ފަހްމީ ޙަސަން ޕީއެޗްޑީ ހާސިލުކުރައްވައިފި

މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް ތުން ޙުސައިން ޢައުން ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން ޙާޞިލު ކުރައްވައި، މިއަދު އެ ޔުނިވަރުސިޓީގައި އޮތް ކޮންވޮކޭޝަނުގައި، 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޤައުމަށް ކުލަގަދަ ޚިދުމަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު ފަހުމީ ޙަސަން ދަސްވެނި ވެވަޑައިގެންފިއެވެ.

ޑރ. ފަހުމީ އަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބާތުން 1993 ގައި މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަ ކުރައްވައި،

ޑރ. ފަހުމީ ޤައުމީ ޚިދުމަތަށް ނުކުމެވަޑައިގަތީ 1981 ވަނަ އަހަރު، މަޖީދިއްޔާ ސްކޫލުގައި އިނގިރޭސި މީޑިއަމް ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާގައެވެ. އޭގެ ފަހުން އޭނާ ވަނީ ތަޢުލީމީ ދާއިރާގައި ތަފާތު އެގާރަ މުއައްސަސާއެއްގައި ޚިދުމަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި އައްޑު އަތޮޅު މަދަރުސާގެ ހެޑްމާސްޓަރުކަން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރުކަން، އިސްކަންދަރު ސްކޫލުގެ ސުޕަވައިޒަރުކަން، އިސްކަންދަރު ސްކޫލުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްކަން، ސައެންސް އެޑިޔުކޭޝަން ސެންޓަރު (މިހާރުގެ ސީއެޗްއެސްއީ) ގެ އެސިސްޓެންޓް ޕްރިންސިޕަލްކަން، ޖަމާލުއްދީން ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލްކަން، ކަލާފާނު ސްކޫލުގެ ޕްރިންސިޕަލްކަން، ހުޅުމާލޭ ސްކޫލުގެ ޕްރިންސިޕަލްކަން، ދަރުމަންވަންތަ ސްކޫލުގެ ޕްރިންސިޕަލްކަން، އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީގެ ޑިރެކްޓަރުކަމާއި ޑިރެކްޓަރ ޖެނެރަލްކަން ހިމެނެއެވެ.

2007 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް ޑރ. ފަހުމީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އިރު، އެ ކޮމިޝަނުގެ ރައީސްކަން 2010 އިން 2013 އަށް އަދާ ކުރެއްވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ޙައިޘިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ވެސް 2010 އިން 2013 އަށް ކުރެއްވިއެވެ.

ތަޢުލީމީ ދާއިރާ އާއި ސިވިލް ސަރވިސް ކޮމިޝަނުގައި ކުރެއްވި ޚިދުމަތަށް ފަހު، ޑރ. ފަހުމީ ސަރުކާރުގެ ޚިދުމަތާ އަލުން ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ފަހުކޮޅު، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގައި، މެލޭޝިޔާއަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ޑެޕިޔުޓީ ހައި ކޮމިޝަނަރުގެ މަޤާމުގައެވެ. 2015 ވަނަ އަހަރު މެލޭޝިޔާއަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ އެމްބެސެޑަރގެ މަޤާމަށް އޭނާ ޢައްޔަން ކުރެއްވެވި، 2018 ވަނަ އަހަރާ ހަމަޔަށް އެ މަޤާމުގައި ހުންނެވިއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ފާއިތު ވި ސާޅީހަކަށް އަހަރުގެ ތެރޭގައި އެންމެ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެއް ބެއިފުޅެއް ކަމުގައި ވާ ޑރ. ފަހުމީ އަކީ ޏ. ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒަށް އިންޤިލާބީ ތަރައްޤީތަކެއް ގެންނެވި ބެއިފުޅެކެވެ. އެގޮތުން، އޭނާގެ ހެޑްމާސްޓަރުކަމުގައި އެ ސްކޫލް ޖޭއެސްސީ އިމްތިޙާނުގައި ރާއްޖޭގެ އެއްވަނަ ޙާޞިލު ކޮށްފައި ވެއެވެ. އަދި ސްކޫލުގައި ސެކަންޑަރީ ތަޢުލީމުގެ ބިންގާ އެޅި ފެށިގެން ދިޔައީ ވެސް ޑރ. ފަހުމީ ކުރެއްވި މަސައްކަތުންނެވެ. މާލޭގައި ހުންނަ ޖަމާލުއްދީން ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލެއްގެ ޙައިޘިއްޔަތުން އޭނާ އެ ސްކޫލް ހިންގެވި ދައުރަކީ، ތަޢުލީމީ ރޮނގުންނާއި އިތުރު ޙަރަކާތްތަކުގެ ރޮނގުން ރާއްޖޭގެ އެއްވަނަ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ޖަމާލުއްދީން ސްކޫލް ހިމެނުނު، ސްކޫލުގެ ރަން ދައުރެކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ ވަޒީފާގައި ޑރ. ފަހުމީ ހޭދަ ކުރެއްވި މުއްދަތުގައި، ރާއްޖޭގައި ޕްރައިވެޓް ސެކްޓަރުގެ މަތީ ތަޢުލީމު ފުޅާ ކުރައްވައި ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ކޮމަންވެލްތާއި، ޔުނެސްކޯ އާއި، ޔުނިސެފާއި، ޔޫއެންޑީޕީ ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުން ބޭއްވި ތަޢުލީމާ ބެހޭ އެތައް ކޮންފަރެންސަކާއި ސެމިނާރެއްގައި، އަދި ދިވެހި ސަރުކާރުގެ ފަރާތުން ވެސް އިންތިޒާމު ކުރެއްވި މިފަދަ އެކިއެކި ޙަރަކާތްތަކުގައި ބައިވެރި ވެވަޑައިގެން، ޢިލްމާއި ހުނަރު ޙިއްޞާ ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވައިފައި ވާ ޑރ. ފަހުމީ އަކީ ރާއްޖޭގެ މަދަރުސާތަކުގައި، ގުރޭޑު 1، 2، 3، 5، 6، އަދި 7 ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުން ކުރެވުނު ބައެއް ޓެކްސްޓް ފޮތްތައް ތަޞްނީފު ކުރެއްވުމުގެ މަސައްކަތް ކުރެއްވި މުސައްނިފެކެވެ.

ޕާޓް-ޓައިމްކޮށް އަދި ފްރީލޭންސް ލިޔުންތެރިއެއްގެ ގޮތުގައި ނޫސްތަކަށް ކޮލަމްތައް ވެސް ލިޔުއްވައިފައި ވާ ޑރ. ފަހުމީ ވަނީ ޓީވީ މޯލްޑިވްސް އާއި ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކުގައި ވެސް ފަންނީ ބެއިފުޅެއްގެ ގޮތުގައި ބައިވެރި ވެވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.