އިންޑިއާގެ ވަފާތެރި ކުއްތާ: ސާހިބު މީހާ މަރުވުމުން ކަށްކޮށާރަ ކައިރީގައި 4 މަސްދުވަސް ހޭދަކޮށްފި

އިންޑިއާގެ މީހަކު ގެންގުޅުނު ވަފާތެރި ކުއްތާއެއް ސާހިބު މީހާ މަރުވުމުން ވެސް އޭނާގެ އިންތިޒާރުގައި މޯޗަރީ (ކަށް ކޮށާރު)ގެ ބޭރުގައި ވެރިމީހާގެ އިންތިޒާރުގައި ހަތަރު މަސްދުވަސް ހޭދަކޮށްފިއެވެ.

ހޮސްޕިޓަލުގެ މުވައްޒަފުން ބުނިގޮތުގައި  އޮޅުކޮށްގެން ގެން ގުޅުނު އެ ކުއްތާ ވެރިމީހާ މަރުވެގެން އުޅުނު ފުރަތަމަ ދުވަސްކޮޅު ކުރަމުން ދިޔަ ހިތާމައިގައި އެއްވެސް އެއްޗެއް ނުކައި ނުބޮއި އެތައް ދުވަހެއް ހޭދަކުރިއެވެ. ކެއުން ބުއިމަށް ދެކޮޅުހަދައި އިންކާރުކޮށްފައި ވެއެވެ. ކުއްތާ، ކަށްކޮށާރައަށް ދާ މަގުގައި އެ ސޮރުގެ ސާހިބު މީހާ ވެއްދި ކޮށާރުގެ ދޮރުތަކަށް ބަލަހައްޓައިގެން އޮވެ ރޭދުވާ ހޭދަކުރަމުން ދެއެވެ.

ކުއްތާ އޮންނަނީ ސާހިބު މީހާ އެނބުރި އަންނާނޭ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ.

އެ ކުއްތާގެ ވާހަކައިން ޖަޕާނުގެ ހާޗިކޯ އާއި އިޓަލީގެ ފިޑާ ފަދަ މަޝްހޫރު ވަފާތެރި ޖަނަވާރުންގެ ހަނދާންކޮށްދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަފާތެރި ކުއްތާ ރޭދުވާ ހޭދަކުރަމުން ދަނީ ކެރެލާގެ ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކައްނޫރުގެ ޑިސްޓްރިކްޓް ހޮސްޕިޓަލެއްގެ ކަށްކޮށީގެ ކައިރީގައެވެ.

ކުއްތާ ހޮސްޕިޓަލަށް އައީ ކޮންނަމެއް ކިޔާ ބަލިމީހަކާ އެކުގައިކަން ހޮސްޕިޓަލުގެ އެއްވެސް މީހަކަށް އެނގިފައެއް ނެތެވެ.

އެ ހޮސްޕިޓަލުގެ މުއައްޒިފެއްކަމުގައިވާ ވިކާސް ކުމާރު ބުނިގޮތުގައި އެ ކުއްތާ ހަތަރު މަސް ކުރިން ހޮސްޕިޓަލަށް އައީ ބަލިމީހަކާ އެކު ގައެވެ.

ބަލިމީހާ މަރުވުމުން ކުއްތާއަށް ފެނުނީ ވެރިމީހާ ކަށްކޮށާރައަށް  ގެންދިޔަތަނެވެ.

ކުއްތާގެ ސާހިބު މީހާ މަރުވުމުން ކުއްތާ އުޅެމުން ދިޔައީ ހޮސްޕިޓަލް ސަރަހައްދުގައެވެ.

އެ ކުއްތާ މިހާރު ބަލަހައްޓަމުން ގެންދަނީ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެ ކުއްތާއަށް ކިޔާ އައު ނަމަކީ "ރާމު" އެވެ.

"ކުއްތާއަށް ހީވަނީ އޭނާގެ ސާހިބު މީހާ އަދިވެސް ހޮސްޕިޓަލުގައި އެބަ އުޅޭހެން." ވިކާސް ކުމާރު ބުންޏެވެ.

ހޮސްޕިޓަލުގެ މީހަކު ބުނި ގޮތުގައި މަރުވި މީހާގެ ހަށިގަނޑު ކުއްތާއޮތް ތަން ނޫން އެހެން ދިމާއަކުން ބޭރަށް ނެރެފައިވާތީ  އެ ސޮރުގެ ވެރިމީހާ އަދިވެސް އެ އިމާރާތުގެ ތެރޭގައި އޮތްކަމަށް ރާމުއަށް ގަބޫލުކުރެވިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ކުއްތާއަށް ކައްކައި ކާން ދިނުމުގެ ކަންތަކުގައި އިސްކޮށް އުޅެނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ މާޔާ ގޯޕާލަ ކްރިޝްނާން އެވެ. އޭނާ ބުނި ގޮތުގައި ރާމޫއަށް ހަނޑުލުގެ ބާވަތްތައް މީރެއްނޫނެވެ. ކުއްތާ ކާން ބޭނުން ވަނީ ބިހާއި މަހުގެ ބާވަތްތަކެވެ.

ބައެއް ފަހަރަށް ހޮސްޕިޓަލުގެ ގޯތިތެރޭގެ ބައެއް ދިމަދިމާއަށް ކުއްތާ ދިޔަކަމަށް ވިޔަސް ރޭގަނޑުގެ ވަގުތުތައް އެ ސޮރު ހޭދަ ކުރަނީ ކަށްކޮށާރު ކައިރީގައެވެ.

ހޮސްޕިޓަލްގެ މުއައްޒިފެއްކަމުގައިވާ ރާޖޭޝް ކުމާރު ބުނި ގޮތުގައި ކުއްތާ އިންތިޒާރު ކުރަމުން ދަނީ ސާހިބުމީހާ އަންނާނެ ދުވަހަކަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޮޅުކޮށްގެން ގެންގުޅޭ ކުއްތާއަކީ އަމިއްލަ ނަފުސަށްވުރެ ބޮޑަށް ސާހިބު މީހާ ދެކެ ލޯބިވާ ޖަނަވާރެކެވެ.

 

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.