ބްލޫރިބަން : ވިއްސާރައިގެ އަސަރު

މި ދުވަސްވަރަކީ ، އެއްގަމާއި ކަނޑުގައިވެސް ވިއްސާރައާއި މޫސުމްގޯސްވުމުގެ ސަބަބުން ، އެކަމުގެ އަސަރު ކުރަމުންދާ ދުވަސްވަރެކެވެ. އެއްގަމުގައި ފެންބޮޑުވުމާއި ކަނޑުގައި ރާޅުގަދަވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަތައް މެދުނުކެނޑި އިވެމުން ދެއެވެ.

ފޮޓޯއިން އެ ފެންނަނީ ، އިސްލާމީ މަރުކަޒުގެ މިސްކިތަށް އަރާ ސިޑީގެ ތަންކޮޅެކެވެ. އެތާހުރި އަފިއެލޭ ގަސްތަކުން ފައިބާ ފަތްތަކުން ފުރިފައެވެ. މަރުކަޒާ ހަމަޔަށް އާދެވެނީ ގޯތިތެރެޔަށް އެޅިފައިވާ ފަތްތަކުގެ މަތިން ހިނގާފައެވެ. ތިރިން ވުޟޫ ކޮށްލައިގެން މިސްކިތަށް އެރެނީ ، މިސްކިތު ސިޑިމައްޗަށް އެޅިފައިވާ ފަތްތަކުގެމަތިން ހިނގާފައެވެ. އިސްލާމީ މަރުކަޒުގެ މިސްކިތަކީ ގިނަބަޔަކު ، ނަމާދު ގަޑިޔަށް ޖަމާވާ މިސްކިތެކެވެ. މިއީ ، ކިތަންމެ މޫސުމް ގޯސްވިޔަސް ، އެހެންޏާ ފެންނަ މަންޒަރެއްނޫނެވެ. ކުރިން ފަތްތައް އެޅިފައި ހުއްޓަސް ، ނަމާދު ވަގުތަށް ސާފުކޮށްލާތަން ފެންނަ ހަނދާނެއް ވެއެވެ. ހަމަގައިމުވެސް ، މިގޮތަށް ، ފަތްތައް އެޅި ، މިސްކިތް ހަޑިވެފައި ހުއްޓައެއް މީގެ ކުރިޔަކުން ނުފެނެއެވެ.

އެތާ ކައިރީގައި ފިހިގަނޑެއް ބަހައްޓާލާފައި ހުންނަނަމަ ، ހަމަގައިމުވެސް ، އެފަތްތައް އެއްފަރާތްކޮށްލާނެ މީހަކު ވެދާނެއެވެ. ސާފުކުރާނެ މުއައްޒަފުން ނެތަސް ، ނަމާދަށް ދާމިހުންގެ ތެރެއިން މީހެއްގެ ހިތަށް އެއްޗެއް އަރައިގެން ، އެ ފަތްތައް ސާފުކޮށްލުމަކީ ވެދާނެ ކަމެކެވެ. ގެއިން ފިހިގަނޑެއް ހިފައިގެން އައިސް އެތަން ސާފުކޮށްލުންވެސް އެއީ މާބޮޑު ކަމެއްގެގޮތުގައި ނުބަލާމީހުންވެސް ތިބެދާނެއެވެ.

މޫސުމް ގޯސްވުމާއެކު ، މިހާރަކަށް އައިސް ގަސްތަކުން ފަތްވެރޭލެއްވެސް ގިނައީއެވެ. ރައީސް އޮފީސް ވަށައިގެންވެސް އޮންނަނީ ފަތެވެ. ފަތްވެރޭލެއް ގިނަކަމުން ، ކުނިކަހާ މީހުންނަށް ސާފުނުކުރެވެނީކަމަށް ވެދާނެއެވެ. ދެރައީ ، އެހެންޏާ ނުފެންނަ މިފަދަ މަންޒަރުތަކެއް ، މުހިންމު ޢިމާރާތަތަކެއްގެ ކައިރިންނާއި އެތެރެއިން ފެންނަމުން ދާތީއެވެ.

މިއީ ، ކޮންމެ ކޮންމެ މީހަކާ ބެހޭކަމަކަށް ނުވެ ހިނގައިދާނެއެވެ. އެހެނެއްކަމަކު ، ކޮންމެ ކޮންމެ ތަނެއް ނޫންވީމަ ، މިފަދަ ކަންކަމާ އެއްޗެހި ހިތަށްއަރާމީހުން ތިބެދާނެއެވެ. މުޤައްދަސް ޢިމާރާތަކާއި ޝަރަފުވެރި ޢިމާރާތެކެވެ. ސާފުތާހިރުކޮށް ފެންނަން މީހުން ބޭނުންވާ މުހިންމު ދެތަނެކެވެ. މިކަމަށްވެސް ޒިންމާވެ ، އިހުމާލުވާ ބަޔަކު ތިބެދާނެއެވެ. އެކަމަކު ، އެއީ ކޮންމެ ކޮންމެ މީހަކާ ބެހޭކަމެއްނޫނެވެ. ނުބެހޭ ކަންކަމާ ބެހުމަކީ ، މިޒަމާނުގައި އަބުއި ކަމެކެވެ. ކޮންމެކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް ، އެކަމަކާ ބެހުމަށްވުރެ ނުބެހުމަކީ މިޒަމާނުގެ ސްޓައިލެވެ. ލޮލަށާއި ބޮލަށް އުނދަގޫވިޔަސް ހަށްޓަށް ފަސޭހަވާނީ އެގޮތެވެ.

1 ޚިޔާލު

  1. މިހާރު ދެތިންދުވަސް ވެދާނެ އެފަތްތަކެއް ގިނަވެ މިސްކިތް ހަޑިވަމުންދާތާ. މީހަކު ރަނގަޅު ވާހަކައެއް ބުންޏަސް އެއީ ރަނގަޅު ކަމަކަށް ނުބަލާނެ މިހާރަކު. އިސްލާމީ މަރުކަޒަށް ނަމާދަށްދާއިރު ކޮންމެ މީހަކުވެސް ފިހިގަނޑެއް ހިފައިގެން ދާންވީ. މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ބަޔަކަށް މޮޅުގޮތްތަކެއް ނުވާނެ. ހީކުރިގޮތެއްނޫން މިވަނީކީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.