ފަލަސްތީނު : 100 އަހަރުކުރިން (5)

(1 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ގެދޮރުންނެރެ މަގުމަތިކޮށް ، ފަލަސްތީނުގެ ބިމުންވެސް ނެރެ ، ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކަށް ދިއުމަށް ޒަޔަނިސްޓް ޔަހޫދީން މަޖުބޫރު ކުރަމުން ގެންދިޔައެވެ.

1947 ޑިސެމްބަރ މަހުންފެށިގެން 14 މޭ 1948 އާ ދެމެދު ، ފަލަސްތީނުގެ 200 އަވަށް ސުންނާފަތިކޮށްލައި ދެލައްކައެއްހާ މީހުން ، އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެފައި ވެއެވެ. 14 މެއި 1948 އެއީ ، މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލް އުފެދުނު ދުވަހެވެ. މިނިވަންކަން އިޢުލާންކުރުމަށް އިޒްރޭލަށް ފުރުޞަތުދިން އިރު ، އެމެރިކާއާއި ފަރަންސޭށީން އަދި އިނގިރޭސީންތިބީ ، ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ނައްތައިލައިގެންނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށްޓަކައި ، ޚުދު އދ އަށްވެސް އަދި ޢަރަބި ޤައުމުތަކާއި އިސްލާމީ ޖަމްޢިއްޔާތަކަށް ކޮށްދެވުނު ކަމެއް ނެތެވެ.

މިނިވަންކަން ލިބުމާއެކު ، ހަމައެމަހު ، ޒަޔަނިސްޓުން ހަށިފޮޅައިލިއެވެ. ފަލަސްތީނުގެ އިތުރު 300 އަވަށާއި 6 ލައްކަ ރައްޔިތުން ގެދޮރުން ބޭރުކޮށްލިއެވެ. އަހަރެއްހާ ދުވަސްވީއިރު ، ޖުލައި 1949 ގައި ، ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ އިޒްރޭލުން ހިފިއެވެ. އެހާތަނަށް 530 އަވަށް ސުންނާފަތިކޮށްލައި އެ އަވަށްތަކުން 8 ލައްކައެއްހާ މީހުން ، އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެ ފަލަސްތީނުގެ ބިމުން ބޭރުކޮށްލިއެވެ.

15 މޭ 1948 އެއީ ، އިނގިރޭސިވިލާތުން ، ފަލަސްތީނުން ފޭބި ތާރީޚީ ދުވަހެވެ. ފަލަސްތީނު ދެބައިކޮށް ، ދެދައުލަތް އުފައްދައި ، އެއްބައިގާ ޒަޔަނިސްޓް ޔަހޫދީން އަނެއްބައިގާ ފަލަސްތީނުގެ އަސްލު ރައްޔިތުން ، މިނިވަންކަމާއެކު ދިރިއުޅުމަށް އދ އިން އޮތީ ފާސްކޮށްފައެވެ. އެހެންނަމަވެސް ، އިނގިރޭސީން ފޭބީ އެކަން ޙައްލުނުކޮށް ، ފަލަސްތީނުގެ މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން ހަނގުރާމަކުރުމަށް ދޫކޮށްލާފައެވެ. އިނގިރޭސީން ފޭބިއިރު ، ފަލަސްތީނުގެ ހަނގުރާމަވެރިންގެ ޢަދަދަކީ 15 ހާހެވެ. ޔަހޫދީންގެ 70 ހާސް ހަނގުރާމަވެރިން ތިއްބެވެ. އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރި މުސްލިމުންގެ އަދަދު އިތުރުކުރަން ، އިނގިރޭސީން ހުއްދައެއް ނުދެއެވެ.

ޒަޔަނިސްޓް ޔަހޫދީން ، އިޒްރޭލުގެ ނަމުގައި މިނިވަން ދައުލަތެއް އިޢުލާންކުރިއިރު ، ފަލަސްތީނުގެ 13 ހާސް މީހުން ޝަހީދުވެފައި ވެއެވެ. އަދި 8 ލައްކައެއްހާ މީހުން ގެދޮރުން ނެރެލައި ، ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކަށް ފޮނުވާލާފައި ވެއެވެ.

އިޒްރޭލުން މަރުވީ 6 ހާސް  ޔަހޫދީންނެވެ. އެއީ 4 ހާސް ހަނގުރާމަވެރިންނާއި 2 ހާސް ޢާންމުންނެވެ.

1931 ގައި ، އަލްޤުދްސްގައި ބޭއްވުނު ވޯލްޑް އިސްލާމިކް ކޮންގްރެސްއަކީ ، 20 ވަނަ ޤަރުނުގައި މެދުއިރުމަތީގައި އިންތިޒާމްކުރެވުނު އެންމެ ޚާއްޞަ އަދި މުހިންމު ޙަރަކާތެވެ. ޢަރަބި އަދި އިސްލާމީ 25 ޤައުމަކުން 150 މަންދޫބުން އެ ކޮންގްރެސްގައި ބައިވެރިވިއެވެ. ހުޅަނގުގެ އިސްތިޢުމާރީ  ބާރުތަކުން ، މެދުއިރުމަތީގެ ޤައުމުތައް އަޅުވެތިކޮށްފައި އޮތް އޮތުމާ ދެކޮޅުހަދައި ، އެ ކޮންގްރެސްގައި ނިންމުންތަކެއް ނިންމުނެވެ. ފަރަންސޭސީން މަޣުރިބު އަޅުވެތިކޮށްފައި އޮތް އޮތުމާ ދެކޮޅު ހެދިއެވެ. އިޓަލީއާއި އިޓަލީގެ ބައިވެރިން ، ޖަބަލުލް އަޚުދަރާއި ލީބިއާ އަޅުވެތިކޮށްފައި އޮތް އޮތުންވެސް ކުށްވެރި ކުރިއެވެ. ފަރަންސޭސީން ، ލުބުނާނާއި ސޫރިޔާ އަޅުވެތިކޮށްފައި އޮތް އޮތުންވެސް ކުށްވެރި ކުރިއެވެ. އަދި އިނގިރޭސިވިލާތުން ފަލަސްތީނުގެ ބިން ހިފާފައި  އޮތް އޮތުންވެސް އެ ކޮންގްރެސް އިން ކުށްވެރިކުރިއެވެ.

އެހެންނަމަވެސް ، އެ ކޮންގްރެސްއިން ނިންމި އެއްވެސް ނިންމުމަކަށް ޢަމަލީ ސިފައެއް ނުގެނެވުނެވެ. ޒަޔަނިސްޓުންގެ ޙަރަކާތްތައް އިތުރުވެ ، 1920 އާއި 1930 ގެ އަހަރުތަކުގައި ، އެ ސަރަޙައްދުގައި ހިނގައިދިޔަ ސިޔާސީ ކަންކަމާގުޅިގެން ހިޔަނި އެޅިގެންގޮސް މުޅި މަންޒަރު ބަދަލުވެގެންދިޔައެވެ. އަދި މުޅި އެ ސަރަޙައްދު ނުރައްކަލަށް ހުށަހެޅިގެން ދިޔައެވެ.

އެންމެބޮޑު މައްސަލަޔަކަށްވީ ، ދުނިޔޭގެ އެކިދިމާލުން ފަލަސްތީނަށް ހިޖުރަކުރަމުންދިޔަ ޔަހޫދީންގެ މައްސަލައެވެ. އެކި ޤައުމުތަކުން ފަހައި ބޭރުކުރެވުނު ޒަޔަނިސްޓް ޔަހޫދީން ، އެއްތާކަށް ޖަމާވުމަށް ޒަޔަނިސްޓުންގެ އިސްމީހުންނާއި އިނގިރޭސީން އަދި ފަރަންސޭސީންނާއި އެމެރިކާއިން ވާގިވެރި ވުމެވެ. އެންމެންވެސް މަސައްކަތްކުރަމުން ގެންދިޔައީ އެއް މަޤްޞަދެއް ޙާޞިލް ކުރުމަށެވެ. އެއީ ، ޒަޔަނިސްޓް ޔަހޫދީންނަށް އެއްތާކަށް އެއްވެ މިނިވަން ދައުލަތެއް ޤާއިމްކޮށްދީ ޒަޔަނިސްޓުންގެ އަމިއްލަ ވަޠަނެއް ހޯދައިދިނުމެވެ. އެކަން ކުރުމަށް ، ހުރިހާ ފަރާތަކުންވެސް ޕްރެޝަރ ކުރަމުންގެންދިޔައީ އިނގިރޭސި ވިލާތަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ، ނޮވެމްބަރ 1917 ގައި ، ބެލްފޯ މުޢާހަދާ އުފަންވުމެވެ. އެ މުއާހަދާ އުފަންވެގެން ދިޔައީ ، އިނގިރޭސިވިލާތުގެ ޒަޔަނިސްޓް ކޮމިޔުނިޓީގެ ލީޑަރަށް ، އިނގިރޭސި ޚާރިޖީވަޒީރު އާރތަރ ބެލްފޯ ، ފޮނުވި ސިޓީއަކުންނެވެ.

ފަލަސްތީނުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ، އިނގިރޭސި ރާނީގެ ސަރުކާރުން ތާއީދު ކުރާކަމަށް އެސިޓީގައި ހާމަކޮށްފައި ވެއެވެ. އަދި ، އެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ، އިނގިރޭސިވިލާތަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެކަމަށްވެސް ، އެސިޓީގައި ލިޔެފައި އޮތެވެ. އަދި ހަމައެއާއެކު ، ޔަހޫދީންނޫން އެހެންދީންތަކަށް ތަބާވާމީހުންގެ ދީނީ ފިކުރަށް ހުރަހެއް އެޅިދާނެ އެއްވެސްކަމެއް އެނިންމުމުން ކުރިމަތިވިޔަ ނުދޭނެކަމުގައިވެސް ، އެސިޓީގައި އިނގިރޭސީން ބުނެފައި އޮތެވެ.

ބެލްފޯ ޑެކްލަރޭޝަނުން ، އިނގިރޭސިވިލާތުން ދުނިޔެއަށް ފޮނުވި މެސެޖަކީ ، ޒަޔަނިސްޓުންނަށް ޔޫރަޕްގައި ދިމާވަމުންދިޔަ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައި ފަލަސްތީނުގެ ބިމަށް އައުމަށެވެ. ދުނިޔޭގެ އެތަންމިތަނަށް ވިއްސި ވިހާލިވެ ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންގެންދިޔަ އެތައްހާސް ޔަހޫދީންނެއް ، މިމެސެޖާ ގުޅިގެން ، ފަލަސްތީނަށް ޖަމާވަމުން ދިޔައެވެ. އޭގެތެރެއިން ގިނަބަޔަކު އައީ ކަނޑުމަގުންނެވެ. ފަލަސްތީނަށް ޖަމާވަމުންދިޔަ ޒަޔަނިސްޓް ޔަހޫދީން ވަޒަންވެރި ކުރެވެމުން ދިޔައީ ޔާފާ އާއި ޔާފާގެ ވަށައިގެންވާ ސަރަޙައްދުގައެވެ. ޔާފާއަކީ ، ފަލަސްތީނުގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ނާރެހެވެ. ޔާފާއަކީ ، ފަލަސްތީނުގެ އެންމެ މުހިންމު އެއް ސަހަރެވެ. ފަލަސްތީނުގެ ރައްޔިތުން ، އޭރު އެއީ މާބޮޑު ނުރައްކަލެއްކަމަށް ބަލައިގެންނެއް ނޫޅެއެވެ. އަދި އެމީހުންނާ މަސްހުނިވެގެންނެއްވެސް ނޫޅެއެވެ.

1882 އިންފެށިގެން 1919 އާ ހަމަޔަށް ، ޔާފާއާއި ޔާފާގެ އުތުރު އިރުމަތީ ސަރަޙައްދުގައި ދިރިއުޅެމުން ގެންދިޔައީ އެންމެ ދެހާސް ޔަހޫދީންނެވެ. ފަލަސްތީނަށް ޖަމާވަމުންދިޔަ ޔަހޫދީންގެ ޢަދަދަކީ ފަލަސްތީނުގެ ރައްޔިތުން ޖެހިލުންވާ ވަރުގެ ޢަދަދެއްނޫނެވެ. ސިޙުޔޫނީންނަކަށް އަޣުލަބިއްޔަތެއް ނުލިބޭނެއެވެ. ޖަމާވަމުންދިޔަ ޔަހޫދީންގެ ޢަދަދު ވަކިހިސާބަކުން ، މައްޗަކަށް ނުދެއެވެ. އެމީހުންނަށް ކުރިމަތިވާ އެންމެ އުނދަގޫ ކަންކަމަކީ ، އެ ސަރަޙައްދުގެ މޫސުމާއި ތިމާވެށްޓަށް އަދި ކާބޯތަކެއްޗަށް ހޭނެން އުނދަގޫ ވުމެވެ. އެހެންކަމުން ޔާފާދޫކޮށް އެހެން ސަރަޙައްދުތަކަށްދާން ޔަހޫދީންނަށް މަޖުބޫރުވިއެވެ. ސިޙުޔޫނީން ފަލަސްތީނުގެ ބިމުގައި ވަކިހިއްޕައިލުމަށްޓަކައި ހިންގުނު އެ މަޝްރޫޢުގެ ފުރަތަމަ 40 އަހަރަކީ އެ މަޝްރޫޢު ފެއިލްވެގެންދިޔަ މުއްދަތެކެވެ.

އެދުވަސްވަރަކީ ، ޒަމާންވީ ޢުސްމާނީ ޚިލާފަތު ބައިބައި ކޮށްލާނެ ގޮތަކާމެދު ، ވިކްޓޯރިއާގެ އިއްތިހާދުގައި ހިމެނޭ ، ފަރަންސޭސިވިލާތާއި އިޓަލީވިލާތް އަދި އިނގިރޭސިވިލާތާއި ޖަޕާނުން ހުއްޓައިނުލާ ސައްލާކޮށް މަޝްވަރާ ކުރަމުންގެންދިޔަ ދުވަސް ވަރެކެވެ.  އިޓަލީވިލާތުގެ އުތުރު ހުޅާނގުގައި އޮންނަ ރަށެއްކަމުގައިވާ ސެންރީމޯގައި ، ވިކްޓޯރިއާއަށް ނިސްބަތްވާ  އިއްތިޙާދުން ، ފަލަސްތީނަކީ އިނގިރޭސި ވިލާތުން ޒިންމާވާ ތަނެއްކަމުގައި ކަނޑައަޅައި ، އިނގިރޭސިވިލާތާ ފަލަސްތީނު ޙަވާލުކުރިއެވެ. އެއީ އެޕްރީލް 1920 ގައެވެ. ފަލަސްތީނާމެދު ގޮތެއް ނިންމުމުގައި އެންމެބޮޑަށް ޒުވާބު ހިނގީ ، އިނގިރޭސީންނާއި ފަރަންސޭސީންނާ ދެމެދުގައެވެ. އެއީ ، ފަލަސްތީނާ އިންވެގެންއޮތް ، ލުބުނާނާއި ސޫރިޔާ އޮތީ ފަރަންސޭސީންގެ ބާރުގެ ދަށުގައި ކަމަށްވެފައި ، އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތީ ހަމައެކަނި މިސްރުކަމަށްވާތީއެވެ. އަޅުވެތިކުރާނެ ތަންތަން ބެހުމުގައި ، އިޓަލީވިލާތަށް ލިބިފައި އޮތީ ޖަބަލުލްއަޚުދަރާއި ލީބިއާއެވެ. އެއީ ފަލަސްތީނާ ދުރުގައި އޮތް ދެބައްރެވެ. އޭރުއަދި ވަކި ޤައުމެއްގެ ގޮތުގައި ، އުރުދުންއެއް ނުއުފެދެއެވެ. އުރުދުން އުފެދުނީ 1946 ގައެވެ. ފަލަސްތީނުގެ ބިންފޭރިގަނެ ، ޒަޔަނިސްޓުން އެބިމަށް ވެރިވެގަނެ ، އިޒްރޭލުގެ ނަމުގައި ދައުލަތެއް އުފައްދައި މިނިވަންކަން އިޢުލާންކުރީ އޭގެ ދެއަހަރެއް ފަހުންނެވެ.

އދ އިން ފާސްކުރި " ދެ ދައުލަތުގެ ޙައްލު " އދ ގެ ޢާންމު މަޖިލީހުން ފާސްކުރީ 29 ނޮވެމްބަރ 1947 ގައެވެ. ފަލަސްތީނުގެ މައްޗަށް އޮތް އިނގިރޭސީންގެ ޒިންމާ ދޫކޮށްލީ 1948 ގެ މޭމަހުގެ 14 ވަނަދުވަހުގެ ރޭގެ މެންދަމުއެވެ. އޭގެ ކުރިން 14 މޭ 1948 ވަނަދުވަހު ، ޔަހޫދީންވަނީ ، އެބައިމީހުންގެ ޒަޔަނިސްޓް ދައުލަތެއް ، އިޒްރޭލުގެ ނަމުގައި އުފައްދާފައެވެ. ޒަޔަނިސްޓް އިޒްރޭލުން މިނިވަންކަން އިޢުލާންކުރުމާގުޅިގެން ، އެންމެ ފުރަތަމަ އިޒްރޭލް ބަލައިގަތީ ރޫސީވިލާތުންނެވެ.

އދ އިން ނިންމި ، " ދެ ދައުލަތުގެ ޙައްލު " ގެ ދަށުން ، ފަލަސްތީނަށް ދައުލަތެއް އުފެއްދުމަށް ފުރުޞަތު ނުދީ ، އިނގިރޭސީންނާއި ފަރަންސޭސީން އަދި އެމެރިކާ އިސްވެ ތިބެ ، ޔަހޫދީންނަށް ނިސްބަތްވާ ދައުލަތެއް އުފެއްދުމަށް ނިންމި ނިންމުމަކީ ޢަރަބި ޤައުމުތަކުން ދެކޮޅު ހެދިކަމެކެވެ. އަދި މިކަމާ ދެކޮޅުހަދައި ، ޢަރަބި 6 ޤައުމަކުން އިޒްރޭލާ ހަނގުރާމަ ފެށިއެވެ. އެ 6 ޤައުމަކީ ، މިޞްރާއި ޢިރާޤު ، އުރުދުނާއި ލުބުނާން އަދި ސޫރިޔާއާއި ސުޢޫދީ ޢަރަބިއްޔާއެވެ. މި 6 ޤައުމު އިއްތިޙާދުވެ ، ހަނގުރާމަވެރި ޢަރަބި ލަސްކަރެއް އުފައްދައި ، އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށްޓިއެވެ.

14 މޭ 1948 ގައި ޔަހޫދީން އިޒްރޭލްގެ ނަންދީ އެބައިމީހުންގެ އަމިއްލަ ދައުލަތެއް  އުފެއްދުމާއި ،14 މޭ 1948 ދުވަހުގެރޭ ، ފަލަސްތީނުގެ މައްޗަށް އޮތް އިނގިރޭސީންގެ ޒިންމާ ދޫކޮށްލުމާއި ،  15 މޭ 1948 ގެ ހެނދުނު ، ޢަރަބި 6 ޤައުމުގެ އިއްތިޙާދުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށުން ހިނގީ އެކުއެކުގައި އެންމެ 18 ގަޑިއިރުގެ ތެރޭގައެވެ.

ޢަރަބި އިޒްރޭލުގެ ފުރަތަމަ ހަނގުރާމަ ކަމަށް ބަލާ މި ހަނގުރާމަ ފެށުނީ ، 15 މޭ 1948 ވަނަދުވަހުގެ ފަތިހުއެވެ. ނުވަތަ ހެނދުނު ހެނދުނާއެވެ. 10 މަސްވަންދެން އެ ހަނގުރާމަ ކުރިޔަށް ދިޔައެވެ. ޢަރަބީންގެ އަތުގައި ހަތިޔާރުހުރިވަރަކަށް އޭރު ، ޔަހޫދީންގެ އަތުގައި ހަތިޔާރެއް ނެތެވެ. އެހެންނަމަވެސް ، އިޒްރޭލް އުފައްދަން ޖާނުދިން ސިޙުޔޫނީންގެ އިސްފަރާތްތަކުން ދުނިޔޭގެ މުއްސަނދި ޔަހޫދީންގެ އެހީ ހޯދައިގެން ހަތިޔާރު އެއްކުރަމުން ގެންދިޔައެވެ. އިޒްރޭލަށް ހަތިޔާރު ހޯދުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރި އެކަކީ ، އިޒްރޭލް އުފެއްދުމުގައިވެސް މުހިންމު ދައުރެއް އަދާކުރި ، ގޯލްޑަ މެއަރ އެވެ. ގޯލްޑަމެއަރ އަކީ ، ޔުކްރޭނުގެ ކީވް އިން ، ފަލަސްތީނަށް އައި ޔަހޫދީ އަންހެނެކެވެ.

އެމެރިކާގެ ޔަހޫދީ މުއްސަނދިންގެ އަތުންނާއި ، ކުރިން ގިނަޢަދަދަކަށް ޔަހޫދީން އެތަންތަނުގެ އާބާދީގައި ހިމެނުނު ބައެއް ޤައުމުތަކުން ސިޙުޔޫނީން ، ފައިސާއާއި ހަތިޔާރުގެ އެހީ ހޯދިއެވެ. އިޒްރޭލަށް އެތެރެކުރި ހަނގުރާމަމަތީ އުޅަނދާއި ހަތިޔާރުގެ ބޮޑުބައި އައީ ޗެކޮސްލޮވާކިއާއިންނެވެ. ޖަރުމަނުން ދެވަނަ ބޮޑުހަނގުރާމައިގާ ޗެކޮސްލޮވާކިއާ ހިފީ 15 މާރޗް 1939 ގައެވެ.  ޗެކޮސްލޮވާކިއާއަކީ ، ޖަރުމަނުން ޒަޔަނިސްޓް ޔަހޫދީންނާމެދު ގެންގުޅުނު ހަރުކަށި ސިޔާސަތުގައި ސިޙުޔޫނިއްޔަތަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްޤައުމެވެ. ޗެކްސްލޮވާކިއާގެ ޔަހޫދީ އާބާދީގައި ހިމެނޭ 354 ހާސް ޔަހޫދީންގެ ތެރެއިން 281 ހާސް ޔަހޫދީން ، ނާޒީން މަރާފައި ވެއެވެ. އެތައްހާސް ކުޑަކުދިންނެއް ރޭލަކަށްލާފައި އިނގިރޭސިވިލާތަށް ފޮނުވާލާފައި ވެއެވެ. އެހެންކަމުން ސިޙުޔޫނިއްޔަތަށް ދިރުމެއްލިބިދާނެ ކޮންމެކަމެއް ކުރުމަށް ،  ޗެކޮސްލޮވާކިއާއިން ، އޭރު އޮތީ ތައްޔާރަށެވެ.

ޗެކޮސްލޮވާކިއާއިން އިޒްރޭލަށް ލިބުނު ހަނގުރާމައިގެ އުޅަނދުފަހަރާއި ، ހަނގުރާމަމަތީ ދެ މަތިންދާބޯޓާއި ބޮމާއި ބަޑިފަދަ ތަކެތި އިޒްރޭލަށް ފޮނުވުމުގައި ޔޫގޯސްލާވިއާއިން އެހީތެރިވެދިނެވެ. ޔޫގޯސްލާވިއާއަކީވެސް ޔަހޫދީ އާބާދީ ބޮޑު ޤައުމެކެވެ. ހަނގުރާމައިގެ އުޅަނދާއި ހަތިޔާރު އިޒްރޭލަށް އެތެރެކުރުމަށް ، ޔޫގޯސްލާވިއާގެ އެއްގަމު ބަނދަރާއި ވައިގެ ދެ ބަނދަރު ބޭނުންކުރެވުނެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.