ބްލޫރިބަން : މީހުން މީހުނަށް ހެދުން

" ކޮއިފުޅާއޭ ! މީހުން މީހުނަށްވާނީ ، މީހުން މީހުނަށް ހެދީމައެވެ. "

މިއީ އައްސުލްޠާނުންޣާޒީ މުޙައްމަދު ތަކުރުފާނުން އަޢުޘަމް ، ސިރީ ބަވަނާދީއްތަ މަހާރަދުން ނުވަތަ އުތީމު ރަދުން ނުވަތަ މުޙައްމަދު ތަކުރުފާނު ، ނުވަތަ ބޮޑުތަކުރުފާނު ވިދާޅުވި ބަސްފުޅެކެވެ. ދިވެހި ބަސްފޮތުގައި ، ހަރުބަހެއްގެ ގޮތުގައި މިބަސް ގެނެވިފައިނެތަސް ، މިއީ އިހު އެވޭލާ ޒަމާނުއްސުރެ ، ހަރުބަހެއްގެ ގޮތުގައި ދިވެހިންގެ މެދުގައި ބޭނުންކުރެވެމުން އަންނަ އަގުހުރި ބަހެކެވެ.

ޙަޤީޤަތުގައިވެސް ، މީހުން މީހުންނަށް ހެދޭނީ ނުވަތަ މީހުން މީހުންނަށްވާނީ ، މީހުންނަށް ހެދީމައެވެ. މީހުން މީހުންނަށް ހަދާނަމަ ، އެމީހަކު މީހަކަށް ހެދުމުގެކުރިން ، އެމީހާގައި ފުރިހަމަވެފައި ހުންނަންޖެހޭ ޝަރުތުތަކެއް ހުރެއެވެ. އެމީހާގެވެސް ތަޞައްވުރެއް އޮންނަން ޖެހެއެވެ. ވިދާހާ އެއްޗެއް އެއީ ރަނަކަށް ނުވާނެއެވެ.

މީހަކަށް ހަދާމީހެއްގައި ހުންނަންޖެހޭ ތަޞައްވުރުގެ ފުރިހަމަ މިސާލެއް ، ބޮޑުތަކުރުފާނު ވާހަކަޔަށް ބަލާއިރު ، ދުވާފަރު ދަންޑެހެލުގެ ކިބައިން ، ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ.

ދުވާފަރު ދަންޑެހެލާ ، ބޮޑުތަކުރުފާނާއި ޙަސަންތަކުރުފާނާ ދިމާވަނީ ، އެތަކުރުފާނުމެން ދުވާފަރަށް ކުރެއްވި ވިޔަފާރި ދަތުރުފުޅެއްގައެވެ. ދުވާފަރަށް ވަޑައިގެން ، އަތިރިމަތިން ހިންގަވައި މައިމަގުންލާފައި އެއްގަމަށް ވަޑައިގެންނެވި މަގުމަތީގައި ، މަގުގެ އެއްފަރާތެއްގައި އިށީނދެލައިގެން އިން ކުއްޖަކު ، ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ. އެއީ ސާދަ ، ފަނަރަ އަހަރުގެ ނޫކަށި ޒުވާން ކުއްޖެކެވެ. ގައިގެ ބައެއްތަންތަން ހަލާކުވެ ފާރުވެފައި ހުށްޓެވެ. އެކުއްޖާގެ އަތް ، އެންމެ ސިކުންތަކަށްވެސް ހިމޭނަކުން ނުއޮވެއެވެ. ފާރުތައް ކަހަމުން ، ފާރުތަކުގައި ޖައްސާ މެހިފޮޅަމުން ، އަތުގައި އޮތް ކާށިކިބައެއް އުކުރަމުން ކަމުން ، އަނެއް އަތުގައިއޮތް މަސްގަނޑު ކަމުން ގެންދެއެވެ. އެ ކުއްޖާގެ ޙަރަކާތްތަކަށް ބައްލަވަން ހުންނަވާފައި ، ބޮޑުތަކުރުފާނު ހިތްޕުޅަށް އެރިއެވެ. މިއީ ، މީހަކަށް ހެދިދާނެ ކުއްޖެކެވެ. މިހާރުވެސް ތިންހަތަރު ކަންތައް އެއްފަހަރާ އެބަ ކުރެއެވެ. އަތޮޅުވެރިންގެ އޮޅުދޫއޮޑި ދުއްވައިދޭންވެސް ، އެ ދެތަކުރުފާނާ ، އޭރު އޮތީ މަތިކުރެވިފައެވެ. އަދި ޙަސަންތަކުރުފާނަށް ވިދާޅުވިއެވެ.

" ޙަސަނާ ކޮއިފުޅާއެވެ ! މީދަ ކުއްޖަކަށް ނިކަން ބަލައިލަބަލާށެވެ ! މިއީ ، ރަނގަޅުވާނެހެން ހީވާ ކުއްޖެކެވެ. އަތޮޅުވެރިންގެ އޮޅުދޫއޮޑި ބަލަހައްޓައި ، އެހެލައި ބާލައި ، އޮޑިފުރުވައި ދުއްވުމުގައި ދަންޑެހެލަކަށް މިކުއްޖާ ރަނގަޅުވާނެއެވެ. މިހާރުވެސް ، ތިންހަތަރު ކަންތައް އެއްފަހަރާ އެއޮށް ކުރަނީއެވެ. މިކުއްޖާ ގެންދަމާ ހިނގާށެވެ ! "

ބޮޑޫތަކުރުފާނުގެ ވާހަކަފުޅަށް ، ޙަސަންތަކުރުފާނަކަށް އެއްބަސްވެ ވަޑައެއް ނުގެންނެވުނެވެ. އެކުއްޖާއާ ދިމާއަށް ތަންކޮޅެއް ރަނގަޅަށް ބައްލަވައިލައްވާފައި ، ވިދާޅުވިއެވެ.

" ތި ކުއްޖާއަށް ކުރެވޭނީ ކޮންކަމެއްތޯއެވެ ؟ މިހާރުވެސް ، އެއުޅޭ ޙާލު އެހެރަ ފެންނަނީއެވެ. ފާރުކަހަމުން ، މެހިފޮޅަމުން ، އެގެންދަނީ ، ކާށިއުތުވަމުން ، ކާއްޓާއި މަސްކަމުންނެވެ. "

ބޮޑުތަކުރުފާނު ދެން އެވިދާޅުވީ ، އަޅުގަނޑު މިލިޔުމުގައި ފާހަގަ މިކުރާ ހަރުބަހެވެ.

" ކޮއިފުޅާއޭ ! މީހުން މީހުނަށްވާނީ ، މީހުން މީހުނަށް ހެދީމައެވެ. "

ޙަސަންތަކުރުފާނަށްވެސް އެވިދާޅުވެވުނު އެއްޗެއް ވިސްނިވަޑައިގަތީ ، އެބަސްފުޅު އަމިއްލަ ދޫފުޅުން ތަކުރާރު ކުރެއްވުނު ހިނދުއެވެ. ފާރުތައް ކަހަނީއެވެ. ފާރުތަކުގައި ޖައްސާ މެހިތައް ފައްސަނީއެވެ. އެއްއަތުގައި އޮތް ކާށިކިބަ ، ކޮށާވަޅިޔަކުން އުތުރަނީއެވެ. އަނެއްއަތުގައި އޮތް މަސްބުރި ، ވަޅިންކޮށަނީއެވެ. އަދި އެހުރިހާކަމެއް އެއްފަހަރާ ކުރަމުން ކާއްޓާއިމަހާ ކަމުން ގެންދަނީއެވެ. އެކުއްޖާގެ ތަޞައްވުރު ، ބޮޑުތަކުރުފާނަށް ފެނިވަޑައިގަތްގޮތަށް ، ޙަސަންތަކުރުފާނަށްވެސް ފެނިވަޑައިގަތެވެ.

ސާދަ ފަނަރަ އަހަރުގެ ކުޑަކުޑަ ކުއްޖެކެވެ. މަގުގެ އެއްފަރާތެއްގައި ، އެހާ ނިމަކެތިގޮތަކަށް ، އެކަނިވެފައި އިންނާނީ އަޅައިލާނެ މީހެއްވެސް ނެތީމައެވެ. ބޮޑުތަކުރުފާނަށް ފެނިވަޑައިގަތީ ، އެކުއްޖާގެ ނިކަމެތިކަމެއްނޫނެވެ. ބަލިޙާލަތެއްވެސް ނޫނެވެ. އެތަކުރުފާނަށް ފެނިވަޑައިގަތީ ، އެކުއްޖާގެ ކުޅަދާނަ ކަމެވެ. މިންވަރަށް އީމާންވެ ، ލެއްވި ރަޙުމަތްފުޅަށް ކެތްކޮށް ، އެއްފަހަރާ އެތައްކަމެއް ކުރަމުން އެކުއްޖާގެ އަމިއްލަ ޙާލަތަށް ބަރޯސާވެ ، ދިރިއުޅުމާ ކުރަމުން ގެންދާ ހަނގުރާމައެވެ. އެހެންމީހަކަށް އުނދަގޫނުކޮށް ، އަމިއްލަ ނިކަމެތިކަން ބަލައިގަނެ ، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ، އެކުއްޖާ ކުރަމުން އެގެންދާ ހިއްމަތާއި މިއްނަތެވެ.

ބޮޑުތަކުރުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ، އެކުއްޖާއާ ވާހަކަދައްކަވައި ، އުތީމު ދެބެންނާއެކު ، އެކުއްޖާ ގެންދެވިއެވެ. އެކުއްޖާއަށް ކިޔާނަމެއް ، ބޮޑުތަކުރުފާނު ވާހައިގާ އައިސްފައެއް ނުވެއެވެ. ބޮޑުތަކުރުފާނު ، އެކުއްޖާއަށް ދެއްވި ނަމަކީ ، " ދުވާފަރު ދަންޑެހެލު " އެވެ. އެކުއްޖާ ގެންދަވައި ، ހެވިކަމާއި ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް ދެއްވިއެވެ. ނިޔަމިކަމާއި ދަތުރުފަތުރުގެ މުހިންމު ހުނަރުތައް ދަސްކޮށް ދެއްވިއެވެ. ދުވާފަރު ދަންޑެހެލަކީ ، މިޒާޖުގައި ސަކަ އަދި ސަމާސާ ގޮތެއް ހުންނަ ލާނެތް ، ޙާޟިރު ޖަވާބަށް ކުޅަދާނަ ، ވިސްނުންތޫނު ޝަޚުޞިއްޔަތެކެވެ. ރާއްޖޭގެ ތާރީޚުން ނުފެންނަފަދަ ފަސްމީރު ކުރިރުކެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އުތީމު ދެބެއިންގެ އިތުބާރާއި ލޯބި ހޯއްދެވިއެވެ. އެދެބައިން ކުރެއްވި މަތިވެރި ޖިހާދުގެ ރޭވުންތަކާއި ސިއްރުތައް ޙިއްޞާ ކުރެވި ، އެޖިހާދުގެ މުހިންމު ބައިވެރިޔެއްގެ ގޮތުގައި އެކުއްޖާ ، ނުވަތަ ދުވާފަރު ދަންޑެހެލު ވެގެންދިޔައެވެ. އޭގެ އިތުރަށް ، ބޮޑުތަކުރުފާނުގެ އަމިއްލަފުޅު ޙަޔާތްޕުޅުގެ ސިއްރުތަކާއި ، އެތަކުރުފާނުގެ ޒަވާޖީ ޙަޔާތްޕުޅުގެ ފެށުމާއި ދިރިއުޅުއްވުމުގެ ސިއްރުތައް ޙިއްޞާކުރެވޭ ، އަރިސް ބޭފުޅަކަށް ދުވާފަރު ދަންޑެހެލު ވެގެންދިޔައެވެ.

ރާއްޖެ އިސްލާމްކުރެއްވުމަށް ، އުތީމުދެބެންނާއި ދެޙާޖީން ކުރެއްވި ބުރަ ޖިހާދުގައި ، " ދުވާފަރު ދަންޑެހެލު " ގެ ނަން ނުގެނެސް ނުވާވަރު ، އެކުއްޖާ ކުރިއެވެ. އެއީ އުތީމު ދެބެންނާއި ދެޙާޖީންނާއެކީ އެއްސަފެއްގައި ބަލައިގަނެވޭ ، ޤައުމީ ބަޠަލެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔަ ، ދުވާފަރު ދަންޑެހެލެވެ.

އެއީ ، ދުވާފަރަށް ކުރެއްވި ވިޔަފާރި ދަތުރުފުޅުގައި ، ބޮޑުތަކުރުފާނަށް ފެނިވަޑައިގެންނެވި ނިކަމެތި ކުއްޖާއެވެ. އެތަކުރުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ، އެކުއްޖާ އެހުރީ ، މީހަކަށް ހައްދަވާފައެވެ.

" ކޮއިފުޅާއޭ ! މީހުން މީހުނަށްވާނީ ، މީހުން މީހުނަށް ހެދީމައެވެ. " މިޒަމާނުގައި މީހުނަށް ހަދަންއުޅޭ މީހުން ، މީހުންނަށް ނުވަނީ ސަބަބުތަކެއް އޮވެގެންނެވެ. ހަލާދަނޑީގެ ދެކޮޅެއް ނުބެލެއެވެ. ރޭފަނާ ނޭރުމުގެ އިތުރަށް ، މާގިނައިން ވާހޯލި ނެގެނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.