ބްލޫރިބަން : ދޮންބެއްޔާގެ ހުކުރު

ދޮންބެއްޔާ ދަތުރުވަރެއްގައި މާލެއައިސް ، ހުކުރަށް މަޑުކޮށްލަން ޖެހިއްޖެއެވެ. ޢާންމު ގޮތެއްގައި ދޮންބެއްޔާއަކީ ، ހުކުރުދުވަހު ރަށުންބޭރުގައި ހުންނަން ބޭނުންވާ މީހެއްނޫނެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް ، ރަށަށް ހުކުރަށް އެރޭތޯ ބަލާނެއެވެ. މިފަހަރު ހުކުރު ދުވަހު ހުންނަން ޖެހުނީ މާލޭގައެވެ.

ރަށުގައި އާދަވެފައި އޮންނަގޮތަށް ، ހުކުރަށްދާން ފެންވަރައިގެން 11:30 ވާއިރަށް މިސްކިތަށް ދިޔައެވެ. ދޮންބެއްޔާއަށް ހުރެވުނީ މައްޗަންގޯޅީގެ ގެޔެއްގައެވެ. އެންމެ ކައިރިޔަށްހުރީ މަސްޖިދު އަލް ޖަލާލުއްދީނެވެ. އެމިސްކިތް ހަދައިފައިހުރީ ތިންބުރިޔަށެވެ. ދޮންބެއްޔާއަށް މިސްކިތަށް އެރުނު އިރުވެސް ގިނަބަޔަކު ތިބީ މިސްކިތަށް އައިހެވެ. ރަނގަޅު ތަންކޮޅެއް ލިބޭތޯ ބަލަމުން އައިސް ދޮންބެއްޔާ އެރީ މިސްކިތުގެ ތިންވަނަ ބުރިޔަށެވެ. ތިންވަނަ ބުރީގައި ތަންކޮޅެއްމީހުން މަދެވެ. ގިނައިން ފެންނަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެމީހުން ވަކިކުރަން ދޮންބެއްޔާއަށް އެނގެނީ ، ސަމިޢަﷲ އަށް އަތް ނުނަގާތީއެވެ. މޫނުމައްޗާއި ލައިގެންތިބޭ ހެދުމަށް ބަލައިލުމުންވެސް އެމީހުން ފާހަގަ ކުރެވޭނެއެވެ.

އެ ފްލޯރގެ ކުރީ ސަފުން ތަންކޮޅެއް ހޯދަން ދޮންބެއްޔާ ހިނގައިގަތެވެ. ފުރަތަމަ ސަފާއި ދެވަނަ ސަފުން ބޮޑުބައެއް އޮތީ ފުރިފައެވެ. ކުއްލިއަކަށް ދޮންބެއްޔާ ، ކަމެއްގައި އަޅައިގަތެވެ. ފުރަތަމަ ސަފުގައި މުސައްލަތަކެއް ބެހެއްޓިފައި ހުށްޓެވެ. އެ މުސައްލަތަކުގެ ކުރިމަތީ ގިބުލައަށް ފުރަގަސްދީގެން ، މިސްކިތަށްގޮސްތިބި މީހުންނާ ކުރިމަތިވާގޮތަށް ، އިށީނދެ އެތިބީ ކަރުގައި ފޮތިކޮޅެއް އައްސައިގެންތިބި ކުޑަކުދިންތަކެކެވެ. އެވާނީ ، އެތާ ކައިރި އިސްކޫލެއްގެ ސްކައުޓް ކުދިންކޮޅެއް ހުކުރަށް ގެނެސްފައި ތިބީ ކަމަށެވެ. މިސްކިތާ އެންމެ ކައިރިޔަށް ހުރީ ޖަމާލުއްދީން ސްކޫލެވެ.

މަސްޖިދު ސުންނަތްކޮށް ކަހަފުސޫރަތް ކިޔަވަން ފަށައިފިއެވެ. ކަހަފުސޫރަތް ކިޔަވައި ނިމިގެން ، ޒިކުރުތަސްބީޙަ ކިޔާލަން ، ދޮންބެއްޔާ މަޑުކުރިއެވެ. ކުރިމަތިބަލައިލުމުން ، ތަސްބީޙަކުރިޔަށް ގެންދެވޭގޮތެއް ނުވިއެވެ. ކުރިމަތިން ފެނުނު މަންޒަރާއި އެމަންޒަރާގުޅިފައިހުރި ކަންކަމުގެ މައްޗަށް ނުވިސްނައެއް ނުއިނދެވުނެވެ.

ކުރިމަތީ ، ތިބި ކުދިންނަކީ ، އިސްކޫލަކުން ހުކުރުނަމާދަށް މިސްކިތަށް ގެނެވިފައިތިބި ، ސްކައުޓް ކުދިންކޮޅެކެވެ. ސާޅީހަކަށް ފަންސާހަކަށް ކުދިން ތިބޭނެއެވެ. މިސްކިތުގެ ހުޅަނގުފާރުގައި ލެނގިލައިގެން ބުރަކަށި ޖައްސައިލައިގެން އެތިބީ ، ޅަ ކުދިންކޮޅެކެވެ. ފާރުގެ އެއްކޮޅުން އަނެއްކޮޅަށް ހުސްތަންކޮޅެއްނެތި ބައިހަދާފައި އެތިބީ ، އިސްކޫލަކުން ހުކުރުނަމާދަށް ގެންގޮސްތިބި ކިޔަވާކުދިންނެވެ. މިސްކިތަށް ނަމާދަށް އައިސް ތިބި މީހުންނާ ކުރިމަތިވާ ގޮތަށެވެ. ހުކުރަށްގޮސްތިބި މީހުންގެ ތެރޭގައި މުސްކުޅިންނާއި ދުވަސްވީ މީހުންނާއި ބަލިމީހުން ތިބޭނެތާއެވެ. އެމީހުން އެތިބެނީ ބުރަކަށިވެސް ޖައްސައި ނުލައެވެ. އިސްކޫލުން އައިސްތިބި ދިހަބާރަ އަހަރުގެ  ޅަކުދިންތައް އެތިބީ ، ފާރުގައި ބުރަކަށި ޖައްސާލައިގެންނެވެ. ގިނަކުދިންތިބީ ދެކަކޫ ކޮޅަށްޖަހައި ، ބޯއަޅައިލައިގެން ނިދާފައެވެ. ހޭލާތިބިކުދިން އެއްކުއްޖަކު އަނެއްކުއްޖަކަށް ހީ ސަމާސާކޮށް ވައިއަޑުން ވާހަކަ ދައްކައެވެ. ބައެއްކުދިން ، ބޮލުގައި ތާކިހާ އަޅައިގެންތިބިއިރު ، އަނެއްބައިކުދިންގެ ބޮލަކު އެއްވެސް އެއްޗެއް ނެތެވެ. ބޮލުގައި ތޮފިއަޅައިގެންތިބި ކުދިންވެސް ތިއްބެވެ. އަވިއައިނު އަޅައިގެން ، ސްޓައިލްގައި ތިބި ކުދިންވެސް ތިއްބެވެ.

ޚުތުބާގެ ވަގުތު ޖެހިއްޖެއެވެ. ހުކުރުނަމާދު ބަންގީގެ ކުރިން އިމާމާ ސަލާމްކީވަގުތު ، ނިދިޖެހިފައިތިބި ބައެއްކުދިން ސިއްސައިގެންދިޔަތަން ފެނުނެވެ. އެކަމާ ހީހީ ހަލާކުވީކުދިންވެސް ތިއްބެވެ. އޭރުވެސް ގިނަކުދިންތިބީ ނިދާފައެވެ. ނިދާފަތިބިކުދިން ހޭލައްވާކަށް އެއްވެސް ކުއްޖަކު ނޫޅެއެވެ. އެކުދިންނާ ޙަވާލުވެގެން ، ސްކޫލުން މީހަކު ނުދަނީބާވައޭ ދޮންބެއްޔާގެ ހިތަށް އެރިއެވެ. ދިޔަނަމަ ، އެއީ ކޮންއެއްޗެއް ދަސްކޮށްގެން މުދައްރިސްކަންކުރާ މީހެއްބާވައޭ ދޮންބެއްޔާގެ ހިތަށް އެރިއެވެ.

އިސްކޫލަކުން އިންތިޒާމްކޮށްގެން ގެންގޮސްތިބި ކުދިންކަމަށް ވަންޏާ ، އެއީ ސްކައުޓް ކުދިންނެއްކަމަކު ، އެކުދިންނާ ޙަވާލުވެގެން އިސްކޫލަކުން ދާނެ މުދައްރިސަކުވެސް ހުންނާނެތާއެވެ. ދިޔަސްދާނީ އިސްލާމް މުދައްރިސެކެވެ. އެމީހެއްގެ ފަރާތުން ، އެކުދިންނަށް ކަމެއް އޮޅުންފިލުވައިދިންހެނެއް ހިއެއް ނުވެއެވެ. އެކުދިން ގޮސް އެއުޅެނީ އެކުދިން  އުޅޭނެ ގޮތަކަށެވެ. އެއްވެސް އަދަބެއް ސަދަބެއް ނެތިއެވެ. ހުކުރަށްގޮސް ، މުސްލިމަކު އުޅޭނެ ގޮތަކަށް ނޫނެވެ.

ދެޚުތުބާ ނިމިގެން ، ހުކުރު ނަމާދަށް ސަފުއެތުރެން އިމާމާ ގޮވައިލިއެވެ. ނުނިދާ ނުވަތަ ދެބަދޭތެރެވެފައި ތިބި ބައެއްކުދިންނަށް އެއަޑު އިވިގެން ފުންމައިގެން ތެދުވިއެވެ. އަދި ނިދާފަތިބި ކުދިންނަށް ގޮވައި ހޭލެއްވިއެވެ. ހުރިހާ ކުދިން ތެދުވެގެން އައިސް ސަފުއަތުރައިލިއެވެ. ފުރަތަމަ ސަފުން ޖާގަ ލިބުނީ ޢާންމުންގެ ދެތިން މީހަކަށެވެ. ދެންމުޅިންވެސް އެތިބީ އެކުދިންނެވެ. ދެވަނަ ސަފުގެ މެދުގައިހުރި މީހަކު އެކުދިންނާ ދިމާއަށް ވަރަށް ބަލަމުން ގެންދިޔައެވެ. އެކުދިން ކުރާ އެއްވެސް ކަމަކާ އަޅައެއް ނުލައެވެ. އެކުދިން އުޅެނީ އުޅޭނެ ގޮތަކަށެވެ.

ހަމަނުޖެހޭ ގޮތަކަށް އިންދައި ނިދިޖެހުމަކީ ވުޟޫގެއްލޭކަމެކޭ ، އެދުރުންބުނެފައިވާ އަޑު ، ދޮންބެއްޔާ ހަނދާން ވިއެވެ. އޭގެ ތެރެއިން ނުނިދާތިބީ މަދު ކުދިންކޮޅެކެވެ. އެއިން އެއްވެސް ކުއްޖަކު ވުޟޫއެއް ނުކުރެއެވެ. ނުވަތަ އެކުދިން އެތިބީ ، ދަނގަނޑު ވުޟޫ ކޮށްގެންނެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ.

ހުކުރު ނިމިގެން ، ދޮންބެއްޔާ ސުންނަތްކުރަން ތެދުވިއެވެ. އެވަގުތަކީ ، ހުކުރު ނިމިގެން އެކުދިން މިސްކިތުން ފައިބަންވީ ވަގުތެވެ. މުޅި އެހިސާބުގައި އަޑުގަދަވިއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ވާހަކަ ދައްކާ އަޑެވެ. އެވަގުތު ، އެކުދިން މިސްކިތުން ފައިބަންވީ މަގު ދައްކަން ދެތިންމީހަކު އުޅެގަތެވެ. މީހުން ނަމާދުކުރަން ތިއްބާ ކުރިމަތިންވެސް ދަނީއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށްވުރެ އަވަހަށް ފައިބަން މަސައްކަތް ކުރެއެވެ.

ދޮންބެއްޔާ ހިތަށް އެރިއެވެ. އެކުދިންނަކީ ، އަމާބުނީތީ ފަރަށްދާގޮތަށް ހުކުރަށް އައި ކުދިބަޔެއްތާއެވެ. އަދި އެކުދިން ހުކުރަށް އެފޮނުވި އިސްކޫލަކުން އެކަމެއް އެކުރީވެސް ،  އަމާބުނީތީ ފަރަށްދާ ގޮތަށްތާއެވެ. އެކުދިން މިސްކިތަށް އެ ގެންދެވުނީ ނަމާދުކުރަން ބާރުއަޅަންކަމަށް ވެދާނެއެވެ. އެހެނަސް ، އެކުދިން މިސްކިތަށް އެ ގެންދެވުނު މަޤްޞަދު ޙާޞިލްވާގޮތަށް ، އެކުދިންނަކަށް އެއްވެސް އެއްޗެއް ދަހެއް ނުކޮށް ދެވުނެވެ. އޭގެ ބަދަލުގައި ، އެކުދިންނަށް ދަސްވީ ، ނަމާދަކީ އެއްވެސް އެއްޗެއްނޫންކަމެވެ. އެކުދިންނަށް ދަސްވީ ، ނަމާދަށްގޮސް މިސްކިތު ފާރުގައި ބުރަކަށި ޖައްސާލައިގެން ދެކަކޫ މައްޗަށް ނަގައި ، ބޯ ބާއްވައިލައިގެން ނިދާފަ ، ސަފަށް ގޮވީމަ ، ތެދުވެ ވުޟޫކުރުމެއްނެތި ، ބޮނޑުހަދާހެން ، ނިތްކުރިތަޅައިލާށެވެ. ހުކުރު ޚުތުބާއެއްކީކަންވެސް ބައެއްކުދިންނަކަށް ރޭކައެއްނުލައެވެ. ހުކުރުދުވަހު ، މިސްކިތަށްގޮސް ، ކަހަފުސޫރަތް ކިޔަވައިލުން އެއީ ކިހާ މާތް އަދި ސަވާބުހުރިކަމެއްކަން އެކުދިންނަށް ދަސްކޮށެއް ނުދެވުނެވެ. ރަނގަޅަށްވިއްޔާ ، އެކުދިންގޮވައިގެން މިސްކިތަށް އެދިޔަމީހުންގެ ޙާލުވެސް ހުންނާނީ އެހެންނެވެ. ކުއްޖަކަށް އިރުޝާދެއްދީ މަގެއްދައްކައި ، އެއްޗެއް ދަސްކޮށްދެވޭފަދަ މީހުންނަށް ނުވަނީއެވެ. އެހެންވީމާ ، ކުދިން ދަސްކުރާކަށްވެސް އެއްޗެއް ނޯންނާނެއެވެ.

އެކުދިން މިސްކިތަށް ގެނައުމުގެކުރިން ، މިސްކިތަށް އިޙްތިރާމްކުރަން ދަސްކޮށްދެވިފައެއް ނެތެވެ. މިސްކިތަށް ނަމާދަށް އަންނަ މީހުންނަށް ކަމޭހިތަން ، ނަޞޭޙަތްދެވިފައެއް ނެތެވެ. މިސްކިތަށް އައިސް އިށީނދެތިބޭނެ ގޮތުގެ ލަފައެއް ދެވިފައެއް ނުވެއެވެ. ނިދި ޖެހިއްޖިއްޔާ ވުޟޫގެއްލޭނެކަމާއި ނަމާދުކުރުމުގެ ކުރިން ވުޟޫކުރަން ބުނެދީފައެއް ނުވެއެވެ. މިސްކިތަށް ނަމާދަށް އައިސްތިބި އެންމެންނަށް ކުރިމަތިލައި ، ޤިބުލަޔަށް ފުތަގަސްދީގެން ނިދާފައިތިބުން އެއީ ކޮށްގެންވާނެކަމެއްނޫންކަން ބުނެދީފައެއް ނެތެވެ. މިސްކިތުގައި އެއްކުއްޖަކު އަނެއްކުއްޖަކާ ވާހަކަ ދައްކައި ނުހެދުމަށް ނަސޭޙަތްދީފައެއް ނެތެވެ. ނަމާދުކުރަންތިބޭ މީހުންގެ ކުރިމަތިން ހުރަސް ނުކުރުމަށް ބާރުއެޅިފައެއް ނުވެއެވެ. ހުކުރު ނަމާދަށްގޮސް ކަހަފުސޫރަތް ކިޔަވައިލުމަށް ބާރުއެޅިފައެއް ނުވެއެވެ. ޚަތިމެއްނަގައިގެން ކިޔަވައިލާތަން ފެނުނީ ، އެހުރިހާ ކުދިންގެ ތެރެއިން އެންމެ ދެކުދިންނެވެ. އެއީ އެކުދިންގެ މައިންބަފައިންގެ ފަރާތުން ލިބިފައިވާ ތަރުބިއްޔަތަކަށް ވެދާނެއެވެ.

ދޮންބެއްޔާ ހިތަށް އެރިއެވެ. މިހިރީ ، އިސްކޫލުތަކުގައި ދަރިވަރުންގެ ހިތުގައި އިސްލާމްދީނަށް ލޯބިޖެއްސުމަށް ކުރާ ކަންކަމެވެ. އެކަން އެކުރަނީ ނަމަކަށެވެ. ދީނީކަންކަމަށް މިހާ ދޯހަޅިއްޔާ ، ޤައުމީ ވަންތަކަމާއި ވަތަނީ ރޫޙު އޮންނާނީ ކިހާ ހިސާބެއްގައި ބާވައެވެ. އެކަންކަމަށް މިނިސްޓްރީތައް ހަދައި ، އިސްކޫލުތަކާއި ކޮލެޖްތައް އެޅިޔަސް ނިޒާމުން ބޭރުން ހިނގާ އެފަދަ ކަންކަމުގެ ފަރުވާ ވަރަށް ތަދުވާނެއެވެ. ކާރުދުއްވާފައިދާއިރު ދިވެހިދިދަ ހޫރުނަސް ، އަމާބުނީތީ ފަރަށްދާގޮތަށް ކަންކަން ނުކޮށް ، އަދި ކަމެއް ކުރެވޭނަމަ އެކަންކަން ބެލެހެއްޓި އިސްލާޙުކޮށްގެންނޫނީ ، ޤައުމިއްޔަތަކާއި ވަތަނީ ރޫޙަކާ އަދި ދީނީ ހޭލުންތެރިކަމެއް ނުއުފެއްދޭނެއެވެ. ބައުވެ ވީދިފައިވާ އިޖްތިމާޢީ ފޭރާމުން ، އޮރިޔާން ނިވަލެއް ނުކުރެވޭނެއެވެ. ރަނގަޅަކަށް ކުރާކަމެއްނަމަ ، މިސްކިތަށް ގެންދެވޭ ކުދިންނާ ޙަވާލުވެގެން މިސްކިތަށް އަންނަ ، މުދައްރިސުން ، އެކުދިން އުޅެންވީގޮތް ކިޔައިދޭނެއެވެ. މިސްކިތަށް އައިސް މިސްކިތުގައި އުޅެންވީގޮތްނޫން އެހެންގޮތްގޮތަށް އެކުދިން އުޅޭނަމަ ، ރަނގަޅުގޮތް ބުނެދީ ، އެކުދިންނަށް އެއްޗެއް ދަސްކޮށްދޭނެއެވެ. އެންމެ ދެރަވެގެން ، ނިދައިގެން އެކުދިންގެ ވުޟޫ ގެއްލުނީމަ ، އަލުން ވުޟޫކުރުވާނެއެވެ. ހުކުރުޚުތުބާ އަޑުއެހުމަކީ ، ހުކުރުނަމާދު ޞައްޙަ ވުމުގެ ޝަރުތެއްކަމަށް ބުނާނެއެވެ. އަދި ، ކުދިން ނިދިޔަނުދީ ، ހުކުރުނަމާދުގެ އަޅުކަން ފުރިހަމަކުރާނެގޮތް ދަސްކޮށްދޭނެއެވެ. ކުދިން ލައްވައި ކަހަފުސޫރަތް ކިޔުއްވާނެއެވެ. ނަމާދުކުރަންތިބޭ މީހުންގެ ކުރިމަތިން ، އެކުދިން ހުރަސްކުރިޔަކަ ނުދޭނެއެވެ. އެ ހުންނަނީ ، ކުދިން މިސްކިތަށް ގެންދިއުމުގެކުރިން ދަސްކޮށްދެވިފައި ހުންނަންޖެހޭނެ ކަންކަމެވެ. އެކުދިންގެ ކުށެއް ނެތެވެ. އެކުދިންނަށް އުޅެން އެނގޭނީ ، އެކުދިންނަށް ދަސްކޮށް އުނގަންނައިދޭ ގޮތަކަށެވެ.

އެކުދިން މިސްކިތަށް ގެނެސް  ، އެދަސްކޮށްދެވުނީ ކޮންއެއްޗެއްތޯއެވެ ؟ އެކުދިންނަށް ދަސްކޮށްދެވުނީ ، ހުސްގޯސް ކަންކަމެވެ. އެގޮތުގައި އެކުދިން ބޮޑެތިވާއިރު ، ދަސްވެފައިހުންނާނީ ، ދީނެއްނޫނެވެ. ދަސްވާނީ ދީނާ ޚިލާފު ކަންކަމެވެ. އަޅުކަން އަދާކުރާނެ ފުރިހަމަގޮތްތަކެއް އެކުދިންނަކަށް ނުވިސްނޭނެއެވެ. ނަމާދު ފުރިހަމަވާނެގޮތް ދަހެއްނުވާނެއެވެ. ޙުރުމަތްތެރިވެގެންވާ މިސްކިތްތަކަށް އިޙްތިރާމްކޮށް ލޯބިކުރާކަށް އެކުދިންނަކަށް ދަހެއް ނުވާނެއެވެ. އެއީ ކިހާދެރަކަމެއް ހެއްޔެވެ ؟ ދޮންބެއްޔާ ހިތަށް އެރިއެވެ.

އެކުދިން މިސްކިތަށް ގެންދަން އެކުގައި އައި މުދައްރިސުންނަށް އިތުރުގަޑިއާއި ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ. އިހަށްދުވަހު އެއޮތީ މުސާރަވެސް ބޮޑުކޮށްފައެވެ. އިސްލާމް މުދައްރިސަކަސް ޙަލާލެއް ޙަރާމެއް ބަލާނެކަމެއް ނެތެވެ. މިފަދަ މުދައްރިސުން ކިޔަވައިދޭ ކުދިން ، ކިޔެވި ކިޔެވިހެން ވާނީ ކާފަރެވެ. ރަނގަޅު ، ހަރުދަނާ މުދައްރިސުން މަދުންނަމަވެސް ނެތެކޭ ނޫނެވެ. އެހެނަސް ، ގިނަމީހުންގެ ޙާލަކީ އެއީއެވެ. ތިމާގެ ޒިންމާއާއި މަސްއޫލިއްޔަތަކީ މުސާރަޔަށް ވިއްކޭ އެއްޗެކެވެ. ޤައުމީ ވާޖިބަކާއި ފަރުދީ ޒިންމާއެއް އޮންނަކަމެއް ، ގިނަމީހުންނަކަށް ނޭނގެއެވެ. ތިމާމެން އެކުރާ މަސައްކަތަކީ ، ރަނގަޅުޖީލެއް ބިނާކުރުމުގެ ބުރަމަސައްކަތްކަމެއް ހަނދާނެއް ނުހުރެއެވެ.

އެކުދިންގެ ކުށެއްނެތެވެ. އެކުދިންނަށް ދަސްވާނީ އަދި އެނގޭނީ މުދައްރިސުން ކިޔައިދީ ދަސްކޮށްދޭ ކަމެކެވެ.

ތިމާގެ މަސްއޫލިއްޔަތަކީ ، އިސްލާމީވަންތަ ޖީލެއް ބިނާކުރުންކަން ހަނދާން ނުހުންނަ މުދައްރިސުންގެ ޢަމަލުތައް މިހެން ހުންނައިރު ، ޤައުމުގެ މުސްތަޤްބަލަށް ވާނީކިހިނެއްކަމެއް ނުވިސްނައެވެ. ބޮޑުމުސާރަނަގައިގެން ، ފަސޭހަގޮތުގައި ޒިންމާއަށް އިހުމާލުވިޔަސް ، ބަރާބަރަށް މުސާރަ ލިބޭނެއެވެ. އެތުދަތުން ފުޅަށް އަޅައިގެން މަޑުތަންމަތީ ނިދައިލެވުނީމަ ، އެމީހުންނަށް އެނިމުނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.