ފަލަސްތީނު : ސަތޭކަ އަހަރުކުރިން (2)

(29 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިޤްތިޞާދީ ކޮންމެ ޙަރަކާތަކީވެސް ، އިންސާނީ ވަޞީލަތް ، އޭގެ ވަށައިގެން މަސްހުނިވެ އިތުރުވަމުންގޮސް ، ބޮޑު ޞިނާޢަތެއްގެ ސިފަޖެހިގެން ، އެތަނެއްގައި ދިރިއުޅޭ އާބާދީ އިތުރުވެގެންދާނެ ކަމެކެވެ. ޙިޖާޒުގެ ރޭލުގެ ވިއުގަ ، ލުބުނާނާއި ސޫރިޔާ އަދި މިޞްރާއި އުރުދުންއާ އަދި ޢިރާޤުގެ ތެރެޔަށް ދަތުރުކޮށް ފުޅާވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ، ފަލަސްތީނުގެ ވިޔަފާރީގެ މައިމަރުކަޒުތައްކަމުގައި ބެލެވޭ ، އަލްޤުދްސާއި ޣައްޒާ އަދި ޙައިފާއާއި ޔާފާއަށް ، ޙިޖުރަކުރަމުންދިޔަ ޢަރަބީންގެ ޢަދަދު އިތުރުވަމުން ދިޔައެވެ. ޔަމަނާއި މަޣުރިބުން އަދި ލުބުނާނާއި ސޫރިއާ އަދި މިޞްރާއި ޢިރާޤުގެ އެތައްހާސް ޢާއިލާއެއް ފަލަސްތީނަށް ޙިޖުރަކޮށް ދިރިއުޅެން ފެށްޓިއެވެ. އެއީ ، އެކި ޞިނާޢަތްތަކުގައި އުފެދިގެންދިޔަ މަސައްކަތްތަކުގައި ވަޒީފާ އަދާކުރާށާއި ، އެ ޞިނާޢަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ، ވިޔަފާރިތައް ފުޅާކުރުމުގެ ވިސްނުމުގައި ފަލަސްތީނަށް ޙިޖުރަ ކުރަމުންދިޔަ ބަޔެކެވެ. އެ ބައްރުގެ އެހެން އެއްވެސް ސަހަރެއްގައި އިޤްތިޞާދީ ޙަރަކާތް ފުޅާވެފައިނެތްވަރަށް ފަލަސްތީނުގައި ވިޔަފާރިއާއި އިޤްތިޞާދާ އަދި އެކި ޞިނާޢަތްތައް އުފެދި ތަރައްޤީވަމުން ދިޔައެވެ. އިތުރުވަމުންދިޔަ އާބާދީއާ ގުޅިގެން ، ފަލަސްތީނުގެ އިޤްތިޞާދީ ދުވެލި އެތައް ގުނަޔަކަށް ފަށްފަށްވެ އިތުރުވެގެން ދިޔައެވެ. ދަތުރުފަތުރާއި މުއާޞަލާތް އަދި ޢުމްރާނީ ތަރައްޤީ އިތުރު ހަރުފަތްތަކަކަށް އުފުލިގެން ދިޔައެވެ. ސަޤާފީ ފަތުރުވެރިކަމެއް އުފެދި ، ފަތުރުވެރިކަމުގެ ފޮނިމީރުކަން އިތުރުވެ ، ދުރު ސަހަރުތަކުން ، ފަލަސްތީނަށް ޒިޔާރަތްކުރަމުން ގެންދިޔަ މީހުންގެ ޢަދަދު އިތުރުވަމުން ދިޔައެވެ.

ދަނޑުވެރިކަން އިތުރަށް ފުޅާވެ ، ފަލަސްތީނުގެ މޭވާގެ ބާޒާރަށް ބަހާރު މޫސުމް އައިސް ދަނޑުތަކުގެ ނަފާއިން ދަނޑުވެރިން މުއްސަނދިވަމުން ދިޔައެވެ. ބަދަވީން ، ކުރިން ދަނޑުވެރިކަން ކުރަމުން އައި ބޯދާ ހަމަތައް ނެތި ، ދަނޑުވެރިކަން ޒަމާނީކުރެވިގެން އުފެއްދުންތައް އިތުރުވަމުން ދިޔައެވެ.

ހުޅުވިފައިވާ މިނިވަން އިޤްތިޞާދަކަށް ފަލަސްތީނު ހުޅުވި ، އަވަށްޓެރި ސަހަރުތަކުން އިންވެސްޓަރުން އައިސް ޙައިފާއާއި ޤުދްސްގައި އިންވެސްޓްކޮށް ، ވިޔަފާރީގެ އާބާބެއް ހުޅުވިގެން ދިޔައެވެ. ލުބުނާނާއި ސޫރިޔާގެ މުއްސަނދި ވިޔަފާރިވެރިންގެ ވިޔަފާރި ގޮފިތައް ޙައިފާއާއި އަލްޤުދްސްގައި ހުޅުވައި ، އެބައިމީހުންގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުންތައް ހޯދަމުން ގެންދިޔައެވެ. ހަމައެއާއެކު ، އިޖްތިމާޢީ ޢަދާލަތާއި ، ޤާނޫނާއި ޤަވާޢިދުތައް ހަރުދަނާކުރެވި ، އިންސާފާއި ހަމަހަމަކަމުގެ ޢަދުލުވެރި ޝަރުޢީ ނިޒާމެއް ޤާއިމްކުރެވި ، ތަންފީޒު ކުރެވެމުން ދިޔައެވެ. ޔާފާގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ބިދޭސީންނަކީ ، ލައިސަންސެއް އޮވެގެން މަސައްކަތް ކުރުމުގެ ހުއްދަ ދެވޭބަޔަކަށް ހެދުނެވެ. އެކަންކަން ކަށަވަރުކޮށްދޭ ތާރީޚީ ލިޔުންތައް ، އަލްޤުދްސްގެ ޢަރުޝީފުތަކުގައި މިހާރުވެސް ފެންނަން އެބަހުއްޓެވެ. އަދި އަވަށްޓެރި ޤައުމުތަކުގެ ތާރީޚާ ގުޅި ، އެތަންތަނުގެ ޢަރުޝީފުތަކުގައިވެސް ، ތާރީޚުގެ އެ ހެކިތައް ރައްކައުކުރެވިފައި އެބަހުއްޓެވެ.

ފަލަސްތީނުގައި ހިނގަމުންދިޔަ ، ޢުސްމާނީ ޚިލާފަތުގެ ވެރިކަމުގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތު އާއުސްމިންތަކަކަށް އުފުލި ، ފަލަސްތީނުގައި އުފެދި ، ފެތުރި ފުޅާވަމުންދިޔަ ، ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ތަރައްޤީކޮށް ފުޅާކުރަމުން ގެންދިޔައެވެ. ޔާފާގެ ވޔަފާރި ބަނދަރު ބޮޑުކޮށް ، ޚިދުމަތްތައް އިތުރުކޮށް ފަސޭހަ ކުރަމުން ގެންދިޔައެވެ. ފަލަސްތީނުގެ އެކި ސަރަޙައްދުތަކުންނާއި އަވަށްޓެރި ޤައުމުތަކުން ޔާފާއަށް ހިޖުރަކުރަމުން ގެންދިޔަ މީހުން ވަރަށް ގިނައެވެ.

ޙިޖާޒުގެ ރޭލުދަތުރުފަތުރުގެ ޙަރަކާތްތަކަކީ ، ފަލަސްތީނުގެ ކުރިއެރުމުގެ ކޮންމެ ކަމަކާ ގުޅި ލާމެހިފައި އޮތް މުހިންމު ޙަރަކާތެކެވެ. ރޭލުދަތުރުތަކުގެ މަޢުމޫލާތު ، ފަލަސްތީނުގެ ރޭޑިއޯއިން މެދުނުކެނޑި ގެނެސްދޭނެއެވެ. އެންމެ ފަސްމިނެޓެއްހާއިރަށް ރޭލު އައުން ލަސްވިޔަސް އެއީ ވަރަށްގިނަބަޔެއްގެ ދިރިއުޅުމާ ގުޅިފައި އޮންނަ ކަމެކެވެ. ވިޔަފާރީގެ ގުޅުންތަކަށް އޭގެ އަސަރު ކުރެއެވެ. އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރަން ކަނޑައަޅާފައި އޮންނަ ގަޑިޔަށް އޭގެ އަސަރު ކުރެއެވެ. ވިޔަފާރީގެ އެކިނިންމުންތަކަށް ކިޔާފައި އޮންނަ ގަޑި ކަޓައެވެ. ރޭލުމަގުން ، އެއްތަނުން އަނެއްތަނަށް އުފުލޭ މުދަލާއި ފަސިންޖަރުން އެތަންތަނަށް ދާންވާ ގަޑި ޖެހެއެވެ.

ފަލަސްތީނުގެ މައި ސަހަރުތަކަކީ ، އެކިބާވަތުގެ ތަކެތި އުފައްދާ ކާރުޚާނާތައް އުފެދެމުން ، މަޝްހޫރުވަމުންދިޔަ ތަންތަނެވެ. ކޮންމެ ސަހަރެއްވެސް ޚާއްޞަވެގެންދިޔައީ ވަކިބާވަތެއްގެ އުފެއްދުން ތަކަކަށެވެ. ނާބްލަސް އަކީ ، ލޮނު އުފެއްދުމަށް ޚާއްޞަ ސަހަރަކަށް ވެގެންދިޔައެވެ. ހެބްރޯން އަކީ ލެދަރގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަވެގެންދިޔަ ސަހަރެކެވެ. ގެދޮރު ޢިމާރާތްކުރުމުގެ ތަކެއްޗަށް ވަކި ސަހަރެއް އަދި ތެޔޮއުފެއްދުމުގެ މަސައްކަތަށް ވަކި ސަހަރެއް ޚާއްޞަކުރެވިފައި އޮތެވެ.

މަޢުދަނުން އުޅަނދުފަހަރަށް ބޭނުންވާ ސްޕެއަރ އުފައްދާ ކާރުޚާނާއެއް ޙައިފާގައި ހުށްޓެވެ. އެއީ ، ދަނގަޑުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ތަކެއްޗަށް ޚާއްޞަ ކާރުޚާނާ އެކެވެ. އެކި ކާރުޚާނާތަކުން އެކިބާވަތުގެ މުދާ އުފައްދަމުން ގެންދާއިރު ، އެތަންތަނަކީ އެތަނަކުން އުފައްދާ ތަކެއްޗާބެހޭ ޢިލްމު ކިޔަވައިދޭ މަދަރުސާ ތަކެކެވެ. އެކަމަކާބެހޭ ފަންނީ ހުނަރު ދަސްކޮށްދޭ ތަންތަނެވެ.

އުފެއްދުންތެރިކަމުގެ ޙަރަކާތްތައް އިތުރުވަމުންދިޔަނަމަވެސް ، ދިރިއުޅުމަށް ލިބެމުންދާ މުއްސަނދިކަމާ ގުޅިގެން ، ދިރިއުޅުމުގެ ބޭނުންތަކަށް އަގުބޮޑު ތަކެތި ހޯދުމަށް ހިތްކިއުމަކީ އިންސާނީ ތަބީޢަތުގައި އޮންނަ ސިފައެކެވެ. ތަނުގައި އުފައްދާ ތަކެއްޗަށްވުރެ ، ބޭރުން އެތެރެ ކުރެވޭ ތަކެއްޗަށް އަބަދުވެސް ހިތްކިޔާނެއެވެ. އުފެއްދުންތެރިކަމުގެ އިޤްތިޞާދު ކުރިއަރައިގޮސްފައިވީނަމަވެސް ، ދިރިއުޅުމުގައި ބޭނުންކުރެވޭ އަގުބޮޑު ތަކެތި ބޭރު ޤައުމުތަކުން ފަލަސްތީނަށް އެތެރެ ކުރެވެމުން ދިޔައެވެ. ބައިސްކަލާއި ކާރު އަދި ލަވަޖަހާ ކޮށްޓާފޮށިފަދަ ޒަމާނީ ތަކެއްޗަކީ ބޭރުން އެތެރެކުރެވޭ ތަކެއްޗެވެ. ދުނިޔޭގައި އަލަށް އުފެދޭ ކޮންމެއެއްޗެއްވެސް ލަހެއްނެތި ފަލަސްތީނަށް އެތެރެ ކުރެވޭނެއެވެ. ލަވަފޮށްޓަކީވެސް އޭގެ ތެރެއިން އެކައްޗެކެވެ. ޢަރަބީންނަކީ ޢާންމުގޮތެއްގައި ސަޤާފީ މިއުޒިކަށް ލޯބިކުރާ ބަޔެކެވެ. ދުނިޔޭގައި ކޮށްޓާފޮށި އުފެއްދުމާއެކު ، ފުރަތަމަ އެތެރެ ކުރެވުނު ޤައުމަކަށް ފަލަސްތީނު ވެގެންދިޔައެވެ. އެއީ އަގު ބޮޑު އެއްޗެކެވެ. އެހެނަސް ، ފަލަސްތީނުގެ އެކި ސަހަރުގެ އެތައް ގެޔަކަށް އަޑުފޮށި ހޯދިއެވެ. ފަލަސްތީނަށް އެންމެ ފުރަތަމަ އަޑުފޮށި އެތެރެކުރީ ، ބޮޓާޖީ އެވެ ކިޔާ ކުންފުންޏަކުންނެވެ.

ދޮށީޢުމުރުގެ މީހުން ބުނާގޮތުގައި ޙާއިފާގެ މަގުތަކުން މިއުޒިކްގެ އަޑު ކަނޑައިގެން ނުގޮސް އިވިއިވި ހުންނާނެއެވެ. މިޞްރުގެ ލަވަކިޔާ މަޝްހޫރު ފަންނާނުންނާއި ޢަރަބި ލަވަކިއުންތެރިންގެ ހިތްގައިމު ލަވަތައް ޙައިފާގެ މަގުމަތިން ނުއިވޭ އިރެއް ނުދާނެއެވެ. ގޭގެއިންވެސް މިއުޒިކާއި ލަވައިގެ އަޑު އިވެމުންދާނެއެވެ. އެކަމުން ދައްކައިދެނީ ނުވަތަ ރަމްޒުކޮށްދެނީ ، ތަނުގައި އޮތް ހަމަޖެހުމާއި އަމާންކަމެވެ. ދިރިއުޅުމާ ގުޅިފައި އޮންނަ އުފާވެރިކަމެވެ.

ދިރިއުޅުމަށް ބޭނުންކުރެވޭ ލަގްޒަރީ އެއްޗެއްގެ ގޮތުގައި ، ފަލަސްތީނުގައި ކާރު ބޭނުންކުރަން ފެށުނީ 1920 ގައެވެ. އަގުބޮޑު ލަގްޒަރީ ކާރު ވިއްކާ ތަންތަނާއި ޝޯރޫމްތައް ޙައިފާގެ ބާޒާރުމަތީ ހުޅުވިގެން ދިޔައެވެ. މިކަމުން ރަމްޒުކޮށްދޭ އެތައްކަމެއް ހުންނާނެއެވެ. ތަނުގައި ދިރިއުޅޭމީހުންގެ ދިރިއުޅުމަށް ލިބުނު ކުރިއެރުން އެއީ އެއްކަމެކެވެ. ތަނުގައި އުފެދޭ ތަހުޒީބާއި ތަމައްދުންގެ ވައިރޯޅި އެއީވެސް އެއްކަމެކެވެ. އަދި އެއަށްވުރެ މުހިންމު ކަމަކީ ، ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ކުރިއެރުމެވެ. ބިނާކުރެވެމުންދިޔަ އިޤްތިޞާދީ ބިންގަލުގެ މަތީގައި އުފެދެމުންދިޔަ އެކި ޞިނާޢަތްތަކަށް ދިރުންލިބިގެން ދިޔައެވެ. މުއްސަނދީންނާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ލިބިގެންދިޔަ ފަސޭހައެވެ. ޢާންމު ގޮތެއްގައި ވާރޭ ނުވެހުނަސް ، ވިއްސާރަ މޫސުމުގައި ، ދަތުރުފަތުރަށް އެޅިފައިއޮތް ހުރަސް ނެތިގެން ދިއުމެވެ. މަގުމަތި ބެލެހެއްޓުމަށްޓަކައި ޓްރެފިކް ޕޮލިހުން ޚާއްޞަކުރެވި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް ، ޓްރެފިކް ޕޮލިހުން މަގުތަކަށް ނެރެވުނެވެ.

އެއްގަމު އުޅަނދު އިތުރުވުމާއެކު ، ބޮޑެތި މަގުތަކުގައި ތާރުއެޅި ، މަގުތައް ހެދިގެން ދިޔައެވެ. ހައިވޭތައް އުފެއްދުނެވެ. އަދި ހަމައެކަނި ފައިމަގުގައި ހިނގާ މަގުތައް ޚާއްޞަ ކުރެވުނެވެ. ޔޫރަޕްގެ ކުރިއަރާފައިވާ ޤައުމުތަކުގައި އޮންނަފަދަ ، ލޭނުތައް މަގުތަކުގައި ދެމި ، މީހުން ހިނގަން މަގުގެ ދެފަރާތުގައި ތަންހެދި ބައިސްކަލަށް ޚާއްޞަ ލޭނު އުފެއްދުނެވެ. މަގުހުރަސްކުރާ ނިޒާމުން މަގުބައްތި ޖެހި މަގުހުރަސްކުރަން ހުއްދަދޭ ލައިޓް ހަރުކުރެވުނެވެ.

ފަލަސްތީނުގެ ރީތި ތާރީޚުގެ ޞަފުޙާތައް ކިޔައިދޭ ބައެއްމީހުން އެ ތާރީޚު ކިޔައިދެމުންދާއިރު ، ހަނދާން ނައްތައިލެވޭ ބައެއްކަންކަން ހުރެއެވެ. ޚާއްޞަކޮށް ، ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލުއައިސް ، މުޖުތަމަޢުގެ ވިސްނުމާއި ފިކުރު ބަދަލުވަމުން އައިގޮތް އެއީ ގިނަމީހުންގެ ހަނދާނުގައި އޮންނަކަމެއްނޫނެވެ. އެކަންކަން ބަދަލުވުމުގެ ޢަލާމާތްތައް ފާޅުވާން ފެށީ 19 ވަނަ ޤަރުނު ދެބައިވީތަނާއެވެ. އެބަދަލުތައް ގިނަމީހުންނަކަށް އިހްސާސެއް ނުކުރެވެއެވެ. ދިރިއުޅުމުގެ ޙާލަތަށް އެއައި ބަދަލުތައް ވަކިކޮށް ދެނެގަނެވޭވަރަށްވުރެ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން އުފާވެރިއެވެ. ދިރިއުޅުމަކީ ، އަބަދުވެސް ކުރިއަރުވަން ބޭނުންވާ އެއްޗެކެވެ. އާގޮތްތަކަށް އިންސާނާ އަބަދުވެސް  ހިތްކިޔާނެއެވެ. އިތުރު ތަނަވަސްކަމާއި ދިރިއުޅުން ފަސޭހަވުމަށް އަބަދުވެސް ބޭނުންވާނެއެވެ. އެބަދަލަކީ ނޭނގިހުރެ އަންނަ ބަދަލެއްނަމަވެސް ، އަދި ވަކިވަކި ފަރުދުންނަށް އެއީ އެހާ މުހިންމު ކަމަކަށް ނުވިޔަސް ، ޤައުމެއްގެ ނިސްބަތުގައި އެއީ ފާހަގަކުރަންޖެހޭ މުހިންމު ކަމެކެވެ. ޤައުމެއް ކުރިއަރައި ދިއުމުގައި ދަތުރުކުރާ ހަރުފަތްތަކުގެ ތާރީޚު ލިޔެވިފައި އޮންނަން ޖެހެއެވެ. އެއީ ޤައުމީ ތަރިކައެކެވެ.

ތަޢުލީމީ ދާއިރާއަށް ބަލައިލާއިރު ، 19 ވަނަ ޤަރުނު ދެބައިވީއިރު ، ޔާފާގައި ޒަމާނީ މަދަރުސާތައް އުފެދުނެވެ. ބައެއް މަދަރުސާތަކަކީ ޢުސްމާނީ ފިލޯސަފީއާ ގުޅުންހުރި ތަންތަނެވެ. އަނެއް މަދަރުސާތަކަކީ ، ބޭރުގެ މަދަރުސާ ތަކެވެ. ދެ ނިޒާމަށްވެސް ފުރުޞަތު ހުޅުވިފައި އޮތެވެ. ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލުތަކެއް އައިސް ، ޒަމާނީ ތަޢުލީމަށް ފުރުޞަތު ހުޅުވިގެން ދިޔައެވެ. އެއީ ޤައުމެއްގެ ނިސްބަތުން ، ފަލަސްތީނުގެ ކުރިއެރުމަށް ލިބިގެންދިޔަ ދިރުމެކެވެ. ތަޢުލީމްޔާފަތާގެ ޒުވާނުން އުފެދި ، ޤައުމުގެ މުސްތަޤްބަލް އާއުސްމިންތަކަކަށް ގެންދަން ހުޅުވިގެންދިޔަ ދޮރެކެވެ. ޤައުމީ މިނިވަންކަމާއި އެއްބައެއްވަންތަކަން ޒުވާން ހިތްތަކުގައި އުފެދި ، މިނިވަން ވަޠަނީ ރޫޙަކަށް ޒުވާން ޅަހިތްތައް ފައްކާވުމަށް ކޮށިގެންދިޔަ މަގެކެވެ. ފަލަސްތީނު އެދުވަސްވަރު އޮތީ ޢުސްމާނީ ޚިލާފަތުގެ ބެލެނިވެރިކަމުގެ ދަށުގައެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ ، ޤައުމީ ނުވަތަ ވަޠަނީ މިނިވަންކަން ނެތްބައެއްކަމުގެ އިޙްސާސް ކުރެވޭވަރަށްވުރެ ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅެވެ. ތަނަވަސްކަމާއި އުފާވެރިކަން އޮތީ ތަންމިނަށް ލިބިފައެވެ. ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ، އެދުވަސްވަރު އޮތްފަދަ ، ދަތިޙާލުގައި ދިރިއުޅުން ވޭތުކުރުމުގެ ތަކުލީފެއް ނެތެވެ. އުނދަގުލާއި ދަތީގައި ދިރިއުޅުން ވޭތުކުރަމުންދާއިރު މިނިވަންކަން ނެތްކަމުގެ އިޙްސާސް ކުރެވުނަސް ، އެއްވެސް ތަކުލީފެއްނެތި ދިރިއުޅުމުގެ ނަސީބު ލިބިގެންވާ ޙާލަތުގައި މިނިވަންކަމުގެ މަތިން ހަނދާނެއް ނުވާނެއެވެ.

20 ވަނަޤަރުނު ފެށުނުއިރު ، އޭރު ދިރިއުޅުނުމީހުން ލަފާކޮށްފައިވާ ގޮތުގައި ، އެދުވަސްވަރު ލިޔަންކިއަން އެނގޭ ނިސްބަތް ، ފަލަސްތީނުގައި އޮތީ އެންމެ ދެ އިންސައްތައިގައެވެ. ކޮންމެ ސަތޭކަމީހަކުން 98 މީހުންނަކީ ލިޔަންކިއަން ނުދަންނަ މީހުންނެވެ. އެހެނަސް ، އާބާދީގެ ހަމަ ކޮންމެ މީހަކީ ، ފަލަސްތީނަށް ލިބިފައިއޮތް ކުރިއެރުމާއި ތަރައްޤީއާ އެއްފެންވަރެއްގައި ، މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރާ މީހެކެވެ. ޢިލްމެއް ނެތަސް ޙިލްމާއި ހުނަރުން އެބައިމީހުންގެ އަމިއްލަ ނަފުސު މުއްސަނދިކޮށްފައިވާ ބަޔެކެވެ. ނަތީޖާނެރެ ، ކުރިއެރުމާއި ތަރައްޤީ ތަނަށް ގެންނަމުންދާ ހީވާގި ބަޔެކެވެ.

އަލަށް ތަޢަރުފް ވެގެންދިޔަ ތަޢުލީމީ ނިޒާމުގެ ތެރެއިން ، ދީނީ އިމާމުންނާއި ދީނީ ޢިލްމުވެރިން އުފެދިގެން އައެވެ. ތަޢުލީމީ ނިޒާމްގެ ދަތުރަކީ ވަރަށް ހަލުވިކަމާއެކު ބާރަށް ކުރި ދަތުރެކެވެ. ސާޅީހަކަށް އަހަރުގެ ތެރޭގައި ، 1948 ގައި ، ފަލަސްތީނުގެ ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޒުވާނުންނަކީ ، ޢިލްމީ ބަޔަކަށް ވެގެންދިޔައެވެ. މިއީ ހަމައެކަނި ޢަރަބި ދުނިޔޭގައިވެސް އަދި  ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ހޯދިފައިނުވާފަދަ ކާމިޔާބީއެކެވެ. މިކަމުން ސާބިތުވާ ޙަޤީޤަތަކީ ، ފަލސްތީނުގެ ރައްޔިތުންނަކީ ، ވަރުގަދަ ސިކުނޑިއެއްލިބިގެންވާ ތޫނުފިލިބައެއްކަމެވެ. ހުނަރާއި ޢިލްމަށް ހިތްތައް ހުޅުވިގެންވާ ޙަރަކާތްތެރި އުއްމީދީ ބައެއްކަމެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.