ޖަލުގައި 32 އަހަރު ހޭދަކުރި އަންހެނެއް: މިހާރު ބޭނުމީ އާއިލީ ގުޅުން ބަދަހިކުރަން

ރަޖީވް ގާނދީގެ ފޮޓޯއާއެކު ފުލުހުން: އަވަހާރަ ކޮށްލީ ތަމަޅަ ޓައިގަރުން

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެން ކުށް ސާބިތުވި އަންހެނެއް ކަމުގައިވާ، ނަލިނީ ސްރީހަރަން 32 އަހަރަށް ފަހު ޖަލުން ދޫކޮށްލައިފި އެވެ.

ރަޖީވް ގާނދީ އަވަހާރަކޮށްލި މައްސަލައިގައި އުމުރު ދުވަހުގެ ހުކުން ތަންފީޒު ކުރަމުން ދިޔަ މުދައްރިސާއެއް ކަމަށްވާ ނަލިނީ އާއި އާރުޕީ ރަވިޗަންދްރާން ހިމެނޭ ގޮތަށް ހުރިހާ ކުށްވެރިން ދޫކޮށްލީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރަކަށެވެ. ހަ ކުށްވެރިންގެ ތެރެއިން ހަތަރު މީހުން ކަމަށްވާ ސަންތަން، މުރުގަން، ޖަޔަކުމާރު އަދި ރޮބަޓް ޕިއާސްއަކީ ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

ބީބީސީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނަލިނީ ބުނީ ދެން އޭނާ އިސްކަން ދޭނީ ފިރިމީހާއާއި އަންހެން ދަރިފުޅާއެކު އުޅެ، އާއިލީ ގުޅުން ބަދަހިކުރުމަށެވެ.

ރަޖީވް ގާނދީ އަވަހާރަކޮށްލި މައްސަލައިގައި ހައްޔަރުކުރިއިރު، ނަލިނީ އިނީ ބަލިވެއެވެ. އޭރު އޭނާގެ ބަނޑަށް ދެމަސް ވެއްޖެއެވެ. އޭނާ ހައްޔަރުކުރިތާ މާގިނައިރުތަކެއް ނުވެ އޭނާގެ ފިރިމީހާއާއި މަންމައާއި ދޮށީ ކޮއްކޮ ވެސް ހައްޔަރުކުރިއެވެ.

ޖާނުން ފިދާވާ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި ނަލިނީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް އިއްވީ މަރުގެ ހުކުމެވެ. އެކަމަކު މައްސަލަ އިސްތިއުނާފު ކުރުމުން ރަޖީވް ގާނދީގެ އަނބިކަނބަލުން ސޯނިއާ ގާނދީގެ ރުހުމާއެކު ނަލިނީގެ މައްޗަށް ކޮށްފައިވާ ހުކުމް އުމުރަށް ޖަލަށް ލުމަށް ބަދަލުކުރިއެވެ. އޭގެ ފަހުން އޭނާ މިނިވަންވުމަށް ގާނޫނީ ހަނގުރާމައެއް ކުރަންފެށިއެވެ. އޭނާ ބުނި ގޮތުގައި ޖަލަށް ދިއުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ.

ނަލިނީ ކޯޓަށް ގެންދަނީ: ކޯޓުން އޭނާއަށް މަރުގެ ހުކުން އިއްވި

"އަޅުގަނޑު ޖަލުގެ ވަކި ގޮޅިއަކަށް ލުމުން ވަރަށް ބިރުގަތް." އޭނާ ވަރަށް އަސަރާއެކު އެ ހާދިސާ ކިޔައިދިނެވެ. "ވަރަށް ބޮޑަށް ރޮއި ހެދިން. މަންމަ ވެސް އިނީ ކައިރީގައި ހުރި ގޮޅިއެއްގައި ބަންދުކޮށްފައި. އޭނާ ވެސް ވަރަށް ބިރުގަތް. އަޅުގަނޑުގެ ހާލު ފެނުމުން ދެރަވެ ރޯން ފެށި."

"އަޅުގަނޑު ޖަލުގައި ބަޑި ހިފައިގެން ތިބި ފުލުހުން ކައިރީގައި ބުނިން އަޅުގަނޑުގެ ގަޔަށް ބަޑިޖަހައި މަރާލިއްޔާ މާ ރަނގަޅޭ."

ނަލިނީ ބުނި ގޮތުގައި ބިރުން އޭނާއަށް ހަޅޭލަވައިގަނެވުނުލެއް ބާރުކަމުން އޭނާގެ ކަރުތެރެއިން ލޭ އަންނަން ފެށިއެވެ.

"އެއީ ވަރަށް ބިރުވެރި ހިތްދަތި ދުވަސްތަކެއް. އަޅުގަނޑު ބަންދުކުރުމުން ބިރުން ހުން އައިސްގެން ނުތެދުވި 5 ދުވަސް ވާނދެން އޮންނަންޖެހުނު." އޭނާ ބުންޏެވެ. "ދެ ދުވަސް ވާނދެން އެމީހުން އަޅުގަނޑަށް ނިދިޔަ ނުދީ ހިފެހެއްޓި. އެ ބިރުވެރި ހިތާމަވެރި ހާލަތާ ކުރިމަތިލާނެ ހިތްވަރެއް އަޅުގަނޑުގެ ކިބައިގައި ނެތް."

ނަލިނީ ބުނި ގޮތުގައި އެ ހިތާމަވެރި ހާލަތުގައި އުޅެނިކޮށް އޭނާގެ މޭގައި ރިއްސަން ފެށިއެވެ.

"އެމީހުން ހީކުރީ އަޅުގަނޑު ހެދެނީކަމަށް. ފޭކު ޖައްސަނީ ކަމަށް." އޭނާ ބުންޏެވެ. "ޑޮކްޓަރ އަޅުގަނޑު ބެލުމަށް ފަހު އަޅުގަނޑުގެ ޝަކުވާތަކަކީ ތެދެއް ކަމަށް ބުނުމުން އެވާހަކަ ގަބޫލުކުރީ."

ރަޖީވް ގާނދީ އަވަހާރަކޮށްލި މައްސަލައިގައި ކޯޓުން މަރުގެ ހުކުން އިއްވުމުން ނަލިނީ ބުނީ އޭނާއަށް ކުއްލި ސިހުމެއް ލިބުނު ކަމަށެވެ.

ނަލީނީ ފުލުހުންނާއެކު: ދުވަހަކު ވެސް ކުށެއް ނުކުރަން

އޭނާ ބުނި ގޮތުގައި ދުވަހަކު ކުށެއް ނުކުރާކަމަށް ވިޔަސް އޭނާގެ މައުސޫމުކަން ކޯޓުގައި އޭނާއަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ.

"ހުކުމަށްފަހު އަޅުގަނޑު ބަދަލުކުރީ އެހެން ގޮޅިއަކަށް. އަޅުގަނޑުމެން ބަންދުކޮށްފައި ތިބީ މަރުގެ ހުކުމް އިއްވާ މީހުން ފަދައިން." އޭނާ ބުންޏެވެ. "ދުވަސްކޮޅެއް ފަހުން އަޅުގަނޑު ވިހެއީ އަންހެން ކުއްޖެއް."

ނަލިނީ ބުނި ގޮތުގައި އޭނާގެ އާއިލާއަކީ މާލީ ގޮތުން ވަރުގަދަ ބައެއް ނޫނެވެ. އޭނާއާއި އާއިލާގެ ބައެއް މީހުން ހައްޔަރުކުރުމުން  ހާލަތު އިތުރަށް ގޯސްވި އެވެ.

ނަލިނީ މުހިއްމު ދެ ސުއާލެއް ކުރެއެވެ. ރަޖީވް ގާނދީ އަވަހާރަކުރުން އޭނާގެ މަގުސަދަކަށް ވާންވީ ކީއްވެގެން؟ ރަޖީވް ގާނދީ އަވަހާރަކޮށްލުމުން އޭނާއަށް ލިބެން އޮތް އުފަލަކީ، ފައިދާއަކީ ކޮބާ؟

އެ ސުއާލުތަކުގެ ޖަވާބު އޭނާ އަމިއްލައަށް ދިނެވެ. "އެފަދަ ކަމެއް ނެތް."

ނަލިނީ ބުނި ގޮތުގައި އޭނާގެ މައްޗަށް އުފުލީ ބަޔަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.

"އެއީ އަޅުގަނޑުމެންގެ ބަދުނަސީބު ނޫން އެހެން އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ދުވަހަކުވެސް އޭނާ (ރާޖީވް ގާނދީ) ވެސް ނުފެނޭ. އޭނާއަށް ގެއްލުމެއް ދިނުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް. އަޅުގަނޑަށް ހީވަނީ އެމީހުންނަށް އެކަން ވިސްނަންޖެހޭނެހެން." އޭނާ ބުންޏެވެ.

ނަލިނީ ގަބޫލުކުރާ ގޮތުގައި އޭނާގެ މަރުގެ ހުކުން ބާތިލު ކުރުމުން އެހެން މީހުންގެ އުއްމީދުތައް ވެސް އުފުލިގެން ދިޔަ އެވެ. ނަމަވެސް އޭގެ ކުރިން އޭނާއަށް ވަރަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިވިއެވެ. އޭނާއަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން ހަތް ފަހަރަށް ބަޔާން ނެރެފައިވެ އެވެ. މަރުގެ އަދަބު ދޭނެ ތާރީޚު ހަތަރު ފަހަރަށް ކަނޑައެޅި އެވެ. ދީނީ އިލްމުވެރިޔަކަށް ވެސް އޭނާގެ އެންމެ ފަހުގެ އެދުން އަނގައި، އެއްފަހަރު މަރާ ކުރިމަތިލުމުގެ ހުރިހާ ތައްޔާރީތަކެއްކޮށް ނިންމިއެވެ. ދަންމަޅި ތައްޔާރުކޮށް ދަންޖައްސާ ގޮޅިވެސް ހުރީ ތައްޔާރުކޮށްފައެވެ. އޭނާގެ ބަރުދަން ވެސް ބަލައި ދަންޖައްސާ ވާގަނޑުގައި އެލުވަން ޖެހޭ ވެލިބަސްތާ ވެސް ތައްޔާރުކުރިއެވެ.

ނަލިނީ ބުނިގޮތުގައި އެ ހުރިހާ ކަމެއް ހިނގީ އޭނާގެ ލޮލުގެ ކުރިމަތީގައެވެ.

"އެކަމަކު ދުވަހަކުވެސް އުއްމީދު ކަނޑައެއް ނުލަން. އަޅުގަނޑު އެއްވެސް ކުށެއް ނުކުރަން. އެހެންވެ އަޅުގަނޑަށް ދެރަގޮތެއް ދިމާވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން." އޭނާ އުއްމީދުން ފުރިފައިވާ ގޮތަކަށް ބުންޏެވެ.

ރަޖީވް ގާނދީ އަވަހާރަވުން

ތަމިލް ނާޑޫ ސްޓޭޓްގެ ޗެންނާއީ ކައިރީގައި އޮންނަ ސްރީޕެރަމްބޫދޫރުގައި 21 މޭ، 1991ގައި ބޭއްވި އިންތިޚާބީ ޖަލްސާއެއްގައި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްކަމުގައިވާ އެލްޓީޓީއީގެ މެމްބަރެއްކަމުގައިވާ ދަނޫ ކިޔާ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަވިއެވެ.

ރަޖީވް ގާނދީގެ ފޮޓޯއާއެކު ފުލުހުން: އަވަހާރަ ކޮށްލީ ތަމަޅަ ޓައިގަރުން

ޖާނުން ފިދާވުމުގެ އެ ހަމަލާގައި ރަޖީވް ގާނދީ އާއި ހަމަލާދިން ދާނޫ ހިމެނޭ ގޮތަށް 16 މީހަކު އެ ހާދިސާގައި  މަރުވިއިރު، 45 މީހަކަށް ސީރިއަސް އަނިޔާ ލިބުނެވެ.

އެ ހާދިސާ ތަހުގީގުކޮށް ޝަރީއަތް ހިންގައި ކޯޓުން ވަނީ 26 ކުށްވެރިއެއްގެ މައްޗަށް މަރުގެ ހުކުން އިއްވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ 19 މީހަކު ކުށުން ބަރީއަކޮށްފަ އެވެ. ބާކީ ތިބި ދައުވާ ލިބޭ 7 މީހުންގެ ތެރެއިން ހަތަރު މީހުން (ނަލީނީ، މުރޫގަން އެލިއާސް ސްރިހަރަން، ސަންތަން އަދި ޕަރަރިވަލާން) އަށް މަރުގެ ހުކުމް އިއްވާފައިވާއިރު ބާކީ ތިބި މީހުން (ރަވިޗަންދުރަން، ރޮބަޓް ޕަޔާސް އަދި ޖަޔަކުމާރު) އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ.

މި ހަތަރު މީހުންގެ ރަހުމުގެ އާދޭހުގެ އަޑުއަހައި ތަމިލް ނާޑޫގެ ގަވަރުނަރު ވަނީ ނަލީނީގެ މަރުގެ ހުކުމް އުމުރަށް ޖަލަށްލުމަށް ބަދަލުކޮށްފަ އެވެ.

މިހާރު މިނިވަންވެ އައު ދިރިއުޅުމެއް ފެށުމުގެ ފުރުސަތު ލިބުމުން ނަލީނީ ބުނީ "އަޅުގަނޑު ބޭނުމީ ފިރިމީހާ އާއި އަންހެން ދަރިފުޅާ އެކު އުޅެން" ކަމަށެވެ. އޭނާ ބޭނުން ވަނީ އާއިލާއާއެކު އެއްބައިވަންތަ ދިރިއުޅުމެއް އުޅޭށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.