މާގިނައިން ލޮނު ބޭނުންކުރުމުން ލޭމައްޗަށް ދިއުމުގެ އިތުރަށް ކިޑްނީ ފެއިލްވުން ފަދަ އެތައް ކަމެއް މެދުވެރި ވެދާނެ: ދިރާސާ

ލޮނަކީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަމަށް ބުނެ ވާހަކަދައްކާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް އަހަރުތަކެއް ވާނދެން، ލޮނުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ބަލަމުން އަންނަ ދިރާސާވެރިންނަށް ދާދި ފަހުން ވަނީ އަނެއްކާވެސް ބިރުވެރި ހޯދުމެއް ފެނިފަ އެވެ.

އެމެރިކާގެ ނިއު އޮރްލިއަންސްގެ ޓޫލޭން ޔުނިވާސިޓީގެ ޕްރޮފެސަރު ރޫއީ ޓެންގް އާއި އޭނާގެ އެކުވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ލޮނު ގިނަ ކާނާ އާއި ދިގު މުއްދަތަކަށް ކިޑްނީގެ ބަލިތަކާ ގުޅުން ހުރިކަން ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ.

އެ ދިރާސާގައި ބޭނުންކޮށްފައިވަނީ އިނގިރޭސިވިލާތުގެ 37 އަހަރާއި 73 އަހަރާ ދެމެދުގެ ބޮޑެތި މީހުންގެ މައުލޫމާތެވެ. އެ މީހުންނަކީ ޔޫކޭ ބަޔޯބެންކް ކިޔާ ބޮޑު ރިސާޗް ޕްރޮޖެކްޓެއްގައި ބޭނުންކުރި ބައެކެވެ.

ޖާމާ ނެޓްވޯކް އޯޕަން ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކެއުމުގައި ލޮނު ގިނައިން ބޭނުންކުރާ މީހުންނަށް ކިޑްނީގެ ތަފާތު ބަލިތައް ދިގު މުއްދަތަކަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެ އެވެ.

ކްރޮނިކް ކިޑްނީ ބައްޔަކީ ވަގުތު ފާއިތުވަމުންދާ ވަރަކަށް ކިޑްނީގެ މަސައްކަތް މަޑުމަޑުން ހުއްޓާލާ ހާލަތަކަށް ގެންދާ ބައްޔެކެވެ.

ލެއިން ކުނި ސާފުކޮށް، ހަށިގަނޑުގެ ފްލޫޑް އަދި މިނަރަލް ބެލެންސް ބެލެހެއްޓުމުގައި ކިޑްނީ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެތަކެތި އުނިވެއްޖެނަމަ ހަށިގަނޑަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.

ރާއްޖޭގައި ކިޑްނީގެ ބަލިތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. ކަން އެހެން އޮތުމުން ލޭމައްޗަށް ދިއުމާއި ކިޑްނީގެ ބަލިތަކުން ދުރުހެލިވުމަށް ލޮނާއި ހަކުރު ބޭނުން ކުރުން މަދުކޮށް ޑޮކްޓަރުންގެ ލަފާ ހޯދުމަކީ ވަރަށް މުހިންމުކަމެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.