''މުޖުރިމުން'' ދޫކޮށްލިނަމަ މީހުން ގަތުލް ކުރާހިސާބަށް ދިޔުން އެކަށީގެންވޭ- ރައީސް

ޖަލު ޙުކުމުގައި ތިބި ސިޔާސީ ފަރާތްތައް މިނިވަންކޮށް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރިނަމަ ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި އިދިކޮޅު ސަޕޯޓަރުން މަގުމައްޗަށް ނުކުމެ ތަޅާފޮޅުމަކަށް ދިޔައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމުރު ތަންފީޒުކޮށް ''މުޖުރިމުން'' ދޫކޮށްލިނަމަ ރައީސަށް ތާއީދު ކުރާ ސަޕޯޓަރުން ގައިމުވެސް މަޑުން ނުތިބީސް ކަމަށެވެ. އަދި އެއްބަޔަކު މަގުމައްޗަށް ނުކުންނައިރަށް އިދިކޮޅު މީހުންވެސް މަގުތަކަށް ނުކުންނާނެ ކަމަށާއި އެހިސާބުން މަގުތަކުގައި އޮންނާނީ ތަޅާފޮޅުން ކަމަށް ރައީސް ވިދާޅުވިއެވެ.   ވިދާޅުވިއެވެ.
'' އޭގެ ނަތީޖާ ފަހަރުގައި ހަމަ ގަތުލު ކުރުމާ ހަމައަށްވެސް ހިނގައްޖައީސްކަން ނޭނގޭ. ހަމަގައިމު ވެސް ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ރައީސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓު އަމުރު ތަންފީޒު ކުރުމަށް ބޭރުގެ ބަޔެއް ފަރާތްތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ގޮވާލި ނަމަވެސް ސަރުކާރުން ވަނީ އަމުރު ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައެވެ. ޖަލުން ދޫކޮށްލަން ކޯޓު އަމުރުގައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙަންމަދު ނާޒިމް އާއި ކުރީގެ ޕީޖީ މުމްތާޒް މުޙްސިންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޙާމިދު އިސްމާއީލްވެސް ހިމެނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.