ފަލްސަފާ (34)

(26ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގެޔަށް އައިސް ، ކޮޓަރިޔަށްވަދެ ، ހަމައިސްކޮޅަށްހުރި ލޯގަނޑުކައިރީ ނޫރު ހުއްޓިލިއެވެ. ނުދައްކަން އުޅުނަސް ، އޭނާގެ ހިތުގައި އަނދަމުން އެދާ އަލިފާންގަނޑުގެ ހޫނު ، ބޭރުން ފެންނަވަރު ވެއެވެ. މޫނުމަތީގައި ފާޅުވާންހުރި ނުތަނަވަސްކަން ، ޚުދު ނޫރުގެ އަމިއްލަ ނަފުސަށްވެސް ސިއްރެއް ނުކުރެވެއެވެ. ހިތުގައި އޮބިއަޅައި އެހިތް މައިތިރިކޮށް ، ގަދަކަމުން ހިނިތުންވެލައިގެން ، ނޫރުގެ މިޒާޖުން އެރޭ ދައްކަމުން އެދިޔަ ސިއްރު އިޙުސާސްތައް ، މުރުތަޟާއަށްވެސް އަދި ތަހުނިޔާއަށްވެސް ފެނުނެވެ.

ނޫރު ، އޭނާގެ އޮމާން މޫނުގައި އަތްކާއްތައިލިއެވެ. މޭގައި އަތްއަޅައި އޮއްބައިލިއެވެ. އޭނާގެ ކުރިމައްޗަށް ސިފަވަމުން އެދަނީ ، މުރުތަޟާގެ ކައިވެނީގެ ރަސްމިއްޔާތަށްވުރެ މާކުރިން ފެށިގެން ، އުފެދިގެން ކުލަޖެހެމުންދިޔަ ، އޭނާގެ މާޒީއާ ގުޅިފައިވާ ހަނދާންތަކެވެ. މުރުތަޟާއާއި އޭނާގެ ލޯބީގެ ބައްދަލުވުންތަކުން ފެށިގެންނެވެ. ދެބަސްވުންތަކުން ފެށިގެން ، އެއުފެދޭ ހިތްހަމަ ނުޖެހުންތަކުގައި އެކަކު އަނެކަކަށް ދޫކޮށް ، މާފުކޮށް ފުރާފުރިހަމަވަމުންގޮސް ، އެދެހިތުގައިވާ ލޯބި ފުރާވަރަށް އެޅެމުން ދިޔަ ދުވަސްތަކުގެ އެކި ހަނދާންތަކެވެ. އަދި އެންމެފަހުން ، މުރުތަޟާއާއި ތަހުނިޔާގެ ކައިވެނީގެ އެކި މަންޒަރު ތަކެވެ. މުރުތަޟާ ، އޭނާގެ އަންހެނުން ތަހުނިޔާގެ އަތުގައި ހިފައިލައިގެން ، ކޮޓަރިއާ ދިމާލަށް ހިނގަމުން ، ފިޔަވަޅުއަޅަމުންދިޔަ ފީތާތަކެވެ. ލޯތްބަކީވެސް ހާދަ ފާޑެއްގެ އެއްޗެކެވެ. އޭގެ އުފެދުމުގެ ފޮނިކަން ގަދަވަމުންގޮސް ، ނިމޭއިރު ފޮނިމާމުޔަށްވުރެ ފޮނިކަން ގަދައެވެ. އޭގެ ފޮނިކަން ، ހިތި ޒަހަރަށް ބަދަލުވެގެން ދާކަށް މާގިނަ ވަގުތެއް ނުނަގައެވެ. އެއަށްފަހު އެހިތުގައި އަޅާ ވޭނަކި ، ބައެއްމީހުންގެ މަރެވެ. އަނެއްބަޔެއްގެ ދިރުމެވެ. އިހުނަށްވުރެ ގަދަ ލޯތްބަކުން ، އެހިތް ތާޒާކޮށް ، ބައެއްމީހުން ދުނިޔެއަށް ނެރެއެވެ. އެކަމަކު ، އެއީ ވަރަށް ހިތްވަރުގަދަ މީހުންގެ ކަމެކެވެ.

ފަހަތުގައިހުރި މީހަކު ، އޭނާއަށް ގޮވައިލި އަޑަށް ، ނޫރު ސިއްސައިގެންގޮސް އެނބުރިލިއެވެ. އެއީ ރައިދާއެވެ. ދޮރުގައި ޓަކިޖަހާޖަހާ ނުހުޅުވީމަ ، ރައިދާއަށް ކޮޓަރިޔަށް ވަދެވުނީއެވެ. އެކަމަށް ، އޭނާ ނޫރުގެ ކިބައިން މާފަށް އެދުނެވެ. ނޫރު ، ހިންދިރުވައިލުމަށްފަހު ، ހިތުގައިހުރި އުދާސްތައް އެތެރެޔަށް ދަމައިލަމުން ، ފަހަރިޔާ ވާހަކަ ދައްކަން ފެށްޓިއެވެ. ކަމެއްވީހެންވެސް ހިއެއް ނުވެއެވެ. އެހެނަސް ، ރައިދާއަކަށް ނޫރުގެ އެ ހިންދިރުވައިލުމުން އެތެރެޔަށް ދުއްވައިލި އުދާހުގެ އަސަރެއް ނުފޮރުވުނެވެ. ރައިދާ އެއައީވެސް ، ނޫރުގެ ޙާލަށް ހަމްދަރުދީވެ ، ނޫރުގެ ކަންކަން ހުރިނެތްގޮތް ބަލައިލުމަށެވެ. ދެފަހަރިންގެ ވާހަކައިގެ ތެރެއިން ، ރައިދާ ބުނި އެއްޗަކާ ކުރިމަތިލާން ނޫރުއަށް ޖެހުނެވެ. ރައިދާކުރީ ސުއާލެކެވެ. ނޫރު މީހަކާ ނީނދެ ހުންނާނީތޯ ރައިދާ އެހިއެވެ.

" އަތުން ބީވެގެންދާ ތަކެއްޗަކީ ، އޭގެ ފަހަތުން ދުވެ އަތުވެދާނެ އަދި ހަމަ އެފަދައިން އަތުނުވެދާނެ އެއްޗެކެވެ. އަހަރެންނަކީ ، އަހަރެންނަށް ބޭނުންނުވާ ތަކެއްޗަށް ހިތްކިޔާ މީހެއްނޫނެވެ. ނުލިބި ، ގެއްލިދާ ތަކެތީގެ ފަހަތަކުން އަހަރެންނެއް ނުދުވާނަމެވެ. އަހަރެން ބޭނުމީ ، އެ ގެއްލިގެންދާ އެއްޗަކަށްވުރެ އަގުހުރި އެއްޗެއް ޙާޞިލުކުރުމަށެވެ. އަހަރެން ދެން ހަދާނެގޮތަކަށް ފަހަރި ނިކަން ، އިންތިޒާރު ކޮށްގެން ހުންނާށެވެ. އަހަރެންނަކީ ބޭކާރުމީހެއްކަމަށް ހެދުމަށް ފުރުޞަތެއް ނުދޭނަމެވެ. އިރާދަ ކުރެއްވިއްޔާ އަހަރެންނަކީވެސް ، އަންހެނެއްކަން ދުނިޔެއަށް ، ނިކަން ދައްކައިލާނަމެވެ. އަހަރެންނާއި މުރުތަޟާގެ ގުޅުމަށް ވެގެން އެދިޔަގޮތަކީ ދެރަގޮތެއްކަމަކަށް އަހަރެންނެއް ނުދެކެވެ. އެކަން އެވީ އޮތް އެންމެ ރަނގަޅަށެވެ. އަހަރެންގެ ދިރިއުޅުން އާބާދުކޮށް ބާއްޖަވެރި ކުރާނީ އަހަރެން އެދޭގޮތަށެވެ. " ނޫރު ބުންޏެވެ.

ހިނިތުންވެލުމާއެކު ، ނޫރު އޭނާގެ ފަހަރިއާ ގާތަށްޖެހިލައި ، ކޮފީތަށްޓެއް ބޯލަން ހިނގާށޭ ބުނެ ، ދެފަހަރިން ކޮޓަރިން ނުކުމެ ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ތަހުނިޔާ އިނީ ، މުރުތަޟާގެ ކޮޓަރީގައި އިށީނދެލައިގެންނެވެ. އޭނާއާ އެކީ އެތާއިނީ އަރުސަލާނެވެ. ޠާހިރާ އެތަނަށް އައިސް ، ދައްތަޔަށް އުނދަގޫނުކޮށް ، އަރުސަލާންގެ ކޮޓަރިޔަށް ދާށޭބުނެ ، ދަރިފުޅު ފޮނުވައިލިއެވެ. އެއަށްފަހު ، ތަހުނިޔާގާތު އެނދުމަތީ ޖައްސައިލިއެވެ. މުރުތަޟާވީ ، އެރަސްމިއްޔާތަށް އޮފީހަށް އައި މީހުންނާއެކު އަނގަތަޅައިލަން ، ތިރިޔަށް ގޮހެވެ. އެމީހުން ނުގޮސް ގިނައިރުވީ ، މުރުތަޟާއަށް ގެނައި ހަދިޔާއެއް ޙަވާލުކުރަން ވެގެންނެވެ. އެމީހުން ވަނީ ، މުރުތަޟާއަށް ނާންގައި 7 ދުވަހުގެ ޗުއްޓީއެއް މުރުތަޟާއަށް ހޯދައިދީފައެވެ. އަދި ހަނީމޫނަށް ދިއުމަށްޓަކއި ދެމީހުންގެ ޓިކެޓް ، އެމީހުން މުރުތަޟާއާ ޙަވާލު ކުރިއެވެ. އެހަދިޔާ ޤަބޫލު ނުކުރަން މުރުތަޟާ ގަދަހެދިނަމަވެސް ، އެންމެފަހުން އެކަމަށް އެއްބަސްވިއެވެ. އެހެންނަމަވެސް ، މުރުތަޟާގެ މޫނުމަތިން ފެންނަމުންދާ ހިތި އަސަރުގެ އިޙްސާސް އެމީހުންނަށް ފެނުނެވެ. އެކަން މުރުތަޟާއަށްވެސް އެއުޅެނީ ސިއްރު ނުކުރެވިގެންނެވެ. ހަނީމޫނަށްގޮސް ، ކުރާނީ ކީއްކަމެއް މުރުތަޟާއަކަށް ނޭނގެއެވެ.

ތަހުނިޔާގެ މޫނުމަތިން ފާޅުވާންހުރި ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ، ޠާހިރާ ދެނެގަތެވެ. އަދި ، ތަހުނިޔާ ހަމަޖައްސައިލުމަށްޓަކައި ވާހަކަ ދައްކަން ފެށްޓިއެވެ. ހުރިހާކަމެއް އެހާ އަވަހަށް ވެ ނިމިދާގޮތްވީމައި ، ތަހުނިޔާއަށް ލިބިފައިވާ ހާސްކަން އެއީ ، ޠާހިރާވެސް ޤަބޫކުކުރާ އެއްޗެކެވެ. ހިތި އަސަރަކުން ފެށުނުނަމަވެސް ، ދުވަސްވަމުން ދިޔަވަރަކަށް ، އެކަން ހަމަޔަކަށް އެޅެމުން ދާނެއެވެ. ދިރިއުޅުމުގެ އެކިފިޔަވަހިތަކުން ދިރިއުޅުމަށް އަންނަ އުފާވެރިކަމާގުޅިގެން ، އެދެމީހުންނަށް ހަމަޖެހުން ލިބޭނެކަމުގައި ޠާހިރާ ބުންޏެވެ. އެއީ މާދުރުގައި އޮތްކަމެއްނޫނެވެ. އެންމެ މުހިންމު ކަމަކީ ، އެކުރެވުނު ކައިވެނިން އެކަކު އަނެކެއްގެ މައްޗަށް ލާޒިމްކުރާ ވާޖިބުތައް ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމެވެ. ދެމީހުންގެ ވިސްނުން އެއްގޮތްކޮށް ، އެކަކު އަނެކަކަށް ދޫކޮށްގެން ، ދިރިއުޅުމުގެ ކާމިޔާބީތަކާ ހަމަޔަށް ވާޞިލުވުމެވެ. ގޯސް ވިސްނުންތަކުން ދެމީހުންގެ އުޅުމާއި ގުޅުމާ އަދި ހިތްވެސް ސާފުކުރުމެވެ. ކުރިމަތީގައި އޮތް ރީތި އަދި ބާއްޖަވެރި ދިރިއުޅުމަށް ދެމީހުންވެސް ޖާގަ ދިނުމެވެ.

" ޠާހިރާއެވެ ! އެކަންކަމާ ކަނބޮޑުނުވާށެވެ ! ކާރު އިސްޓާރޓް ކޮށް ހިންގައިލުމުގެ ކުރިން އެކްސިޑެންޓެއް ވުމަށް ތައްޔާރުވުމުގެ މާނައެއް ނެތެއްނޫން ހެއްޔެވެ ؟ " ތަހުނިޔާ ، ޠާހިރާއަށް ޖަވާބުދިނެވެ.

ތަހުނިޔާގެ ޖަވާބުން ، ޠާހިރާ ކަންބޮޑެއް ނުވެއެވެ. ތަހުނިޔާއަށް ވެފައި އިންގޮތް ޠާހިރާއަށް އެނގެއެވެ. ޠާހިރާ ވިސްނައިދެމުން ގެންދިޔައީ ، އޭނާގެ ކޮއްކޮ ، މުރުތަޟާއަކީ ގޯސްމީހެއްނޫންކަމުގައެވެ. ރަނގަޅުމީހުންނަށް އިޙްތިރާމްކޮށް ޤަދަރު ކޮށްފިނަމަ ، ބަދަހި ގުޅުމެއް އުފެދިގެން ދާނެއެވެ. ތަހުނިޔާއަކީ ނަސީބުގަދަ މީހެކެވެ. ދެމީހުން ގުޅިގެން ، އެކުގައި ކުރިޔަށް ހިނގައިދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެކަންކުރުމުގައި ތަހުނިޔާގެ ޒިންމާ ވަރަށް ބޮޑުވާނެއެވެ. މުރުތަޟާއާއެކީ ދިރިއުޅުމުގައި ، ޝަކުވާކުރާނެ އެއްވެސް ފުރުސަތެއް މުރުތަޟާއެއް ނުދޭނެއެވެ. ޠާހިރާ އެދައްކަނީ މުރުތަޟާ ދައްކަންހުރި ވާހަކަ ތަކެކެވެ. ފަހަރެއްގައި މުރުތަޟާއަށް ނުދެއްކިދާނެ ވާހަކަ ތަކެކެވެ. އެވާހަކަތައް ތަހުނިޔާގާތު ބުނުމަށް މުރުތަޟާ ބޭނުން ނުވެދާނެއެވެ. ކޮންމެ ގޮތެއްވިޔަސް ، ޠާހިރާ އެދެއްކީ ގޯސްވާހަކައެއް ނޫނެވެ. އެއީ ތަހުނިޔާ ބަލައިގެންފި ވާހަކަތަކެއްކަމަށް އެއްބަސްވުމުގެ ގޮތުން ، ބޯ ޖަހައިލިއެވެ. އެވަގުތު ، މުރުތަޟާ އައިސް އެކޮޓަރިޔަށް ވަނެވެ. ތަހުނިޔާގާތު ، އެނދުގައި އިށީނދެލައިގެން ދައްތަ އިންތަން ފެނިފައި މުރުތަޟާ ހުއްޓިލިއެވެ. މުރުތަޟާ އައިކަން އެނގުމާއެކު ، ޠާހިރާ އޭނާއާ ދިމާއަށް ހީލުމަށްފަހު ، ކޮޓަރިން ނުކުތެވެ.

މުރުތަޟާ ދޮރުލައްޕާލައި ، މަޑުމަޑުން ހިނގާފައި އައިސް ، ކަރުކެހިލުމަށްފަހު ، ތަހުނިޔާ އެއިނީ ކީއްވެފައިތޯ ސުއާލު ކުރިއެވެ. މުރުތަޟާ އެ ޢިޝާރާތްކުރީ ތަހުނިޔާގެ މޫނުމަތިން ފާޅުވާންހުރި ކަންބޮޑުވުމަށެވެ. ކައިވެނީގެ ފުރަތަމަ ރެއެވެ. މުރުތަޟާއާއި ތަހުނިޔާގެ ކައިވެނި އެ ކުރެވުނީ ، އެދެމީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެސް ނުވަނީހެވެ. ލޯބީގެ ވާހަކަ ކީއްކުރަން ހެއްޔެވެ ؟ ދުނިޔަވީ އެއްވެސް ވާހަކައެއްވެސް ، އެދެމީހުން މީގެކުރިން ދައްކައިލާފައެއް ނުވެއެވެ. ކުރެވުނު ނަމަ ކުރެވިފައި އޮތީ އެމީހުންގެ ކައިވެންޏާމެދު ، އެކަކު އަނެކަކު ކަންބޮޑުވާ ކަންކަމުގެ ވާހަކަ ، ހިތްހަމަ ނުޖެހުމެއްގެ ތެރެއިން ފާޅުކުރެވިފައި އޮތުމެވެ.

ތަހުނިޔާގެ މޫނުމަތީގައިހުރި ވަރުބަލިކަން މުރުތަޟާ ފާހަގަ ކުރިއެވެ. އެހާ އަވަހަށް ކައިވެނި ކުރެވުނީމަ ، އެކަމާގުޅުންހުރި ކަންކަމުގައި އަވަދިނެތި އުޅެން ހަދައިގެން ، ތަހުނިޔާ އެހުރީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. ދުވަސްކޮޅަކުން އެވަރުބަލިކަން ފިލައިފާނެއެވެ. އެއީ ، މުރުތަޟާ އެހާބޮޑަށް ވިސްނަންވީކަމެއްނޫނެވެ. ތަހުނިޔާ ލައްވާ ، މަންމަ މަސައްކަތްކުރުވާ ގޮތެއްގެ މައްޗަށް ބިނާވެފައި އޮންނާނެ ކަމެކެވެ. ތަހުނިޔާއަކީ ، އޭނާގެ އަމިއްލަ ގޭގައިވެސް ގޭތެރޭގެ މަސައްކަތްކުރަން އާދަވެފައިހުރި ކުއްޖެއްނޫނެވެ. އެކަން ، ޙަފުޞާއަށް އެނގިފައި ނެތުމަކީ ، އެކަށީގެންވާ ކަމެކެވެ. ސާޖިދާ ހިތްހަމަ ނުޖެހިދާނެތީ ، ޙަފުޞާވެސް ، އެކަހަލަ އެއްވެސް ވާހަކައެއް ސާޖިދާއަކާ ނުދައްކައެވެ. ސާޖިދާ އެހާ މީރުކޮށް ކައްކާތީ ، ޙަފުޞާގެ ވިސްނުމަކަށްވެފައި އޮންނާނީ ، ތަހުނިޔާއަށްވެސް މީރުކޮށް ކައްކަން އެނގޭނެކަމަށް ކަމުގައި ވެދާނެއެވެ. ތަހުނިޔާގެ އެއްވާޖިބަކަށްވާނީ އެކަމެވެ. ގޭގެ އެންމެންނަށް ކައްކައި ކާންދީ ގޭތެރެ ބެލެހެއްޓުމެވެ. އެހެނަސް ، އެއީ ތަހުނިޔާއަށް ދަސްވެ ، އެކަމަށް އާދަވެފައިހުރި ކަންކަމެއްނޫނެވެ.

ތަހުނިޔާއަށް ދިނުމަށްޓަކައި މުރުތަޟާ ގެނައި ހަދިޔާ ލެވުނުތަނެއް ނޭނގިގެން ، ކޮޓަރީގެ އެތަންމިތަން ހޯދަމުން ގެންދިޔައެވެ. ކޮޓަރިތެރެއިން ، އެއެއްޗެއް ނުފެނިގެން ، އެންމެފަހުން ބޭރަށް ނުކުމެ ، އެހިފައިގެން އައިސް ތަހުނިޔާއަށް ދިއްކޮށްލިއެވެ. އެއީ ، ތަހުނިޔާއަށް އޭނާދޭ ހަދިޔާއެއްކަމަށް ބަލާށޭ ބުނަމުންނެވެ. އަދި ތަހުނިޔާއަށް އެހަދިޔާ ކަމުދާނެކަމަށް ބަލަމޭ ބުނަމުންނެވެ.

" ކޮންމެ އެއްޗަކީވެސް ، އެއެއްޗެއް އޮންނަންވީ ތަނެއްގައި އޮންނާނެ އެއްޗެކެވެ . އަދި ، އޭގެ ހަނދާނުން އިންސާނުންގެ ހިތަށް ތަދުވާވަރަށް ހަނދާންވެ ، ތަކުލީފަކަށް ހަދާނެއެވެ. " މުރުތަޟާއާ ދިމާއަށް ބަލައިލަމުން ، ތަހުނިޔާ ބުންޏެވެ.

މުރުތަޟާގެ ފޯނު ރިންގްވާންފެށީމަ ، މުރުތަޟާއާއި ތަހުނިޔާއާ ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. އެއީ ނޫރުގެ ފޯނެކެވެ.  މުރުތަޟާ އެބަލައިދިޔަ އެއްޗެއް ބަލައި ދިޔައީ އެނދުމަތީ ފޯނު ބާއްވާފައެވެ. މުރުތަޟާ އައުމުގެ ކުރިންވެސް ދެފަހަރަށް ނޫރު ގުޅައިފިއެވެ. އެހެންނަމަވެސް ، ރިންގވަމުން ވަމުންގޮސް ފޯނު ކެނޑުނުއިރުވެސް ، ތަހުނިޔާ އެފޯނެއް ނުނަގައެވެ. އެއީ ނޫރުގެ ފޯނެއްކަން ، ތަހުނިޔާއަށް އެނގެއެވެ. އެހެންނަމަވެސް ، އެވަގުތު ، އެފޯނު ނެގުމަކީ އެހާ މުނާސަބުކަމެއް ކަމަކަށް ތަހުނިޔާއަކަށް ނުފެނުނެވެ. އަމްދުން ، މުރުތަޟާގެ ފޯނަށް އަންނަ ކޯލް ނެގުން އެއީ ތަހުނިޔާ ކުރާނެކަމެއްނޫނެވެ. އެއީ ކޮންމެ މީހެއްގެ ފޯނެއްކަމަށްވިޔަސް ، ތަހުނިޔާ ، މުރުތަޟާގެ ފޯނަކާ ނުބެހޭނެއެވެ. މުރުތަޟާ އެ ފޯނުނަގައި ކަނޑައިލިއެވެ. މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ، ތަހުނިޔާ ތެދުވެގެން ބޭރަށް ނުކުތެވެ. ތަހުނިޔާ ބޭރަށް ދިޔައީ ، މުރުތަޟާއަށް ނޫރު ގުޅައިގެން އެކަމާ ހިތްހަމަ ނުޖެހިގެންނެއްނޫނެވެ. ޙާލަތުގެ ނާޒުކުކަން މުރުތަޟާއަށް ވިސްނައިދޭން ވެގެންނެވެ. އެކައިވެންޏާ ގުޅިފައިވާ އެތައްކަމެއް ، އެދެމީހުންގެ ދެމެދަށް ވަންނާނެކަން ތަހުނިޔާއަށް އެނގެއެވެ. އޭގެ ތެރެއިންވެސް ސަލާމަތްވާން އުނދަގޫވާނީ ނޫރުގެ ފަރާތުން އަންނަ ކަންކަމެވެ. އެކަމަކު ، ތަހުނިޔާއަށް އެއީ މައްސަލައެއްނޫނެވެ. ނޫރުއާއި މުރުތަޟާގެ ގުޅުމުގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ތަހުނިޔާއެވެ. އޭގެ ތަކުލީފުތައް އުފުއްލަން ، ތަހުނިޔާ އެހުރީ ތައްޔާރުވެގެންނެވެ.

ނޫރު ގުޅަމުން އެގެންދަނީ އޭނާގެ އިޚުތިޔާރުގައެއްނޫނެވެ. ގެޔަށް އައިސް ވަދެ ، ހިތާދެކޮޅަށް އޭނާގެ ނަފުސަށް ލިބެމުންއެދިޔަ ހާސްކަމުގެ ސަބަބުން ،  ނޫރުގެ ނޭވާކުރުވިއެވެ. މެޔަށް ތަދުވާގޮތްވިއެވެ. ނޭވާކުރުވެގެންގޮސް ، ހާސްކަން ބޮޑުވާން ފެށީމަ ، ބެލްކަންޏަށް ނުކުމެ ، ސާފުވައިލިބޭގޮތަށް މަޑުކޮށްލައިގެންހުރެ ، އަމިއްލަ ނަފްސު ކޮންޓްރޯލްކުރެވޭތޯ ބަލަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އެކަމެއް ނޫރުއަކަށް ނުވިއެވެ. މުރުތަޟާއަށް އޭނާއަށް ފޯނުކުރެވުނީ އިޚުތިޔާރަކު ނޫނެވެ. އެކަމަކު ، މުރުތަޟާ ފޯނު ނުނެގީމަ ، ހިތަށް ލިބުނު ހާސްކަން އަދި ވަކިން ބޮޑުވިއެވެ. މޭގައި އަތްއަޅައިގެން ގުދަށް އޮވެ ، މުރުތަޟާއަށް އަނެއްކާވެސް ގުޅިއެވެ. މުރުތަޟާ ކަނޑައިލި ފޯނަކީ އެއީއެވެ. ކުރިން ދެފަހަރަށް ގުޅީމަވެސް  ފޯނު ނުނަގާފައި ، އެންމެފަހުން ގުޅިފަހަރު ފޯނު ކަނޑައިލީމަ ، ނޫރުގެ ހިތަށް ކުރި އަސަރުން ނޭވާ ނުލެވޭވަރުވިއެވެ. ބޮލަށް އެނބުރުން އަރައިގެން ގުދުވެލި ވަގުތު ، ނޫރުއަށް ފެނިގެން އެދިޔައީ ، ކުރިމަތީހުރި މުރުތަޟާމެންގޭގެ ބެލްކަންޏެވެ. އެއީ ، ނޫރުއާއި މުރުތަޟާގެ ލޯބީގެ އެތައް ބައްދަލުވުންތަކެއްގައި  އެތައް އިރެއް ހޭދަކުރެވިފައި އޮތް ތަނެކެވެ. ބައެއް ރޭރޭ ، ދަންވަންދެންވެސް މުރުތަޟާގެ ގެޔަށްގޮސް ، މުރުތަޟާއާއެކު ނޫރުގެ ވަގުތުތައް ހޭދަކޮށްފައި ވެއެވެ. އެދެމީހުންގެ ލޯބީގެ އެތައް ފިރުމުންތަކަކަށް އެބެލްކަނީ ހެކިވާނެއެވެ.

އެގޭގެ ބެލްކަނީ ފެނުމާއެކު ، ނޫރުގެ ހަށިގަނޑުން ބޭރުވަމުން އައި ނޭވާ އިތުރަށް ކުރުވިއެވެ. އޭނާގެ ހަށިގަނޑުގައި ހަތަރުފަރާތުން ފިއްތެމުންއައި ދަނގަޑު ދައްޗެއްގައި ޖެހުނު ކަހަލައެވެ. ގަދަކަމުން ނޭވާލަމުންގޮސް ، މަޑުމަޑުން ބެލްކަނީގެ ތަޅުންމައްޗަށް ތިރިވިއެވެ. އޭނާގެ އަތުގައި އޮތް ފޯނު ، އެވަގުތު އޮތީ ތަޅުންމައްޗަށް ވެއްޓިފައެވެ. އެވަގުތު ، ފޯނު ރިންގް ވާން ފަށައިފިއެވެ. މަޑުމަޑުން ، އެފޯނަށް ނޫރު ބަލައިލިއެވެ. އެއީ މުރުތަޟާގެ ކޯލެކެވެ. ނޫރުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކުއްލިޔަކަށް ފޯނު ނެގިއެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ހުރިހާ ވޭނެއް ، އެއްފަހަރުން ފިލައިދިޔައެވެ. ފުންނޭވާއެއް ލުމަށްފަހު ، ހިނިތުންވުމާއެކު ، އޭނާގެ އިސްކޮޅަށް ހިންދެމިލިއެވެ. އަދި ، ފޯނުނަގައި މުރުތަޟާއާ ވާހަކަ ދައްކަން ފެށްޓިއެވެ. ނޫރުއަށް ގޮވައިލެވުނީ ހަމައެކަނި މުރުތަޟާގެ ނަމުންނެވެ.

" ނޫރު ތިކުރަނީ ކޮންކަމެއް ހެއްޔެވެ ؟ މިއީ ކޮންފަދަކަމެއް ހެއްޔެވެ ؟ އަހަރެން ދިރިހުއްޓަކަވެސް ނުދެއެވެ. މަރުވިޔަކަވެސް ނުދެއެވެ. " ނޫރުއާ ދިމާއަށް މުރުތަޟާ ހަޅޭއްލަވައިގަތެވެ.

ނޫރުއަށް އެއީ މައްސަލައެއް ނޫނެވެ. މުރުތަޟާއަށް ނޫރުގެމަތިން ހަނދާން ނައްތައި ނުލެވޭނެކަން އެނގެއެވެ. މިރެޔަކީ ، މުރުތަޟާގެ ކައިވެނީގެ ރެޔެވެ. ތިމާގެ އަލަތު އަނބިމީހާއާ ވާހަކަ ދައްކާލައި ، ހިތްއުފާކޮށްލަން ، އަނބިމީހާގާތުގައި އޮތުމުގެ ބަދަލުގައި ، މެންދަމު ބާރަޖެހިއިރު ، މުރުތަޟާ ވާހަކަދައްކަމުން އެގެންދަނީ ނޫރުއާއެވެ. އެކަން އެނގިއްޖެމީހެއްގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ ؟ އެމީހެއްގެ ހިތަށް އަރާނީ މިހާރުވެސް ، ނޫރު އެއީ މުރުތަޟާއާއި ތަހުނިޔާއާ ދެމެދަށް އެޅިފައިވާ ހުރަހެކޭ ނޫންހެއްޔެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.