ފަލްސަފާ (30)

(6 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަވަސް އަވަހަށް ތައްޔާރުވެލައިގެން ، ތަހުނިޔާމެންގެޔަށް ދާން ނޫރު ނުކުތެވެ. ގެއިން ނުނުކުމެވެނިސް ، ރައިދާއާ ނޫރުއާ ދިމާވިއެވެ. އަދި ، ޢާންމު އުޞޫލުން ނޫރު އެދަނީ ކޮންތާކަށްތޯ ސުއާލު ނުކޮށެއް ރައިދާއަކަށް ނުހުރެވުނެވެ. ނޫރު އެދަނީ ރޭގަނޑުގެ ކެއުމަކަށްކަމަށް ބުންޏެވެ. އެވަރުން ، އޭނާގެ ފަހަރި ، ރައިދާ ފުއްދައި ނުލާނެކަންވެސް ނޫރުއަށް އެނގުނެވެ. ނޫރުއަށް ހީކުރެވުނީ ކުށްހީއެއް ނޫނެވެ. ދަނީ ކާކާ އެކީގައިތޯ ރައިދާ ސުއާލު ކުރިއެވެ.

ނޫރު އެދަނީ ، ތަހުނިޔާއާ އެކީގައެވެ. ތަހުނިޔާގެ ކައިވެނިވާކަށް ދެން ، މާގިނަދުވަހެއް ނެތެވެ. ނޫރު ބޭނުންވަނީ ކައިވެނީގެ ކުރިން ތަހުނިޔާއަށް ވަދާޢުގެ ކެއުމެއް ދޭށެވެ. އޭނާދެކެ ނުހަނު " ލޯބިވާ " ފަހަރިޔަށް އެވަރުންވެސް ފުއްދައި ނުލެވޭނެކަން ނޫރުއަށް އެނގެއެވެ. އޭނާހުރީ އެކަމަށްވެސް ތައްޔާރު ވެގެންނެވެ.

ރައިދާ ހުރީ ވާހަކަ ފަށާނެގޮތެއް ނޭނގިފައެވެ. ނޫރުއަށް އެތަން ފެނުމާއެކު ، ކިހިނެއްވީތޯ ސުއާލު ކުރިއެވެ. އަދި ރައިދާގެ ހިތުގައި އޮތީ ކޮންކަމެއްތޯވެސް ސުއާލު ކުރިއެވެ. ރައިދާ ހުރިގޮތުން ނޫރު ބޭނުންވީ ، ރައިދާ ލައްވައި އިތުރަށް ވާހަކަ ދައްކާށެވެ.

" މޫނުމަތިން ތިފެންނަ ފޮރުވިފައިވާ އުފާވެރިކަން ، ވިސްނުމަށް އަންނަ މަކަރުވެރި ރޭވުން ، އަދި އެއްވެސް ކަމަކާނުލައި ހިތަށް ތިލިބޭ ތަސައްލީ ، އަކީ ނޫރުގެ ހިތުގައި އުފެދިފައި އޮތް ޙީލަތްތެރި އަދި ވިހަތަދުގެ ނިޝާންތަކެއްކަން އަހަރެންނަށް އެނގެއެވެ. އެއީ އެހެން މީހުންނަށް ސިއްރުކުރިޔަސް ، އަހަރެންނަށް ފޮރުވޭނެ ކަންކަމެއް  ނޫނެވެ. " ރައިދާ ބުންޏެވެ.

ރައިދާ އެބުނީ ވަރަށް ވާހަކައެވެ. ވަރަށް މާނަފުން ވާހަކަ ތަކެކެވެ. ރައިދާގެ ވާހަކަޔަށް ރައްދުދޭކަށް ނޫރު ބޭނުމެއް ނުވިއެވެ. އެހެންވެ ، އެއްޗެކެކޭ ނުބުނަން ނޫރު ނިންމިއެވެ. އަދި ގެއިން ނުކުންނަން ހިނގައިގަތެވެ.

" އަހަރެންގެ ކިބައިގާ ނޫރުއަށް ލިބިފައިވާ ތަޢުލީމާއި ޤާބިލިއްޔަތު ނެތްކަމަށް އަހަރެންވެސް ޤަބޫލު ކުރަމެވެ. އަދި ނޫރުއަށް ލިބިފައިވާފަދަ ޑިގްރީއެއްވެސް ނެތެވެ. އެކަމަކު ، ރަނގަޅާއި ނުބައި ވަކިވާވަރަށް އަހަރެންނަށްވެސް ވިސްނުމެއް ލިބިފައި އެބަ އޮތެވެ. ނޫރުގެ ހަށިގަނޑުގެ އަޑީގައި އަނދަމުންދާ އަލިފާނުގެ އިޙްސާސް ، އަހަރެންނަށް ނުކުރެވޭކަމަށް ނޫރު ނުދެކޭށެވެ. " ރައިދާ އިތުރަށް ވާހަކަ ދެއްކިއެވެ.

ރައިދާގެ އެވާހަކަތަކުން ނޫރުއަށް ވަރަށް އަސަރު ކުރިއެވެ. ފުންމާނޭވާއެއްލުމަށްފަހު ، ރައިދާއާ ދިމާއަށް އޭނާ އެނބުރި ވާހަކަ ދައްކަން ފެށްޓިއެވެ.

ރައިދާ އެބުނީ ރަނގަޅު ވާހަކަ ތަކެކެވެ. ނޫރުގެ އަތުގައި ޑިގްރީއެއް އެބައޮތެވެ. އެކަމަކު ، ވިސްނައިލަން ޖެހޭތަންކޮޅަކީ ، މަތީ ތަޢުލީމު ލިބިފައިވާ މީހުން ، އެ ފުރުޞަތު  ނުލިބޭމީހުންގެ ވިސްނުމާއި ފިކުރާ ދުރުގައި ތިބުން މުހިންމު ކަމެވެ. އަނެއްމީހާގެ ހިތަށް އުނދަގޫވެ ހާސްވުން ނޫންކަމެއް އެފަދަ މީހުންގެ ފަރާތުން ކުރިމައްޗެއް ނުވާނެއެވެ.  އެކަހަލަ ކަންކަން ދޫކޮށްލައި ، އެކަންކަމާ ދުރުގައި ހުރުމަށް ނޫރު ، ރައިދާއަށް ލަފާދިނެވެ. ނޫރު ގެއިން ނުކުތީ އޭނާއަށް އާދެވޭނީ ލަހުންކަމަށާއި ބައްޕަގާތު އެވާހަކަ ބުނެލަދިނުން އެދެމުންނެވެ.

ތަހުނިޔާމެންގެ ގެޔަށް ޙަފުޞާމެން އައިސް ، ތަހުނިޔާ ނުފެނިގެން އުޅެއެވެ. މުރުތަޟާއެއް އަދި ނާދެއެވެ. ސާޖިދާ އެތައްވަރަކަށް ގޮވައިގެން ، ތަހުނިޔާ އޭނާގެ ކޮޓަރިން ނުކުތެވެ. އެވަގުތު ، ނޫރުވެސް އެގެޔަށް އައިސް ވަނެވެ. ނޫރުވަނުމާއެކު ޙަފުޞާގެ މޫނުމަތީ އެތިފަހަރެއް ޖެހިކަހަލައެވެ. ޙަފުޞާ އިނީ ދެލޯ ބޮޑުކޮށް ، މޫނުން ފޫގަޅައިގެންނެވެ. އެކަހަލަ ޚާއްޞަ ކޮންމެ ވަގުތެއްގައިވެސް އެ ނޫރުއަކު އެތަނަށް އެބައާދެއެވެ. ޙަފުޞާމެން އައިސް އެތިބީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ވާހަކަ ދައްކައި ، ދެޢާއިލާއިން މަޝްވަރާކޮށް އެކަންކަން ނިންމުމަށެވެ. ކައިވެނީގެ އަނގޮޓި އެޅުވުނު ރޭވެސް ނޫރުއައެވެ. މިރޭވެސް އެއައީއެވެ. ނުމެ ޢީދަކު ނުމެ ރޯދަޔަކުއެވެ. ނޫރުގެ ކިބައިން އެމީހުންނަށް ސަލާމަތްވާނީ ކޮންދުވަހަކުން ބާވައޭ ޙަފުޞާގެ ހިތަށް އެރިއެވެ.

ނޫރު އައިސް އެންމެންނަށް ސަލާމް ގޮވައިލިއެވެ. އެހުރިހާ މީހުންގެ ތެރެއިން އެކަކުވެސް ، ނޫރުގެ ސަލާމް ބަލައެއް ނުގަތެވެ. ނޫރުއައިސް ޙަފުޞާގެ ޙާލު ކިހިނެއްތޯ ސުއާލު ކުރިއެވެ. ﷲ ގެ ރަޙުމަތްފުޅުން އެމީހުން ރަނގަޅުކަމަށް ޙަފުޞާ ބުންޏެވެ. އަދި އެމީހުން އައިސް އެތިބީ ، ކައިވެނީގެ އެންމެފަހުގެ ތައްޔާރީތަކުގެ ވާހަކަ ދައްކައި އެކަންކަން ނިންމަންކަމަށް ބުންޏެވެ. ނޫރު ބޭނުންކަމަށް ވަންޏާ ނޫރުއަށްވެސް އެކަމުގައި ބައިވެރި ވެވިދާނެކަމަށް ޙަފުޞާ ބުންޏެވެ.

ނޫރު އެއައީ ، އެރޭގެ ކެއުމަށް ބޭރަށްދާން ނިންމާފަ އޮތީމަ ، ތަހުނިޔާ ބަލައެވެ. ނޫރުގެ އަނގައިން އެވާހަކަ ބުނެވުނުތަނާ ، އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ޢާޞިފް ވެސް އިނީ އެކަމާ ކަންބޮޑުވެފައެވެ.

" ތަހުނިޔާ މިރޭ ބޭރަށްދާނީ ކިހިނެއް ހެއްޔެވެ ؟ ކައިވެނީގެ ޙަފުލާގެ ވާހަކަ ދައްކަން ބައްދަލުވާއިރު ، ތަހުނިޔާ ވަރަށް މުހިންމު ވާނެއެވެ. " ތަހުނިޔާ ހުއްޓުވަން ބޭނުންވާތީ ، ޠާހިރާ ބުންޏެވެ.

ތަހުނިޔާ އެތާ އިނުމެކޭ ނުއިނުމެކޭ ތަފާތެއް ނާންނާނެ ނޫންހެއްޔެވެ ؟ އެއްވެސްކަމެއް ރާވައި ހަދަނީ ތަހުނިޔާއަށް އެނގުމަކާ ނުލައެވެ. އެހެނޫނަސް ، އެންމެން އެތާ ތިބުމާއެކު ، އެމީހުން ނިންމާ ކޮންމެ ނިންމުމެއްވެސް ތަހުނިޔާ ޤަބޫލުކުރާނެއެވެ. އެމީހުންގެ އެއްވެސް ނިންމުމަކަށް ތަހުނިޔާ އިޢުތިރާޒެއް ނުކުރާނެއެވެ. އެހާވެސް ، ތަހުނިޔާ ބަސްއަހާނެއެވެ. ތަހުނިޔާގެ ބަސްތަކުން ، ޙަފުޞާގެ ނިތްކުރިޔަށް އެރި ރޫތައް އިހުނަށްވުރެ އިތުރު ވިއެވެ.

އެއީ ކިހިނެއްވާނެ ކަމެއްތޯ ޠާހިރާ ސުއާލު ކުރިތަނާ ، މުރުތަޟާވެސް އައިސް އެތަނަށް ވަދެ އެންމެންނަށް ސަލާމް ގޮވައިލިއެވެ. މުރުތަޟާވެސް އައުމާއެކު ، ކާމޭޒުދޮށަށް ދިއުމުގެ ވަގުތު ޖެހުނީކަމަށް ޢާޞިފް ބުންޏެވެ.

" ވަރަށް ބޮޑަށް މަޢާފު ކުރާށެވެ. އަހަރެން މިއައީ މިރޭގެ ކެއުމަށް ބޭރަށްދާން ތަހުނިޔާ ބަލައެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކައިން ، ތަހުނިޔާއަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެއީ ނޫރުއަށް ޖެއްސުމަށް މުރުތަޟާކުރި ކަމެއްކަން ނޫރުއަށް އެނގުނެވެ. އެހެނަސް ، ތަހުނިޔާއަކަށް އެވަރުވެސް ވިސްނާކަށް ނޭނގުނެވެ. މުރުތަޟާ އެބުނިބަހަކުން ، ޙަފުޞާވެސް އަދި ޠާހިރާގެވެސް މޫނުގެ ކުލަ އަލިވެގެން ދިޔައެވެ. އެއީ ނޫރުގެ މޫނުމަތީ ތަފާލެއް ޖެހުންފަދަ ކަމެކެވެ. ޙަފުޞާ އޭނާގެ ހިތާހިތާ މުރުތަޟާއަށް ސާބަސް ދިނެވެ.

މުރުތަޟާއާ އެކީ ، ތަހުނިޔާ ބޭރަށް ދާންވިއްޔާ އެމީހުންނަށް އެއީ އެއްވެސް މައްސަލައެއްނޫނެވެ. ކައިވެނީގެ ޙަފުލާގެ ހުރިހާކަމެއްވެސް ، ތަހުނިޔާނެތި ނިންމިދާނެއެވެ. އެކަމަކު ، ނޫރުއާއެކީ ތަހުނިޔާ ބޭރަށް ހިނގައްޖިއްޔާ އެކަމެއް ނުކުރެވޭނެއެވެ. އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ ؟

މުރުތަޟާ ، އެގެއިން ކާން ތަހުނިޔާ އެދުނެވެ. މުރުތަޟާ އެބުނާ އެރޭގެ ކެއުމުގެ ވާހަކަ ކުރިން ތަހުނިޔާގާތު ބުނެލާފައި ނެތްކަން މުރުތަޟާއަށް ، ތަހުނިޔާ ހަނދާން  ކޮށްދިނެވެ.

މުރުތަޟާ އޮންނާނީ އެކަން ރާވާފައިކަމަށާއި މޭޒުވެސް ބުކްކޮށްފައި އޮންނާނެކަމަށް ބުނެ ، އޭނާއާއެކީ ދިއުމަށް ތަހުނިޔާގެ ކިބައިން މުރުތަޟާ އެދުނެވެ. މުރުތަޟާގެ އެ އެދުމަކަށް ތަހުނިޔާ ޖަވާބެއް ނުދެއެވެ.

ކުޑައިރުކޮޅެއްވީތަނާ ، ދަމާ ހިނގާށޭ ބުނެ ނޫރު ، ތަހުނިޔާއަށް ޢިޝާރާތް ކޮށްލިއެވެ. އެވަގުތު އެދެމެދަށް މުރުތަޟާ ވަނެވެ.

" ނޫރުއެވެ ! ހަމައެކަނި މިރޭ ، އަހަރެންނާއެކީ ތަހުނިޔާ ދާން ދޫކޮށްލަ ދޭށެވެ. ކައިވެނީގެ ފަހުން އަހަރެންނަކަށް ވަގުތެއް ނުލިބޭނެއެވެ. އޭގެކުރިން ، ތަހުނިޔާ ގޮވައިގެން ބޭރަށް ދާން ވަގުތު ހުސްކޮށްލެވޭނީ ވަރަށް އުނދަގުލުންނެވެ. މިރޭ އަހަރެންނަށް ތަހުނިޔާ ދޫކޮށްލަ ދޭށެވެ. އެއީ އަހަރެންގެ ވަރަށްބޮޑު އެދުމެކެވެ. އޭގެފަހުން ، ނޫރު ބޭނުން ކޮންމެ އިރަކުވެސް ތަހުނިޔާ ގެންދެވިދާނެއެވެ. އެއީ މިރޭ ، އަހަރެންވާ ވަޢުދެކެވެ. " މުރުތަޟާ ބުންޏެވެ.

ތަހުނިޔާ އެކަމަށް ދެކޮޅު ހެދުމަށް އަނގަހުޅުވައިލިތަނާ ، ސާޖިދާވެސް އެކަމަށް ހިތްވަރުދީ ، މުރުތަޟާއާއެކީ ތަހުނިޔާ ދިއުމަށް ބާރުއެޅިއެވެ. އަދި ، އެއަށްވުރެބޮޑަށް ޙަފުޞާ އެކަމަށް ބާރު އެޅިއެވެ. މުރުތަޟާވެސް ވަގުތުގެ ބޭނުންހިފައި އެންމެންނަށް ސަލާމް ގޮވައިލާފައި ، އޭނާއާއެކީ ދިއުމަށް ތަހުނިޔާގާތު ބުނަމުން ހިނގައިގަތެވެ.

ތަހުނިޔާހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ނޫރުގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. މުރުތަޟާއާއެކީ ، ތަހުނިޔާ ނުކުމެގެންދިޔައިރު ، ނޫރުއަށް ނުވާކަމެއް ނެތެވެ. ހާސްވިއެވެ. ލަދުގަތެވެ. އެއެންމެންގެ ކުރިމަތީގައި އެވީ ފަޟީޙަތަކީ ، ދުވަހަކުވެސް ނޫރު ތަޖުރިބާކޮށްފައިނުވާ ކަމެކެވެ. އެކަމަކު ، ކުރާނީ ކީއް ހެއްޔެވެ ؟ އެހުރިހާ މީހުންނާ ކުރިމަތިލާކަށް ނޫރުއަކަށް ފުރުޞަތެއް ނެތެވެ. އެ އެންމެންވެސް އެތިބީ ނޫރުއާ ދެކޮޅަށެވެ. ނޫރުއަށް ބަލަބަލާފައި އެންމެން ހީ ، މަލާމާތް ކުރަނީއެވެ. އެތަނުން ހިނގައިގަންނާކަށްވެސް ނޫރުއަކަށް ނޭނގުނެވެ. ބިމަށްޖަހާފައިހުރި މުޑިއެއްހެން ގަނޑުވެފައި ހުށްޓެވެ.

 

ނޫރުގެ ޢަމަލުތައްހުންނަގޮތުން ، ރައިދާ ހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. ނޫރުއަށް އޭނާ އެދޭ ނަސޭޙަތަކީ ، ހިތުގެ އަޑިން ހެޔޮއެދިގެން ، ރަނގަޅަކަށް އެދިގެންދޭ އެއްޗެކެވެ. ރައިދާ އެގެޔަށް އައީއްސުރެ ، ބަލަމުން އައިސްފައިވަނީ ނޫރުއަކީ އޭނާގެ ކޮއްކޮއެއްގެ ގޮތަށެވެ. އެކަމަކު ، މިއަދުވެސް ، އޭނާއާ ދިމާއަށް ނޫރު އެބުނި ވާހަކަޔަކީ ، ކިރިޔާވެސް ގުޅުމެއްހުރި އިންސާނަކާ ދިމާއަށް ، އަނެއް އިންސާނަކު ނުބުނާނެފަދަ ވާހަކައެކެވެ. އޭނާގެ ފިރިމީހާ ، ހާރިސްއަށް ރައިދާ އެވާހަކަ ކިޔައި ދެއެވެ. ރައިދާއާ ހާރިސް އާ ދެމަފިރިން އެވާހަކަ ދައްކަން ތިއްބާ ނޫރު އައިސް ގެޔަށް ވަނެވެ. ރައިދާގެ ވާހަކަތައް ނޫރުއަށް އިވުނެވެ.

ނޫރު ޗޮއްކަނޑަމުން އައިސް ރައިދާއާ މުޚާތަބު ކުރިއެވެ. ރައިދާގެ ވާހަކަތަކަށް ނޫރުގެ ހިތުގައި ހާސްކަންނޫން އެހެންކަމެއް ނުއުފެދޭކަމުގައި ބުންޏެވެ. ރައިދާގެ ދުލަކީ ވިހަ ދުލެކެވެ. އެދުލުގެ ވިހަކަން މިރޭވެސް އެއޮތީ ނޫރުއާ ކުރިމަތިވެފައެވެ.

" އަހަރެންނަކީ ، ގަމާރުމީހެއްނޫނެވެ. އަހަރެންނަކީ ، ރަނގަޅާއި ނުބައި ވަކިނުވާ މީހެއްނޫނެވެ. އަދި އަހަރެންނަކީ ، މީހަކު ބުނާއިރަށް އެމީހަކު ބުނާހާގޮތެއް ހަދައިގެން އަހަރެންގެ މިޒާޖާއި އާދަ ބަދަލުކުރާނެ މީހެއްނޫނެވެ. އަހަރެންގެ ވަގުތު ހޭދަކުރަންވީ  ، ކޮންއިރަކު ، ކާކާއެކީކަން އަދި ކޮންގޮތަކަށްކަން އަހަރެންނަށް އެނގެއެވެ. އަހަރެން ދާންވީ މަގާއި ދާންވީތަންވެސް އަހަރެންނަށް އެނގެއެވެ. އެހުރިހާ ކަމަކާއެކުވެސް ، ހުރިހާ ގުޅުމަކަށް އަހަރެން އިޙްތިރާމް ކުރަމެވެ. އަދި ރައިދާގެ ޢުމުރަށްވެސް އަހަރެން އިޙްތިރާމް ކުރަމެވެ. އަހަރެންނާ ދޭތެރޭ ވިސްނައި ބޯގޭނުމުގެ ފައިދާއެއް ނެތެވެ. އަހަރެން އުޅެންބޭނުންވާ ގޮތަކަށް އުޅެން އަހަރެން ދޭކޮށްލާށެވެ. ﷲ ގެ އިރާދަފުޅުން އަހަރެން ، ރައިދާގެ ޢުމުރަށްދާއިރު ، އަހަރެންނަކީ ކިހާ ކާމިޔާބު އަންހެނެއްކަން ރައިދާއަށް ފެންނާނެއެވެ. އެދުވަހަކަށް އިންތިޒާރު ކުރާށެވެ. އެހެންމީހުންގެ ބޯކައި ، ހޯބޯލަވާކަށް އަހަރެންނަކަށް ވަގުތެއް ނެތެވެ. " ނޫރު ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ކޮޓަރިއަށް ވަނެވެ.

ނޫރުއަށް ޖަވާބުދޭކަށް ރައިދާއެއް ނޫޅެއެވެ. އެހެނަސް ، ނޫރު އެދެއްކި ވާހަކަތަކަކީ ، އޭނާއާ ޖަދަލަކަށް ދެއްކި ވާހަކަތަކެއްކަން އެނގުނެވެ. ކައިރީގައި ހާރިސްވެސް ހުރުމާއެކު ، ނޫރުއާ ޖަދަލުކޮށް ، އިތުރު ވާހަކަ ދައްކާކަށް ރައިދާ ބޭނުމެއް ނުވިއެވެ.

ނޫރު ދިއުމާއެކު ، ރައިދާ އޭނާގެ ހިތުގައިވާ އުދާސްތައް ހާރިސްގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ. ނޫރުގެ ބަސްމަގު ހުރިގޮތް ހާރިސްއަށްވެސް ސާފުވިއެވެ. އެހުރިހާކަމެއް ހާރިސްއަށް އެގިއްޖެނޫންތޯ ރައިދާ ސުއާލު ކުރިއެވެ. ނޫރުގެ ޢަމަލާއި ބަހުން ރައިދާއަށް ސާފުނުވާ އެއްކަމެއް އެބައޮތެވެ. ހިތަށް ކެތްކުރަން އުނދަގޫވާފަދަ ބޮޑު ގެއްލުމެއް އިންސާނަކާ ކުރިމަތިވެއްޖެނަމަ ، އެމީހަކަށްވާނެގޮތް ނޫރުގެ ފަރާތުން އެފެންނަނީއެވެ. އެއީ ހާރިސްއަށް ވިސްނޭ ގޮތެވެ.

ވެއްޓެމުންދާ ބިއްލޫރިތަށްޓަކަށް ފެންފުރިޔަސް އެފެން ހަރެއްނުލާނެއެވެ. ހިކިގެން މަރުވެ ފީވެފައިވާ ގަހަކަށް ކިތަންމެ ވަރަކަށް ފެންއެޅިޔަސް ރޯވެގެން ހެދިއެއް ނުގަންނާނެއެވެ.

މުރުތަޟާމެން ކެއުމަށްގޮސް ، އެންމެ ފުރަތަމަ އޯޑަރުކުރީ ދެ ޖޫސްތަށްޓަށެވެ. އޯޑަރު ދިނުމަށްފަހު ، މުރުތަޟާ ، ތަހުނިޔާއަށް ޝުކުރު އަދާކުރިއެވެ.

" އަހަރެންނަށް ހީވާގޮތުގައި ، ސާފުކޮށް ބުނެލުމަކާ ނުލައި އެކެއްގެ ޚިޔާލުގައި އޮންނާނެކަމެއް އަނެކަކަށް އެނގުމުގެ ފުރުސަތު އަހަރެމެން ދެމީހުންނަށް އޮތީ ވަރަށް ދުރުގައެވެ. " ތަހުނިޔާ ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.