ބްލޫރިބަން : މޮޔައިން އަތަށް ކަނޑިދިނުން

" މޮޔައެއްގެ އަތަށް ކަނޑި ނުދޭށެވެ. " މިއީ ދިވެހި މިސާލު ބަހެކެވެ. މި މިސާލުބަސް ، ދިވެހިބަހުގެ ރަދީފުގައި ނުވަތަ ބަސްފޮތުގައި ލިޔެވިފައިނެތަސް ، މިއީ އިހުޒަމާނުއްސުރެ ދިވެހިންގެ މެދުގައި ބޭނުންކުރެވެމުން އައި މިސާލު ބަހެކެވެ. މިބަހުގެ މިސާލު އެތައް ގޮތަކަށް މާނަ ކުރެވިދާނެއެވެ.

އެއްމިސާލަކީ ، ވަކިކަމެއް ކުރަން ނޭނގޭމީހަކާ އެކަމެއްކުރަން ހަވާލު ނުކުރާށެވެ. ފަހަރެއްގައި އެމީހަކަށް އެކަމެއް ކުރެވިދާނެއެވެ. އަދި ، އެންމެ ފުރިހަމައަށް ނޫންނަމަވެސް ، އެކަމެއް ކުރަމުންކުރަމުންގޮސް ، ރަނގަޅަށް އަދި ފުރިހަމަޔަށްވެސް އެކަމެއް ކުރެވިދާނެއެވެ. ބައެއްފަހަރަށް މިރިނުވެ ، ގޮބޮޅި ކާށިވުން މިދެމިސާލުބަސް ގުޅުވައިލެވިއްޖެނަމަ  ، ކުރިން ދެންނެވި މިސާލު ބަހުގެ މާނަ ފުރިހަމަވެދާނެއެވެ. މިރިނުވެ ، ގޮބޮޅި ކާށިވުން ، މިބަހަކީ ، ދިވެހިބަހުގެ ރަދީފުގައި ލިޔެވިފައި އޮތް މިސާލު ބަހެކެވެ. މާނަޔަކީ ، ނުވާދުވަހުން ބޮޑުވެގެން އުޅުމެވެ. މާނަޔަކީ ، ޢުމުރުން ޅައިރު ނުވަތަ ތުއްތުއިރު ބޮޑުމީހަކަށް ވެގެން އުޅުމެވެ. މިސާލަކަށް ، ޢުމުރުން ފަސްއަހަރުގައި ، ޢުމުރުން ވިއްސަކަށް އަހަރުގެ ކުއްޖެއްގެ ގޮތުގައި އުޅެން އުޅުމެވެ. ކަމެއް ނޭނގޭ ވަރު ޢުމުރެއްގައި ، އެކަމެއް އެނގޭކަމަށް ހަދައިގެން އުޅުމެވެ. ލިބޭ ވަޒީފާއެއްގެ މަސްއޫލިއްޔަތާއި ޒިންމާ ނުވިސްނޭ ޙާލުގައި އެވަޒީފާއެއް އަދާކުރަން ކުރިމަތިލުމެވެ. މިރިނުވެ ، ގޮބޮޅި ކާށިވާގޮތަށް ، އެ ވަޒީފާއަކަށް ބޭނުންވާ ތަޢުލީމާއި ހުނަރު ލިބިފައިނެތި ، އެ ވަޒީފާއެއް އަދާކުރެވިދާނެކަމަށް ބަލައި އެކަމަށް ކުރިމަތިލުމެވެ.

މަތީގައިވާ މިސާލު ދެބަހުން ނެގޭ އެތައް މާނައެއް އެބަހުއްޓެވެ. އަދި އެދެބަހުގެ މާނައިން އުފަންވެދާނެ އެތައްކަމެއްވެސް އެބަ ހުއްޓެވެ. ފަރުދީ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައެވެ. އަދި ދުނިޔޭގެ ފެންވަރުގައެވެ. ކަމަކަށް އަހުލުވެރިނުވެ ، ވާނުވާއެއް ނޭނގި ، ވިސްނާލަން ނޭނގި ، އަމިއްލަ ފައިދާއަށް އަމިއްލަޔަށް ކުރެވޭ ކަންކަންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ޤައުމީ ފެންވަރުގައި ، އުފުއްލަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތަށް ، އެކަށީގެންނުވާ މުއައްޒަފުންގެ ފަރާތުން ޤައުމަށްލިބޭ ގެއްލުމެވެ. ޤައުމުގެ އިޤްތިޞާދަށާއި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމަށް ބުރޫއަރައި ، ޤައުމީ ސަލާމަތަށް ނުރައްކާ ވުމެވެ.

މިލިޔުން ފެށުމުގައި ގެނެސްދީފައިވާ އެކްސް ޕޯސްޓަކީ ، ހިންދީ ފިލްމު ސްޓަރ އަކްޝޭ ކުމާރުގެ ޕޯސްޓެކެވެ. އަކްޝޭ ކުމާރަކީ ސާޅީހަކަށްމިލިއަން " ފޮލޯވަރސް " ގެ ޕްލެޓްފޯމެއްގެ ވެރި މަޝްހޫރު ޝަޚުޞިއްޔަތެކެވެ. އިންޑިއާ ފިޔަވައި ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންވެސް އެ ޕްލެޓްފޯމްގައި ހިމެނެއެވެ. އަކްޝޭގެ ޕޯސްޓްތައް ރިޕޯސްޓްކުރާ އެތައް މިލިއަން މީހުން އުޅެއެވެ. މާނަޔަކީ އަކްޝޭގެ ބަސްވިކޭ ، ފަންސާހަކަށް މިލިޔަންމީހުން ދުނިޔޭގައި އެބަ އުޅެއެވެ.

7 ޖެނުއަރީ 2024 ގެ މެންދުރު ފަހުގެ 1:20 ގައި އަކްޝޭ ކުރި އެޕޯސްޓް ، އެތައް ލައްކަބަޔަކު މިހާރު ބަލައިފިއެވެ. އެޕޯސްޓް ކުރިތާ ދެގަޑިއެއްހާ އިރުގެ ތެރޭގައި ، 776 ހާސްމީހުން އެޕޯސްޓް ބަލައިފައި ވެއެވެ. 27،700 މީހުން ލައިކް ޖަހައިފައި ވެއެވެ. 656 މީހުން ކޮމެންޓް ކޮށްފައި ވެއެވެ. އަދި 8،026 މީހުން ، އަކްޝޭގެ އެޕޯސްޓް ރިޕޯސްޓް ކޮށްފައި ވެއެވެ.

އަކްޝޭ ކުމާރުގެ އެ ޕޯސްޓަކީ ، " އިންޑިއާ އައުޓް " ކެމްޕޭނާ ގުޅިގެން ކޮށްފައިވާ ޕޯސްޓެއްނޫނެވެ. އެ ޙަރަކާތާ ބެހޭގޮތުން އަކްޝޭމެން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަކްޝޭގެ އެ ޕޯސްޓަކީ ، ދިވެހި ސަރުކާރުގެ  މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް ، އިންފޮމޭޝަން އެންޑް އާރޓް ގެ ތިން ، ޑިޕިއުޓީ މިނިސްޓަރުން ކަމުގައިވާ  ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި ޢަބްދުﷲ މަހުޒޫމް ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ، ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ނޭދެވޭ ލިޔުމަކާ ގުޅިގެންނެވެ. އިންޑިއާގެ ވެރިންނަށާއި އިންޑިއާއަށް ފާޑުކިޔައި މަލާމާތް ކޮށްގެން ، ރާއްޖެއަށް ލިބޭނެ މޮޅެއް އޮންނާނެކަމަށް ދުށުމަކީ އެންމެ ރަނގަޅު ކަމެއްނޫނެވެ. އެ ހުތުރު ޢަމަލު އެހިންގީ ، ރާއްޖޭގެ ރައްޔިތުންކުރެ ޢާންމު ފަރުދުންނެއް ނޫނެވެ. ސަރުކާރުގެ ވުޒާރާއެއްގެ ޒިންމާދާރު ، މިނިސްޓަރުގެ ނައިބުން ތަކެކެވެ.  މިއީ ، މިރިނުވެ ، ގޮބޮޅި ކާށިވެގެން ، އަދި މޮޔައެއްގެ އަތަށް ކަނޑިދިނުމުން ނުކުމެދާނެ ނަތީޖާއަކާ އެއްފަދަ މިސާލެކެވެ. މިކަމާގުޅިގެން ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ތެދުވުމަކީ ނުވެނުދާނެ ކަމެކެވެ. އިންޑިއާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ފޯރުމަކީވެސް ވެދާނެ ކަމެކެވެ. މިކަމާ ގުޅިގެން ، ރާއްޖޭގެ ތަރައްޤީއަށާއި އިޤްތިޞާދީ ކުރިއެރުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއްޤައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ، މިނޭދެވޭ ޢަމަލުގެ އަސަރު ކުރާނެކަމީ ، ޝައްކެއް އޮތްކަމެއްނޫނެވެ.

ދިވެހި ސަރުކާރުން މިކަމާގުޅޭގޮތުން ބުނެފައިވަނީ ، އެއީ އެކަހަލަ ވާހަކަ ދައްކާ މީހުންގެ އަމިއްލަ ޚިޔާލު ކަމަށެވެ. އަދި ސަރުކާރުގެ ބަހެއްނޫންކަމަށެވެ. އެއީ ސަރުކާރުން ދެކޭގޮތް ނޫންކަމަށެވެ. އެ ހުތުރު ޢަމަލު އެހިންގީ ، ރާއްޖޭގެ ރައްޔިތުންކުރެ ޢާންމު ފަރުދުންނެއް ނޫނެވެ. ސަރުކާރުގެ ވުޒާރާއެއްގެ ޒިންމާދާރު ، މިނިސްޓަރުގެ ނައިބުން ތަކެކެވެ. ސަރުކާރުން ބުނެފައި ވަނީ ، ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް ، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އެ ޢަމަލު ހިންގި ތިންމީހުންނަށް ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ. އެޅިފިޔަވަޅަކީ ، އެތިން މީހުން ސަސްޕެންޑް ކުރުމެވެ. މާނަޔަކީ ، ވަޒީފާއިން ވަކިނުކޮށް ، ގެޔަށް ފޮނުވައިލުމެވެ. މުޅި ޤައުމަށް ލިބުނު ހުތުރުނަމަކާއެކު ، އިޤްތިޞާދީގޮތުން ދާއިމީ ގެއްލުންތަކެއް މެދުވެރިވެދާނެ ހަޑި މުޑުދާރު ޢަމަލެއްކުރި މިނިސްޓަރުންގެ ނައިބުންނަށް އެޅިގެން އެދިޔައީ ، އެމީހުން އެކުރި ޢަމަލަށް އެކަށީގެންވާ ފިޔަވަޅެއް ބާވައެވެ ؟ ތިންހަތް ދުވަސްކޮށްފައި އެތިންމީހުން އަލުން އޮފީހަށް ނެރުނީމަ ، އެހިސާބުން އެކަން އެ ނިމުނީކަމަށް ބެލުމަކީ ، ރައްޔިތުންނަށް ޤަބޫލުކުރެވޭފަދަ ކަމަކަށް ވެދާނެކަމަށް ހީކުރުމަކީ ކުށަކަށް ވެދާނެއެވެ.

ހަމަގައިމުވެސް ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަން ޤަބޫލު ނުކުރެވިދާނެއެވެ. މިކަމުގެ އެންމެ ބޮޑު ސީދާ އަސަރެއްކުރާނީ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކަމަށް ވާތީއެވެ. މޮޔައިން އަތަށް ކަނޑި ދިނުމަކީ ހާދަ ނުރައްކާތެރިވެސް ކަމެކެވެ. މިރިނުވެ ، ގޮބޮޅި ކާށިވެފައި ހުއްޓާ ވަކިކުރަން ނޭނގުމަކީވެސް ކުޑަކަމެއްނޫނެވެ. ބޭކާރުވަނީ ރައްޔިތުންގެ ޓެކްސް ފައިސާއެވެ. އެތުދަތުން ފުޅަށް އަޅައިގެން މަޑުތަންމަތީ ނިދާމީހުން ގިނަވެގެންގޮސް ، އެގަހު ކޭލެއް މިގަހުކޭލެއް މިހާރަކު ވަތްކެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.