ފަލަސްތީނު : 100 އަހަރުކުރިން (7)

(5 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޔަހޫދީންގެތެރޭގައި ނުހިމެނޭ ، ނަޞާރާއިންގެ ޒަޔަނިސްޓް ޙަރަކާތްތައް ފަލަސްތީނުގެ ބިމުގައި ފެށުނީ ، ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނުގެ ބިމަށް އައުމުގެ ދެޤަރުނެއްކުރިންނެވެ. އެހެންނަމަވެސް އެއީ ފަލަސްތީނުގެ ޢަރަބި އާބާދީއަށް ބަލާއިރު ނިސްބަތުން މަދު ބަޔެކެވެ. އެބައިމީހުންގެ އުނދަގޫ ، ޔަހޫދީންގެ ނުފޮރުއްޕާނަށްވުރެ ކުޑައެވެ. ފަލަސްތީނަކީ ކުރިން މީހުން ނޫޅޭތަނެކޭ ނުވަތަ އެތާ އުޅުނީ ދަނޑުވެރިކަން ކުރަން އުޅުނު ބަދަވީންނޭ ، އެއްވެސް ޙަޟާރަތެއް ނެތްތަނެކޭ ކިޔައިގެން ، ޒަޔަނިސްޓް ޔަހޫދީންނާއި ހުޅަނގުން އެކުރާ ދަޢުވާއަކީ ، ބޮޑުވެގެންވާ ދޮގެކެވެ. ޔަހޫދީންނަށްވުރެ ކުރިން ، ފަލަސްތީނުގެ ބިމުގައި ދިރިއުޅުނީ ފަލަސްތީނުގެ ޢަރަބީންނާއި ، ބަދަވީންނާއި ނަޞާރާއިންނެވެ.

ޢުސްމާނީ ޚިލާފަތުގެދަށުގައި ފަލަސްތީނު އޮތްއިރު ، 1882 އިން 1903 އާ ދެމެދު ، ގާތްގަނޑަކަށް 35 ހާސް ޔަހޫދީން ފަލަސްތީނުގެ ބިމަށް ޙިޖުރަކުރިއެވެ. އަދި  ކުރިން 1880 ހާތާނގައި ފަލަސްތީނުގައި ތިބި 20 ހާހާއި 25 ހާހާދެމެދުގެ ޔަހޫދީންނާ އެބައިމީހުން ގުޅުނެވެ. އެއީ ފަލަސްތީނުގެ ބިމުގައި ތިބިކަމަށް ތާރީޚުން ފާހަގަކުރެވޭ ޢަދަދުތަކެވެ. އެއިން ކޮންމެ ދުވަސްވަރެއްގައިވެސް ، ފަލަސްތީނުގައި ދިރިއުޅެމުންގެންދިޔަ ޢަރަބި ފަލަސްތީނުގެ އާބާދީ ، ނިސްބަތުން އެތައް ލައްކައެއް ގިނައެވެ.

ފަލަސްތީނުގެ މައްޗަށް އޮތް އިނގިރޭސީންގެ މޭންޑޭޓް ، އެދުވަހުން ފެށިގެން 5 މަސްފަހުން ނިމުމަކަށް ގެންނާނެކަން ، ޑިސެމްބަރ 1947 ގައި އިނގިރޭސިވިލާތުން އިޢުލާން ކުރިއެވެ. މި އިޢުލާނާއެކު ، ޒަޔަނިސްޓް ޔަހޫދީންގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅުވެރިވެ ، އަނިޔާވެރިކަމުގެ ޢަމަލުތައް ފެށި ، އިތުރުވެގެން ދިޔައެވެ. މަގުމަތީ ހިނގާ މީހުންނާއި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ފާސްކޮށް ، އަނިޔާކުރަމުން ގެންދިޔައެވެ. އަންހެނުންނާއި ކުޑަކުދިންނަށް ފުރައްސާރަކޮށް ، ފާޅުގައި ބަދުއަޚުލާޤީ ޢަމަލުތައް ހިންގިއެވެ. އިނގިރޭސި ވިލާތުން ފަލަސްތީނު ބެލެހެއްޓުމަށްޓަކައި ގެނެސްތިބި ސިފައިން ، ޔަހޫދީންގެ އެ ޢަމަލުތައް ހުއްޓުވާން މަސައްކަތެއް ނުކުރެއެވެ. އެކަމަށް ދިނީ ހިތްވަރެވެ.

އިނގިރޭސި މޭންޑޭޓް ނިމުމުގެ އެއްދުވަސްކުރިން ، 14 މޭ 1947 ގައި ،އިޒްރޭލުގެ އަމިއްލަ ދައުލަތް އިޢުލާން ކުރިއެވެ.  އެކަން އިޢުލާންކުރީ ، ޒަޔަނިސްޓު ޔަހޫދީންގެ އެންމެ އިސް މީހާ ، ޑޭވިޑް ބެންގޯޔެންއެވެ. އިޒްރޭލުގެ ނަމުގައި އަލަށް އުފަންވި މި ދައުލަތުގެ ސަރަޙައްދީ އިން ކަނޑައެޅިއިރު ، އިނގިރޭސި މޭންޑޭޓަރީގެ ދަށުން ފަލަސްތީނަށް ދީފައި އޮތް ބިމުގެ 78 އިންސައްތަ  ހިފާފައި އޮތެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދޫކޮށްލާފައި އޮތީ އެންމެ 22 އިންސައްތަ ބިމެވެ.

ދައުލަތެއްގެ ގޮތުގައި ޒަޔަނިސްޓް ޔަހޫދީންގެ އިޒްރޭލް އުފެދުނުއިރުވެސް ، އޮތީ ފަލަސްތީނުގެ ބިން ފޭރިގަނެ އެބިމުގެ މައްޗަށް ވެރިވެގެންފައެވެ. އދ ގެ ނިންމުންތަކާއި އިނގިރޭސީންގެ މޭންޑޭޓަރީގެ ދަށުން ޒަޔަނިސްޓް ޔަހޫދީންނަށާއި ފަލަސްތީނުގެ ޢަރަބީންނަށް ، ފަލަސްތީނުގެ ބިން ބަހާފައި ދީފައި އޮތަސް ، އިޒްރޭލުން ވަނީ ، ފަލަސްތީނަށް ދީފައި އޮތް ބިމުގެ 78 އިންސައްތަ ފޭރިގެންފައެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅެމުންގެންދިޔަ 7 ލައްކަ ޢަރަބި ފަލަސްތީނުން ، އެމީހުންގެ ގެދޮރުން ގަދަކަމުން ނެރުނެވެ.  އަދި ، އަމިއްލަ ވަތަނުން ގަދަކަމުން ބޭރުކޮށް ، އަވަށްޓެރި ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ދިއުމަށް މަޖުބޫރު ކުރިއެވެ.

އިނގިރޭސީންވަނީ ، ޒަޔަނިސްޓުންނާއެކު ހުރިހާ ހިސާބެއް ހަދާފައެވެ. ކުރަންވީ ކަމަކާއި އުޅެންވީގޮތް ރާވާފައެވެ. ފަލަސްތީނަކީ އެއްވެސް އިރެއްގައި ހުހަށް އޮތް ބިމެއްނޫނެވެ. ފަލަސްތީނުގައި ޢަރަބީން ދިރިއުޅުނެވެ. އެއީ ، ޙިކުމަތްތެރި ، ކެތްތެރި ، ހީވާގި ، އުފެއްދުންތެރި އަދި ޢިލްމީ ، މުރާލި މަސައްކަތްތެރި ބަޔެކެވެ.  އެބިމުގައި މެދުއިރުމަތީގެ ޢުމުރާނީ ތަރައްޤީގެ މިސާލުތަކެއް ބިނާކުރެވިފައި ހުށްޓެވެ. ފަލަސްތީނުގެ ބިމުގެ ހުރިހާ ސަރަޙައްދަކަށް ، އިޤްތިޞާދީ ކުރިއެރުން ލިބި ، ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ހަމަޖެހުން ޤާއިމްވެފައި އޮތެވެ. ފުރިހަމަ ސަޤާފަތަކާއި ، ރީތި ތާރީޚެއް ލިޔެވެމުން ދިޔައެވެ. ދުނިޔެއަށް ހުޅުވިފައިވާ ދަތުރުފަތުރާއި ވިޔަފާރީގެ މުޢާމަލާތާއި ، މުއާޞަލާތުގެ ވިއުގައެއް ޤާއިމްކުރެވި ، ހިނގަމުން ދިޔައެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ، ފަލަސްތީނުން ބޭރުކޮށް ، ފަލަސްތީނަށް  ލިބިފައިއޮތް އެހުރިހާ ކުރިއެރުންތަކެއްގެ ނާޖާއިޒް ފައިދާ ނަގަމުން ގެންދިޔައީ ، އަލަށް އުފެދުނު ޔަހޫދީ ދައުލަތުންނެވެ. އޭރު ފަލަސްތީނުގެ ބިން ފޭރިގަނެ ގެދޮރު އަޅައިގެންތިބި ޔަހޫދީންނާއި ، ދުނިޔޭގެ އެތަން މިތަނުން އިޒްރޭލަށް ގެނެސް ، ފަލަސްތީނުގެ ބިމުގައި ވަޒަންވެރި ކުރުވަމުންގެންދިޔަ ޒަޔަނިސްޓު ޔަހޫދީންނަށެވެ. ފަލަސްތީނުގެ ބިމުގައި ، ފަލަސްތީނުގެ ރައްޔިތުން އުފެއްދި އިޤްތިޞާދުގެ ފައިދާއިން ފަލަސްތީނުގެ ރައްޔިތުން މަޙުރޫމް ކުރުވަމުން ގެންދިޔައެވެ. މިހުރިހާ ކަމަކީވެސް ދުނިޔޭގެ ، ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގެ ، އެއަށްވުރެވެސް ޚާއްޞަގޮތެއްގައި އދ އާއި އެމެރިކާއާއި އިނގިރޭސީންގެ ލޯކުރިމަތީ ، ހިނގަމުންދިޔަ ކަންކަމެވެ. އެމެރިކާއާއި އިނގިރޭސީން އެހީވެ ވާގިވެރިވެދީގެން ޒަޔަނިސްޓް ޔަހޫދީން ލައްވާ ކުރުވަމުން ދެންދިޔަ ކަންކަމެވެ. ފަލަސްތީނުގެ ރައްޔިތުން މަރައި އަނިޔާކުރުމަށް ފެށުނު ސިލްސިލާ އަށް ދުނިޔެ އޮތީ ކަނުވެފައެވެ. ބީރުކަންފަތެއް ދީގެންނެވެ. މިހާރުވެސް އެކަން އޮތީ އެގޮތަށެވެ. ޒަޔަނިސްޓް އިޒްރޭލުގެ ޢުދުވާނީ އަނިޔާވެރިކަން ދުނިޔޭގެ އެއްވެސް ޤައުމަކަށް ނުފެނެއެވެ.

މިސާލަކަށް ، ފަލަސްތީނުގެ ޢަރަބި މުސްލިމުންގެ ނަސްލު ނައްތައިލުމަށް ، ފަލަސްތީނުގެ މައި ސަހަރުތަކުގައި ،  1948 އާއި 1949 ގައި ޔަހޫދީން ފެށި މަސައްކަތުގައި ، ދުނިޔޭގެ އެތަން މިތަނުން ، ކަނޑުމަގުންނާއި ވައިގެ މަގުން ، ޔަހޫދީން ގެނެސް ފަލަސްތީނުގެ ބިމަށް އަޅަމުން ގެންދިޔައެވެ. ކޮންތާކުން އަންނަ ކާކުތޯއެއް ޒަޔަނިސްޓް އިޒްރޭލަކުން ނުބަލައެވެ. ހަމައެކަނި ބަލަނީ އެއީ ޔަހޫދީއެއްތޯއެވެ. އަންނަހާ ބަޔަކަށް ، ފަލަސްތީނުން ބޭރުކުރެވުނު މީހުންގެ ގެދޮރުދީ ، އަލަށް ގެދޮރު އަޅައިދީ ފަލަސްތީނުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި ދެމުން ގެންދިޔައެވެ. ފަލަސްތީނުގެ ރައްޔިތުން ބިނާކޮށްފައި ހުރި ސްކޫލްތަކާއި އިޖްތިމާޢީ ބިނާތަކާއި މިސްކިތްތައް ޔަހޫދީން ބޭނުންކުރުމަށް ހުސްކުރެވުނެވެ. މިއީ މާކުރިން ރޭވި ، ހިސާބުޖެހިގެން އިނގިރޭސީންނާއި އެމެރިކާ އަދި ޒަޔަނިސްޓް އިޒްރޭލުން ނިންމާފައިވާ ޖަރީމާ ތަކެކެވެ. އެކަންކަމަކީ ރޭވި އިންތިޒާމް ކުރެވިގެން ހިނގިކަންކަންކަމުގައި ނުވިނަމަ ، ޒަޔަނިސްޓުންނަށް ކުރިމަތިވާނެ އެތައް ގޮންޖެހުންތަކެއް ، ފަލަސްތީނުގެ ބިމުގައި ހުންނާނެއެވެ. ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ، ގެދޮރުން ނެރެ ގޯތިގެދޮރު ހުސްނުކުރިނަމަ ، ދުނިޔޭގެ އެތައް މިތަނުން ފަލސްތީނަށް އަންނަމުންދިޔަ ޔަހޫދީން ވަންނާނެތަނެއް ނުދެއްކޭނެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަކީ ، ޔަހޫދީންގެ ދިރިއުޅުމާ ނުގުޅޭގޮތަށް ހެދިފައި ހުންނާނެ ތަންތަނެވެ. އެހެނަސް ، ފަލަސްތީނަށް އައި ޔަހޫދީންކުރެ ގިނަމީހުންނަކީ ، ދުނިޔޭގެ އެކި ޤައުމުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އައި ބަޔެއްކަމަށްވާތީ ، ފަލަސްތީނަށް އައިމަ ، އެމީހުން ވަންނަން ކޮންމެތަނެއް ދެއްކިޔަސް އެމީހުންނަށް ފުދި އިތުރުވާނެއެވެ.

ފަލަސްތީނުގެ ރައްޔިތުން ބިނާކޮށްފައިހުރި ، މަދަރުސާ ތަކާއި ތަޢުލީމުދޭ މަރުކަޒުތަކާއި ، އިޖްތިމާޢީ މަރުކަޒާ އަދި މިސްކިތްތައްވެސް ޔަހޫދީން ބޭތިއްބުމަށާއި ، ޔަހޫދީންގެނެސް ވަޒަންވެރި ކުރުވުމުގެ މަޝްރޫޢުތައް އިންތިޒާމްކޮށް  ހިންގުމަށް ، އޮފީހުގެ ގޮތުގައި ބޭނުން ކުރިއެވެ.

1948 ގައި ޢަރަބި ފަލަސްތީނަށް ކުރިމަތިވި ސިޙުޔޫނިއްޔަތުގެ ވަބާއަކީ ، ގެއްލުންތަކުން ފުރިގެންވީ ، އަނިޔާވެރިކަން އިންތިހާއަށް ގޮސްފައި އޮތް ޢާލަމީ ވަބާއެކެވެ. އެއީ ، ކިޔައިދީ އޮޅުންފިލުވައިދޭން އުނދަގޫ އަދި ހިތަށް ތަދުވެ ރޮވެމުންގޮސް ކަރުނަނުހިކޭފަދަ ކަޅު ތާރީޚެކެވެ.

ކިތަންމެ ވަރަކަށް އެވާހަކަ ދެއްކިޔަސް ، ސިޙުޔޫނިއްޔަތުގެ އެ އަނިޔާވެރިކަމަށް އިންސާފެއް ނުލިބޭނެއެވެ. އެ އަނިޔާތައް ތަޙައްމަލު ކުރަމުންގެންދިޔަ އެތައްބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެމީހުން ކިޔައިދެމުން އެގެންދަނީ އެމީހުންނަށް ، މީހެއްގެ ފަރާތުން ކިޔައިދީ ، އަޑުއިވުނު ވާހަކަތަކެއް ނޫނެވެ. އެމީހުންގެ އަމިއްލަ ނަފުސަށް ކުރި އަނިޔާއާއި ލިބުނު ތަކުލީފުގެ ވާހަކައެވެ. އެމީހުންގެ ލޮލަށް ފެނި އަތުން ހިފައިފައިވާ ކަންކަމެވެ. ދުނިޔޭގައި އަނިޔާވެރިކަން އޮންނާނެ އެންމެ މަތީ މިންވަރަކަށް އޮތް އެއަނިޔާވެރިކަން އެމީހުން އެތިބީ ތަޙައްމަލުކޮށްގެންނެވެ. އަދި މިހާރުވެސް އެގެންދަނީ ، ހަމަ އެއަނިޔާވެރިކަން އޭގެ އިންތިހާގައި ތަޙައްމަލު ކުރަމުންނެވެ. މިއަދު ދިރިތިބި ބަޔަކަށް އެމީހުންގެ ލޯމައްޗަށް އެކަންކަން ފެންނަމުންދާއިރު ، އެތިބެނީ ނުފެންނަކަމަށް ހަދައިގެންނެވެ.

ފަލަސްތީނުގެ ޔާފާގައި ، ހަމައެންމެ 30 ޢާއިލާއެއް ، އުފާވެރިކަމާއެކު މިނިވަންކަންމަތީ ، އެއްދުވަސްވަރެއްގގައި ދިރިއުޅުނެވެ. ޤަބޫލުވެސް ނުކުރެވޭނެއެވެ. ފަލަސްތީނުގެ ބިމަށް ، ޒަޔަނިސްޓް ޔަހޫދީން އައިސް އެމީހުންގެ ރަށުން ، އެމީހުންގެ އަމިއްލަ ވަޒަނުން ގަދަކަމުން ބޭރު ކުރިއެވެ. ފަލަސްތީނުގެ ބިން ފޭރިގަންނަން އެބިމަށް އައި އެންމެ ޔަހޫދީއެއްވެސް ، ފަލަސްތީނުމީހުން ބޭރެއް ނުކުރެއެވެ. އެމީހުންނަށް ލިބެމުންދިޔަ އަނިޔާތަކަށް ކެތްކުރިއެވެ. އަދި ، އެމީހުންނަށް ޙައްޤު މިންވަރު ފިޔަވައި ، އެވަގުތަކަށް ދެވެން އޮތް ރައްކާތެރިކަމަކަށް އެދި ދުނިޔެއަށް އާދޭސް ކުރަމުން ގެންދިޔައެވެ. ޔަހޫދީންނަށް ދޫދީ ، އެމީހުންނަށްވެސް ކޮންމެވެސް މިންވަރެއްގެ މިނިވަންކަމަކާއި ރައްކާތެރިކަމެއް ދިނުމަށް އެދި އާދޭސް ކުރިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އާދޭހަށް އުފުއްލައިލާ އަތުގައި ޒަޔަނިސްޓުން ޖައްސަނީ ބަޑިއެވެ. ޝަހީދުކޮށްލަނީ ، ޢާއިލާގެ އެހެންމީހުންގެ ކުރިމަތީގައެވެ. ޒުވާން އަންހެންކުދިންނާއި އަންހެނުންގެ ޢިއްފަތްތެރިކަން ދުއްވައިލަނީ އެކުދިންގެ މައިންބަފައިން ބަލަހައްޓައިގެން ކަރުނައަޅާ ރޯންތިއްބާ ގަދަކަމުންނެވެ. ޖިންސީ އަނިޔާކޮށް ޅަކުދިންނާއި އަންހެނުންނާ އަދި މުސްކުޅިން ޝަހީދުކޮށްލަނީ ، ދިރިހުރިމީހާއަށް ، އެތަން ބަލަން ނުކެރި ރޮމުން ފިލަން ދުވަމުންގޮސް ، ރަށުންބޭރަށް ދެވޭއިރުވެސް ނޭނގޭވަރުގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބެއެވެ.

ޒަޔަނިސްޓް ޔަހޫދީން ، ފަލަސްތީނުގެ ރައްޔިތުން ، ހަމައެކަނި އެމީހުންގެ ވަޒަނުން ބޭރުކުރީކީ ނޫނެވެ. ރޯމާދުވާލު ، އެމީހުންގެ ގެދޮރަށްވަދެ ، އެމީހުންގެ ޒުވާން އަންހެންދަރިންނާއި އަނބީން ، ރޭޕްކޮށްފައި އެމީހުންގެ ކުރިމަތީގައި ޝަހީދުކުރީއެވެ. އެމީހުންގެ ގެދޮރަށް ވެރިވެ ، ކާރުޚާނާތައް އަމިއްލަކޮށް ، މިސްކިތްތައް ފައްޅިޔަށް ހަދައި ، ބޭންކްތައް ލޫޓުވައި ، ކާރާއި ލޮރީތައްވެސް އަދި ހެދެމުންދާ ގޮވާމާއެކު ، ދަނޑުބިންތައްވެސް ފޭރިގަތީއެވެ. އެކިއެކި ޔަހޫދީންގެ ނަންމައްޗަށް އެތަންތަނާއި ތަކެތީގެ ރަޖިސްޓަރީ ބަދަލު ކުރީއެވެ.

ހިތްއުފާކުރަމުން ގެންދިޔަ ޕާކުތަކަށް މީހުން އެއްކޮށް ، ބަރިބަރިއަށް ބައިތިއްބައިގެން އެމީހުންގެ ގަޔަށް ބަޑިޖަހާ މައިދާނަކަށް ބަދަލުކުރީއެވެ. ސަހަރާތައްވެސް އަމިއްލަކޮށް ، އެތަންތަނުން ކަށްވަޅުކޮނެ ކަށިހުސްކޮށް ، ޔަހޫދީންގެ ބޭނުންތަކަށް ޚާއްޞަކުރިއެވެ. ވަށައިގެން ފެންސްޖަހައި ބަންދުކޮށް ، މުޅި ޢަރަބި ދުނިޔެއާ ފަލަސްތީނު ވަކިކޮށްލިއެވެ. އެހުރިހާ ކަމަކަށް ފައިސާ ޚަރަދުކުރަނީ ، ޒަޔަނިސްޓް އެމެރިކާއިންނެވެ. އިޒްރޭލުގެ ސަލާމަތަށޭ ކިޔާފައެވެ. ފަލަސްތީނުގެ ރައްޔިތުން ނުރައްކަލުގެ ތެރެޔަށް ދޫކޮށްލާފައެވެ. ހުޅަނގުންނާއި ޒަޔަނިސްޓް ޔަހޫދީން ބަލަނީ ފަލަސްތީނަކީ ، އަދިވެސް  އެބައިމީހުންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ، ޢަރަބި ޤައުމުތަކާ މުޢާމަލާތު ކުރެވޭގޮތަށް މިނިވަންކަން ލިބިއްޖެނަމަ ، އިޒްރޭލަށް ނުރައްކާ ބޮޑުވާނެކަމަށް އެމީހުން ދެކެއެވެ. އެހެންކަމުން ، ފަލަސްތީނުގެ ރައްޔިތުން ނުރަސްމީ ހައްޔަރެއްގައި ބައިތިއްބައިގެން ، އެތަންތަނަށް ބޮން އެޅުމާއި ޢުދުވާން ހިންގުމުގެ ނުރައްކާ ހިތްތަކަށް ވައްދައި ، ކޮންޓްރޯލްކުރަމުން އެގެންދަނީ ، ބަކަރިކޮށްޓެއްގައި ބޯފެނާއި ، ކާންނުދީ ބަކަރިތަކެއް ގެންގުޅޭ ބީދައިންނެވެ.

އިޒްރޭލަކީ ، ދުނިޔޭގައި އޮތް ހަމައެކަނި ފޭރޭ ގައުމެވެ. އިޒްރޭލު އުފެދިފައި އެއޮތީވެސް ފަލަސްތީނުގެ ރައްޔިތުންގެ އަތުން ހުރިހާ އެއްޗެއް ފޭރިގަނެގެންނެވެ. ޒަޔަނިސްޓް އިޒްރޭލަކީ ، ދުނިޔެ ތަރައްޤީވެފައިވާ މިއޮއްފަދަ ޒަމާނުގައި ، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކަމެއް ނުހިތާ ލާއިންސާނީ ޢަމަލުތަކުން ، ދުނިޔެއަށް މުޞީބާތަކަށް ވެފައިވާ ޢާލަމީ ވަބާއެކެވެ.

އިސްރޭލުން ފަލަސްތީނުގެ ރައްޔިތުން ވަޠަނުން ބޭރުކުރީ ، ރޭވިގެން އިންތިޒާމްކުރެވިފައިއޮތް ސިޔާސަތެއްގެ ތެރެއިންނެވެ.

މިހާރު ޢުމުރުން 90 އަހަރުވެފައިވާ ، އިސްމާޢީލް އަބޫ ޝަހާދާއަކީ ، އޭނާގެ ޒުވާން ޢުމުރު ، ޔާފާގައި ހޭދަކުރި ފަލަސްތީނުގެ ރައްޔިތެކެވެ. އޭނާގެ އަމިއްލަ ވާހަކަތައް ކިޔައިދިނެވެ.

" އަހަރެންގެ ބައްޕަގެ ޢުމުރުން 65 އަހަރުގައި ނިޔާވިގޮތް އެނގޭ ހެއްޔެވެ ؟ އަހަރެމެންގެ ދަނޑުބިން ހަލާކުކޮށްލުމަށް ޔަހޫދީން އައެވެ. އެއީ 1939 ވަނައަހަރުގެ ތެރޭގައެވެ. ޔަހޫދީންއައިސް ހައިމާކުން ، އަހަރެމެންގެ ދަނޑުގެ ވައްތީންޏާއި ޒައިތޫނިގަސްތައް ކޮންނަން ފެށްޓިއެވެ. އެއީ އެތައްސަތޭކަ އަހަރެއްކުރީއްސުރެ އަހަރެމެންނަށް ޢާއިލީގޮތުން ވާރުތަ މުދަލުން ލިބިފައިވާ ބޮޑެތި ޒައިތޫނި ގަސްތަކެކެވެ. ވައްތީންޏަކީ ، 100 އަހަރުން ފޯދޭ އެއްޗެއްކަން އެނގޭ ނޫންހެއްޔެވެ. އެގަސްތައް ކޮނެ ނަގަންފެށީމަ އަހަރެންގެ ބައްޕަ ރޯން ފެށްޓިއެވެ. އެކަން ނުކުރުމަށް ނުވަތަ އަހަރެމެން އެތަނުން ބޭރުކޮށްލިޔަސް އެގަސްތައް ނުކޮނުމަށް އާދޭސް ކުރިއެވެ. ހައިމާކު ދުއްވަންއިން މީހާގެ ދެފައިގާ ހިފައި އާދޭސް ކުރިއެވެ. އެންމެފަހުން ، ކުޑަ ކުއްޖެއްހެން ރޮމުން ރޮމުންގޮސް ބައްޕަ ، ޚަބަރު ހުސްވެގެން ، ދަނޑުމައްޗަށް ވެށްޓުނެވެ. އަހަރެމެން ހުރިހާކުދިންވެގެން ، ބައްޕަ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައިމެވެ. އެކަމަކު ، ބައްޕަގެ ހިތަށްކުރި އަސަރުން އެހިތަށް ކެތްނުވެ ، ބައްޕަ ނިޔާވިއެވެ. މިއީ އަހަރެންގެ އަމިއްލަ ލޮލުން ދުށް ތަނެވެ. ފަލަސްތީނަކީ ، މީހުންނޫޅޭ ހުސްބިމެކޭ ، އެތަނަށް ފުރަތަމަ އައީ ޔަހޫދީންނޭ ބުނީމަ ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ ؟ އެބިމަށް ، އެމީހުން ފުރަތަމަ އައިނަމަ ، އެތާނގައި އޮންނާނީ އެމީހުންގެ ޒައިތޫންޏާއި ވަސްތީނިގަސްތަކެއް ނޫންހެއްޔެވެ ؟ " އިސްމާޢީލް އަބޫ ޝަހާދާ އޭނާގެ ވާހަކަ ނިންމައިލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

އިސްމާޢީލް އަބޫ ޝަހާދާގެ މި ބަޔާނަކީ ، އަލްޖަޒީރާއިން އުފެއްދި ޕްރޮގްރާމަކަށް ދިން ބަޔާނެކެވެ. މި ބަޔާންދިންތާ މާގިނަދުވަހެއްނުވެ ، އަބޫ ޝަހާދާ ނިޔާވެއްޖެއެވެ. މާތް ﷲ ، އޭނާގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. (ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.