ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މިހާރު އިންތިޙާބުވެ ވަޑައިގެން ހުންނެވި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ގާނޫނީ ހުވާ ނުކުރެއްވޭނެ އެއްވެސް ގާނޫނީ ހާލަތެއް މެދުވަރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުގެ ވަކީލު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ވަކީލު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އަޑުއެހުމުގައި ސްޕްރީމް ކޯޓުގައި ވަކާލާތުކުރަމުންނެވެ. މި މައްސަލައިގެ އަޑުއެހުން ފަށާފައިވަނީ މިއަދު ހެނދުނު 10:08 ގައެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް 3 ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ މިއަދު އަޑުއެހުން ނިންމައިނުލެވިއްޖެނަމަ މާދަމާ ހެނދުނު 9:00 ގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުންދަނީ އަޑުއެހުންތައް އެކުއެކީ ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަކަށް ނިންމާލެވޭތޯ ކަމަށްވެސް މަހާޒް ވިދާޅުވިއެވެ.
އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން އެޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަދި މީގެ އިތުރުން އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.