ފަލަސްތީނު : 100 އަހަރުކުރިން (6)

(2 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

15 މޭ 1948 ގެ ހެނދުނު ހެނދުނާ ، ޢަރަބި 6 ޤައުމުގެ އިއްތިޙާދުން ޒަޔަނިސްޓް އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ 9 މަހާއި 3 ހަފުތާއާ އަދި 2 ދުވަހަށް ދެމިއޮތެވެ. މި ހަނގުރާމަ ނިމުނުއިރު ، ދެ ދައުލަތް އުފައްދާއިރު ފަލަސްތީނަށް ދިނުމަށް އދ އިން ކަނޑައެޅި ބިމުގެ 60 އިންސައްތަ އިޒްރޭލުން ހިފިއެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅުނު ، ފަލަސްތީނުގެ 9 ލައްކައެއްހާ މުސްލިމުން ، އެބައިމީހުންގެ ގެދޮރުން ގަދަކަމުންނެރެ ، އަވަށްޓެރި ޤައުމުތަކަށް ، ރެފިއުޖީންގެ ގޮތުގައި ބޭރުކޮށްލިއެވެ. ޒަޔަނިސްޓް އިޒްރޭލުން ހިފި ބިމުގެ ތެރޭގައި ޔާފާއާއި ، އަލްޤުދްސްގެ ހުޅަނގު ސަރަޙައްދުން ބައެއްވެސް ހިފިއެވެ. ޤުދްސްގެ އެ ސަރަޙައްދަކީ ، ދެދައުލަތް އުފައްދާއިރު ، އިޒްރޭލަށްވެސް އަދި ފަލަސްތީނަށްވެސް ނުދީ ، އދ ގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ނިންމާފައި އޮތް އަލްޤުދްސް ގެ ޙުރުމަތްތެރިވެގެންވާ ބިމެވެ.

އެ ހަނގުރާމައިގާ ، އުރުދުން އިން ވެސްޓްބޭންކް ނުވަތަ ހުޅަނގު އައްސޭރި ހިފައި ، އެއީ އުރުދުންގެ ބައެއްގެ ގޮތަށް ހަމަޖެއްސިއެވެ. މިޞްރުން ހިފީ ޣައްޒާއެވެ. އެހެންނަމަވެސް ޣައްޒާއަކީ މިޞްރުގެ ބައެއްގެ ގޮތަކަށް ހަމައެއް ނުޖައްސައެވެ. ޣައްޒާއަށް ގަދަކަމުން ވަދެ ބިންތައް ފޭރެމުންގެންދިޔަ ޒަޔަނިސްޓް ޔަހޫދީން އެތަނުން ބޭރުކުރީއެވެ. އެހެނަސް ، ޣައްޒާއޮތީ މިޞްރުގެ ބެލުމުގެ ދަށުގައެވެ. އިޒްރޭލަށް ދޫކޮށެއް ނުލައެވެ. އިޒްރޭލުން ޣައްޒާ ހިފީ 1967 ގެ ހަނގުރާމައިގައެވެ.

އިނގިރޭސިވިލާތާ ފަލަސްތީނު ޙަވާލުކުރުމުގައިވެސް އަރާފައި ހުރި އޮޅުންތަކެއް ހުށްޓެވެ. އެންމެ ފުރަތަމަ އެކުލަވައިލި ފަލަސްތީނު މޭންޑޭޓަރީގައި ، ޢަރަބީންނާއި ޒަޔަނިސްޓް ޔަހޫދީންގެ ކަންތައްތަކަށް ޒިންމާވެ އެ ދެބައިމީހުން ބެލެހެއްޓުމަކީ ، އިނގިރޭސީންގެ ޒިންމާއެއްކަމަށް ލިޔެވިފައި އޮތެވެ. އެހެންނަމަވެސް ، ބެލްފޯރ މުޢާހަދާގައި އެއްކޮޅަށް ޖެހި ، އިނގިރޭސީންގެ ޒިންމާ ކުޑަކުރިއެވެ. ބެލްފޯރ މުޢާހަދާގައި އޮތީ ، " ފަލަސްތީނަށް އައި ޒަޔަނިސްޓް ޔަހޫދީންނަށް އެހީތެރިވެ ، ފަލަސްތީނު އަޅުވެތިކުރުމާއެކު ، ޔަހޫދީންގެ ޤައުމީ ގެދޮރުވެރިކަމެއް ފަލަސްތީނުގެ ބިމުގައި ޤާއިމްކޮށްދިނުން " އެއީ ޒަޔަނިސްޓް ޔަހޫދީންނަށް އިނގިރޭސީންވާ ވަޢުދެއްކަމަށް ލިޔެފައެވެ. ފަލަސްތީނުގެ މޭންޑޭޓަރީގެ ދަށުން އިނގިރޭސިވިލާތުގެ ސަފީރެއް ، ފަލަސްތީނަށް ކަނޑައެޅުނީ ޖުލައި  1920 ގައެވެ. އެމީހަކީ ހާރބަޓް ސެމިއުލް އެވެ. މީނާއަކީ ގެލްފޯރ މުޢާހަދާގައި ސޮއިކުރި ، ސެންރީމޯ ކޮންފަރެންސްގައިވެސް ، އިނގިރޭސިވިލާތުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވި މީހެކެވެ. އެއީ ، ޒަޔަނިޒަމްގެ އުޞޫލުތަކަށް ތަބާވާ ، ޔަހޫދީ ޢާއިލާއެއްގެ ތެރޭގައި އުޅެ ބޮޑުވި އިނގިރޭސި ސިޔާސީ މީހެކެވެ. އޭނާއަކީވެސް ސިޙުޔޫނިއްޔަތަށް ތަބާވާ މީހެކެވެ. އެހެންކަމުން ، ފަލަސްތީނުގެ ބިމަށް ޔަހޫދީން ވެރިވެގަތުމުގައި އޭނާގެ މަދަދާއި ވާގި ލިބިގެންދިޔައެވެ. އޭނާގެ ބާރުގައި ، ފަލަސްތީނުގެ ބިމާއި އިޤްތިޞާދު ކޮންޓްރޯލްކޮށް ، ޔަހޫދީންނަށް ފުރުޞަތު ބޮޑުކުރަމުގެން ދިޔައެވެ.

ހާރބަޓް ސެމިއުލް ފަލަސްތީނަށް އައިސް އެންމެ ފުރަތަމަވެސް ކުރިކަމަކީ ، ފަލަސްތީނުގެ ރައްޔިތުންނާ ބައްދަލުކޮށް ، ޒަޔަނިސްޓް ޔަހޫދީންގެ މޮޅުކަމުގެ ވާހަކަ ދައްކައި ، އެމީހުން ޔަހޫދީންގެ އެހީ ހޯދުމަށް ނަޞޭޙަތް ލައިދިނުމެވެ. ފަލަސްތީނަށް އައި ޔަހޫދީން ބޭނުންކޮށްގެން ، ފަލަސްތީނުގެ އިޤްތިޞާދު ހަރުދަނާކުރެވޭނެކަމަށް ބުނެދީ ، ފަލަސްތީނުގައި ހުވަފަތްވެފައިތިބި އަންހެނުންނަށް މަސައްކަތް ލިބޭނެކަމުގެ ހުވަފެން ދެއްކުމެވެ. ފަލަސްތީނަށް އައި ޔަހޫދީންނަކީ ، ކިޔަވައިގެންތިބި މޮޅުމީހުން ކަމަށާއި ، ފަލަސްތީނުގެ ބިމުން ނެރެވެންހުރި އިޤްތިޞާދީ މަންފާ ނެރެވޭނީ ޔަހޫދީންނަށްކަން އަންގައިދިނުމެވެ. ބޭނުމެއްނުކޮށް ހުސްކޮށް ދޫކޮށްލެވިފައިވާ ، ފަލަސްތީނުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކޮށް ، ޔަހޫދީންގެ މަސައްކަތުން ފަލަސްތީނަށް ދިރުން ލިބިގެންދާނެކަމުގެ ހުވަފެން ، ފަލަސްތީނުގެ ރައްޔިތުންނަށް އޭނާ ދެއްކިއެވެ.

ފަލަސްތީނުގައި ބޭނުންނުކޮށް ބާކީވެފައި ހުސްބިމެއްނެތްކަމަށް  ސެމިއުލްގާތުގައި ފަލަސްތީނުގެ އިސްވެރިން ބުނަމުން ގެންދިޔައެވެ. ހުސްކޮށް ބިމެއް އޮތްނަމަ ، އެބިމުގައި އެމީހުން ދަނޑުވެރިކަން ތަރައްޤީ ކުރާނެކަންވެސް ހާމަކުރިއެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ ޢާއިލާބޮޑު ބަޔެކެވެ. ގިނައިންވިހާ ބަޔެކެވެ. އެވްރެޖްކޮށް ކޮންމެ ދެމަފިރިޔަކަށް 7 ކުދިން ލިބިފައި ތިބެއެވެ. ޔަހޫދީން ބޭނުންކުރުމަށް ފަލަސްތީނުގެ ބިން ދޫކުރުމުގެ ވާހަކަޔަށް ރައްދުދީ ، ބައިބޯވަމުންދާ ވަރަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުން ދަތިވާނެ ވާހަކަ އެއީ ފަލަސްތީނުގެ ރައްޔިތުން ، ސެމިއުލްގެ ކުރިމައްޗަށް ހުށަހެޅި މައްސަލައެކެވެ. ސެމިއުލް ތަކުރާރުކޮށް ބުނަމުން ގެންދިޔައީ ، ފަލަސްތީނަށް އައިސް އެތިބީ އެހެން ތަންތަނުގައި ތިބިކަހަލަ ޔަހޫދީން ނޫންކަމުގައެވެ. ފަލަސްތީނުގެ އަޞްލު ރަށްވެހިންނަށް ގެއްލުމެއް ލިބިދާނެކަމެއް އޭނާ ނުކުރާނެ ކަމުގައެވެ.

އެހެންނަމަވެސް ސެމިއުލްގެ ޙީލަތްތެރި ވާހަކަތައް ފަލަސްތީނުގެ އިސްވެރިންނަކަށް ޤަބޫލެއް ނުކުރެވުނެވެ. ފަލަސްތީނުގެ ބިންތައް ޔަހޫދީންނާ ޙިއްޞާކުރުމަށް ބާރުއަޅައި ސެމިއުލް ދެއްކި ވާހަކަތައް ވީ ބޭކާރެވެ. އޭނާއާމެދު ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި އުފެދުނީ ނަފުރަތެވެ. ގެއްލުނީ އިތުބާރެވެ. އެންމެފަހުން ، ސީދާބަހުގެ ޙަމަލާތައް ބަދަލުކުރަން ފެށްޓިއެވެ. ސެމިއުލްއަކީ ، ބެލްފޯރ މުޢަހަދާގައި ޒަޔަނިސްޓުންގެ ފަރާތުން ބައިވެރިވި މަންދޫބެކެވެ. މިހާރު އެހުރީ ، އިނގިރޭސި ހައިކަމިޝަނަރގެ ގޮތުގައި ހުރެގެން ޔަހޫދީންނަށް މަގުފަހިކޮށްދޭން ފަލަސްތީނުގެ ބިމަށް ފޮނުވިފައެވެ. ސެމިއުލްއަކީ ، ޒަޔަނިސްޓް ޔަހޫދީން އުފެއްދުމުގައި އިސްކޮށްހުރި މީހެއްކަމަށް ފަލަސްތީނުގެ އިސްވެރިން ، ސެމިއުލްގާތު ، އެ ބައްދަލުވުމުގައި ޖެހިލުމެއްނެތި ބުންޏެވެ.

އެހެންނަމަވެސް ، ސެމިއުލް އެކަމަށް އެއްބަހެއް ނުވިއެވެ. އޭނާއަކީ ، ޔަހޫދީންގެ ބާރުވެރިކަން އުފެއްދުމަށް އިސްކޮށް މަސައްކަތްކުރާމީހެއްނޫންކަމަށް ސެމިއުލް ބުނަމުން ގެންދިޔައެވެ. އިނގިރޭސީން ބޭނުންވާގޮތް އެމީހުންނަށް ސާފުކޮށްދެވިއްޖެކަމަށާއި ، ޒަޔަނިސްޓް ލީޑަރުންނަކީ ކޮބައިކަމާއި ، ޒަޔަނިސްޓުންނަށް ޚަރަދުކުރާ ފައިސާ އަންނަނީ ކޮންތާކުންކަން ، އެ ބައްދަލުވުމުގެ ބައިވެރިންނަށް އެނގޭހެން ހީވާކަމަށް ސެމިއުލް ބުންޏެވެ. އަދި އެމީހުން ، ނުވަތަ އިނގިރޭސީން ދުނިޔޭގައި ތިބިހާ ހިނދެއްގައި ޔަހޫދީން ދޫކޮށްނުލާނެކަމަށް ، އެންމެފަހުން ސެމިއުލް އަށް އެ ބައްދަލުވުމުގައި ބުނެވުނެވެ.

ފަލަސްތީނު ފިޔަވައި ޢަރަބި ދުނިޔޭގައި ހުޅަނގުގެ ދެޤައުމެއްގެ މޭންޑޭޓަރީ ޒިންމާތަކެއް އޮތެވެ. އެއީ ފަރަންސޭސީންނާއި އިނގިރޭސީންގެ މައްޗަށް ލާޒިމްވެފައި އޮތް ، އިރާޤާއި އުރުދުންގެ މޭންޑޭޓަރީ ޒިންމާއެވެ. އެހެންނަމަވެސް އެ ދެޤައުމުގެ މައްޗަށް އޮތީ ، ފަލަސްތީނުގެ މައްޗަށް ، އިނގިރޭސީންނަށް ލާޒިމްކޮށްފައި އޮތް ޒިންމާއާ ތަފާތު ޒިންމާއެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިއޮތީ ، މޭންޑޭޓަރީއަށާއި ، ސިޙުޔޫނިއްޔަތާ ހަނގުރާމަ ކުރުމަށެވެ. މެދުއިރުމަތީގެ އެހެން ޤައުމެއްގެ މައްޗަށް ސިޙުޔޫނިއްޔަތު ފާވެފައެއް ނެތެވެ. ޔަހޫދީންގެ ނުރައްކަލާއި އުނދަގޫ ކުރިމަތިވެފައި އޮތީ ހަމައެކަނި ފަލަސްތީނަށެވެ. ހަމައެއާއެކު ، އިނގިރޭސިވިލާތުގެ މައްޗަށް އޮތް ފަލަސްތީނުގެ މޭންޑޭޓަރީ ޒިންމާ ނުއުފުއްލައި ، ޔަހޫދީންނަށް ވާގިވެރިވާތީ ، އިނގިރޭސީންނާވެސް އޮތީ ދެބަސްވެ ހަނގުރާމަކުރަން ޖެހިފައެވެ. އެހެންކަމުން އަމިއްލަ ނަފުސު ދިފާޢުކޮށް އަމިއްލަ ވަޠަނުގެ ދިފާޢުގައި ހަނގުރާމަކުރަމުން ، އެބައިމީހުންގެ އިޤްތިޞާދު ނަގަހައްޓައި ، ދެމެހެއްޓުމަކީ ފަލަސްތީނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މުޞީބާތެވެ. ފަލަސްތީނުގެ އަތަކު ހަތިޔާރެއް ނެތެވެ. އެހެންކަމެއްކުރާކަށް ވަގުތެއް ނޯވެއެވެ. އަބަދުވެސް ވިސްނައި ތިބެންޖެހެނީ ، ޔަހޫދީންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ޒަޔަނިސްޓް ޔަހޫދީންނާ ދެމެދު އުފެދެމުންދިޔަ ދެބަސްވުންތައް ހޫނުވަމުންގޮސް  އެންމެފަހުން ، އޯގަސްޓް 1929 ގައި ، އަލްޤުދްސްގައި ދެބައިމީހުންގެ ކުރިމަތިލުމެއް ހިނގިއެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކަށް ސިޙުޔޫނީން އަރަގަތުމަށް އިނގިރޭސީން ވާގިވެރިވާތީ ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ، ފަލަސްތީނުގެ ރައްޔިތުން އެއްވި އެއްވުމެކެވެ. ބޭރުން އަރައިތިބި ބަޔަކު ، ފަލަސްތީނަށް އަތްގަދަ ކުރުމަށް ފުރުޞަތުނުދޭނެކަން އަންގައިދިނުމަށް އެތައްހާސް ބަޔަކު ، މި އެއްވުމަށް ޤުދްސް އަށް އެއްވިއެވެ. އަނެއްކޮޅުން ، ޔަހޫދީންވެސް އެ އެއްވުމަށް އައެވެ.

ޢުސްމާނީ ޚިލާފަތުގައި ފަލަސްތީނަށް ލިބިފައި އޮތް އިޤްތިޞާދީ ކުރިއެރުމާއި ، ޢަވަށްޓެރި ޢަރަބި އެހެން އެއްވެސް ޤައުމަކަށް ގެނެވިފައިނުވާ ތަރައްޤީ ، ސިޔާސީ ކިލަނބުތަކުން ހިރަފުސްއަރައި ނެތިދާން ފެށްޓީ އެހިސާބުންނެވެ. ޤަދީމީ އާސާރީ ތާރީޚީ ބިނާތަކާއި ، ފަލަސްތީނުގެ އަމިއްލަ ، ފުރިހަމަ ސަޤާފަތަކާއި އާދަކާދަތަކެއް އަށަގެންފައި އޮތް ޔާފާއަކީ މިހުރިހާކަމެއް ބަދަލުވާން ފެށުނު ޕޮއިންޓެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެއްޤައުމުން ، ޒަޔަނިސްޓުންނަށް ވަޢުދުވެފައި އެއޮތީ ، ޔަހޫދީން އާބާދުވެ ދިރިއުޅޭނެ ބިމެއް ހޯދައިދޭނެކަމުގައެވެ. ފަލަސްތީނުގެ ޔާފާގައި އުފެދިފައި އޮތް އިޤްތިޞާދާއި ތަރައްޤީއަށް ހީނަރުކަން އައިސް އެކޮޅުކޮޅުން ޖެހިގެން ދިޔައީ ، ސިޔާސީގޮތުން ، އިނގިރޭސިވިލާތުގެ ޢަމަލުތައް ހުރިގޮތުންނެވެ. ފަލަސްތީނުގެ އަމިއްލަ ބިމުގައި ، އެބިމަށް ބޭރުން އައިސްތިބި ޔަހޫދީންނަށް ޤައުމީ ޙައިޞިއްޔަތެއް ލިބޭގޮތަށް ވަޒަންވެރިވެ ، ގެދޮރު ބިނާކުރެވޭނެމަގު ތަނަވަސްކޮށްދިނުމުގެ ސަބަބުންނެވެ. ފަލަސްތީނުގެ ބިމަކީ ، ޔަހޫދީންނާ އެއްވެސް ވަރަކަށް ބެހުމެއްހުރި ތަނެއްނޫނެވެ. އެބިމަށް ޔަހޫދީން ގެނެސް އަޅައިލީ އިނގިރޭސިވިލާތުގެ މަކަރުވެރި ރޭވުމުގެ ދަށުންނެވެ. އެބިމަކީ މުއްސަނދި އަދި ހަރުދަނާ އިޤްތިޞާދެއް އޮތް ތަނަކަށްވެފައި ޔަހޫދީންނަށް ފަސޭހައިން އެބިމުގައި ދިރިއުޅެވޭނެކަން އިނގިރޭސީންނަށް އެނގިގެންނެވެ. އެ ސަރަޙައްދުގައި އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް އެހެން ތަންތަނަށްވުރެ ފަސޭހައިން ، ފަލަސްތީނުގައި ޔަހޫދީންނަށް ފައިހިއްޕާލެވިދާނެކަން އެނގޭތީއެވެ.

އިނގިރޭސީން ކިތަންމެ ބޭނުންވިޔަސް ، ބެލްފޯރ މުޢާހަދާއަކީ ، އޭގެ އަކުރަކަށް އަދި ފިއްޔަކަށް ބަދަލު ގެނެވޭނެ އެއްބަސްވުމެއްނޫނެވެ. އިނގިރޭސީންނާ އެއްބައިވެ އިއްތިހާދުވެގެންތިބި ހުރިހާ ޤައުމަކުންވެސް ބެލްފޯރ މުޢާހަދާގައިވާ ކަންކަމަށް ޢަމަލުކުރުމަށް އިއްތިފާޤުވެ އެއްބަސްވެ ސޮއިކޮށްފައި ވެއެވެ. އިނގިރޭސީންނަކަށް އޭގެ އަކުރަކަށް އަދި ފިއްޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެންކަމުން ، އިނގިރޭސީންގެ ރޭވުމަކަމަށްވީ އެމެރިކާ އޭގެތެރެޔަށް ވެއްދުމެވެ. އެމެރިކާ އޭގެ ތެރެޔަށް ވެއްދުނަކީ އިނގިރޭސީންނަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ.

އިރުމަތީ ޔޫރަޕުން ފަލަސްތީނުގެ ބިމަށް އައިސްތިބި ޔަހޫދީން ދާން އެންމެ ބޭނުންވި ޤައުމަކީ އެމެރިކާއެވެ. ނުވަތަ ޔޫރަޕްގެ ހުޅަނގުގެ ޤައުމުތަކެވެ. އެއީ އެމީހުންނާ ގުޅޭ މާޙައުލުތަކެވެ. ފަލަސްތީނަކީ އެމީހުންނާ ގުޅޭ މާޙައުލެއްނޫނެވެ.  1925 ވަނައަހަރު ، އެމެރިކާއަށް ޙިޖުރަކުރި ޔަހޫދީންނަށްވުރެ ގިނަ ޔަހޫދީން ފަލަސްތީނަށް ދިޔައެވެ. އެއީ ، އެމެރިކާގެ އިމިގްރޭޝަން ޕޮލިސީއަށް ގެނައި ބަދަލަކާ ގުޅިގެން ، އެމެރިކާއަށް އެތެރެވާ ޔަހޫދީންގެ ޢަދަދު ކޮންޓްރޯލްކުރުމަށް ، އެމެރިކާ ސަރުކާރުން ނިންމުމާގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ މޭންޑޭޓަރީގެ އެންމެ ޙީލަތްތެރި ނިންމުމަކީ ، ފަލަސްތީނަށް އެތެރެވާ ޒަޔަނިސްޓް ޔަހޫދީންނަކީ ، ފަލަސްތީނުގެ ރައްޔިތުންކަމުގައި ބަލަން ނިންމާފައި އޮތް ނިންމުމެވެ. މިކަމާބެހޭގޮތުން ފަލަސްތީނުގެ ރައްޔިތުންނާ މަޝްވަރާކޮށްފައެއް ނުވެއެވެ. އެ ސިޔާސަތަކީ ، 1920 އިން ފެށިގެން އިނގިރޭސިވިލާތުން ޢަމަލުކުރަމުން އައި ސިޔާސަތެކެވެ. އެހެން ޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތްތަނަކަށް ، އެހެންޤައުމަކުން މީހުންގެނެސް އެތަނެއްގައި އެބަޔަކު ވަޒަންވެރި ކުރުވުމަކީ ، ބައިނަލްއަޤްވާމީ ޤާނޫނުތައް ހުއްދަކުރާކަމެއްނޫނެވެ. އަދި އަމްދުން ، އަޅުވެތިވެފައި އޮންނަ ޤައުމުތަކާ ނުވަތަ ކޮލޮނިއަލް ޕަވަރ ހިނގާ ތަންތަނާމެދު ހެދިފައިވާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ޚިލާފު ކަމެކެވެ.

1923 އިންފެށިގެން ، އިނގިރޭސިވިލާތުން އައީ ، ފަލަސްތީނަށް އަންނަ ޒަޔަނިސްޓް ޔަހޫދީންނަށް ފަލަސްތީނުގެ ރައްޔިތެއްކަމުގެ ލިޔުން ދޫކުރަމުންނެވެ. ޒަޔަނިސްޓް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ސިމޯން ޕެރޭޒަކީވެސް ، ފަލަސްތީނަށް ބޭރުޤައުމަކުން އައިސް ފަލަސްތީނުގެ ރައްޔިތެއްކަމުގެ ލިޔުން ހޯދި ޔަހޫދީއެކެވެ. އަދި ، ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ގޯލްޑަމެއަރ އަކީވެސް ، ފަލަސްތީނަށް އައިސް ، ފަލަސްތީނުގެ ރައްޔިތެއްކަމުގެ ލިޔުން ހޯދި ޔަހޫދީއެކެވެ. ފަލަސްތީނަށް އައި ޔަހޫދީންނަށް ، އިނގިރޭސީންވަނީ ފަލަސްތީނުގެ ޕާސްޕޯޓްވެސް ދޫކޮށްފައެވެ. ފަލަސްތީނަށް އައި އެތައްލައްކަ ޔަހޫދީންނަކީ ޤަވާޢިދާ ޚިލާފަށް ފަލަސްތީނަށް އެތެރެވީ ބަޔެކެވެ. ނުވަތަ އިނގިރޭސީން އެތެރެކުރި ބަޔެކެވެ. ޒަޔަނިސްޓް ޔަހޫދީންނަށް ދޫކުރެވޭ ފަލަސްތީނުގެ އައިޑީކާޑާއި ފަލަސްތީނުގެ ޕާސްޕޯޓްގެ ކަންކަން ރާވައި ބަލަހައްޓައި ، އެތަކެތި ޔަހޫދީންނަށް ދޫކުރަމުންގެންދިޔައީ ، އިނގިރޭސީންގެ ބެލުމުގެ ދަށުން ޔަހޫދީންނެވެ. އެކަން ކުރަމުން ގެންދިޔައީ ޚުދު ޔަހޫދީންގެ ޖަމާޢަތްތަކުންނެވެ. އެބައިމީހުން ގެނެވެނީ ބޮޑެތި ބޯޓުފަހަރުގައި ކަނޑުމަގުންނެވެ. އެތެރެކުރާ މީހުންގެ ތެރެއިން އެކި ގްރޫޕްތައް ޢައްޔަން ކުރެވުނެވެ. އެ ގްރޫޕްތަކުގެ ޒިންމާއާއި މަސައްކަތަކަށް ވެފައި އޮންނަނީ ، ފަލަސްތީނަށް އަންނަން ބޭނުންވާ ޔަހޫދީން ދުނިޔޭގެ އެތަން މިތަނުން ހޯދައި ފަލަސްތީނަށް އެތެރެ ކުރުމެވެ.

މިހުރިހާކަމެއް އެގޮތުގެމަތިން ހިނގަމުންދާކަން ، އިނގިރޭސީންނަށް އެނގެއެވެ. އެއީ ރޭވި އިންތިޒާމްކުރެވިގެން ، ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް އަތްގަދަކުރުމަށް ، އިނގިރޭސީން ކަނޑައަޅާފައި އޮތް ސިޔާސަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.