ބްލޫރިބަން : އާރޓީއެލް ފެރީ

އާރޓީއެލްގެ ފެރީއަކީ ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ، އަތޮޅުތަކުގެ ރައްޔިތުންނަށް ކޮށްދެއްވި އެންމެ އަގުހުރި އެއްމަސައްކަތެވެ. ދަތުރުފަތުރުގެ ނިޒާމުގެ ކާމިޔާބު މަޝްރޫޢެކެވެ. އެމްޓީސީސީގެ ފަރާތުން ، ރައްޔިތުންނަށް ހިންގައިދިން ފަޚުރުވެރި މަސައްކަތެކެވެ.

ރަށްފުށުގެ މީހުންނަށް ދިމާވެފައި އޮތް އެންމެ ދަތި އެއްމައްސަލަޔަކީ ، އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމްވެފައި ނެތުމެވެ. ރަށްރަށް އެކަހެރިވެފައި އޮތުމަށް ޖާގަ ބޮޑުވެފައި އޮތުމެވެ. އެއްރަށުގައި ހައްދާ އެއްޗެއް އަނެއްރަށަށް ގެންދިއުމުގައި ޚަރަދު ބޮޑުވުމެވެ. ބަލިވެގެން ، ކައިރި ރަށެއްގެ ހޮސްޕިޓަލަށް ދިއުމަށްޓަކައި ބޮޑު ހޭދައެއް ކުރަން ޖެހުމެވެ.

އައިމިނަގެ މަންމަގެ ބަލިޙާލު ބޮޑުވެގެން ، ކައިރީގައި ޖެހިފައި އޮތް ރަށަށް ދާން ޖެހޭއިރު ، އެފަކީރު ނިޔާނުވަނިސް ދެވޭނެގޮތެއް ނެތުމެވެ. އައިމިނަ ހައްދާ ތަރުކާރީކޮޅު ، ވަޅޯނުވަނިސް ކުޅުދުއްފުށީ ހޮނިހިރުމާރުކޭޓަށް ވިއްކައިލާން ފޮނުވޭނެގޮތެއް ނެތުމެވެ. އައިމިނަގެ ރައްޓެއްސަކަށް ގޮވައިލާން ދާންބޭނުންވިޔަސް ، އަގުބޮޑު ދަތުރެއްކޮށްފައި ދެވޭނެގޮތެއް ނެތުމެވެ.

މިހުރިހާކަމެއް މިހާރު އެވަނީ ، އާރޓީއެލްގެ ޚިދުމަތް ތަޢާރުފް ކުރެވިފައިވާ ރަށްރަށުގައި ޙައްލު ކުރެވިފައެވެ. ކުޑަ ޚަރަދަކުން އާރޓީއެލްގައި ފުރައިގެން އެއަރޕޯޓަށް ދެވޭނެމަގު ތަނަވަސް ވެފައެވެ. އެއްހާސް ރުފިޔާ ޚަރަދުކޮށްގެން އެއަރޕޯޓަށް ކުރާ ޚަރަދު ފަންސަހައްޓި ރުފިޔާއަށް ކުޑަކުރެވިފައެވެ.

ރަނގަޅު އަދި އަގުހުރި ޚިދުމަތަށް ހިޔަނިއެޅޭގޮތަށް ހުރުމަކީ ރައްޔިތުން އެޚިދުމަތެއް ބަލައިގަތުމުގައި މޫނުކުރިކުރާނެ ކަމެކެވެ. އިންސާނުންނަކީ އުނި ބަޔެކެވެ. އިންސާނުންކުރާ ކަންކަމުގައިވެސް އުނިކަން ހުންނާނެއެވެ. ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެއެވެ. އާރޓީއެލްގެ ޚިދުމަތް ކިތަންމެ ފުރިހަމަނަމަވެސް ، އަދި ރައްޔިތުންނަށް ފަސޭހަނަމަވެސް ، މީހުން ކުދިކިޔާ ކަންކަން ހުރެދާނެއެވެ. ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެއެވެ.

ފިނެއިން ފުރައިގެން ހަނިމާދޫއަށް ، އާރޓީއެލްގައި ދެވެނީ ފަންސަހައްޓި ރުފިޔާއަށެވެ. ފިނެއާއި ހަނިމާދުއާ ދޭތެރޭ އޮންނަނީ 13.4 ކިލޯމީޓަރެވެ. ފިނެއިން ފުރައިގެން ކުޅުދުއްފުށްޓަށް ދެވެނީ ފަންސަތިރީސް ރުފިޔާއަށެވެ. ފިނެއާއި  ކުޅުދުއްފުށްޓާ ދޭތެރޭ އޮންނަނީ 13.3 ކިލޯމީޓަރެވެ. އެންމެ 0.1 ކިލޯމީޓަރުގެ ތަފާތަކަށް ތިރީސް ރުފިޔާ އިތުރަށް އެބަ ނެގެއެވެ. ފިނޭރޫޓް  ކުޅުދުއްފުށިން ނިމޭގޮތަށް އޮތަސް ، ފިނެއިން ހަނިމާދުއަށްދާ މީހާއަތުން ހަނިމާދޫން ކުޅުދުއްފުށްޓަށް ދާން ނަގާފީ ނެގިގެން ނުވާނެއެވެ. ފިނޭން އާރޓީއެލްއަށް އަރާމީހާ އެދަނީ ހަނިމާދުއަށެވެ. މާލެދާން އެއަރޕޯރޓަށެވެ. އާރޓީއެލް ޖައްސަނީ ހަނިމާދޫ އަވަށު ފަރާތަށް ، އުތުރުކޮޅުގައި އޮންނަ ބަނދަރަށެވެ. އެއަރޕޯރޓަކަށްނޫނެވެ. އެއަރޕޯރޓަށް ދެވެނީ ޓެކްސީއަކަށް އަރައިގެން ، ޓެކްސީ ޚަރަދު އިތުރަށް ދައްކައިގެންނެވެ. ހަނިމާދޫން ކުޅުދުއްފުށްޓަށް ދާމީހާ އަތުން ނަގާފީ ، ފިނޭން ހަނިމާދުއަށްދާމީހާ އަތުން ނަގައިގެން ނުވާނެއެވެ. އެހެންކަމުން ، ފިނޭން ހަނިމާދޫ އެއަރޕޯޓުން ފުރަންދާމީހާ އަތުން ، ހަނިމާދޫން ކުޅުދުއްފުށްޓަށް ކުރާ ދަތުރު ޚަރަދާއި ޓެކްސީ ޚަރަދު އިތުރަށް އެބަދެއެވެ. އެއަރޕޯޓަށް ދެވެނީ އެދެ ޚަރަދު ކޮށްގެންނެވެ. އާރޓީއެލް އެއަރޕޯރޓް ބަނދަރުގައި ޖައްސާނަމަ ، ހަނިމާދޫ އަވަށު ފަޅިޔަށްދާ މީހާއަތުން ޓެކްސީ ޚަރަދު އިތުރަށް ދާނެއެވެ. އަވަށު ފަޅީގައި ޖައްސައިފިނަމަ ، އެއަރޕޯޓަށްދާމީހާ އަތުންވެސް ޓެކްސީ ޚަރަދު އިތުރަށް ދާނެއެވެ.

އެންމެ ދެރަވެގެން ، ހަނިމާދޫ އަވަށުފަޅީގައި ޖައްސާ އާރޓީއެލް ، އަވަށުފަޅިޔަށް ޖައްސާފަ ، އެއަރޕޯރޓް ބަނދަރާ ކައިރިކޮށްލާނަމަވެސް ، އެއީ ދަތުރުވެރިންނަށް ލިބޭނެ ލުޔެކެވެ. އަދި އަމްދުން ، އެއަރޕޯރޓަށްދާ މީހާއަތުން ، ހަނިމާދޫން ކުޅުދުއްފުށްޓަށްދާން ނަގާ ފީ ނަގާއިރު ، އެއީ ކޮށްލަން އެންމެ ރަނގަޅު ކަމެކެވެ.

އާންމު ގޮތެއްގައި މާލެދާ މީހުންނަކީ ލަގޭޖް ގިނައިން ގެންދަންޖެހޭ ބަޔެކެވެ. އެއަރޕޯރޓުން ފުރަން ހަނިމާދޫފެރީއަށް އަރާމީހާއަށް ގެންދެވެނީ ، ކުޑަޔަސް އަދި ބޮޑަސް ސޫޓްކޭހަކާ އެންމެ ފޮށިގަނޑެކެވެ. އިތުރަށް ލާރިދީގެންވެސް ތިންވަނަ ދާގީނާއެއް ނުގެންދެވެއެވެ. ފިނޭން ކުޅުދުއްފުށްޓަށް ދާމީހެއްގެ ނަމުގައި ، އެއަރޕޯރޓުން ފުރަންދާމީހާގެ ފޮށިގަނޑެއް އެރުވިޔަސް ، އެފޮށިގަނޑެއް ހަނިމާދުއަކަށް ނުބޭލެއެވެ.

އާރޓީއެލްގެ ދަތުރަކަށް ޓިކެޓް ނަގާފަ އޮއްވައި ، މޫސުމްގޯސްވެގެން ދަތުރެއް ކުރެވޭގޮތް ނުވެއްޖެ ޙާލަތެއްގައި އެޓިކެޓަށް ދެއްކި ފައިސާ އެހިސާބުން އެދިޔައީއެވެ. އެއެއް ނުލިބޭނއެވެ. ޓިކެޓެއް ނަގާފަ އޮއްވައި ދަތުރު ނުކުރެވުނަސް ، އަނބުރާ އެލާރި ހޯދަން އެތައް އުނދަގުލަކާއި ތަކުލީފެއް އުފުއްލަން ޖެހެއެވެ. ތިންހަތަރުމަސް ވަންދެން އެމަސައްކަތް ކުރުމަށްވުރެ ، ގިނަމީހުން އެކަން ހަނދާން ނައްތާލައެވެ.

މިހިރަ މިހިރަ ކަންކަމަކީ ، ރަނގަޅު ނިޔަތެއްގައި ، ރައްޔިތުންނަށް އަގުހުރި ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ، އިންތިޒާމް ކުރެވިގެން ތަރައްޤީކުރެވޭ ޚިދުމަތްތަކުން ފިލުވައިލަންޖެހޭ އުނިކަންކަމެވެ. އޮތް އެންމެ ރަނގަޅަކަށް އިންތިޒާމް ކުރެވެންޖެހޭ ކަންކަމެވެ. އެހެންނޫނީ ، ރަނގަޅަށް ކުރެވޭ ކަންކަމުން ، އެ އަގުހުރި ޚިދުމަތްތަކަށް ، އެކަންކަމުގެ ހިޔަނި އެޅިގެންދާނެއެވެ.

1 ޚިޔާލު

  1. ތީ އަހަރެންވެސް އަޖައިބު ވާން ޖެހޭ ކަމެކެވެ. މީހުން ގެންދާ ހަދިޔާ ފޮށިގަނޑު ނުވަތަ ބޭރު ގައުމަކުން އަންނަ މީހާ ގެންނަ އެއްޗެހި ލައިންޗުން ނުގެނެވެނީވިއްޔާ ދެއްވާ ހިދުމަތުގެ އަސްލު ފައިދާއެއް ނެތެވެ. ފައިސާދީގެންވެސް ތަކެތި އެރުވޭނަމަ ސަރުކާރަށްވެސް ފައިދާ ބޮޑުވެފަ ދަތުރުކުރާ މީހާޔަށްވެސް ފައިދާ ބޮޑުވެގެން ދާނެއެވެ. ލާންޗަކީ ކުޑައެއްޗެއް ނޫނެވެ. ފުދޭވަރެއްގެ ޖާގަ ހުރެއެވެ. ދަނޑުވެރިކަން ކުރާ މީހާޔަށްވެސް ޖެހެނީ ހަމަ މިދެންނެވި ހާލެވެ. ވީމާ މިނޫން ގޮތަކަށް ކަންކަން ރާވާ ރައްޔަތުންނަށް ފަސޭހަ ރަގަޅު ހިދުމަތެއް ދެވިއްޖެ ނަމަ ފެއްޓެވި އަގުބޮޑު މަސައްކަތުގެ ފައިދާ ރައްޔަތު މީހާއަށާއި ސަރުކާރަށް ލިބިގެން ދާނެކަމުގައި އުއްމީދު ކުރަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.