ފަލަސްތީނު : 100 އަހަރުކުރިން (3)

(30 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަލަސްތީނުގައި ފެތުރިގެންދިޔަ ޢިލްމީ އޮއިވަރު ދަތުރުކުރީ އެންމެ މަގަކުންނޫނެވެ. މިސްރާބުޖެހީ އެތައްމަގަކުން އެއް މަންޒިލަކަށެވެ. ޢަރަބި އިސްލާމީ ތަޢުލީމު ދެވުނެވެ. ދީނީ ޢިލްމު އުނގަންނައި ދެވުނެވެ. ފަންނީ ހުނަރާއި އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ ވޮކޭޝަނަލް ތަމްރީންތައް ދެވުނެވެ. ސަރުކާރުން ހިންގާ މަދަރުސާތައް ހުށްޓެވެ. އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތައް ހުށްޓެވެ. ފަށާ ތަޢުލީމާއި މެދު މަދަރުސީ އަދި ސާނަވީ ތަޢުލީމާއި މަތީ ތަޢުލީމުދޭ މަދަރުސާތަކާއި މަޢުހަދުތަކާ އަދި މަރުކަޒުތައް ހުށްޓެވެ.

އިނގިރޭސިބަހުން ކިޔަވައިދޭ މަދަރުސާތަކާއި ރަޝިއާ އަދި ޖަރުމަނުބަސް ކިޔަވައިދޭ ތަންތަން ހުޅުވިފައި ހުށްޓެވެ. ފަލަސްތީނުގެ ބިމުގައި ތަޢުލީމުގެ އޮއިވަރު ފެތުރިގެން ދިޔައީ އެހާ ބާރުމިނުގައި އެހާ އަވަހަށެވެ. އޮބި ނޯންނަ ވަރަށެވެ. ތޫނުފިލި އެތައް ދަރިވަރުންނަކާއި ފަންނީ އެތައް މުދައްރިސުންނެއް އެކުވެގެން ، ފަލަސްތީނުގެ ތަޢުލީމީ ނިޒާމު އުފެދިގެން ކުރިއަރައިގެން ދިޔައީ ، މުޅި ދުނިޔެއަށް މިސާލު ދައްކަމުންނެވެ. އެއީ ޢަރަބި ދުނިޔޭގައި އޮތް އެންމެ ފުރިހަމަ އަދި އެއްވަނަ ދެވޭ ތަޢުލީމީ ނިޒާމަށް ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް ، ފަލަސްތީނުގެ ތަޢުލީމީ ނިޒާމަކީ ޢަރަބި ޤައުމުތަކުގައި އަދި ދުނިޔޭގެ ނިސްބަތުން އެންމެ ފުރިހަމަ ފެންވަރުގައި ދެވޭ ތަޢުލީމީ ނިޒާމަކަށް ވެގެންދާނެއެވެ.

އަލްޤުދްސްގެ މުފުތީއަކަށް ، އަލްޙާއްޖަ މުޙައްމަދު އަމީން އަލްޙުސައިނީ ހަމަޖެހިގެން ދިޔައީ 1921 ގައެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ފުރަތަމަ ރައީސްގެ ޙައިޞިއްޔަތުން ، އަލްޙުސައިނީގެ އެންމެ ފުރަތަމަ ފިޔަވަޅަކަށްވީ ، ފަލަސްތީނުގައި އެވަގުތު ތިބި ޔަތީމު ހުރިހާކުދިން ، އެއްކޮށް އެއްފުރާޅެއްގެ ދަށުގައި ގެންގުޅެ ، އެކުދިން ބަލަހައްޓައި ތަޢުލީމު އުނގަންނައި ދިނުމުގެ އަގުހުރި ޚިދުމަތެވެ. އަލްޙުސައިނީ ފެށްޓެވި މަސައްކަތުގައި ޔަތީމުކުދިންނަށް އުނގަންނައިދޭ މަރުކަޒުތައް އުފެއްދުނެވެ. ވޮކޭޝަނަލް ތަޢުލީމާއި ، ޗާޕްގެ މަސައްކަތާއި ރޭނުމާ އަދި ވަޑާމުގެ މަސައްކަތާއި ، އެކިބާވަތުގެ މެޝިން މަރާމާތު ކުރަން ދަސްކޮށްދޭ ތަންތަން ހުޅުވުނެވެ.

ޢަރަބި ދުނިޔޭގައި ސްކައުޓް ޙަރަކާތް ފެށްޓުނީ ފަލަސްތީނުންނެވެ. އެއީ 1930 ގައެވެ. ސްކައުޓް ޙަރަކާތަކީ ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައިވެސް ދިމާވެދާނެ ކަންތައްތައް ދަސްކޮށްދީ ، ދިރިއުޅުމުގެ ހުރަސްތަކަށް އަހުލުވެރިކޮށް ، އެކަންކަން ޙައްލުކޮށްގެން ދިރިއުޅުން އާބާދުކުރުމަށް ދަސްކޮށްދޭ ހުނަރުތަކުން ފުރިގެންވާ ޙަރަކާތެކެވެ. ސްކައުޓް ފިލޯސަފީ ފުރިހަމަކޮށްފައިހުރި މީހަކަށް ، ދުނިޔޭގެ ދިރިއުޅުމުގައި ދިމާވާކަމެއް ޙައްލުކުރަން ނޭނގި ދުނިޔެ ހުއްޓިފައި ހުންނާކަށް ނުޖެހޭނެއެވެ. ތިމާގެ ދިރިއުޅުން އަޚުލާޤީ މިންގަނޑުތަކަށް ފައްތާނެއެވެ. ފުދުންތެރި ޤަދަރުވެރި އަދި ފަޚުރުވެރި ، ތަފާތު ދިރިއުޅުމަކަށް ، ސްކައުޓުގެ ފިލޯސަފީން މަގުދައްކައިދޭނެއެވެ. ފަލަސްތީނުގެ ވަރަށްގިނަ ދަރިވަރުން ، ސްކައުޓް ޙަރަކާތުގައި ބައިވެރިވިއެވެ.

20 ވަނަ ޤަރުނުގައި ދުނިޔެ ދެކެމުންއައި ހުރިހާ ބަދަލުތަކެއް ފަލަސްތީނުންވެސް ފެނުނެވެ. ތަހުޒީބީ މުޖުތަމަޢެއްގައި ކުރިމަތިވާނެ ހުރިހާ ގޮންޖެހުންތަކެއް ފަލަސްތީނުންވެސް ފެންނަމުން ދިޔައެވެ. ދުނިޔެ ބަދަލުވަމުން އެބަދާކަމުގެ ސިގްނަލް ، ފަލަސްތީނުގެ ބިމުންވެސް ފާޅުވަމުން ދިޔައެވެ.

އިސްއުފުއްލައިގެން ބިންމަތީ ހިނގައި ، ކުރިޔަށް ފިޔަވަޅު އެޅުމަށް ފުރުޞަތު ހޯދައިދިނުމަކީ ،   މާކުރިންވެސް ، އިނގިރޭސީން ، ޒަޔަނިސްޓް ޔަހޫދީންނަށް ވެފައިވާ ވަޢުދެކެވެ. އަދި މިބިންމަތީ ޔަހޫދީ ޒަޔަނިސްޓް ދައުލަތެއް އުފެއްދުމަށް އެހީތެރިވުމަށް ، ޔަހޫދީންނަށް އިނގިރޭސީންވެފައިވާ ޢަހުދެކެވެ. އިނގިރޭސީން ޔަހޫދީންނަށް ވެފައިވާ މި ޢަހުދާއި ވަޢުދަކީ ، ފަލަސްތީނުގެ ބައިބޯ މުސްލިމް އާބާދީއަށް އޮތް ބޮޑު ނުރައްކަލެކެވެ. އޭގެ އިތުރަށް ،  އެއީ ޚުދު ފަލަސްތީނުގެ ދެމިއޮތުމާއި ނެތިދިއުމާ ގުޅިފައިއޮތް ވަޢުދެކެވެ.

މީގެ 100 އަހަރުކުރިން ، ފަލަސްތީނަކީ މިއަދުގެ ފަލަސްތީނާ ހާސްބައި ތަފާތު ތަނެކެވެ. އެއީ އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައިވާ ތަނެއް ހެއްޔެވެ ؟ ނުވަތަ ބައެއްމީހުން ބުނާގޮތަށް އެއީ ވަކިބަޔަކަށް ނިސްބަތްނުވާ ހުސްބިމެއް ހެއްޔެވެ ؟ މިސުއާލުގެ ޖަވާބެއް ހޯދަންބަލާއިރު ، އަލްޤުދްސްގައިވަނީ ، ދުނިޔެއާ ގުޅިފައިވާ ވިޔަފާރީގެ މައިނާރެހެއް ޤާއިމް ކޮށްފައެވެ. މުއްސަނދި ، ސަޤާފީ ތަރިކަތަކެއް ލިބިގެންވާ ދިރުންހުރި ޖީލެއް ބިނާކޮށްފައެވެ. ދަތުރުފަތުރުގެ ފުރިހަމަ ވިއުގައެއް ޤާއިމް ކޮށްފައެވެ. މެދުއިރުމަތި ފަޚުރުވެރިވާފަދަ ތަޢުލީމީ ނިޒާމެއް އުފަން ކޮށްފައެވެ. މެޑިޓަރޭނިއަން ކަނޑުން ލާފައި ދުނިޔެއާ ގުޅިލާމެހިފައިވާ ވިޔަފާރި ބަނދަރެއް ހުޅުވާފައެވެ. އިޖްތިމާޢީ ޢަދާލަތުގެ އިންސާފުން ހަމަހަމަކަން ލިބޭ ޝަރުޢީ އަދި ޤާނޫނީ ، އިދާރީ ދުސްތޫރެއް ލިޔެވިފައެވެ.

މިހުރިހާކަމެއް ފުރިހަމަވެގެންވާ ޒުވާންޖީލެއްގެ އަގުހުރި މަސައްކަތުން ، ފަލަސްތީނުގެ މައްޗަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ޢަރަބި ދުނިޔޭގެ ޢިލްމުވެރިންނާއި ، ލިޔުންތެރިންނާއި ފަންނާނުންގެ ސަމާލުކަން ލިބުނެވެ. ފިލްމު އުފެއްދުމާއި ކުޅިވަރުތައް ތަރައްޤީކޮށް ޤައުމީ މުބާރާތްތައް ބޭއްވެމުންދިޔަ ، ރައްޔިތުންގެ ވެރިކަމެއްގެ ފުރިހަމަ ނިޒާމެއް އޮތެވެ.

ޔާފާގެ މުނިސިޕަލް ކައުންސިލުން އިސްނަގައިގެން ، ފަލަސްތީނުގައި ޢަރަބި އޮލިމްޕިކް މުބާރާތް ބޭއްވިއެވެ. ޕަލަސްތީނުގެ ޒުވާނުން އެކި މުބާރާތްތަކުން ވަނަހޯދައި އޮލިމްޕިކް މެޑެލް ޙާޞިލް ކުރިއެވެ. ބޮކްސިންއަކީ އުރުދުނާއި ޢިރާޤުގައި ވަރަށް މަޝްހޫރު ކުޅިވަރެކެވެ. ފަލަސްތީނުގެ ޒުވާނުން ، ބޮކްސިންގ އިންވެސް ވަނަތައް ޙާޞިލް ކުރިއެވެ.

ހަރުދަނާ އިޤްތިޞާދަކާއެކު ، ސަޤާފީ ތަރިކައަކާ އެއްގޮތަށް ، ސިޔާސީ ޙަރަކާތްތައްވެސް ފަލަސްތީނުގައި އުފެދިގެން ހިނގައްޖެއެވެ. ފަލަސްތީނުގެ ރަސްމީ ކަންކަން ބެލެހެއްޓުމަށްޓަކައި ފަލަސްތީނު ރޯޔަލް ކަމިޝަންގެ ނަމުގައި ސަރުކާރުގެ މުއައްސަސާތައް ހިންގޭ އޮފީސް ޢިމާރާތެއް ، 1936 އިންފެށިގެން ، އަލްޤުދްސްގައި ހުރީ ޤާއިމްކުރެވިފައެވެ.

ޢުސްމާނީ ޚިލާފަތުގެ ވެރިކަމުގައި ، ޢުސްމާނީ ވެރިކަމުގެ ޗެމްބަރގެ ނައިބުންނާއި ޢުސްމާނީ ވެރިކަމުގެ ލޯވަރ ހައުސް ނުވަތަ ، ރައްޔިތުންގެ މަޖިލީހުގެ ދަށުގޭގައި ފަލަސްތީނުގެ މެންބަރުން ތަމްސީލު ކުރިއެވެ.

1918 ގައި ، ފުރަތަމަ ބޮޑުހަނގުރާމަ ނިމި ، ޢުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުން ފަލަސްތީނު ވަކިވެ ، އިނގިރޭސީންނާ ގުޅިފައިވާ އިއްތިޙާދުގެ ދަށަށް ފަލަސްތީނު ދިޔައެވެ. އެއީ ފަލަސްތީނުގެ މުސްތަޤްބަލް ބަދަލުކޮށްލި ޕޮއިންޓެވެ. އަނދިރިކަމާއި އަލިކަމާ ދެކަމުން އެއްކަމެއް ، ފަލަސްތީނުގެ މުސްތަޤްބަލަށް އެޅިގެންދާނެ ނާޒުކު ފައްތަރަކަށްވީ ވަގުތެވެ.

ގިނަބަޔަކު ހީކުރިގޮތަށް ، ފުރަތަމަ ބޮޑުހަނގުރާމައިގާ ޢުސްމާނީ ޚިލާފަތުގެ ވެރިކަމާ ގުޅިފައިވާ އިއްތިޙާދު ބަލިވެ ، އިނގިރޭސީން ބައިވެރިވެފައި އޮތް އިއްތިޙާދަށް ކާމިޔާބު ލިބުމާގުޅިގެން ، ފަލަސްތީނު ނޫނަސް ، މުޅި އެ ސަރަޙައްދަށް ވެރިގެންދިޔައީ ބަނަކަމެވެ. އިނގިރޭސީންގެ ވަސްޖެހިއްޖެ ތަނެއް ތަޣައްޔަރުނުވެ ނުދާނެކަން ތާރީޚުން ދައްކައިދޭ އެ ޙަޤީޤަތް ފަލަސްތީނުގެ މައްޗަށްވެސް މުޞީބާތެއްގެ ގޮތުގައި ކުރިމަތިވިއެވެ. އިއްތިޙާދުގައި ނަގާކިޔަންތިބި އިނގިރޭސީންނާއި ފަރަންސޭސީންނަށް ، ފަލަސްތީނާމެދު ވަކިގޮތެއް ނުނިންމުނެވެ. އެންމެފަހުން ، ފަލަސްތީނާމެދު ފަހުން ގޮތެއް ނިންމަން އެއްބަސްވެ ، އިނގިރޭސީންގެ މޭންޑޭޓްގެ ދަށުގައި ފަލަސްތީނު ބޭއްވުމަށް ނިންމިއެވެ.

އިނގިރޭސި މޭންޑޭޓެކޭ އެކިޔާ އިނގިރޭސި ޙިމާޔަތް ، ފަލަސްތީނުގެ މައްޗަށް ފާ ވުމާގުޅިގެން ، ފަލަސްތީނުގެ ސިޔާސީ ޙަރަކާތްތައް އަލްޤުދްސްގައި އުފެދިގެން އައެވެ. މި ޙަރަކާތުން އެދެމުން ގޮވައިލަމުންގެންދިޔައީ ، ފަލަސްތީނުގެ މިނިވަން ދައުލަތަކަށެވެ. ފަލަސްތީނުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ، އެއްވުންތައް ބާއްވައި ، އެކި ތަންތަނުގައި ބައްދަލުވުންތައް އިންތިޒާމްކޮށް ، މިނިވަންކަމުގެ ބަހުސް ގެ އަޑުގަދަވަމުން ، އެއަޑަށް ރައްޔިތުން ހޭނެމުން ދިޔައެވެ. ސިޔާސީ އިސް ޙަރަކާތްތެރިންގެ އަޑަށް ބާރުލާފައި ގޮވަމުން ގެންދިޔަ ، " މިނިވަން ފަލަސްތީނު " ގެ އަޑު ، މެދުއުޑުގައި ގުގުމައިގެން ދިޔައެވެ.

ފަލަސްތީނުގެ ޢަރަބި ކޮންގްރެސްއެއް ، ފުރަތަމަ ފަހަރަށް ބޭއްވުނީ  1919 ވަނަ އަހަރުއެވެ. މި ބައްދަލުވުން ބޭއްވުނީ ފަލަސްތީނުގެ ޢަރަބި މުސްލިމުންނާއި ފަލަސްތީނުގެ ނަޞާރާއިންގެ މެދުގައެވެ. އިނގިރޭސި މޭންޑޭޓުން ބާރުއެޅީ ހުރިހާ ސިޔާސީ ޙަރަކާތެއް އެއްބާރެއްގެ ދަށަށް އައިސް އެންމެން އިއްތިޙާދު ވުމަށެވެ. އެހެންނަމަވެސް ، ފަލަސްތީނުގެ ހުރިހާ ވިޔަފާރިވެރިން ގުޅުނީ ފަލަސްތީނުގެ މިނިވަން ވެރިކަމެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ، ސިޔާސީ ޙަރަކާތް ނިސްބަތްވާ ޢަރަބި މުސްލިމުންނާއެވެ. ކަމުވޮށިވެގެންވާ އިސް ހުރިހާ ވިޔަފާރިވެރިން ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިންޑިޕެންޑެންޓް ޕާޓީއާ ގުޅުނެވެ. ނެޝަނަލް ޑިފެންސް ޕާޓީ އާއި އަލްޙުސައިނީގެ ޢާއިލާއާ ގުޅުންހުރި އެހެނިހެން ސިޔާސީ ޕާޓީތައް ، ފަލަސްތީނުގެ މިނިވަންކަމަށް ކުރެވެމުންދިޔަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވިއެވެ.

ފަލަސްތީނުގެ އިޤްތިޞާދިއްޔަތު އޭރު އޮތީ ރަނގަޅު ހިސާބެއްގައެވެ. އެންމެންނަކީވެސް ، އަމިއްލަ ފުދުންތެރިކަމުގައި ދިރިއުޅުން ހަމަޖައްސައިގެން އުޅެވޭފަދަ ތަނަވަސްކަމެއް ލިބިފައިވާ ބަޔެކެވެ.

ވޯލްޑް އިސްލާމިކް ކޮންގްރެސްގެ ތާރީޚީ ބައްދަލުވުމެއް 1931 ގައި ، ފަލަސްތީނުގެ ބިމުގައި އަލްޤުދްސްގައި ބޭއްވުނެވެ.  މި ކޮންގްރެސް ބޭއްވުނީ އެއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. މިމުހިންމު ބައްދަލުވުން އިންތިޒާމް ކުރެވިގެންދިޔައީ ، އަލްޤުދްސްގެ މުފްތީ މުޙައްމަދު އަމީން އަލްޙުސައިނީ އާއި އިންޑިއަން ޚިލާފަތުގެ ކޮމިޓީގެ ލީޑަރު މައުލާނާ ޝައުކަތު ޢަލީގެ އެދިވަޑައިގަތުމަށެވެ. މިފަދަ ތާރީޚީ އެހެން އެއްވެސް ޙަރަކާތެއް ، 20 ވަނަ ޤަރުނުގެ ތެރޭގައި ފަލަސްތީނުގައިވެސް އަދި މެދުއިރުމަތީގައިވެސް ،  ބޭއްވިފައެއް ނުވެއެވެ. ދުނިޔޭގެ ޢަރަބި އަދި މުސްލިމް  25  ޤައުމަކުން 150 މަންދޫބުން ، މި ކޮންގްރެސްގައި ބައިވެރިވިއެވެ. އަލްޤުދްސްގައި ބޭއްވުނު މި ކޮންގްރެސް 10 ދުވަހަށް ދެމިގެން ދިޔައެވެ. ކޮންގްރެސްގެ މަންދޫބުން އެތައް ކޮމިޓީތަކަކަށް ބެހި ، ސިޔާސީ މުހިންމު އެތައް ނިންމުންތަކެއް ، މިކޮންގްރެސް އިން ނިންމިއެވެ.

ކޮންގްރެސްގައި ޚިޔާލު ފާޅުކުރުމާއި ސިޔާސީ ކަންކަން ނިންމުމުގައި ، މޭންޑޭޓަރީ އޮތޯރިޓީ ނުވަތަ އިނގިރޭސި ވިލާތަށް ބެލުމެއް އަދި ޖެހިލުމެއްނެތި ކަންކަން ނިންމައިގެން ނުވާނެކަމަށް ، ކޮންގްރެސްގައި ޚިޔާލުފާޅު ކުރެވުނެވެ. އެހެނަސް ، އެކަން ދިޔައީ އެގޮތަކަށް ނޫނެވެ. ކޮންގްރެސްގައި ޚިޔާޅުފާޅުކޮށް ، ސިޔާސީ ނިންމުންތައް ނިންމުނީ ، އިނގިރޭސީންގެ ނުވަތަ އިސްތިޢުމާރީ ބާރުތަކުގެ އަޅުވެތިކަމާ ދެކޮޅަށެވެ. ފަރަންސޭސިވިލާތުން މަޣުރިބް އަޅުވެތިކުރުމާ ދެކޮޅަށް ވާހަކަ ދެކެވުނެވެ. އިޓަލީވިލާތާއި އެބައިމީހުންގެ ބައިވެރިން ، އަލްޖަބަލުލްއަޚުދަރާއި ލީބިއާ އަޅުވެތިކުރުމާ ދެކޮޅު ހެދިއެވެ. ފަރަންސޭސީން ލުބުނާނާއި ސޫރިޔާ އަޅުވެތިކުރުމާ ދެކޮޅު ހެދިއެވެ. އަދި ، އިނގިރޭސީން ފަލަސްތީނު އަޅުވެތިކުރުމާވެސް ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އަލްޤުދްސްގައި ބޭއްވުނު ، ވޯލްޑް އިސްލާމިކް ކޮންގްރެސް ގެ އެ ބައްދަލުވުމުގެ މުޅިރޫޙު އޮތީ އަޅުވެތިކަމާ ދެކޮޅަށެވެ. ކޮންގްރެސްގެ ނިންމުންތައް ނިންމީވެސް ، އިސްތިޢުމާރީ ބާރުތަކުގެ އަޅުވެތިކަމާ ދެކޮޅަށެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ނެތެވެ. މެދުއިރުމަތީގެ މުޅި އެ ސަރަޙައްދު އޮތީ ، އިސްތިޢުމާރީ ބާރުތަކުން އަޅުވެތިކޮށްފައެވެ.

އޯގަސްޓް 1914 ގައި ، ފުރަތަމަ ބޮޑުހަނގުރާމަ ފެށުނުއިރު ، މިޞްރުގައި އޮތީ ގޮތްނޭނގޭ ވެރިކަމެކެވެ. 1882 އިންފެށިގެން މިޞްރުއޮތީ އިނގިރޭސިވިލާތުގެ ކޮލޮނީއެއްގެ ގޮތުގައި އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އެކަން އެހެން އޮތްނަމަވެސް ، ޤާނޫނީގޮތުން ، މިޞްރު ބެލެވެމުން ގޮސްފައިވަނީ ، ޢުސްމާނީ ޚިލާފަތުގެ ދަށުގައިވާ ސަހަރެއްގެ ގޮތުގައެވެ. އިނގިރޭސީންގެ އަޅުވެތިކަމުގައި ތިންދަރަޖައެއްގައި މިޞްރު އޮތެވެ. 1882 އިން 1913 އާ ހަމަޔަށް މިޞްރުއޮތީ ، ޢުސްމާނީ ޚިލާފަތުގެ ސަހަރެއްގެ ގޮތުގައި ، އިނގިރޭސިވިލާތުގެ ޙިމާޔަތް ލިބިގެންވާ ތަނެއްގެ ގޮތުގައެވެ. 1914 އިންފެށިގެން 1922 އަށް ، މިޞްރު އޮތީ ރަސްމީގޮތުން ، އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި ، 1922 އިންފެށިގެން 1956 އާހަމަޔަށް ، މިޞްރުގެ އިސްތިޢުމާރީ އަޅުވެތިކަން އިނގިރޭސިވިލާތުން ދަމަހައްޓާފައި ވެއެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުވެސް މިޞްރުއޮތީ އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައެވެ.

ފަލަސްތީނުގެ އަލްޤުދްސްގައި 10 ދުވަހުގެ މުއްދަތަށް ބޭއްވުނު ، ވޯލްޑް އިސްލާމިކް ކޮންގްރެސްގެ ތާރީޚީ ބައްދަލުވުމުގައި ފަލަސްތީނާބެހޭގޮތުންވެސް ޚާއްޞަ ނިންމުންތަކެއް ނިންމިއެވެ. އޭގެ މުހިންމު އެއްނިންމުމަކީ ، އަލްއަޤްޞާ މިސްކިތަށް ނިސްބަތްވާ ޔުނިވަރސިޓީއެއް އުފެއްދުމެވެ. މި ޔުނިވަރސިޓީ އުފެއްދިނަމަވެސް ، ނަސީބު ކަންދިމާކުރިގޮތުން ، އެހާ ގިނަދުވަސްވަންދެން ، ޔުނިވަރސިޓީ ހިންގިފައެއް ނުވެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.