އެއްބައިވަންތަކަން / އެއްބައެއްވަންތަކަން

80 ގެ އަހަރުތަކުގައި، މަތީގައިވާ ނަންފޮތިގަނޑު ބޭނުންކުރެވިފައި އޮންނާނީ " ޤައުމީ އެއްބައެއްވަންތަކަމުގެ ދުވަސް " ގެ ގޮތުގައި

ކޮންމެ ބަހަކީވެސް ބަދަލުވެ ، ދިރި އަދި ނެތި ، ހިނގައިދާނެ އެއްޗެކެވެ. ބަހަކީ ، ބަސްމަގަށް ބަދަލު އަންނަ އެއްޗެކެވެ. ބަހަކީ އުފެދިގެން އަންނަ އެއްޗެކެވެ. ޒަމާނާއި އިންސާނާގެ ދިރިއުޅުމުގެ ޙާލަތާ ގުޅިގެންނެވެ. ބައެއް ބަސްބަސް އުފެދި ، ނުދިރި ޅަފަތުގައި މަރުވެ ނެތިދެއެވެ. އަނެއްބައި ބަސްބަސް ، އޭގެ އަސްލުން ބޭރުގައި ދިރި އާލާވެގެން ދެއެވެ.

ދިވެހިބަހަކީ ، ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ މާދަރީ ބަހެވެ. ތާރީޚު ޢިލްމުން އެނގި ފައުޅުވާގޮތުގައި ، ދިވެހިރާއްޖެއަކީ ، މީގެ އެއްހާސް އަހަރުކުރީއްސުރެ ދުނިޔޭގައި އޮންނަ ތަނެކެވެ. ދިވެހިރާއްޖޭގެ އަހުލުވެރިން  ވާހަކަދައްކައި އުޅުނު ބަހަކީ ދިވެހި ބަހެވެ. ބަސްމޮށުންތެރިކަން ނެތް އެއްވެސް ޤައުމެއް އަދި ޤަބީލާއެއް ، ދުނިޔެ ފެށުނީއްސުރެ އުފެދިފައެއް ނެތެވެ. އެހެންކަމުން ، ދިވެހިބަހުގެ ޢިލްމުވެރިންވެސް އެކި ދުވަސްވަރު އެކި ދަރަޖައިގާ ދިވެހިބަހަށް ޚިދުމަތް ކުރެއްވިއެވެ. ދިވެހި ޤައުމު ، ޤައުމެއްގެ ގޮތުގައި އުފެދި ، ތަރައްޤީވެ ތަހުޒީބުވަމުން އައި އައުމުގައި ، ދިވެހިބަހަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ކުރިއެރުންތަކެއް ލިބިފައި ވެއެވެ. އެ ކުރިއެރުންތަކަކީ ، މިހާރު މި އަންނަފަދަ ތާކުންތާކުން ނުޖެހޭ ، އަދި ބަސްހަލާކުވާފަދަ ކުރިއެރުމެއް ނޫނެވެ. ޑޮކްޓަރަށް ގޮސް ، ޓެސްޓް ހަދައި ، ރިޕޯޓް ނަގަންގޮސް ، ކައުންޓަރުން ރިޕޯޓް " ނަގާލާފައި " ޑޮކްޓަރަށް ރިޕޯޓް ދައްކަން އެޕްއިންޓްމަންޓް ހަމަޖައްސާ ވައްތަރުގެ ކުރިއެރުމެއް ނޫނެވެ. ބަހަވީ ޢިލްމުގެ ދިރާސާ ތަކާއި ބަހުގެ ހަމަތަކާއި އުސޫލުތައް ތަރުތީބުކޮށް ، ފުރިހަމަވެގެންދާގޮތަށް ގެނެވޭ ކުރިއެރުމެވެ. ދިވެހިބަހަށް ޚިދުމަތް ކުރައްވައި ، ބަހުގެ ތާރީޚާއި ހަމަތަކަށް އިންސާފުގެ މަގުން މަސައްކަތް ކޮށްދެއްވީ ހަމައެކަނި ، ދިވެހި ޢިލްމުވެރިން އެކަންޏެއްނޫނެވެ. ވަރަށްގިނަ ބިދޭސީންވެސް ، އެކި ރޮނުރޮނގުން ދިވެހިބަހަށް ޚިދުމަތް ކުރައްވާފައި ވެއެވެ.

ދިވެހިބަހާބެހޭ މަރުކަޒުތަކާއި ދިވެހިބަހަށް ނިސްބަތްކުރެވޭ ވުޒާރާތައްވެސް އުފެދެމުން އެބަ ދެއެވެ. ދިވެހިބަހަށް ދޭންޖެހޭ ، ޙަޤީޤީ ސަމާލުކަން ނުދެވި ދުވަސްތަކެއް ވުމަށްފަހު ، ދިވެހިބަހުގެ ނަން ހިމެނިގެން ދާދިމިދާކަށްދުވަހު ، ވުޒާރާއެއް އުފެދިއްޖެއެވެ. އެއީ ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ނަމުގައި އުފެދުނު ވުޒާރާ އެކެވެ. އިނގިރޭސިބަހުން ނަންދީފައިވާ ، އެ ވުޒާރާއަށް ، ދިވެހިބަހުން ކިޔާނަންވެސް ، ކަނޑައަޅައި އިޢުލާން ކުރެވުނެވެ. މައްސަލައެއް ނެތެވެ. އެ ވުޒާރާ އުފެދުމަށްފަހު ، އެންމެ ފުރަތަމަ ކަމެއް ފާހަގަކޮށްލުމަށް ފަހިވެގެންދިޔަ ފުރުސަތަކީ ، " ޤައުމީ އެއްބައެއްވަންތަކަމުގެ ދުވަސް " ފާހަގަކުރުމަށް ލިބުނު ފުރުސަތެވެ.

އެންމެ ފުރަތަމަ ، އެއްބައިވަންތަ ކަމަށް ބަލައިލަމާތޯއެވެ ؟ ދިވެހިބަސްފޮތުގައި ، އެއްބައިވަންތަކަމުގެ މާނަ ނުވަތަ އެއްބައެއްވަންތަކަމުގެ މާނަ ގެނެސްދީފައެއް  ނުވެއެވެ. ހަމައެކަނި އެބަހަށް ނިސްބަތްވާގޮތަށް ގެނެސްދީފައިވަނީ ، އެއްބާރުލުން އަދި އެއްބައިވުން ، މިދެބަހެވެ. އެއްބާރުލުން ، މާނަކޮށްދޭކަމަށް ބަސްފޮތުގައިވަނީ ، ކަމެއް ކުރުމުގައި ބައެއްގެ އެހީތެރިކަމާއި ވާގިލިބުން ކަމުގައެވެ. އެއްބައިވުން ، މާނަކޮށްދީފައި އޮތީ ، އެއްބަސްވުން ، ގަބޫލުވުން ، ބައިވެރިވުން ، މިތިން ގޮތަށެވެ.

އެއްބައިވަންތަ ނުވަތަ އެއްބައެއްވަންތަ މިއިން ބަހަކަށް ، ބަސްފޮތުގައި އަލިއަޅުވައިލާފައެއް ނެތެވެ. އެ ބަސްފޮތް ޗާޕްކޮށްފައިވަނީ 2011 ވަނައަހަރުއެވެ. 1980 ގެ އަހަރުތަކުއްސުރެ ބޭނުންކުރެވެމުން އައި އެ ދެބަސް ބަސްފޮތުގައި ނުހިމެނި އޮތުމަކީ ފޮތަށް ލިބުނު ވަރަށްބޮޑު އުނިކަމެކެވެ. އެއްބައެއްވަންތަކަން ، މިބަހަކީ 1980 ގެ އަހަރުތަކުއްސުރެ ފެށިގެން ، ބަހަށް އަޅައިލުން ހުއްޓައިލި ، ދުވަސްވަރާ ހަމަޔަށް ބޭނުންކުރެވެމުން އައި ރީތި ބަހެކެވެ.

ދިވެހިބަހުގެ އެއްބައިވަންތަކަން ، އިނގިރޭސިބަހުން ބޭނުންކުރެވެނީ ޔުނިޓީގެ ގޮތުގައެވެ. އެއްބައިވަންތަކަމުގެ ދުވަހަކީ ، ޔުނިޓީ ޑޭ އެވެ. ޔުނިޓީއަކީ ، އެއްބައިވަންތަ ކަމެވެ. ޔުނައިޓް އަކީ ، އެއްބައިވަންތަ ވުމެވެ. ޔުނައިޓެޑް އަކީ ، ގުޅިފައިވުމެވެ. އެކުވެރި ޢަރަބި ޢިމާރާތަށް ބޭނުންކުރެވެނީ ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އެވެ. އދ ނުވަތަ ޔޫ އެން ، ނުވަތަ ޔުނައިޓެޑް ނޭޝަންސްއަށް ބޭނުންކުރެވެނީ އެކުވެރި ދައުލަތް ތަކެވެ. ޔުނިޓީ ގަވަރންމަންޓް އަކީ ، ގުޅިފައިވާ ސަރުކާރެވެ. ޔުނައިޓެޑް އޮޕޮޒިޝަން އަކީ ، ގުޅިފައިވާ އިދިކޮޅު ޙަރަކާތެވެ. އިނގިރޭސިބަހުގައި ޔުނިޓީ މި ބަސް ، ބޭނުންކުރެވެމުންދާ ގޮތްތަކާއި މާނަޔަށް ބަލާއިރު ، ދިވެހިބަހުގައި ، ޔުނިޓީގެ މާނަޔަކަށް ، އެއްބައިވަންތަ ކަމަށްވުރެ ، އެއްބައެއްވަންތަކަން ފުރިހަމަކަމަށް ބެލެވެއެވެ.

ބަސްފޮތުގައި ، އެއްބައިވަންތަކަން ނުވަތަ އެއްބައެއްވަންތަކަން ނެތްނަމަވެސް ، އެއްބައެއްވަންތަކަން ބޭނުންކުރެވެމުން އައިސްފައިވަނީ ، އެއްބައިވަންތަކަން ރަނގަޅަށް ބޭނުންކުރެވޭ ގޮތަށް ކަމަށް ބަލައިގެންނެވެ. ހަމަ އެއާއެކު ، އެއްބައިވަންތަކަންވެސް ، އެބަހާ މުނާސަބު ގޮތުގައި އޭގެޒާތުގައި ބޭނުންކުރެވެމުން ދިޔައެވެ.  އެއްބައެއްވަންތަކަން ބެލިގެން ދިޔައީ ، އެއްބައިވަންތަކަން ،  މިބަހަށް ގެނެވުނު ކުރިއެރުމެއްގެ ގޮތުގައެވެ. އެހެނީ ، އެއްބައެއްވަންތަކަން އެއީ ، އެއްބައިވަންތަކަމަށްވުރެ މާނަފުން ، ރީތި ބަހަކަށްވާތީއެވެ. އެއްބައިވަންތަކަމަށްވުރެ ، އެއްބައެއްވަންތަކަމުން ، އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން ، ބޮޑަށް ރަމްޒުކޮށްދޭތީއެވެ. އެއްބައިވަންތަކަމުން ، އެހެންބައިތަކެއް އޮންނަކަމުގެ އިޙްސާސް ލިއްބައިދެއެވެ. އެހެނެއްކަމަކު ، އެއްބައެއްވަންތަކުން ، އެހެންބައެއް އޮތުމަށް ބަހުގެ ޒާތުގައި ޖާގައެއް ނުދެއެވެ.

ބަހާބެހޭ ވުޒާރާއެއް އުފެދި ، ޤައުމީ ޙަރަކާތެއް ބާއްވަން ލިބިގެން އެދިޔަ ، އެންމެފުރަތަމަ ފުރުސަތުގައިވެސް ، ބަހަށް އެވަނީ ވާންވީވަރަށް ސަމާލުކަން ނުދެވިފައެވެ. ބަހުގެ ކުރިއެރުމަށް ހުރަސް އެޅިފައެވެ. ބަހުގެ ދިރުމަށް ލިބުން ޙައްޤު އުއްމީދަށް އިހުމާލު ވެވިފައެވެ. ކޮނޑުއެޅިފައިވާ ޒިންމާއާއި މަސްއޫލިއްޔަތު ހަނދާން ނެތިފައެވެ.

ބަހަކީ ޤައުމެއްގެ ކުރިއެރުން ދައްކުވައިދޭނެ މުހިންމު ބަހާއަކަށް ވީ ހިނދު ، އެ ޤައުމެއްގެ މާދަރީބަސް ކުރިއަރުވައި ތަރައްޤީކޮށް ، ރައްކާތެރިކޮށްދިނުމަށްޓަކައި ، ބޭނުންވަނީ އެއްފަރާތެއް ދެފަރާތެއްގެ އެހީތެރިކަން އެކަންޏެއްނޫނެވެ. ޤައުމަށް ނޭވާލާ ، ހަމަކޮންމެ ފަރުދެއްގެވެސް ، ދިވެހި ތިމާވެށީގައި އުފެދިފައި އޮންނަ ކޮންމެ ޙަރަކާތެއްގެ އަދި ޙާލަތެއްގެ އެހީތެރިކަން ބޭނުންވެއެވެ. ޓީވީއާއި ނޫސްތަކަށް އަރާ ވާހަކަދައްކާ  ސިޔާސީ އަދި އެނޫން މީހުންނާއި ، މީސްމީޑިއާގައި ޙަރަކާތްތެރިވާ ހަމަ ކޮންމެ މީހެއްގެ ވިސްނުމާއި ފިކުރު ، ބަހާދިމާއަށް އަމާޒުވެފައި އޮންނަން ޖެހެއެވެ. އެއީ ޤައުމީ ވާޖިބެކެވެ. ފަރުދީ ޒިންމާއެކެވެ. ބެހޭކަމެއްނޫނޭ ހިތައި ، ނުވަތަ ތިމާއާ ނުބެހޭކަމެއްގެ ގޮތުގައި ބަލައިގެން ، ދިވެހިބަހަށް ލިބޭ ގެއްލުމަށް އިހުމާލުވުމަކީ ، ޤައުމެއްގެ ނިސްބަތުގައި ވެވޭނެ އެންމެބޮޑު އިހުމާލެވެ.

އަޑުއުފުލަން އެބަ ޖެހެއެވެ. ޚިޔާލުވެސް ފާޅުކުރަން އެބަޖެހެއެވެ. ދިވެހިބަހުގެ ހަމަތަކަށް ބޭއިންސާފުކުރެވޭތަން ފެންނަހިނދު ، އެކަމަށް ތެދުވާން އެބަ ޖެހެއެވެ. ދިވެހިބަހުގެ އަދަބިއްޔާތާއި ހަމަތަކަށް ބޭއިންސާފުކުރެވޭތަން ބަލަން ތިބުމަކީ ، ޤައުމަށް ވެވޭ ޚިޔާނާތެކެވެ. ދިވެހިބަހަށް ލޯބިކުރާ އަދި ދިވެހިބަހާމެދު ޚިޔާލުބަހައްޓާ ކޮންމެ މީހަކަށްވެސް ، ހަމަކޮންމެ ދުވަހަކުވެސް އެތަން އެބަ ފެނެއެވެ. ދޭދޭމީހުންގެ މެދުގައި ދެކެވޭ ވާހަކަތަކުގައެވެ. އެކި ތަންތަނުގައި ބެހެއްޓިފައި ހުންނަ ނަންބޯޑުތަކުންނެވެ. ޓީވީއަށް އަރާ އެކިމީހުން އެދައްކާ ވާހަކަ ތަކުގައެވެ. ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް ބޭއްވޭ ޙަފުލާތަކުގެ ފޮތިގަނޑުތަކުގައެވެ. ޓީވީތަކުގެ ތިރިޔަށް އަރާ މުހިންމު ޚަބަރުތަކުގެ ސުރުޚީތަކުގައެވެ. ނޫސްވެރިންނާއި ލިޔުންތެރިންލިޔާ ޚަބަރާއި ރިޕޯޓްތަކުގައެވެ. ދުވާލުހަތަރުދަމު ، ފެންނަމުންއެދާ ތަންތަން ނުފެންނަކަމަށް ހަދައިގެން ތިބެންވީތޯއެވެ ؟

ގްރީކްމީހުންނަށް ކާފު ނުކިޔޭތީ ޗައިވަނި ބޭނުންކޮށް ، ﷲ އަޗުބަރު ކިޔަސް ، އަދި ލަންކާމީހުންނަށް ޒަވިޔަނި ނުކިޔޭތީ ސީނު ބޭނުންކޮށްގެން ޒަކީގެ ބަދަލުގައި ސަކީ ކިޔަސް ، ދިވެހިން އެބަހެއް ކިޔަން ބޭނުންވާ ގޮތަކަށް އެބަހެއް ކިޔެން އެބައޮތެވެ. ޣަނީގެ ބަދަލުގައި ގަނީ ، އަފުޣާނިސްތާނުގެ ބަދަލުގައި އަފުގާނިސްތާނު ކިޔޭގޮތަށް ދިވެހިބަހުން ލިޔެވެމުން ދިއުމަކީ ، އުސޫލެއްނޫނެވެ. އަލިފުސުކުން އޮންނަންވާ ތަންތަނަށް ށަވިޔަނި ސުކުން ބޭނުން ކުރެވޭވަރަށް ބަސް އޮޅިތިބެގެން ، ދިވެހިބަހުން ނޫސްތަކުގައި ލިޔުމަކީ ، އެންމެ ރަނގަޅުކަމެއްބާވައެވެ ؟ ރާއްޖޭގައި ޗާޕްކޮށްގެން ނެރޭ ހަމައެކަނި ނޫހުގެ 24 ޑިސެމްބަރ ގެ ޢަދަދުގައި  " ގަލޮޅު ދަނޑުގެ ލައިޓަށް މައްސަލަ ޖެހި މާޒިޔާގެ މެޗަށް ހިޔަނި " މި ޝުރުޚީއަށް ބަލާއިރު ، ސުކުން ކުރެވޭ އަކުރުތައް ނޫސްވެރިޔާއަށް އޮޅިފައި އޮތްކަން ފާހަގަ ކުރެވެއެވެ. މި އޮޅުން މިއަދުގެ ކިޔަވާ ކުދިންނާ ހަމަޔަށް ގެނެސްދެވޭއިރު ، އަދި ދިވެހިބަސް ހަލާކު ކުރަމުންދާއިރު ، އެކަމުގައި ޒިންމާވާ ބަޔަކު ނެތެވެ. މިފަދަ ކަންކަމަށް ވިސްނާ ނޫސްވެރިންނެއް ނެތެވެ. ނޫސްވެރިކަމާގުޅޭ ކަމިޝަންތަކާއި ކައުނންސިލްތަކުން އަދި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ނުވަތަ ވުޒާރާއިން ކުރާ ހަމަ އެއްކަމެއްވެސް ނެތެވެ. ބަސް ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތްކުރާ މަރުކަޒުތަކާއި ވުޒާރާތަކުގެ ޙަޤީޤީ ބޭނުން ޤައުމަށް ލިބެމުންދާނީ ، ހެޔޮނިޔަތުގައި ، މަސްއޫލިއްޔަތަށް ޒިންމާ އުފުއްލައިގެންނެވެ. ކަމަކަށް ކަމެއްކޮށްގެން ޙާޞިލްކުރެވޭނެ އެއްވެސް ނަތީޖާއެއް ނުއޮންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.