އެންމެ ފުރަތަމަ އައު އަހަރު ފެށުނީ ނިއުޒީލެންޑުން

މުޅި ދުނިޔެ އައު އަހަރަށް އާދެ! 2024 ވަނަ އަހަރަށް އިންތިޒާރު ކުރަމުން ދަނިކޮށް  ނިއުޒީލެންޑަށް އައު އަހަރު ފެށި އެންމެ ފުރަތަމަ އައު އަހަރާ ކުރިމަތިލި ގައުމަކަށް ނިއުޒީލެންޑް ވެގެން ހިނގައްޖެއެވެ.

ފާއިތުވެގެންދާ 2023ގެ ފޮނިކަމާއި ހިތިކަން، ހިތްދަތިކަމާއި އުފާވެރިކަމަށް ފަހު

ކޮންމެ މީހަކުވެސް އަދި ކޮންމެ ގައުމެއް ވެސް އައު އަހަރާ ކުރިމަތިލަނީ އައު ރޫހަކާއި އައު އުއްމީދާކާއެކުގައެވެ.

ދިވެހިރާއްޖެއަށް ވެސް ވަނީ  2023 ވަނަ އަހަރުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސިފައެވެ. މާދަމާ އިރުއަރާނީ އައު އަހަރަކަށެވެ. ޖެނުއަރީ، 2024 ގެ ފުރަތަމަ ދުވަސް މާދަމާ ފެށޭނެއެވެ.

ނިއުޒީލެންޑުގެ ރައްޔިތުން އައު އަހަރަށް މަރުހަބާ ކިޔަން ނިކުތީ އޯކްލެންޑްގެ ސްކައި ޓަވަރު ކައިރިއަށެވެ.

އޯކްލެންޑް ސްކައި ޓަވަރުން ވަނީ އައު އަހަރަށް މަރުހަބާ ކިޔަން ބަޑިބޭހުގެ ތަފާތު ކުޅިވަރުތައް ރައްޔިތުންނަށް ހާމަކޮށް ދައްކާފައެވެ. އައު އަހަރު ފެށުމުގެ މުނާސަބަތުގައި ބަނދަރު ބްރިޖުގައި ލައިޓް ޝޯއެއް ވެސް ވަނީ އިންތިޒާމުކޮށްފައެވެ.

ނިއުޒީލެންޑާއެކު 2024 ވަނަ އަހަރު ދެވަނައަށް ފެށުނީ އޮސްޓްރޭލިއާގައެވެ. އޮސްޓްރޭލިއާގެ ރައްޔިތުން އައު އަހަރަށް މަރުހަބާ ކިޔަން ފެށީ ސިޑްނީ ބަނދަރުގައި ބަޑިބޭހުގެ ކުޅިވަރުންނެވެ.

އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދުނިޔޭގެ އެތައް މިލިއަން ބަޔަކު އެ ބައެއްގެ ގައުމުގައި އެކިތަންތަނަށް އެއްވެ، އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުން އެބަ ގެންދެއެވެ.

ހޮންކޮންގުގެ ވިކްޓޯރިއާ ހާބަރާއި، ދުބާއީގެ ބުރުޖް ޚަލީފާއާއި، ލަންޑަން އަދި ނިއުޔޯކުގެ ޓައިމްސް ސްކުއަރގައި އުފާފާޅުކުރުމަށް މީހުން އެއްވަމުންދެއެވެ.

ޕާކިސްތާނުގައި އައު އަހަރަށް މަރުހަބާ ކިޔާނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ވަރަށް ސާދާ ގޮތަކަށެވެ.

މިއަދުވެސް ޣައްޒާގެ ރައްޔިތުން ނައްތާލުމަށް ނިރުބަވެރި އިޒުރޭލުން ބޮން އަޅަމުންދާއިރު، އެކަން ހުއްޓުވުމަށް މުސްލިމް އުއްމަތަށް އަދި މުޅި ދުނިޔެއަށް ވެސް ކުރެވުނުކަމެއް ނެތެވެ.  ޣައްޒާގެ ރައްޔިތުންނަށް އައު އަހަރަކަށް އިރުއަރާނީ އިޒުރޭލުން ރޭގަނޑުގެ ކަނު އަނދިރީގައި ބޮންއަޅައި ޝަހީދުކޮށްލި މީހުންގެ އަދަދު ހިތްދަތިކަމާއި ވޭނުގައި ގުނަން ތިއްބައެވެ. އައު އަހަރަކާ ކުރިމަތިލާއިރު އިޒުރޭލުގެ އަނިޔާވެރިކަން ހުއްޓުމަކަށް ނާދެއެވެ.

އިޒުރޭލުގެ އަނިޔާވެރި ސިފައިން ވަނީ 2023 ވަނަ އަހަރުގެ އެންމެ ފަހު ދުވަހު ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައެވެ.

މިއަހަރުގެ ފަހު ތިން މަސް ދުވަހަކީ ފަލަސްތީނުގެ ރައްޔިތުންނަށް ޤިޔާމަތް ދުވަސް ފަދަ ދުވަސްތަކެކެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ގޮވާތަކެތީގެ ވާރޭ ވެއްސައި  ފަލަސްތީނުގެ 21 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އައު އަހަރުގެ ދުއާއަކީ ސުލްހައާއި ހަމަޖެހުން މިންވަރު ކުރެއްވުމެވެ. އިޒުރޭލުގެ އަނިޔާވެރިކަމުން އަވަހަށް ސަލާމަތްވެ މިންޖުވެ، އައު އަހަރުގެ އިރު އެރުމަށް ޣައްޒާގެ ރައްޔިތުން ދަނީ ދުއާ ކުރަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.