ކުވައިތުގެ އައު އަމީރަށް ރައީސްގެ މަރުހަބާ

ކުވޭތުގެ އަމީރުކަމުގެ މަޤާމަށް، ހިޒް ހައިނަސް ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ފޮނުއްވި މެސެޖުގައި ކުވޭތުގެ އައު އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުންވެސް އެއްޤައުމު އަނެއް ޤައުމަށްކުރާ އިތުބާރާއި، އިޙުތިރާމާއި، އަދި ދެޤައުމުގައިވެސް އޮންނަ އިސްލާމީ ރިވެތި އަޚްލާޤުގެ ސަބަބުން އުފެދެމުންދާ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ މަޤްޞަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އައު އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ކުވޭތާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކުވޭތުގެ އަމީރު އައްޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ތަޢުޒިޔާ ފޮނުއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.