ ކިބައިން މައާފަށް އެދި، އެކަމާ ހިތާމަކުރާ ކަމަށް ބުނެފައެވެ.

ސްޕައިސްޖެޓްގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ދަތުރުވެރިއަކު ފާޚާނާގައި ބަންދުވެފައި ހުރިކަން އެނގުމުން މުޅި ދަތުރުގައި ފަސިންޖަރަށް އެހީތެރިކަމާއި އިރުޝާދު ދެމުން ދިޔަކަމަށެވެ.

އިންޖިނިއަރަކު ފާޚާނާގެ ދޮރު ހުޅުވައި އޭނާއަށް ނިކުމެވޭ ގޮތް ހަދައި ދިނުމުން އެމީހާއަށް ވަގުތުން ސިއްހީ ފަރުވާ ދީފައިވެއެވެ.

އެއާލައިނުން ދަތުރުވެރިޔާގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.

ޚަބަރުލިބިފައިވާ ގޮތުގައި އެ ހާދިސާއާ ގުޅިގެން ދަތުރުވެރިޔާ ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އޭވިއޭޝަން މިނިސްޓަރު އެގައުމުގެ ބޮޑެތި ހަ އެއާޕޯޓުގައި ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ޚާއްޞަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.