ގަލޮޅު ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މަހުލޫފަކީ ރައީސް މައުމޫނުގެ ފަރާތްޕުޅުން އެމްޑީޕީއަށް ފޮނުއްވާފައިވާ އެޖެންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ "އެންމެފުރަތަމަ ގައުމު" ނަމުގައި ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
"މަހުލޫފަކީ ރައީސް މައުމޫނުގެ ފަރާތުން އެމްޑީޕީއަށް ގޮސްހުރި އެޖެންޓެއް. އެމްޑީޕީގެ ކަންކަން އާންމުކޮށް ޑިމޮކްރަޓިކް ހަމަތަކުން ބޭރަށް ގެންދިޔުމަށްޓަކައި އެކަން އެދަނީ ބާރާބަރަށް ނިމެމުން. އެމްޑީޕީގެ މައިގަނޑު ކޮންޓްރޯލް އެއޮތީ މަހުލޫފަށް،" މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހުލޫފުވަނީ ސިޔާސީ ގޮތުން އޭނާގެ މަސައްކަތް ކާމިޔާބުކޮށްފައި ކަމަށެވެ. "ސިޔާސީ ގޮތުން އަޅުގަނޑު ބުނާނީ މަހުލޫފުގެ މައްސައްކަތް މަހުލޫފު ކާމިޔާބުކޮށްފިއޭ. ވަރަށް ވަރުގަދަވެ ފައްކާ މީހަކަށް ވެއްޖެޔޭ. އެމްޑީޕީގެ އިސް ސަފުގައި އުޅުނު އެއްވެސް މީހަކު ނުފެނޭނޫންތޯ؟ މަހުލޫފެއް ނޫންތޯ އެމްޑީޕީ ކޮންޓްރޯލް ކޮށްގެން، އެމްޑީޕީގެ ކަންތައް އެކުރައްވަނީ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ސިޔާސީ ގޮތުން ބަލާކަމަށްވާނަމަ މަހުލޫފަކީ އޭނާ ވާހަކަ ދައްކަވާ ވަރަށްވުރެ ޅަ ކުއްޖެއް ކަމަށެވެ. މަހުލޫފުގެ ހަގީގަތް އެންމެނަށްވެސް އެނގޭ ކަމަށާއި، ސިޔާސީ ގޮތުން ޖެހިލުންވާވަރުގެ "ކަރެކްޓަރއެއް" މަހުލޫފުގެ ނެތްކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން މަހުލޫފުގެ ބަހެއް ހޯދަން އޭނާގެ ފޯނަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ހިމަނާލެވޭގޮތެއް ނުވިއެވެ.
Dhen kaley thee konkameh kuran PPM ah aisgen ulhey meeheh. Mihaaruves Y ah majubooru kohgen avahah mussadhivevey gotheh thibalanee.