2024 ވަނަ އަހަރު: ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް

އަލަށް މި ފެށުނު 2024 ވަނަ އަހަރު އުއްމީދު ކުރަނީ ކޮންކަމަކަށް ހެއްޔެވެ؟ ތެދަށް ބުނާ ނަމަ ޖިއޮޕޮލިޓިކްސްގައި އިތުރުވަމުން ބޮޑުވަމުން އަންނަ ހާސްކަމާއި ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ނުތަނަވަސްކަމާއި އުދަނގޫތައް މި އައު އަހަރު ވެސް ދުނިޔޭގައި ދިގުދެމިގެން ދާނެއެވެ.

ޣައްޒާ އާއި ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމަތަކާއި ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ފިތުނަތަކުގެ ސަބަބުން ދުނިޔޭގެ މަންޒަރު އިތުރަށް ވަނީ ނުތަނަވަސްވެ ހައިޖާންވެފައެވެ. އެތައް މުސީބާތްތަކަކާއި ގޮންޖެހުންތަކެއްގެ ސަބަބުން އުފެދޭ ހުރަސްތަކުން މުސްތަގުބަލު މިއަހަރު ވެސް އިތުރަށް ބިރުވެރިވަމުންދާނެއެވެ.

ޔަގީންކަމެއް ނެތް ހާލަތެއްގައި ދުނިޔޭގެ އެތައް ބިލިއަން ބަޔަކު އުޅެމުން ދަނިކޮށް މި އަހަރު ދުނިޔޭގެ ސިޔާސީ ހާލަތަށް އިތުރު ލޮޅުންތަކެއް އަރާނީ މި އަހަރު އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ބާއްވާ އާންމު އިންތިޚާބުތަކުގެ ސަބަބުންނެވެ. އެ އިންތިޚާބުތަކާ ވިދިގެން ވަރަށް ގިނަ ގައުމުތަކުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ދުނިޔޭގެ ބާރުގެ ތިލަފަތް ބަދަލުވަމުންދާއިރު، ޖިއޮޕޮލިޓިކްސް ބައްޓަންކުރުމުގައި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން ވެސް ވަނީ ދުނިޔޭގައި މުއިންމު ދައުރެއް އަދާކުރަން ފަށާފައެވެ. ކަން އެހެން އޮތުމުން އަލަށް މި ފެށުނު 2024 ވަނަ  އަހަރުގެ ޖިއޮޕޮލިޓިކަލް ޓްރެންޑްތަކާއި ނުރައްކާތަކާއި ގޮންޖެހުންތަކުގައި ޔަގީންކަން ނެތްކަން ހަގީގަތެއްގެ ގޮތުގައި ދެމިއޮންނާނެ އެވެ.

"އިކޮނޮމިސްޓް"ގެ ރިޕޯޓެއްގައި  ލަފާކޮށްފައި ވަނީ ކޯޅުންތަކާއި ޖިއޮޕޮލިޓިކަލް ވާދަވެރިކަން ވަރުގަދަވުމުގެ ސަބަބުން އެއްބައިވަންތަކަން ގެއްލި ބައިބައިވުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށެވެ. ހަމަ ޔަގީނުންވެސް މިދިޔަ އަހަރު ދުނިޔޭގައި ހިނގަން ފެށި މުސީބާތްތަކުގެ ސަބަބުން މި އަހަރު ދުނިޔެ ދެކެމުން ދަނީ  ނުތަނަވަސްކަމާއި ޔަގީންކަމެއް ނެތް ގޮތަކަށެވެ.

ލަންޑަންގައި ހުންނަ "ރިސްކް ކޮންސަލްޓެންސީ" ކުންފުންޏެއް ކަމަށްވާ "ކޮންޓްރޯލް ރިސްކްސް"އިން ގަބޫލުކުރާ ގޮތުގައި މި އަހަރަކީ ކޯޅުމާއި މައްސަލަތައް އުފެއްދުމުގެ މުހިންމު އަހަރަކަށް ވާނެއެވެ. އަދި މިއީ މައްސަލަތައް ހައްލުކުރުމުގައި  އޯވަރލޯޑް ވެގެންދާނެ އަހަރެކެވެ.

އިޒުރޭލުން ބޮންއަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާގެ ސަރަހައްދެއް

"ވޯލްޑް އިކޮނޮމިކް ފޯރަމް" ހިމެނޭ ގޮތަށް އެހެން ޖަމާއަތްތަކުން ވެސް މި އަހަރަށް އަންދާޒާ ކުރަނީ ގިނަ މުސީބާތްތަކެއްގެ އަހަރަކަށް މި އަހަރު ވެދާނެ ކަމަށެވެ.

މި އަހަރުގެ އެންމެ މުހިންމު ސްޓްރެޓެޖިކް ސިނާރިއޯއަކަށް ވާނީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ މަގެވެ. ދުނިޔޭގެ ބޮޑު ދެ ބާރުން ގަވާއިދާ ހިލާފު ހަމަނުޖެހުމެއްގެ ނުރައްކާތެރިކަން ދެނެގަނެ، ގުޅުން ރަނގަޅު ކުރަން ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރި ނަމަވެސް، ޖިއޮޕޮލިޓިކަލް މަސްލަހަތާއި، ޓައިވާނާއެކު ވިޔަފާރިއާއި، ޓެކްނޮލޮޖީއާ ގުޅޭ ކޯޅުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އައީ  ގޯސްވަމުންނެވެ. އަދި އެ ގުޅުން ބަދަހިވުމުގެ އަލާމާތްތަކެއް ވެސް ފެންނަމުން ނުދެއެވެ.

ހުރިހާ ދާއިރާއަކުން ވެސް ކުރިއަރައި އެމެރިކާއާއި ފައިހަމަކޮށްފައިވާ ޗައިނާ ގިއްގަޅުވާލަން މަޒީގައި އެމެރިކާއިން ކުރި އެއްވެސް މަސައްކަތެއް ކާމިއާބު ވެފައެއްނެތެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާއާއި ޗައިނާގެ ކޯޅުންތައް އިތުރުވެ، އަސްކަރީ ވާދަވެރިކަން ވެސް ވަރުގަދަވެ، ޓައިވާނަކީ ދެގައުމުގެ ކޯޅުންތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ދެމިއޮންނާނެ އެވެ. ނަމަވެސް "ކޮންޓްރޯލް ރިސްކްސް"އިން ގަބޫލުކުރާ ގޮތުގައި ދެގައުމަށް ކުރިމަތިވެފައިވާ އެތެރޭގެ ގޮންޖެހުންތަކަށް ބަލާއިރު ދެގައުމުގެ ގުޅުން އިތުރަށް ގޯސްނުވެ "މިވަގުތަށް ދެމިއޮންނާނެ" އެވެ. މި އެތެރޭގެ ގޮންޖެހުންތަކުގެ ތެރެއިން އެންމެ އިސް ގޮންޖެހުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބާއި ޗައިނާގެ އިގުތިސާދީ މައްސަލަތަކެވެ.

ރަޝިއާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ

ބައިނަލްއަގުވާމީ "ތިންކް ޓެންކް"ތަކާއި "ބްލެކް ރޮކް" ފަދަ އިންވެސްޓްމަންޓް ކޮންސަލްޓިން ކުންފުނިތަކުން ކުރި ގިނަ ދިރާސާތަކުން ދެ ގައުމުގެ ދެމެދުގައި ކޯޅުން ހިންގުމުގެ ފުރުސަތު އޮތް ކަމަށް ވަނީ އެނގިފައެވެ. ހަމަ އެގޮތަށް އެމެރިކާ އާއި ޗައިނާއާ ދެމެދު ކޯޅުންތަކެއް އުފެދިފައިވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކޯޅުން މާ ފުޅާ ދާއިރާއެއްގައި ހިނގަމުން އެބަދެއެވެ.

މިދިޔަ އަހަރު ނިމި 2024 ވަނަ އަހަރު ފެށުނީ އިރުމައްޗާއި ހުޅަނގާއި ދެމެދު އޮތް ފިތުނަ އިތުރަށް ބޮޑުވެ، ޔޫކްރޭން ހަނގުރާމައަށް ނިމުމެއް ނުގެނެވި އިޒުރޭލުގެ އަނިޔާވެރިކަން ޣައްޒާގެ ރައްޔިތުންނަށް ފާވެފައިވަނިކޮށްނެވެ.

މަޝްވަރާކޮށްގެން ޔޫކްރޭންގެ ހަނގުރާމަ ވެސް ނިންމައެއް ނުލެވުނެވެ. ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދާ ލޭއޮހޮރުވުން ވެސް މަޝްވަރާކޮށްގެން ނިމުމަކަށް ގެނައުމަށް ސީރިއަސް ފިޔަވަޅުތަކެއް ނޭޅުމުގެ މާނައަކީ އިރުމައްޗާއި ހުޅަނގުގެ ގުޅުންތައް ގޯސްވެ، ދުނިޔޭގެ އިގުތިސާދާއި ސަޕްލައި ޗޭންތަކަށް އަސަރުކުރުމެވެ. އެކަމުގެ ހިތިރަހަ ދުނިޔެ ދެކެން ފަށައިފިއެވެ.

ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ޔޫކްރޭނުން ނެއްޓި ޣައްޒާއަށް ބަދަލުވެފައެވެ. އިޒުރޭލުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ ސަބަބުން މެދުއިރުމަތި ނުރައްކާތެރި އަދި ނުތަނަވަސް މާހައުލަކަށް ބަދަލުވެފައިވާއިރު، އަރަބި ބައެއް ތަޖުރިބާކާރުން ވަނީ މިއީ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް ނިންމަންވީ ވަގުތުކަމަށް ބުނެފައެވެ.

ދިހަވަރަކަށް އަހަރު އެއްވެސް އަޅާލުމެއް ނެތި ދަސްބިމުގައި އޮތް  ފަލަސްޠީނުގެ މައްސަލަ މިހާރު އޮތީ ދުނިޔޭގެ އެޖެންޑާގެ އެންމެ ކުރީގައެވެ. އަދި ފަލަސްތީނުގެ މައްސަލައަށް އަޅާނުލާ އަރަބި ގައުމުތަކާއި އިޒުރޭލާ ދެމެދު ގުޅުން ބިނާކުރުމުގެ އެމެރިކާ ސިޔާސަތަކީ އުނި އަދި  ދެމެހެއްޓެނިވި ސިޔާސަތެއް ނޫންކަންވެސް މިހާރުގެ ޙާލަތުން ހާމަވެއެވެ.

މި، 2024 ވަނަ އަހަރަކީ ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދައި ފަލަސްޠީނަށް ވަކި ދައުލަތެއް އުފައްދައި ސުލްހައަށް  އެނބުރި ދިއުމަށް އިޒުރޭލަށް ޕްރެޝަރު ކުރާނެ ގޮތް ހޯދުމުގެ ގާބިލުކަން އަރަބި ސަރުކާރުތަކާއި ބައިނަލްއަގުވާމީ ބާރުތަކުގެ ގާބިލުކަމަށް ގޮންޖަހާނެ އަހަރަކަށް ވެގެންދާނެއެވެ.

ބައިބައިވެފައިވާ މި ދުނިޔޭގެ މަންޒަރުން ފެންނަނީ ބާރުގަދަ ހަތިޔާރާއި ވަސީލަތްތައް ހުއްޓަސް އެމެރިކާގެ ބާރުކެނޑި، ސިޔާސަތުގައި ވެސް އާރެއް ބާރެއް ނެތެމުންދާތަނެވެ. ދުނިޔޭގައި ކޮންމެ ހަނގުރާމައެއްގެ އެއްކޮޅުގައި އެމެރިކާ އޮތަސް އެ ހަނގުރާމައަކުން އެމެރިކާ މޮޅުވާތަނެއް ނުފެނެއެވެ. އެމެރިކާ ފެންނަނީ ދުނިޔެ ފާނާކުރާ ގައުމެއްގެ ގޮތުގައެވެ.

ދުނިޔޭގެ ބޮޑު ދެ ބާރަށް އިތުރު ޑިޕްލޮމެޓިކް ރައުސުލްމާލު ޚަރަދުކޮށްގެން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން މަޖުބޫރުވާނެއެވެ.

ބައިނަލްއަގުވާމީ ނުރައްކާތަކާ ގުޅޭ ގިނަ ދިރާސާތަކަށް ބަލާއިރު، މި އަހަރު  ދުނިޔޭގައި ބާއްވާ ބައެއް އިންތިހާބުގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ.

އެންމެ ގިނަ ބައެއްގެ ކަޅި މި އަހަރު ހުއްޓޭނީ އެމެރިކާގެ ރިޔާސީ އިންތިހާބަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންފިނަމަ އެކަމުގެ ސަބަބުން ދުނިޔެއަށް ދުރުރާސްތާގެ ހައްލެއް ލިބިދާނެކަމަށް ބައެއް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އެމެރިކާއާއި ޗައިނާއާ ގުޅުން ބަދަހިކުރުމާއި، ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާއި ފަލަސްޠީނުގެ ޒަމާންވީ ލޭއޮހޮރުވުން ހުއްޓުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެމެރިކާއިން ދުނިޔެއަށް ހައްލެއް ނެރެ ދެއްކުމަކީ މިއަދު ދުނިޔެއަށް ބޭނުންވެފައިވާ ކަންތައްތަކެވެ.

އައު އަހަރު ފެށިގެން ކުރިއަށް ދެމެން ފަށައިފިއެވެ. ދުނިޔެ އޮތީ ނާޒުކު ހާލަތެއްގައެވެ. ވާނުވާ ބަލަން ތިބެމާ ހިނގާށެވެ!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.