އިޒްރާއީލުން ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމައާއި، ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްޠީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއް ކަން ފާހަގަ ކުރައްވައި، އެ ޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިލްތިމާސް ކުރައްވާފައިވެއެވެ.

އަދި، ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވެއެވެ. މިގޮތުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށްފައިވާ ކަމާއި، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުންވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.