އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ސެންޓަރު ހިންގުމުގެ ހުއްދަ ދެނީ

ފޮޓޯ: ދަ ޕްރެސް

އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ސެންޓަރު ހިންގުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަޔާންކުރާ ފަރުވާދޭ މަރުކަޒުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކުރުމުގެ ހުއްދައަކާ ގުޅިގެން މަޝްވަރާކުރެވުނު ކަމަށެވެ.

އެކަމަށް އެދި ކެބިނެޓަށް ހުށަހަޅާފައިވަނީ ހޯމްލެންޑް މިނިސްޓްރީ އިން ކަމަށާއި މިއީ ދިވެހި މުޖުތަމައުގައި ވަރަށްވެސް ހައްސާސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް  ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ގޮންޖެހުންތަކެއް ވެސް ހުރި މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލާގައި މަޝްވަރާކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެއްޓުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެގޮތުން މި ޕްރޮގްރާމް ފުރަތަމަ ހިންގާ ތިން ސަރަހައްދެއްގެ ގޮތުގައި ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ އެއް ރަށް ހިމެނޭ ކަމަށެވެ. އަދި އެ ރަށެއް ހަމަޖައްސަވާނީ ކައުންސިލާ މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.