އައު އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމުން ސަޢުދީއަށާއި ޔޫއޭއީއަށް އަމާޒުވީ ފާޑުކިއުން

މީލާދީ އައު އަހަރު ފާހަގަކުރަން ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހަވާ އެރުވުމާއެކު ކުޅިވަރުގެ ވަރުގަދަ ހަފުލާއެއް ބޭއްވުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އައު އަހަރުގެ ފެށުން ފާހަގަކުރީ ވަރަށް ކުލަގަދަކޮށް ބޭއްވި ބަޑިބޭހުގެ ކުޅިވަރުންނެވެ. ބިދޭސީންނާއި ގައުމުގެ އެތައް ހާސް ބަޔަކު އައު އަހަރަށް ޖޯޝާއި ފޯރީގައި މަރުހަބާ ކިޔާފައިވާއިރު، ވަރުގަދަ ކޮންސެޓެއް ވެސް އިންތިޒާމުކޮށް ބާއްވާފައިވެއެވެ. އެ ކޮންސެޓުގައި ސަޢުދީ ޢަރަބިއްޔާގެ ލަވަކިޔުންތެރިންނާއި ބޭރުގެ ބިދޭސި ލަވަކިޔުންތެރިން ވަނީ ލަވަކިއުމާއި ނެށުން ތަމްސީލުކޮށް ދައްކާފައެވެ. މިއުޒިކާއި ނެށުމުގެ ސިލްސިލާ ރޭގަނޑު ހަތަރުދަމު ކުރިއަށް ގެންގޮސްފައި ވެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި އަނިޔާވެރި އިޒުރޭލުން އެތައް ހާސް މުސްލިމުން ޝަހީދުކުރަމުންދާތީ ޕާކިސްތާނާއި އެހެން ބައެއް މުސްލިމު ގައުމުތަކުގައި މިއަހަރު އައު އަހަރު ކުލަގަދަކޮށް ފާހަގައެއް ނުކުރެއެވެ.  ނަމަވެސް ސަޢުދީ ޢަރަބިއްޔާ އާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގައި އާދައިގެ މަތިން އައު އަހަރު ފާހަގަކުރަން ހަވާއެރުވުމާއި މިއުޒިކާއި ލަވައިގެ ޝޯތައް ކުލަގަދަކޮށް ބާއްވާފައިވެއެވެ. އެކަމާގުޅިގެން އެތައް މިލިއަން މުސްލިމުން ސަޢުދީ ޢަރަބިއްޔާއަށާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ވެރިންނަށް ފާޑުކިޔާފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.